Support Us

ކުރު ވާހަކަ: ނަފްސު ތެރޭގައި އުޅޭ ދެ ޖަނަވާރެއްގެ ވާހަކަ

އެއް ދުވަހަކު ޒުވާނަކު ބުއްދިވެރި ހަކީމެއްގެ ގާތަށް ގޮސް ސުއާލެއް ކުރިއެވެ. "އޭ ހަކީމާއެވެ! އަހުރެންގެ ނަފްސުގެ ތެރޭގައި ތަޅާ ފޮޅަމުންދާ ދެ ޖަނަވާރެއް އެބަ އުޅެއެވެ. އެކަތި ގޮވަނީ ހެޔޮކަންތައް ކުރުމަށެވެ. އަނެކަތި ގޮވަނީ ނުބައި ކަންތައް ކުރުމަށެވެ! މިކަމާ މެދު އަހަރެން ކުރާނީ ކީއް ހެއްޔެވެ؟"

ދެން ހަކީމުކަލޭގެ ބުނުއްވިއެވެ. "އެ ދޭތިން ކުރެ ނަސްރު ލިބޭނީ އެއަށް ކަލޭ ކާންދޭ އެއްޗަކަށެވެ!"

މިވާހަކަ ކީރިތި ޤުރުއާނުގައި އެހެން ގޮތަކަށް އިބާރަތްކުރެވިފައި ވެއެވެ. އައްޝަމްސު ސޫރަތުގެ ونفس وما سواها، فألهمها فجورها وتقواها، قد أفلح من زكاها، وقد خاب من دساها، މިއާޔަތްކޮޅުގައެވެ. "އަދި (އިންސާނާގެ) ނަފްސާއި އެ ނަފްސު ވަކިގޮތަކަށް ހައްދަވައި ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަ(އި ވަހީކުރައްވަ)މުއެވެ. ގެއްލުން ހުރި ހަޑިހުތުރު ނުބައި ކަންތައްތަކީ ކޮބައިކަމާއި އަދި ފައިދާހުރި ހެޔޮ ރަނގަޅު ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމުގެ އެކަށޭނަކަން އެ ނަފްސުގައި އެކަލާނގެ ލައްވަވާފައިވެއެވެ. ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަންމަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަ ކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ ތެރޭގައި) އެ ނަފްސު މޮޑެލައި ވަޅުލައިފި މީހާ ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ." (10-7: 91)

މިނަންގަތް ހަތަރު އާޔަތުގެ ތެރެއިން ފުރަތަމަ ދެ އާޔަތް އިޝާރަތްކުރަނީ އިންސާނާ އުފެދިފައިވާ ގޮތުގެ މައްޗަށެވެ. އާދެ، އިންސާނާގެ ނަފްސު، އެ ބައިތަކުގެ މައްޗަށް އުފެދިގެންވާ ބައިތަކަށެވެ. އޭނާގެ ކިބައިގައި ޖިސްމާނީ ބޭނުންތަކާއި އެދުންތައް، ޖަޒުބާތުތަކާއި އަދި ޒިހުނީ (އިންޓަލެކްޓުއަލް) ބާރު ވެސް ލެއްވިފައިވެއެވެ. އަދި، އަޚުލާގީ ގޮތުން އިންސާނީ ނަފްސު ފޭލިވެދަނީ ކިހިނެއްކަމާއި އަދި ހަމަ އެގޮތުން އޭނާ ކުރިއަރައިދަނީ ކިހިނެއްކަން ވެސް ފަހު ދެ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. قد أفلح من زكاها، وقد خاب من دساها، ހަމަކަށަވަރުން، އެ ނަފްސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ އަނދިރިކަމުގެ ތެރޭގައި) އެ ނަފްސު ވަޅުލައިފި މީހާ، ހަމަކަށަވަރުން ވެސް ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ، މި ދެއާޔަތުގައެވެ.

މަތީގައި ބަޔާންކުރެވުނު، އައްޝަމްސު ސޫރަތުގެ ހަތަރު އާޔަތުގެ މާނައިގެ މައްޗަށް ވިސްނާލުމުން، އިންސާނާ އުފެދުމުގައި، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ވަކިކޮށް ދެނެގަތުމުގެ ބާރު، އޭނާގެ ކިބައިގައި ލެއްވިފައިވާކަން ދޭހަވެއެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި، ޚިޔާނަތްތެރިވުމަކީ ނުބައި ކަންކަން ބުނެދީ ދަސްކޮށް ނުދިނަސް، މިކަންކަމީ ނުބައި ނުރަނގަޅު ކަންކަން އޭނާއަށް އެނގެއެވެ. މިފަދަ ކަންތައްތައް އޭނާ ކުރިކަމުގައި ވިޔަސް ވެހެވެ. ހަމަ އެހެންމެ، ތެދު ބުނުމާއި އަމާނަތްތެރިވުމާއި އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމަކީ ރަނގަޅު ގޮތްކަން، އެވާހަކަ އޭނާއަށް ކިޔައިދީ ބުނެނުދިނަސް، އޭނާއަށް އެނގެއެވެ. އޭނާގެ ޒަމީރު، (ކޮންޝަންސް،) އޭނާގެ ކިބައިގައި ލެއްވިފައިވާ މިކަންކަން ދެނެގަތުމުގެ ބާރު، މެދުވެރިކޮށެވެ.

އާދެ، އިންސާނާގެ ކިބައިގައި ލެއްވިފައިވާ މި ނަންގަތް ހެޔޮ ކަންތައްކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަމަށް އިޝާރަތްކޮށް އިންސާނީ ހާލަތޭ (’ހިޔުމަން ކޮންޑިޝަން’އޭ) ކިޔެއެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް، އިންސާނާގެ މި ހާލަތަކަށް ބަދަލެއް ނާދެއެވެ.

އިންސާނާ ފަލާހު، އުޚުރަވީ ކާމިޔާބު، އެދޭ ނަމަ، އޭނައަށް އޮތީ އޭނާގެ މި ހާލަތު ދެނެގަނެ، އޭނާގެ ނަފްސުގައި ލެއްވިފައިވާ ހެޔޮކަން ކުރުމުގެ ބާރުގެ ބޭނުންކޮށް ހެޔޮކަންކަން ކުރުން މަތީ ދެމިހުރުމެވެ. ހަކީމުކަލޭގެ އިބާރާތުން ނަމަ، ހަށިގަނޑުގެ ތެރޭގައި އޮތް ދެ ޖަނަވާރުންގެ ތެރެއިން ހެޔޮ މަގަށް ގޮވާ ޖަނަވާރަށް ކާންދީ އެއަށް ނަސްރު ދިނުމެވެ.