Support Us

ހިޔާ ޓަވަރުތަކުގައި އިތުރު 32 ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި، ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދާއި އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ، އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު ޕެސެންޖަރ ލިފްޓަކާއި ސްޓްރެޗަރ ލިފްޓެކެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ލިފްޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

"މި މަޝްރޫއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެއެވެ." އެޗް.ޑީ.ސީން ބުންޏެވެ. "މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ."