Support Us

އަބަދުވެސް ފިތުނަ: މި ވާހަކަވެސް ކިޔާލާ!

މި ލިޔުން ފަށައިގެން ނިމެންދެން ވިދާޅުވުން އެދެމެވެ.

އިންޤިލާބީ ހަރަކާތުގެ ބައެއް ބޭފުޅުންނާމެދު އަޅުގަނޑު މިއަދު އަޖާއިބުވެ އަންތަރީސްވެ، ވަރަށް ދެރަވެސް ވެއްޖައީމެވެ. އެހެނީ އަޅުގަނޑުވެސް މިއީ އިންޤިލާބީ ހަރަކާތުގެ ކްލަބްހައުސްގެ ވާހަކަތައް އަޑުއަހަމުން އަންނަތާ ތިން އަހަރާ ގާތްވެފައިވާ މީހަކީމެވެ. އައްބާސް އާދިލް ރިޒާމެން ފަދަ ބޭފުޅުންގެ ފަރާތުން ލިބުނު ޢިލްމީ މަޢުލޫމާތާއި އެ ހޭދަކުރެއްވި ވަގުތުތަކަށް ޝުކުރުވެރިވެވެނީވެސް އިންތިހާއަށެވެ. އަޅުގަނޑުގެ ފިތުރަތަކީ އަބަދުވެސް ހައްޤަށް ލޯބިކުރުމާއި އިންސާފުގެ މަގު ޚިޔާރުކުރުމެވެ. އެގޮތުން، އެހެންނަމަވެސް މިފަހުން އައްބާސް އާދިލް ރިޒާ، ޚާއްސަކޮށް ކުރީ ރޭގައި ކްލަބުހައުސްގައި އެ ދެއްކެވީ ސީދާ ޒާތީ، އަދި ވަކި މަޤްސަދެއް ހާސިލުކުރުމަށް އަސްލު ހަޤީޤަތް ފުރޮޅާލައި ރައްޔިތުންނަށް އޮޅޭގޮތަށް ދެއްކެވި ވާހަކައެއް ކަމުގައި ދަންނަވަމެވެ.

ޖަމީލަކާއި މަލީހަކާއި މިކަހަލަ ބޭފުޅުން އެ ހާވާ ހަޑި، ހަރުކަށި އިބާރާތުން ކުށްވެރިވެސް ކުރަމެވެ. ރައީސް ޑރ. މުއިއްޒު ރައީސް ޔާމީނަށް ދޯކާދީ، ދުުރުކޮށްލިކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމާއި އަސްލު މައްސަލަ އުޅެނީ ކޮން ފަރާތެއްގައިކަން އަޅުގަނޑު ޘާބިތުވެސް ކޮށްދޭނަމެވެ. މިވަަރުގެ ފިތުނަތައް އުފައްދަން ބަޔަކު މަސައްކަތްގަނޑެއް ފެށީމާ ހަޤީޤަތް ރައްޔިތުންނަށް މިއަދު އެނގުން ކޮންމެހެންވެސް މުހިއްމެވެ. އެހެންވެ މިކަންކަން ހިއްސާކޮށްލުމަށް ޤަސްދުކުރަމެވެ. އައްސަވާށެވެ.

އެންމެ ފުރަތަމަ ކަމަކަށް، މުއިއްޒު ވެރިކަމަށް ގެންނަން ރައީސް ޔާމީނުގެ އެއްވެސް އިރެއްގެ ޝައުޤެއް ނެތެވެ. އެގޮތުން ކެންޑިޑޭޓެއް ނެރެން ޕާޓީއަށް އެ ފުރުޞަތު ދެއްވުމުން ދެ ފަރާތަކުން ކުރިމަތިލައިގެން (އެއީ އާދަމް ޝަރީފާއި މުއިއްޒު) ހަމަ އެންމެ ވޯޓެއްގެ ތަފާތަކުން ކުރި ހޯއްދެވީ ޑރ. މުއިއްޒެވެ. ރައީސް ޔާމީން އެދިވަޑައިގެން ހުންނެވ އާދަމް ޝަރީފަށް ޓިކެޓް ލިބުމަށެވެ. ޑރ. މުއިއްޒު އެވޯޓް ކާމިޔާބު ކުރެއްވުމުން މިކަން މިހެންވުމާއެކު ދެން ހެއްދެވި ގޮތަކީ އެ ހޮވުނު ކެންޑިޑޭޓަކީ ޕީއެންސީން ނެރޭ ކެންޑިޑޭޓަކަށް ހެއްދެވުމެވެ. ހަޤީޤަތުގައި ބޭނުމަކީ، ޑރ. މުއިއްޒު ބޭރުކުރައްވާފައި ޕީޕީއެމްގެ ޓިކެޓްގައި ޑރ. ޖަމީލް ކަހަލަ ބޭފުޅަކު ނަމަވެސް ނެރެއްވުމެވެ. މިކަން ޡާބިތުވަނީ ސެނެޓުގެ ވޯޓުން ޑރ. މުއިއްޒު ހޮވައިފައި ވަނިކޮށްވެސް، ސުޕްރީމް ކޯޓުގައި ޔާމީނުގެ ފަރާތުން ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމަށް އެ ދެއްކެވި ވާހަކަފުޅެވެ. އަދި ޑރ. މުއިއްޒަކީ ޕްލޭން ސީކަމާއި އަދި އެއީ ވޯސްޓް ކޭސް ސިނޭރިއޯ ކަމުގައި ވިދާޅުވުމެވެ. މީގެންވެސް އެނގެނީ ޑރ. މުއިއްޒަށް ލަނޑެއް ދެއްވަން ނިންމެވި ކަމެވެ. ޑރ. މުއިއްޒު ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކުރުވައިފައި ޕީޕީއެމުން ކެންޑިޑޭޓެއް ނެރެފައި ޑރ. މުއިއްޒު އެކަހެރިކޮށްލެވުމުގެ ޕްލޭނެކެވެ. އެހެން ނަމަވެސް ވެރިކަމަކީ މާތްﷲ އިރާދަކުރައްވާ އަޅަކަށް ދެއްވާ އެއްޗެއްކަމުން ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅޭ ގޮތްވީއެވެ. މިކަމާވެސް ޖަމީލުމެން ވަރަށް ކޯފާވެގެންވެސް އުޅުނެވެ. ރައީސް ޔާމީނު ދެއްވި ކަމަށް ބުނެ ފާޑުފާޑުގެ ނޯޓުތައް ޖަލުން ގެނައި ކަމަށް ވެއެވެ. ޖަމީލު އުޅުއްވީ އެބޭފުޅާގެ ފޯމު ހުށަހަޅާށެވެ. ސެނެޓުން ވަކި ބޭފުޅަކު ވޯޓުން ހޮވައިފައި އޮއްވާ، މީވެސް ޖަމީލް ކުރައްވަން އުޅުއްވި ވަރަށް ވިޔާނުދާ ކަމެކެވެ.

ދެވަނަ ކަމަކަށް ރައީސް ޔާމީނު ޖަލުގައި އެ ހޭދަކުރެއްވި ހާހެއްހާ ދުވަހު ޕީޕީއެމާއި ޕީއެންސީ ކިހިލީގައި ޖައްސަވައިގެން އެ ހުރިހާ ދުވަހަކު އެ ދެ ޕާޓީ ހިންގަވައި ބެލެހެއްޓެވީ "ޣައްދާރުވީ" ކަމަށް ލޭބަލް ކުރައްވަން ތި އުޅުއްވާ "ހިސާބު ޓީޗަރު" ޢަބްދުއްރަޙީމެވެ.

ރައީސް އަބްދުﷲ ޔާމީން ގޭގެ ކުޑަދޮރުން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -އަދިވެސް ފޮޓޯ:

ތިންވަނަ ކަމަކަށް ޑރ. މުޢިއްޒުގެ އެންމެ ބޮޑު އެއް ވަޢުދަކީ ވެރިކަމަށް ވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ރައީސް ޔާމީނު މާފުށީ ޖަލުން ގެއަށް ބަދަލު ކުރެއްވުމެވެ. އެކަމަކު ހަމައެކަނި އިންތިޚާބުން މޮޅުވުމާއެކު އެންމެ ފުރަތަމަވެސް ރައީސް ސޯލިހަށް ޑރ. މުއިއްޒު ކުރެއްވި އިލްތިމާސަކީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމެވެ. އެކަން އެމަގުން ހިނގައިވެސް ދިޔައެވެ. ނަމަވެސް ރައީސް ޔާމީނު ގެއަށް ބަދަލުކުރުމަށް ގެނައި ވަގުތުގައިވެސް ޑރ. މުއިއްޒުވެސް އެތާނގައި ހުންނެވި އިރުވެސް ޑރ. މުއިއްޒާ ހަތަރުކަޅިވެސް ރައީސް ޔާމީނު ހަމައެއް ނުކުރައްވާކަން ވަރަށް ގިނަ ރައްޔިތުން އެ ދުވަހުވެސް ފާހަގަކުރިއެވެ. ޝުކުރުވެރިކަމުގެ ކަންފުޅެއްވެސް ދައްކާނުލިތާނގައި ފެނިގެން ދިޔައީ ތިމާ މީހާގެ ކިބުރުވެރިކަމާއި ގޮތުގައި ހުންނެވި ހުންނެވުމެވެ. ދެން ވިސްނަވާށެވެ. ފޯނު ނުނަންގަވާނީ ރައީސް ޑރ. މުއިއްޒުތޯއެވެ؟ ރައީސް ޔާމީނުތޯއެވެ؟ ރައީސް ޑރ. މުއިއްޒު، ރައީސް ޔާމީނަށް ކުރައްވާ މެސެޖަށް ރިޕްލައި ނުކުރައްވާކަން އެނގެނީ ކިތަށް ބޭފުޅުންނަށްތޯއެވެ؟

ތިންވަނަ ކަމަކީ ކެންޑިޑޭސީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް ރައީސް ޔާމީނާ ދެކޮޅަށް ނިމުމާއެކު ރައީސް ޔާމީން ދެން އެންގެވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ސުބުޙާނަﷲ އެވެ! ކޮން ފަދަ އަމިއްލަ އެދުން ބޮޑު ނިންމެވުމެއްތޯއެވެ؟ މުޅި ޤައުމުގެ އެތައް ރައްޔިތުންނެއް ދައްކަމުން ދިޔަ ވާހަކައަކީ، އިންޑިޔާގެ ނުފޫޒާއި ބާރުވެރިކަން ރާއްޖޭގައި އޮތްއިރު، އިޤްތިސާދީ ގޮތުން މީން ދުވަހަކުވެސް ނުވެއްޓޭހާ ފުން އަނދަވަޅެއްގެ ތެރޭގައި ރާއްޖެ އޮތްއިރު، އެމްޑީޕީއަށް ދެވަނަ ފުރުސަތެއް ދީފިއްޔާ ދެން މިޤައުމު އަލުން ހޯދާވެސް ނުފެންނާނެހާ ނާޒުކު ހާލަތެއްގައި މުޅި ރާއްޖެ އޮތް ވާހަކައެވެ. އެފަދަ ނާޒުކު ވަގުތެއްގައި ޤައުމު ސަލާމަތް ކުރެވެން އޮތީ ޕީޕީއެމް/ ޕީއެންސީ ފަޅިން ކެންޑިޑޭޓެއް ނެރެގެން ކަމަށްވާއިރު، އަދި ކެންޑިޑޭޓެއް އިހުތިޔާރުވެސް ކުރެވިފަވާއިރު، ހަޤީޤަތުގައި ވެސް ޤައުމު އިސްކުރައްވާނެ ނަމަ އެގޮތަށް އިންތިޚާބު ބޮއިކޮޓްކޮށް އަމިއްލަ ޕާޓީ ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން އިތުރު ފަސް އަހަރަށް މަގުމައްޗަށް ދޫކޮށްލައްވާނެތޯއެވެ؟ ތިމާ މީހާއަށް ކުރިމަތިނުލެވޭ ހާލަތެއްގައި ކެންޑިޑޭޓެއް ދައްކައިގެން އެމްޑީޕީގެ ކިބައިން ޤައުމު ސަލާމަތްކުރެވެން އޮތަސް، ރައީސް ޔާމީނަށް އެގޮތް މުހިއްމެއްވެސް ނޫނެވެ. ބޮއިކޮޓް ކުރަން އެންގެވުމުންވެސް ރައީސް ޔާމީނާ ދެކޮޅަށް އިންތިޚާބުގައި ބައިވެރިވާން ސެނެޓުން ނިންމީ ރައީސް ޔާމީނަށް އެ ވިދާޅުވާ "ދޯކާ"އެއް ދޭކަށް ނޫނެވެ. އެ ބޭފުޅުންނާއި ދިވެހި ރައްޔިތުން އިސްކުރެއްވީ ޤައުމުގެ މަސްލަހަތެވެ. އެ ދުވަހު އެކަން އެގޮތަށް ނުކުރިނަމަ މިއަދު ވެރިކަމުގައި އަދިވެސް އޮތީހީ އެއްކަލަ ބިރުވެރި އެމްޑީޕީއެވެ. ހަޤީޤަތުގައި ރައީސް ޔާމީނު އެންމެ ފަހު ވަގުތު ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމެވީ، މި ހުރިހާ ކަމެއް ހިނގައިދިއުމާއެކު ދެން އެހެން އެއްވެސް ގޮތެއް ހަމަނެތުނީމައެވެ.

ހަތަރު ވަނަ ކަމަކީ ރައީސް ޔާމީނުގެ ފޮޓޯ ޖައްސަވައިގެން އެ ދައްކައިގެން ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ވާހަކައެވެ. އެއީ ސިޔާސީ ގޮތުން އަބަދުވެސް އެކަހަލަ ކަންކަން ކުރެވެން އޮންނަ ގޮތެވެ. ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޔާމީނަށްވެސް ޖެހިވަޑައިގަތީ ރައީސް މައުމޫނުގެ ފޮޓޯފުޅު ޖައްސަވާށެވެ. ދެން އެ އުސޫލުން އެ މަގުން ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުމުން އަދިވެސް ވެރިކަން ކުރަން ޖެހޭނީ ހަމަ ރައީސް މައުމޫނުތޯއެވެ؟ މިއީ އެކަން ވާންޖެހޭނެ ގޮތެއް ނޫނެއްނުންތޯއެވެ؟

ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ދިމާވި އެއް މައްސަލައަކީ ރައީސް މައުމޫނު ވިދާޅުވާހާ ގޮތެއް ރައީސް ޔާމީނު ހައްދަވަން ޖެހޭނެކަމަށް މައުމޫނަށް ވިސްނިވަޑައިގެންފައި އޮތް އޮތުމެވެ. ރައީސް ޔާމީނަށްވެސް އެގޮތް ޤަބޫލުފުޅު ނުކުރެއްވޭތީ، އަދި ވެރިކަން ކުރަންޖެހޭނީ އެ އިރެއްގައި ރައްޔިތުން ހޮވާފައި ހުންނަ މީހާގެ ވިސްނުމާ އެއްގޮތަަށް ކަމަށްވާތީ ޖެހިވަޑައިގަތީ އާއިލީ ބޭފުޅަކަސް ރައީސް މައުމޫނާވެސް ޚިޔާލު ތަފާތުވާށެވެ. ދެން ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން ރައީސް ޔާމީނުވެސް މައުމޫނަށް ޣައްދާރުވީއޭ ބުނަންވީތޯއެވެ؟ އަސްލު އެހެނެއް ނުބުނެވޭނެ ނޫންތޯއެވެ. އެ އުސޫލުން މިއަދު ޑރ. މުއިއްޒުމެން ޣައްދާރުވީއޭ ގޮވޭނީ ކިހިނަކުންތޯއެވެ؟ އެއްކަހަލަ ކަމެއްގައި، ތިމާ މީހާ މާ ތާއީދުކުރާ މީހެއްވީމައި، އެމީހާ ކުރި ހުރިހާ ކަމެއް ރަނގަޅުވެފައި، ހަމަ އެކަހަލަ އެހެން ހާލަތެއްގައި ދެންހުރި މީހާ ގޯސްކޮށްލާ ހިސާބުން އަސްލު މިވަނީ ކިހިނެތްކަން ވަރަށް ސާފު ނޫންތޯއެވެ.

އަދި ދަންނަވަންތޯއެވެ. ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ސަލާމަތީ ރަތްރޮނގު ނިކަން ފަލަކޮށް ދަންމަވާނެ ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް އިންޑިޔާ ސަރުކާރަށް އެންގެވީ އިންޑިޔާގެ ސިފައިން މި ޤައުމުން ގެންދިއުމަށެވެ. އަދި އިންޑިޔާ ސިފައިން ތިބި އަދަދާއި ވިޔަފާރިއާއި ޕްރޮޖެކްޓްތަކުގެ އެއްބަސްވުން ފިޔަވައި އިތުރު 100 އެއްހާ އެއްބަސްވުން ހަދައިފައި އޮތްކަމާއި ދިރާސާކޮށް ނިމުމުން ހާމަކުރަންޖެހޭ ކަހަލަ ސީރިއަސް ކަމެއް އޮތްނަމަ އެވާހަކަތައްވެސް ހާމަކުރާނޭކަން ސަރުކާރުން އެވަނީ ވިދާޅުވެފައެވެ. ވީމާ، އިންޑިޔާ އައުޓަކީ "އިންޑިޔާ އިން" ކުރުމަށް ދެއްކި ވާހަކައެކޭ ކިޔައިގެން މިކަހަލަ ވިޔާނުދާ ވާހަކަތައް ވެރިކަމައް އަދި ހަފްތާ ދުވަސް ވެފައި ވަނިކޮށް ދައްކަން ފެށުމަކީ އެފަދަ ވާހަކަތައް ދައްކާ ބައެއްގެ އިޚްލާސްތެރިކަން ނެތްކަން ހާމަވާ ކަމެކެވެ.

ޑރ. މުއިއްޒުގެ ސަރުކާރުން އިންޑިޔާގެ ނުފޫޒު މި ޤައުމުން ބޭރުކުރާނޭކަން އެއީ ޔަޤީން ކަމެކެވެ. މި ޤައުމުގެ ދީނާއި ޤައުމިއްޔަތާއި މިނިވަންކަން ހިމާޔަތްކުރާނޭކަމުގެ ސިފަތަކާއި އަސަރުތައް މިހާ އަވަހަށްވެސް އަސްލުގައި ދަނީ ފެންނަމުންނެވެ. ވީމާ އެ ކަންކަން އެމަގުން ކުރައްވާނޭކަމުގެ ޔަޤީންކަން އެބައޮތްމެއެވެ. ޑރ. މުއިއްޒަށްވެސް އެބޭފުޅާ އެ ވަޢުދުވި ކަންކަން ކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭންޖެހެއެވެ. މިހާރު ބައެއް ބޭފުޅުން އެ ދައްކާ ޒާތުގެ ވާހަކަތައް ދައްކަންވާނީ އެކަށީގެންވާ ވަގުތު ދީފައި ރައީސް ޑރ. އިއްޒަށްވެސް ނުވާކަން އިހުސާސް ކުރެވޭން ފެށުމުންނެވެ. ނުވަތަ ފެއިލްވާން ފެށުމުންނެވެ.

ރަނގަޅެވެ. ސަރުކާރު ޒިންމާދާރުވެސް ކުރަންވީއެވެ. އެކަމަކު އެއީ ފިތުނަ އުފައްދައި، ހަޤީޤަތް އޮޅޭގޮތަށް ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވާލައިގެނެއް ނޫނެވެ. ވަކި ފަރުދަކަށްވުރެ ޤައުމު ބޮޑެވެ. އިސްވާންވެސް ޖެހެއެވެ. އެންމެ ފުރަތަމަ ދީނާއި ޤައުމެވެ. މި އުސޫލުތައް ދޫކޮށް ވެރިކަމަށް ހަފުތާއެއް ނުވަނީސް ވަކި މީހަކަށް "ފޭވަރ" ކުރެވޭގޮތަށް ނުވަތަ އެ ފަރާތް ނޫން މީހަކަށް ވެރިކަން ކުރާން ނޭނގޭނެ މޭރުމަކުން ވާހަކަ ދެއްކުމަކީ ހަމަ ސީދާ ފިތުނަ އުފެއްދުމެވެ.

އެހެންކަމުން މިވެގެން އުޅޭ ގޮތަކީ ނުވަތަ ދިމާވެގެން މިއުޅޭ މައްސަލައަކީ ހަމައެކަނި ހަޖަމުގެ މައްސަލައެކެވެ. ކަންކަން ބަލައިނުގަނެވުމުގެ މައްސަލައެކެވެ. ޤައުމަށްވުރެ ތިމާމީހާ މާ ރުހޭގޮތެއް ނުވުމުން އުފެދޭ އުދާހެއްގެ މައްސަލައެކެވެ. ތިމާމެނަށް މަޤާމުތަކެއް ނުލިބުނީތީ އެކަމުގެ ހިތްދަތިކަމާއި ވޭނެވެ. އެ އުދާސްތައް ފިތުނައެއްގެ ގޮތަށް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ރައްޔިތުންނަށް ގެނެސްދެވެނީއެވެ. ހަމަ ކޮންމެ ސަރުކާރެއްގައި ޖަމީލަށާއި މަލީހަށް ވަޒީރުކަން ދޭންޖެހޭތޯއެވެ؟ އެއީ އެ މީހުންގެ ތަރިކަ މުދާތޯއެވެ؟ މި ފަހަރުވެސް ޑރ. މުއިއްޒުގެ ކެބިނެޓުން ޖަމީލާއި މަލީހަށް ފުރުސަތު ލިބޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ކަމަށްވެއެވެ. ރައީސް ޑރ. މުއިއްޒު ގޯސްވީ ވަޒީރުކަން ނުލިބުމުންނެވެ.

ރައީސް ޔާމީނަށް ތައުރީފުކޮށް ޖަމީލާއި މަލީހުމެން މިއަދު ވާހަކަ ދައްކާއިރު، ތިރީގައި މިވަނީ ވެސް އެ ދެ ބޭފުޅުން 2015 އަދި 2018 ގައި ކޮށްފައިވާ ޓްވީޓުތަކެކެވެ. އިނގރޭސިވިލާތުގައި ހުންނަވައިގެން ރައީސް ޔާމީނަށް ހެއްދެވި ނުހެއްދެވި ގޮވައި ޖަމީލް ދެއްވި ތަގުރީރުތަކުގެ ވީޑިއޯ ވެސް އަދި އެބަހުއްޓެވެ.

ޔާމީން ފެއިލްވެއްޖެ ކަމަށް ބުނެ ޖަމީލްގެ ޓްވީޓެއް (4 ނޮވެމްބަރު 2015)
2018 ގެ އިންތިހާބުން ރައީސް ޔާމީން ބަލިވީތީ އުފާކޮށް މަލީހުގެ ޓްވީޓެއް (23 ސެޕްޓެމްބަރު 2018)

ހަނދާން ކުރައްވައްޗެވެ. މި އުއްމަތުގައި ފިތުނަތައް އިންތިހާއަށް ގިނަވެގެން އަންނާނެކަމަށް ޙަދީޘްގައި އެތައް މަގަކުން އެތައް ގޮތަކުން ވާރިދުވެގެން އައިސްފައި ވެއެވެ. ވީމާ، ބައެއްގެ ދަންތުރައިގައި ޖެހެވި، ޤައުމު ދުޝްމަނުންގެ އަތަށް ދީލާލަން މެދުވެރިވާ މީހަކަށް ތިމާ މީހާ ނުވޭތޯ ބަލަމާތޯއެވެ. އެމްޑީޕީގެ ވެރިކަން ނިންމައި މިއަދު ޤައުމު ހަމަމަގަށް އަޅުވަން މާތްﷲ ދެއްވި ފުރުޞަށް ހަރާންކޯރުނުވަމާތޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1214
ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. ލިޔުމުގައި ކުޑަ ކުށެއް އެބައޮތް. މުއިއްޒު ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުން ނޫން. 2 ވޯޓުގެ ތަފާތަކުން ނޫން.

  2. ވަރަށް ރަނގަޅު ވާހަކަފުޅެއް. އަޅުގަނޑު އަބަދުވެސް ޤަބޫލުކުރަން އަދި ޑރ. މުޢިއްޒަށް އިތުބާރު ވެސް ކުރަން. އެ މަނިކުފާނަށް މޭޔަރކަމަށް ހޮވިވަޑައިގަތް ގޮތުންވެސް އަޅުގަނޑަށް އެ މަނިކުފާނުގެ ޚާއްޞިއްޔަތު އެނގުނު. އާދެ، ވަރަށް މަރުޙަބާ ދަންނަވަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *