Support Us

ކޮލަމް: އަލި

ކޮލަމް އަލި: އަދަބަކީ ކޮބައިތޯއެވެ؟ އަދަބިއްޔާތަކީ ކޮބައިތޯއެވެ؟

’އަދަބު' މިއީ ނަމެކެވެ. ދިވެހިބަސް ފޮތުގައި 'އަދަބު’ގެ މާނައިގައި މައިގަނޑު ހަތަރު މާނައެއް އޮވެއެވެ. 'އިހުތިރާމް ކުރުމާއި ކިޔަމަންތެރިވާ ކިޔަމަންތެރިވުން' މިއީ އަދަބުގެ އެއް މާނައެވެ. ހަމަ އެހެންމެ 'އަޚުލާޤު ރަނގަޅުކަން' މިއީ ވެސް އަދަބުގެ މާނައެކެވެ. މީގެ އިތުރަށް 'ޢުޤޫބާތް' މިހެން ވެސް އެއް މާނައަށް އެބަ އޮތެވެ. އަދި 'ބަހުގެ ޢިލްމު' މި މާނަ ވެސް އެބަ އޮތެވެ. މީގެ އިތުރަށް 'އަދަބުއަދާކުރުން، އަދަބުވުން' އަދަބުވެރި، އަދަބުވެރިކަން، އަދަބުވެރިވުން' މިއީ ވެސް "އަދަބު" މި ލަފުޒުގެ ގަވާއިދުގެ އެކި ގިންތިތަކުގެ ގޮތުގައި ބަސްފޮތުގައި ހުރި ލަފުޒުތަކެވެ. މި ލަފުޒުތަކުގެ ތެރެއިން 'އަދަބުއަދާކުރުން' މިއީ މަސްދަރެކެވެ. މި ލަފުޒުގެ މާނައަކަށް އޮތީ 'އިހުތިރާމް އަދާކޮށް ކިޔަމަންތެރިވުން' މިހެންނެވެ. 'އަދަބުވުން' މިއީ ވެސް މަސްދަރެކެވެ. މި ލަފުޒުގެ މާނަތަކުގެ ގޮތުގައި ދިވެހިބަސް ފޮތުގައި އޮތީ ދެ މާނައެކެވެ. ފުރަތަމަ މާނައަކަށް އޮތީ 'ބޯލަނބައި ކިޔަމަންތެރިވުން' މިހެންނެވެ. ދެވަނަ މާނައަކަށް އޮތީ 'އިހުތިރާމް ކުރުން' މިހެންނެވެ. ދެ އޮތީ 'އަދަބުވެރި’އެވެ. މިއީ ނަން އިތުރެކެވެ. އާދޭހެވެ! ސިފައެކެވެ. މާނައަކަށް އޮތީ 'ބޯލަނބައި ކިޔަމަންތެރިވާ' މި މާނައާއި 'އިހުތިރާމުކުރާ' މި މާނައާއި 'އަޚްލާޤް ރީތި' މި މާނައެވެ. އަނެއް ލަފުޒަކަށް އޮތީ 'އަދަބުވެރިކަން' މިހެންނެވެ. މިއީ ނަންއިތުރުގެ ނަމެކެވެ. ސިފަނަމެކެވެ. މާނަތައްކަމަށް ބަސްފޮތުގައި ހުރީ 'ބޯލަނބައި ކިޔަމަންތެރިވާކަން، އިހުތިރާމް ކުރާކަން، އަޚްލާޤް ރީތިކަން' މި ގޮތްގޮތަށެވެ.

ބަޔާން މި ކުޅައީ ދިވެހިބަސް ފޮތުގައި "އަދަބު" މި ލަފުޒުގެ މާނަތަކާއި މި ލަފުޒުގެ ގަވާއިދުގެ އެކި ގިންތީގެ ލަފުޒުތަކުގެ މާނަތައް ހުރި މަގެވެ. ކޮންމެ މާނައަކުން ވެސް އެއް ކަމެއް ސާފުކޮށް ދޭހަވެއެވެ. އެއީ ކަމެއް ހެޔޮވުމެވެ. ރަނގަޅުވުމެވެ. އެންމެ ތަފާތު މާނައަކަށް އޮތީ 'ޢުޤޫބާތް' މިއެވެ. މިއީ ވެސް ނަމުގެ ލަފުޒެކެވެ. މި ލަފުޒުގެ މާނައަކަށް ބަސްފޮތުގައި އޮތީ 'ކުށްކުރާ މީހުންނަށް ލިބޭ ސަޒާ' މިހެންވެ. 'ސަޒާ’ގެ މާނައަކަށް އޮތީ ' ދެވޭ ނުވަތަ ލިބޭ އަދަބު’އާއި ނުބައި ކަމަކަށް ލިބޭ ބަދަލު' މިހެންނެވެ. ކުށަކަށް ދެވޭ އުގޫބާތަކީ އަދަބު ކަމުގައިވުމުން ވެސް ދޭހަ ކޮށްދެނީ އެ ކަމެއް ކުޅަ މީހަކު އިސްލާހުވާން ނުވަތަ ރަނގަޅުވާން ނުވަތަ ހެޔޮވާން ކުރާ ކަމެއްގެ ގޮތުގައެވެ. މިހެންވުމުން އަދަބުގެ އެކި މާނަތަކުން މުޅި ލަފުޒުން ދޭހަކޮށްދެނީ ހެޔޮ، ރަނގަޅު، މި މާނައެވެ. އަދަބު' މި ލަފުޒުގެ އެއް މާނައަކަށް "ބަހުގެ ޢިލްމު" މިހެން ވެސް އެބަ އޮތެވެ. އަދަބަކީ ހަގީގަތުގައި ޢިލްމުގެ ނިސްބަތުގައި 'އަދަބިއްޔާތު’އެވެ. އަދަބިއްޔާތަކީ ބަހުގެ އިލްމެއް ނޫނެވެ. ނުވަތަ އަދަބުގެ އިލްމަކީ ވެސް ބަހުގެ އިލްމެއް ނޫނެވެ. ބަހުގެ އިލްމަކީ ބަހާއި ބަހުގެ ސައިންސުގެ ވާހަކަތައް ބަޔާންވެގެން ވާ ޢިލްމެވެ. ބަސްފޮތުގައި "ބަހުގެ ޢިލްމު" މި މާނައިގައި 'އަދަބު' ގެންސްފައި އެވަނީ އެ ލަފުޒުގެ މާނަ ބަސްފޮތަށް ގެނެވުނު ޒަމާނެއްގައި އެއާ މެދު ވިސްނުން ހުރި ގޮތް ކަމުގައި ކަމަށް ވުން ވަރަށް އެކަށީގެންވެއެވެ. އަދަބިއްޔާތަކީ އަދަބުގެ އިލްމެވެ. އަދަބަކީ މިހެންވުމުން ބަހެއްގައި ހުންނަ ރިވެތިކަމާއި ހެޔޮކަމާއި ރިވެތިކަމުގެ ގޮތްތައް ހާމަކޮށްދޭ ފަންނެވެ. އެ ފަންނުގެ އިލްމަށް ކިޔަނީ އަދަބިއްޔާތެވެ.

ބަހުގެ އަދަބުގައި ދެ ވައްތަރެއްގެ އަދަބު ހުންނަކަމަށް މުހައްމަދު ޖަމީލް ދީދީ ވިދާޅުވެފައިވެއެވެ. އެއީ އިންޝާޢީ އަދަބާއި ވަޞަފީ އަދަބެވެ. އިންޝާޢީ އަދަބު އޮޅުން ފިލުއްވައި ދެއްވަމުން މުހައްމަދު ޖަމީލް ދީދީ ވިދާޅުވެފައި ވަނީ އިންޝާޢީ އަދަބަކީ އުފެދިގެން އަންނަ އަދަބެވެ. މީހެއްގެ ހިތުގައި އުފެދޭ ޝުޢޫރެއް ކޮންމެވެސް ސިފައެއްގައި ވުޖޫދުވުމުން އެ އުފެދުނީ އިންޝާޢީ އަދަބެކެވެ. މި މޭރުމުން ބަލާ އިރު އަދިބަކު އުފައްދާ ކޮންމެ އުފެއްދުމަކީ އިންޝާޢީ އަދަބެކެވެ. ކުރުކޮށް ދަންނަވާ ނަމަ މުޅި އަދަބުގެ މުޅި އުދަރެހަކީ އިންޝާޢީ އަދަބެވެ. ވަޞަފި އަދަބަކީ ސިފަކޮށް އިތުރަށް ބަޔާންކޮށް ހާމަކުރާ އަދަބެވެ. މިއީ އިންޝާޢީ އަދަބު ސިފަކޮށް ބަޔާންކޮށް ހާމަކުރާ އުފެއްދުންތަކެވެ. ބަނޑޭރި ޙަސަން މަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރަކީ އިންޝާޢީ އަދަބެކެވެ. އޭގެ ކުށްފިލުއްވައި އިތުރު ތަފްސީލް ހިމަނުއްވައި އައްޝައިޚް މުޙައްމަދު ޖަމާލުދީން އިބުނުއްނާއިބު ޢީސަލް މުލަކީ ލިޔުއްވި 'ދިޔޯގެ ރައިވަރުގެ ޝަރަޙަ’އަކީ ވަޞަފީ އަދަބެކެވެ.

އަދަބިއްޔާތަކީ، އަދަބުގެ އިލްމެވެ. މި އިލްމު ޢިލްމުވެރިން އާންމުކޮށް ބައްސަވައިފައިވަނީ ދެބަޔަކަށެވެ. ބައެއް ބޭފުޅުން ތިން ބައެއް ކަމަށް ވެސް ވިދާޅުވެތެވެ. އަޅުގަނޑުގެ ނަޒަރުގައި އަދަބިއްޔާތުގައި އޮންނަނީ ދެ ބައެކެވެ. އެއީ ނަސަރާއި ޅެމެވެ. ނަސަރަކީ ލިޔުންތެރިކަމުގެ އެކި ވައްތަރުތަކާއި ބާވަތްތަކެވެ. ޅެމަކީ ވަޒަނަކަށް ހުންނަ ބާވަތްތަކެވެ. ކޮންމެ ލިޔުމަކީ އަދަބީ ނަސަރެއް ނޫނެވެ. އަދި ވަޒަނަކަށް އޮންނަ ކޮންމެ އެއްޗަކީ އަދަބީ ޅެމެއް ވެސް ނޫންމެވެ. އަދަބީ އުފެއްދުމެއްގެ އެންމެ ލާޒިމު ސިފައަކީ އޭގައި ތާއަބަދުގެ ސިފަ ހުރުމެވެ. އެ ސިފަ ހުންނާނީ އެ އުފެއްދުމުގައި ފަސާހަތާއި ބަލާޣާތުގެ ރަހަތަކާއި ކުލަތައް ހިމެނިގެންނެވެ. އަދަބުގެ އުކުޅުތަކާއި ފިކުރުތަކާއި އިހުސާސްތަކާއި ޖަޒުބާތުތައް އެކުލެވިގެންނެވެ. މިނޫން ތަކެއްޗެއް އަދަބީ އުފެއްދުންތަކެއް ކަމުގައެއް ނުވެއެވެ. އަދަބު އުފައްދާ އުފެއދުންތެރިޔަކީ އަދީބެވެ. އަދީބުގެ ހިތަކީ ތުނި ހިތެކެވެ. އެ ހިތެއްގައި އަދަބުގެ ޝައުޤާއި ރޫހު ނެތް ހިތެއްގެ ވެރިޔަކަށް އަސަރު ގަދަ، ފެންވަރު ރަނގަޅު، އަދަބެއް އުފައްދައި ވުޖޫދެއް ނުކުރެވޭނެތެވެ. އަދަބީ އުފެއްދުންތައް ބިނާވަނީ ފިޠުރީ ގޮތުން އަދީބެއްގެ ހިތުގައި އުތުރިބަންޑުވާ ވަރުގަދަ އިހުސާސްތަކެއްގެ މައްޗަށެވެ. އެ އިހުސާސްތައް ބަރޯސާވަނީ އޭގެ އަސްލުބިނާ ވާ ޖަޒުބާތުތައް މިލްޖުލްވާ ސުކޫނުގެ މައްޗަށެވެ. ހިތި ނުވަތަ ފޮނި ތަޖުރިބާއެއް ނެތި ވެސް އަދަބަކު އަދަބީ އުފެއްދުމެއް އުފައްދަފާނެއެވެ. އެހެނަސް ޖަޒުބާތާއި އަސަރުގެ ވިންދެއް ނެތި އޭނާއަކަށް އެކަމެއް ނުވެވޭނެއެވެ.

ދިވެހި އަދަބީ އުދަރެސް ވަރަށް ނަލައެވެ. ވަރަށް ތަނަވެހެވެ. އަލިގަދަ އެތައް ތަރިއެއް ފަނޑުނުވެ އަބަދުމެ ފިޔަޖަހައެވެ. ދިވެހި އަދަބީ އުޑުގެ ހައިބަތު ވަރަށް ވެސް ބޮޑެވެ. ދިވެހި އަދަބީ ޗަމަން ވަރަށް ފަރިއެވެ. ވަސްމީރު އެތައް މަލެއް ހެނދުނާއި ހަވީރާއި ދަންވަރާއި ފަތިހަށް ފޮޅިފަރިވެއެވެ. ދިވެހި އަދަބީ ދުނިޔެއިން ފެންނަ ނޫއުޑާއި ރީތިޖައްވާއި ފަޒާއާއި އަމާން ސުލްހަވެރި ވައިރޯޅިތަކާއި ހިމޭން މާހައުލާއި ރުއްގަސްތަކާއި އެކިވަރުވަރުގެ ގަސްގަހާގެއްސާއި ވިނަވިނައާއި ވެޔޮވެޔޮ ދިވެހި އަދީބުންނަށް ސިފަކޮށް ބަޔާންކޮށް ދައްކާން ކުއްޖެއް ނޫނެވެ. އަދީބަކު ސިފަކޮށް ބަޔާންކޮށްދޭން ެ ކުދިކުދި ޖަޒީރީ ނިޔަރުތަކާއި ޝެހެރީ ނަގަރުތަކާއި ހުދުސާފު ދޮންވެލީގެ ސާލުތައް ފަދަ ތުނިޑިތަކާއި އަތިރިމަތިތަކާއި ފަޅުފަޅާއި ވިލުވިލާއި ފަރުފަރާއި ފަރުފަރާއި ހާހަލާއި ކަނޑުކަނޑު ދިވެހި އަދަބީ އަލަމުގައި ހުރިލެއް މަދެއް ނޫނެވެ. ދިވެހި ޖައްވާއި ދިވެހި ބިމުގައި ދިރިއުޅޭ ދޫނިސޫފާ ސޫތްޕާއި ޖަނަވާރާއި ދިވެހި ކަނޑުފަޅުގައި އުޅޭ މަސްމަހާ މެއްސާއި އެ ފަދަ ތަކެތީގެ ދިރިއުޅުމާއި ހާލަތު ބަޔާންކޮށް ދައްކާން އޮތް މިންވަރު މަދެއް ނޫނެވެ. މިފަދަ ކޮންމެ ގުދުރަތީ އަޖައިބުވަނިވި ސިއްރުތަކާއި މައުނަވީ އިހުސާސްތައް އޭގެ ޒާތުން ކިޔައިދޭ ވާހަކަތަކުގެ މާނަ ފުނެވެ. ފުރިހަމައެވެ. އެހެންވީމާ ދިވެހި އަދަބިއްޔާތުން ފުރެއްދެ ކަރަތަކާއި ފަރުބަދަތަކާއި ވާދީތަކުގެ ވާހަކަ ނެތިގެން ޝަކުވާ ކުރުމަކީ ދުނިޔެމަތީގެ 'ސުވަރުގެ’އަށް ނުވަތަ ' ޖަންނަތަށް' އުފަން އަދީބުންނަށް ކުރެވޭ ބޮޑުވެގެންވާ މަލާމާތެއް ކަމުގައި މެނުވީ އަޅުގަނޑު ނުދެކެމެވެ. އައްޝައިޚް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ ހެއްދެވި ރައިވަރެއް އެކަނި މި ދެންނެވި ވާހަކައިގެ ހެތްކަކަށް ފުދެއެވެ.

ދާވިބަބުޅާއެކީ

ޢާލަމަށް ނަތްތެރި މިޒީ

ތާޖެކޭ ބުގެ ހެޔި ނަސީ

ޗާލު އަދަބުގެ ލިބުނުމީ

ގާށައަން މި ބުނަނީ ލުންއަ

ހާށަ ކޮޔާ އުފަލުންއަ

މައުނައެއް ކަމުގައި ހިތައިގެން އަޅުގަނޑު މި މެސެޖު އެނގި ދޭހަވި މިންވަރުން ބަޔާންކުރަމެވެ. "އޭ ދަރިފުޅާއެވެ. އުފަލުން ހުރެ އަހާށެވެ. އަލުން މި ބުނަނީ ކަން އޮތް ގޮތް އަންގާށެވެ. މި ޒީނަތްތެރި ޢާލަމަށް އެކީ ވިދާބަބުޅާ ފަދަ ޗާލު އަދަބެއް ލިބުމަކީ ލިބުނު ހެޔޮ ނަސީބުގެ ތާޖެކެވެ."