Support Us

ދެ ދާއިރާއެއް އިތުރުކޮށް ޤައުމީ އިނާމަށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 23ގައި ހުޅުވާލަނީ

ދެ ދާއިރާއެއް އިތުރުކޮށް، މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 23ގައި ހުޅުވައިލާ ގޮތަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ މިހާރު އިނާމު ދެއްވަމުން ގެންދަވާ ދާއިރާތަކާއި ރޮނގުތަކާ ބެހޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ޚިޔާލު ހޯއްދަވައި، އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް އިތުރުކުރައްވައިފައި ކަމަށެވެ. އެ ދެ ދާއިރާއަކީ "ދިވެހި ޤައުމިއްޔަތުގެ ދާއިރާ"އާއި "ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާ"އެވެ.

ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި، ދިވެހި ދައުލަތުގެ ޙިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ޚިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.

ޤައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމު މި އަހަރުވެސް ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *