Support Us

ޓައިޓޭނިކަށްފަހު ކެމެރަން ގުދުރަތްތެރިކަމުގެ ސިލްސިލާ ވާހަކައަކަށް

ފިލްމް ބެލުމަކީ ދިވެހީންގެ ތެރޭގައި ވެސް އަށަގަނެފައިވާ ސަގާފީ މުނިފޫހިފިލުވުމެކެވެ. މި ސަރުކާރުން އޮލިމްޕަސް ތިއޭޓަރު ރެނޮވޭޓްކޮށް، 7.1 ސަރައުންޑް ސައުންޑްގެ ވަރުގަދަ އަޑުގެ ނިޒާމަކާއެކު ހުޅުވުމާ ގުޅިގެން ދިވެހި ފިލްމް ބެލުމުގެ ޝައުގުވެރިކަމަށް އަނެއްކާވެސް މި ވަނީ އާރޯކަމެއް ލިބިފިއެވެ. ނަމަވެސް އޭގެ ކުރިން ޝްވެކުން މާލޭގަ އާއި ހުޅުމާލޭގައި ހުޅުވާފައިވާ ދެ ސިނަމާގެ ސަބަބުން އިނގިރޭސި ފިލްމާއި ހިންދީ ފިލްމާއި ތަމަޅަ ފިލްމާއި އަދި އެހެނިހެން ބަސްބަހުން އުފައްދާފައިވާ ފިލްމްތައް ވެސް އަޅުވާ، އެ ފިލްމް ތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގަތެވެ. މި ކަމުގެ އެއް ސަބަބަކީ ރާއްޖެ އަކީ ހާހުން ހާހުން ގުނާލެވޭ ވަރަށް މިހާރު ބިދޭސީން ވެސް އުޅޭ ގައުމަކަށް ވާތީއެވެ.

ދިވެހިންގެ ފޭޑި އާއި ދިރިއުޅުމުގެ ވައްޓަފާޅި މިހާރު ހުރި ގޮތުން ހުރިހާ ދިވެހިންނަކީ ސިނަމާތަކުގެ ބޮޑު ސްކްރީނުން ފިލްމް ބަލަން ޝައުގުވެރިވާ ބައެއް ކަމަށް ބުނެވޭކަށް މިހާރަކު ނެތެވެ. ހާއްސަކޮށް ނެޓްފްލިކްސް އާއި އެމެޒާން ފަދަ ސްޓްރީމް ކުރާ ޕްލެޓްފޯމްތައް ފަދަ ޓެކްނާލަޖީތައް ތައާރަފުކުރުމާ ވިދިގެންނެވެ. ފިލްމް ފަދަ ސަގާފީ އުފެއްދުންތައް ކުޑަ ފީއެއް ދައްކައިގެން ބަލައިލެވޭ ގޮތް ހަދާފައި މި ވަނީ އިންޓަނެޓްގެ "ޕައިރެޓުން" ނުވަތަ "މަގުފޭރޭ މީހުން" ފިލްމް އުފައްދާ ކުންފުނިތަކާއި ޑިސްޓްރިބިއުޓަރުންގެ ހުއްދައަކާ ނުލައި، އަދި އޭގެން ދޭންޖެހޭ އަގު ނުދީ، ކޮންމެ މީހަކަށް ވެސް ޓޮރެންޓެއް ޑައުންލޯޑް ކޮށްލައިގެން އެ މީހަކު ބޭނުންވާ ފިލްމް "ހިލޭ" ލިބޭނެ ގޮތަށް ފުރުސަތު ފަހިކޮށްދިނުމާ ވިދިގެންނެވެ.

މިހެން އޮއްވާ 1997 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ ފިލްމެއް ނުކުތެވެ. ހަގީގީ ތާރީހުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް، ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޖޭމްސް ކެމެރަން އޭނާގެ އަމިއްލަ ލޯބީގެ ހިތާމަވެރި ހިޔާލީ ވާހަކައަކަށް ޑައިރެޓްކުރި "ޓައިޓޭނިކް"އެވެ. އެޕްރިލް 1912 ގައި ކަނޑުގައި ދުއްވާލި، އެ ޒަމާނުގެ އެންމެ ބޮޑު އިންސާނީ އާލާތް، ފެންމަތީގައި ހުރީ އެންމެ ތިން ދުވަހުއެވެ. އަދި މި ބޯޓު ބަނތް ފަރާތްތަކުން، މިއީ މާތް ﷲ އަށް ވެސް ބަންޑުން ޖައްސަވއިނުލެވޭނެ ބޯޓެއް ކަމަށް ފޮނިކަނޑައި، އެ ބޮޑާކަމާ އެކީގައި ބަނތް، މި ބޯޓުގައި އެންމެނަށް ވާ ވަރަށް ލައިފްބޯޓު ވެސް ނުލައެވެ. އަދި ގަރަގު ނުވާނެ ކަމަށް ދުށް އެންމެ ބޮޑު ސަބަބެއް ކަމަށްވި ބޯޓުގެ ފޫ ވަރަގަދަކޮށް ހަދާފައި ވިޔަސް، ނުވިސްނުނު ތަންކޮޅު އައިސް ލައިގަތީއެވެ. ގަނޑުފެންގަނޑު ޖެހުނީ ބޯޓުގެ އަރިމަތިންނެވެ. ވަގުތުން ފަޅައިގެން ގޮސް، ދިޔަވަމުން ދިޔަވަމުން ގޮސް، ބޯޓުގެ ފަހަތްކޮޅު ފެނުން މައްޗަށް އަރައި، އޭގެ ބަރުދަނުގައި 30،000 އަށް ވުރެ ގިނަ ޓަނު އެކުލެވޭތީ، އެންމެ ފަހުން މުޅި ބޯޓަށް އެ ބަރުދަން ނުކަތައިގެން، ދެ ބުރި އަށް ބިނދި، ގަނޑުފެންގަނޑުގައި ޖެހުނުތާ ދެ ގަޑިއިރާއި ސާޅީސް މިނެޓް ތެރޭގައި ކަނޑުގެ އަޑިއަށް ދިޔައީއެވެ. އެންމެ ގާތުން ވެސް އެހީ އަށް އާދެވެން އޮތް "ކާޕޭތިއާ" ނަމަކަށް ކިޔާ ބޯޓަށް ވެސް އާދެވެން އޮތީ ހަތަރު ގަޑި އިރުގެ ތެރޭގައި ކަމަށް ވާތީއެވެ.

ލައިފްބޯޓުގެ އަދަދުގެ މަދުކަމުން، ދަތުރުވެރިން ކުރެ ސަލާމަތްވީ އެންމެ 705 މީހުންނެވެ. އަނެއް 2،208 މީހުން ވަނީ އެޓްލާންޓިކް ކަނޑުގެ ގަދަ ފިނީގައި ގަނޑުވެގެން މަރުވެފައެވެ.

އެންމެ ފުރަތަމަ އެއް ބިލިއަން ޑޮލަރު ލިބުނު ފިލްމް ކަމަށް ޓައިޓޭނިކް ވުމުން، ކެމެރަން ބުނެފައި ވަނީ، ޖޯކަކީ ހުރިހާ އިންސާނުންނަށް އެއް ގޮތަކަށް މަޖާނުވެދާނެ ކަމެއް ކަމަށް ވިޔަސް، ހިތާމަ އަކީ ހުރިހާ އެންމެންނަށް ވެސް އެނގޭ، އަދި އޭގެން އަސަރު ކުރާ ޖަޒުބާތެއް ކަމަށެވެ. އަދި މިހެންވެ އޭނާ އުފެއްދި މި ފިލްމް ވެގެން ދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ފިލްމަކަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ހިމެނެއެވެ. އަދި ދިވެހި ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ އިސް ނެގުމަކަށް އެޕްރިލް 1998 ގައި 27 ޝޯ ގާތްގަނޑަކަށް ހައުސްފުލްކޮށް އޮލިމްޕަސްގައި ދެއްކި އިރު ވެސް، މުސްކުޅިކަމުން ސިނަމާ އަށް ފިލްމަކަށް ނުދާތާ އެތައް އަހަރެއްވީ އިސްރަށްވެހިން ވެސް ޓައިޓޭނިކް ނުބަލާ ދޫކޮށެއްނުލިއެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، "ޓައިޓޭނިކް" ވެގެން ދިޔައީ ދިވެހިންނަށް އައި ސަގާފީ ކުޑަވަރެއްގެ އީދަކަށެވެ. ހަނދާނުން ފިލައިގެން ނުދާނެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޕްރޮޑަކްޓެއް ނުވަތަ އުފެއްދުމަކަށެވެ. ކުރީ ޒަމާނުގައި އާ ހެދުން ފަހައިގެން ބައިސްކޯފަށް ދިޔަ ގޮތަށް ނޫން ނަމަވެސް، ވަރަށް ނަލަހެދިގެން އެތައް އުމުރެއްގެ ބަޔަކު ދިޔައެވެ. ފިލްމް ނުދައްކާ ގަޑީގައި އަބަދުމެ އޮލިމްޕަހުގައި އަޑުގަދަކޮށް ޖަހަމުން ދިޔައީ ހިންދީ ފިލްމް "އޭކް ދޫ ޖޭ ކޭލިޔޭ"ގެ ލަވައެއްގެ ރާގަށް މަޝްހޫރު ލަވަކިއުންތެރިޔާ އިބްރާހިމް ޝަކީބު ކިޔައިފައިވާ "ޓައިޓޭނިކް" ޕްރޮމޯޓް ކުރާ ލަވައެކެވެ. އަދި އޮލިމްޕަހުގެ ކުރިމަތީގައި، ގަލޮޅު ދަނޑުގެ ގޭޓް ކުރިމަތީގައި ޖަހާފައި ވަނީ މަޝްހޫރު ދިވެހި ކުރެހުންތެރިއެއް ކުރަހާފައިވާ، ފިލްމްގެ ބަތަލު ލިއޮނާޑޯ ޑިކެޕްރިއޯ އާއި ބަތަލާ ކެއިޓް ވިންސްލަޓްގެ ހިތްގައިމު ބޮޑު ބިލްބޯޑެކެވެ.

ޓައިޓޭނިކް ފެތުމުގެ ހިތާމަވެރިކަން ފަރުދީ ގޮތެއްގައި އަދި އިޖުތިމާއީ ގޮތެއްގައި ފެނިގެންދިޔަ މި ފިލްމް ވެގެން ދިޔައީ ވަރަށް ވެސް ހާއްސަ ތަޖުރިބާއަކަށެވެ. އަދި މި ފިލްމްގެ އުފެއްދުންތެރިންގެ ތެރޭގައި އެންމެ ކުރީ ސަފުން ފެންނަން ހުރީ ކެމެރަން ކަމަށް ވާތީ، އެތައް މިލިއަން މީހުންނެކޭ އެއް ފަދައިން، ދިވެހިންގެ ހިތުގައި ވެސް އޭނާ އަށް ދެވުނީ ހާއްސަ ގަދަރެކެވެ. އޭނާ ހަދާނެ ކޮންމެ ފިލްމަކަށް އިންތިޒާރު ކުރާނެ ބަޔަކަށް ވިއެވެ.

ނަމަވެސް މައްސަލަ ގޯސްވީ "ޓައިޓޭނިކް" ނުކުތްތާ 12 އަހަރު ފަހުންނެވެ. އެ ދިގު މުއްދަތުގެ ތެރޭގައި ދިވެހިންނާއި އަދި އެހެން ގައުމުތަކުގެ ފިލްމް ބެލުންތެރިން ވެސް ޝައުގު ވެރިކަމާއެކު ކެތް މަދު ވެފައި ވަނީ މި ދިގު މުއްދަތުގެ ބޭނުން ހިފައިގެއް ކެމެރަން އަނެއްކާ ވެސް ހާއްސަ "ވާހަކަ"އެއް ގެނެސް ދިނުމަށް ތައްޔާރު ވަނީ ކަމަށް ހީވެގެންނެވެ.

އެކަމަކު އެންމެ ފަހުން 2009 ގައި ކެމެރަން ބެލުންތެރިންނާ ހަމަ އަށް ގެނެސްދިން އޭނާގެ އާ ފިލްމް "އެވެޓާ" އަކީ އާ ވާހަކައެއް ނޫން ނަމަވެސް، އޭނާ ބޭނުން ކުރި ކޮންސެޕްޓަކީ ދިވެހިންނާއި އަދި ބޭރުގެ އެތައް ބަޔަކު ވެސް އެހާ ރައްޓެހި ނޫން ކަމަކަށް ވާތީ، މި ފިލްމް ވެގެން ދިޔައީ ގިނަ ބަޔަކަށް އޭގެ "ވާހަކަ" ކަމު ނުދިޔަ ފިލްމެއް ކަމަށެވެ. އަދި މިހެންވެ، ފިލްމް ބެލި ގިނަ ދިވެހިން ވެސް ބުނެފައިވަނީ، ބޭރުގެ ފިލްމް ބެލިންތެރިން ވެސް ފާޅު ކޮށްފައިވާ ހިޔާލެވެ: ވާހަކަ ކަމު ނުދާ ކަމަށާއި އެކަމަކު މަންޒަރުތަކާ ވަރަށް ގަޔާވާ ކަމަށެވެ.

އެހަނަސް، ތްރީޑީ ޓެކްނާލަޖީ ވަރަށް ބޮޑަށް ތަރައްގީ ކޮށްގެން، ފިލްމް ބަލަމުން ދާއިރު އޭގެ މާހައުލާއި ވެށީގެ ތެރޭގައި ބެލުންތެރިޔާ އަށް ވެސް ބަސްހުއްޓި އިނދެފައިވާ ދަރަޖަ އަށް ތަރައްގީކޮށްފައި ވާތީ، ހުރިހާ އެންމެންނަށް ވެސް މި އާދަޔާ ޚިލާފު ދުނިޔޭގައި ތަކުރާރު ކޮށް އުޅެލާހިތްވާ ގޮތެއް ހުންނާތީ، ތަކުރާރުކޮށް ބަލަން ސިނަމާތަކަށް އެތައް މިލިއަން ބަޔަކު ގޮސް، ނަތީޖާ އަކަށްވީ "އެވެޓާ" ކެމެރަން ކުރިން 2.2 ބިލިއަން ޑޮލަރު ހޯދި "ޓައިޓޭނިކް"ގެ ރެކޯޑް މުގުރާލައި، 2.9 ބިލިއަން ޑޮލަރު ހޯދުމާއެކު ދުނިޔޭގައި އެންމެ ގިނަ ފައިސާ ލިބުނު ފިލްމް ކަމަށްވެފައެވެ. އަދި އަދިއަދަށް ދާން ވެސް "އެވެޓާ"ގެ ފުރަތަމަ ބައި އޮތީ ބޮކްސް އޮފީހުގެ އެއް ވަނައިގައެވެ. އަދި "އެވެޓާ"ގެ ދެވަނަ ބައި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް 2.3 ބިލިއަން ޑޮލަރު ލިބިފައިވާތީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ފައިސާ ލިބުނު ހަތަރު ފިލްމްގެ ތެރެއިން ތިން ފިލްމަކީ ކެމެރަންގެ މި ތިން ފިލްމެވެ.

ކުޑަ ގައުމެއްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ.) ވަރުގެ އާމްދަނީއެއް ހޯދި ތިން ފިލްމްގެ ވެރިއަކަށް ވުމަކީ ކުޑަ ކަމެއް ނޫނެވެ. އަދި މި ކަމުގެ ސަބަބުން ކެމެރަން ވެފައި ވަނީ ވަރަށް ނުފޫޒު ގަދަ ޝަހުސިއްޔަތަކަށެވެ. ނަމަވެސް "އެވެޓާ"ގެ ދެ ބައި މިހާރު ނެރެ، އަދި މުޅިއެކު އެ ސިލްސިލާގެ ފަސް ފިލްމް ހަދާނެ ކަމަށް އިއުލާންކޮށް، ކޮންމެ ދެ އަހަރަކުން އަހަރަކު އޭގެ ބައެއް ރިލީޒްކޮށް، މުޅި ފަސް ފިލްމް 2028 ވަނަ އަހަރާ ހަމައިން ދައްކާ ނިންމާލެވޭތޯ މަސައްކަތް ކުރާ ކަމަށް ކެމެރަން ބުނެފައިވީ ނަމަވެސް، ފިލްމަށް ލޯބި ކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ، ބެލުންތެރިން އެހާ ހިސާބަށް ފޫހި ނުވެދާނެ ހެއްޔެވެ؟

މި ސުވާލު ބޮޑަށް ކުރަނީ ކެމެރަންގެ މި ސައިންސް ކޮންސެޕްޓް އަކީ ކަމަ ނުދާ ވާހަކަ އެއް ކަމަށް ބުނެ، މިއީ ހަމައެކަނި ބަލައިލަން ލޮލަށް ފަސޭހަ ފިލްމްތަކެއް ކަމަށް ބުނާ ފަރާތްތަކުންނެވެ. މިހާ ހިސާބުން ބަލައިލަން ޖެހެނީ ދިވެހިންގެ ތެރެއިން ވެސް "އެވެޓާ"ގެ ދެ ފިލްމް ބަލާފައިވާ ފިލްމް ބެލުންތެރިންގެ ތެރޭގައި މި މައުލޫއަށް ލޯ ހުޅުވިފައިވާ ފަރާތްތައް ފިޔަވާ ދެން ތިބި ފަރާތްތަކަށް ކެމެރަންގެ މި "ކައުނު" ފަހުމް ނުވާ ހިސާބަކީ ކޮބައި ކަމެވެ.

މިއީ ހަގީގަތުގައި މާކަ ބޮޑު އަދި ފަހުމްވާން އުނދަގޫ ފަލްސަފާއެއް ނޫނެވެ. ފިލްމްގެ ނަމުގައި "ވޯޓާ" ނުވަތަ "ފެން" ހިމަނާފައިވަނީ މަޒާޖީ މިސާލެއް ދެއްކުމަށެވެ. އެ ގޮތުން މި ކައުނުގެ މިސާލަކީ ބޮޑު ފެންގަނޑެއްގެ މިސާލު ކަމަށް ބަލައި، އޭގެ ތެރޭގައިވާ ހުރިހާ އެއްޗަކީ ކޮންމެވެސް ސިފައެއްގައި ދިރުން ހުރި ތަކެތި ކަމާއި މި ހުރިހާ އެއްޗެކީ އެއް "ސިސްޓަމް" ނުވަތަ "ނިޒާމެއް"ގެ ތެރޭގައި ގުޅިފައިވާ ތަކެތި ކަމެވެ. އަދި މިހެންވެ، އެކަތި އަނެކައްޗަކީ ގުޅިލާމެހިފައިވާ ތަކެތި ކަމާއި އެކަތިން އަނެކައްޗާ "މުއާމަލާތް" ކުރާ ކަމަށާއި "ނުފޫޒު ފޯރުވާ" ކަމަށެވެ. "އެވެޓާ"ގެ ދެވަނަ ފިލްމްގެ ނަމުން ދޭހަ ވާ ފަދައިން މި ދެވަނަ ބައިގައި ބަތަލު އާއި ބަތަލާގެ އާއިލާ ދުޝްމަނުންގެ ކިބައިން ސަލާމަތް ވެ، ހިމާޔަތް ހޯދަން ދަނީ ޖަޒީރާތަކަކަށް ކަމަށް ވިޔަސް ފުރަތަމަ ފިލްމްގައި ވަނީ ގަސްގަހާގެހީގެ ގުޅުންތަކުގެ މައްޗަށް ބަލާލައިފައެވެ.

ބައެއް މުސްލިމް އިލްމްވެރިން ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަށް ބަލާލައި، މި ކައުނަކީ ގުޅިފައިވާ އެއް ނިޒާމު ކަމަށާއި، ހިލަ ފަދަ ތަކެއްޗަކީ ވެސް މާތް ﷲ އަށް ހަމްދުސަނާ ކިޔާ، ދިރުމެއް ހުރި އެއްޗެހި ކަމަށް ވުމުގެ އިތުރުން، ޖަނަވާރު ތަކުގެ މެދުގަ އާއި އަދި ގަސްގަހާގެހީގެ ދެމެދުގައި ވެސް، ކޮންމެވެސް ސިފައެއްގެ "މުއާމަލާތް" ކުރާކަމަށް، އިސްލާމީ އިލްމްވެރިން އަބަދު ވެސް އިއްތިފާގު ވެއެވެ. މިއީ ހަގީގަތެއް ކަމަށް ބުނެއެވެ. އެ ގޮތުން އެއް ގަސް އަނެއް ގަހާ "މުއާމަލާތް"ކޮށް، އަދި އެ ގަސްތަކުގެ ކައިރީގައި ދިރިއުޅޭ އިންސާނުންނާ ވެސް ކޮންމެވެސް ސިފައެއްގައި މުއާމަލާތް ކުރާ ކަމަށް އެ އިލްމްވެރިން ބުނެއެވެ. "ހޯޓިކަލްޗާ" ނުވަތަ ބަގީޗާ ހައްދާ ފަރާތްތަކުން ވެސް އެ މީހުންގެ ތަޖުރިބާއިން މި ފަދަ ނިޝާންތައް ފެންނަ ކަމަށް ބުނެ އުޅެއެވެ. އެ ގޮތުން ދަތުރުވަރިއެއްގައި ދާން ޖެހިއްޖެ ނަމަ، އެ މީހަކު އެ ހައްދައި ބަލަހައްޓަމުން އަންނަ ގަސްތައް، އެއާ ދުރުގައި އެ މީހަކު ވީ ދުވަސްތަކުގައި، އެ ގަސްތަކުގެ ސިއްހަތު ދަށްވެ، ފަތްތައް މިލާމޯޅިވެ، އަދި މަލާއި ތަރުކާރީ އާއި މޭވާ އެޅުމުގައި ވެސް އެ ގަސްތައް "ފަސްޖެހޭ" ކަމަށްވެއެވެ.

ވަރަށް ފަހަކާ ޖެހެންދެން ސައިންސްވެރިން މަސައްކަތް ކުރަމުން އައީ، ޖަނަވާރުންގައި ހުންނަ ކަހަލަ ނާރުތަކުގެ ނިޒާމެއް ގަސްގަހާގެހީގައި ހުރޭތޯ ދެނެގަންނާށެވެ. އެ ގޮތުން ކުރި ތަހުލީލު ތަކާއި ދިރާސާ ތަކުން ހާމަ ވަނީ "އިލެކްޓްރިކް ސިގްނަލް" ނުވަތަ ފާޑެއްގެ "ކަރަންޓެއް"ގެ ނިޒާމަކުން ގަސްގަހުގެ މޫތަކާއި އޮފިތަކާއި ފަތްތައް "މުއާމަލާތް" ކުރާ ކަމަށެވެ. މި ކަމަށް އެންމެ ބޮޑަށް އަލިއަޅުވާލާފައި ވަނީ ވޭތުވެދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކަށް ބަލައި، ސްޓެފާނޯ މަންކޫސޯ އާއި އެލެސަންޑްރާ ވަޔޯލާ ގުޅިގެން ލިޔުނު "ބްރިލިއަންޓް ގްރީން: ދަ ސަޕްރައިޒިން ހިސްޓްރީ އެންޑް ސައިންސް އޮފް ޕްލާންޓް އިންޓެލިޖެންސް" މި ފޮތެވެ.

މި ހައިރާން ކުރަނިވި ފޮތުގައި މި ދެ ސައިންސްވެރިން ފާހަގަކޮށްފައިވަނީ އިންސާނުންނާއި އެހެން ޖަނަވާރު ތަކާ އެއްގޮތް ނޫން ނަމަވެސް، ކޮންމެވެސް ސިފައެއްގައި ގަސްގަހާގެހީގައި "ސިކުނޑިއެއް"ވާ ކަމަށާއި، އަދި އެހެން ހައިވާނުންނާ ތަފާތަސް، ކޮންމެވެސް ސިފައެއްގައި ގަސްގަހުގައި "ބުއްދިއަކާއި ވިސްނުމެއް" ވެސް ހުންނަ ކަމަށެވެ.

މީގެ އިތުރުން، "އެވެޓާ"ގެ ފުރަތަމަ ބައިގައި ވެސް ފާހަގަ ކޮށްފައިވާ ފަދައިން، އެއް ގަހާއި އަނެއް ގަހުގެ މޫތައް އެކަތި އަނެކައްޗާ ޖެހިފައިވާ ނަމަ، "ކޮމިއުނިކޭޓް" ނުވަތަ "މުއާމަލާތް" ކުރާ ކަމަށެވެ. މާނަ އަކީ އެ ދެ ގަހުގެ ދެމެދުގައި މުވާސަލާތީ ވިއުގައެއް ނުވަތަ "ނެޓްވޯކެއް" އުފެދިފައިވާ ކަމެވެ. އެހެންކަމުން "އެވެޓާ"ގެ ފުރަތަމަ ބައިގައި ދައްކާފައިވާ ގޮތަށް އެތައް ގަހެއްގެ މޫތައް އެކަތި އަނެކައްޗާ ގުޅިފައިވާ ނަމަ "އިންޓަނެޓް" ފަދަ "މައުލޫމާތުގެ ރަސްމަގެއް" މި ނެޓްވޯކްގެ ތެރޭގައި ހުރެއެވެ.

އަދި ހައިރާންވާ އަނެއް ކަމަކީ، އެއް އާއިލާއަކަށް ނިސްބަތް ނުވާ ގަސްތައް ވެސް، އޭގެ ގާތުގައިވާ އެހެން "އާއިލާ"ތަކުގެ ގަސްތަކަށް ހިމާޔަތް ދީ، ހިދުމަތް ދީ ހަދާ ކަމެވެ. މިސާލަކަށް، ބޮޑު ގަހެއްގެ ހިޔަލުގައި ބިމުން ފަޅައިގެން ނުކުންނަ ކުޑަ ގަހަކަށް އެކަށީގެންވާ ވަރަށް އަވި ނުލިބި، އަނަރޫފަ ވެދާނެތީ، އެ ހިސާބުގައި ހިމެނޭ ބިމުގައި ހުންނަ މައުދަންތައް، އެ ބޮޑު ގަހުގެ މޫތަކުން ކުޑަ ގަހުގެ މޫތަކަށް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ކާބަން މާއްދާ ވެސް ހިމެނޭ ކަމަށް، އެ ދެ ސައިންސްވެރިން ލިޔެފައިވެއެވެ. ކާބަން މާއްދާއަކީ، އެހެން ގޮތަކަށް ބުނަނީ ނަމަ، ދިރޭތަކެތީގެ މަސްތައް ނުވަތަ "ހަށިގަނޑު" އުފެދިފައިވާ މައި މާއްދާއެވެ. މިހެންވެ، އެ ފޮތުގައި ބުނާ ގޮތުން، ބޮޑެތި ގަސްތަކުން ކުދި ގަސްތަކާމެދު މައިވަންތަ ކުލުނެއް ކަހަލަ ޖަޒުބާތެއް ވެސް ގެންގުޅެއެވެ.

ކެމެރަން "އެވަޓާ"ގެ ފުރަތަމަ ބައި އުފެއްދުމަށް ފަހު ދެވަނަ ބައި ހަދަން 13 އަހަރު ހޭދަ ކުރިއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ތްރީޑީ ކޮށް ރިލީޒް ކުރި މި ފިލްމްގައި ހަމައެކަނި ފާހަގަ ކުރެވެނީ އޭގެ އަންތަރީޒްވާ ކަނޑުއަޑީގެ މަންޒަރުތައް އެކަންޏެއް ނޫނެވެ. މި ކައުނުގެ ދިރުންތަކުގެ ވިއުގަތައް ވެސް ފާހަގަ ކުރެވޭ ގޮތަށް އޭނާ މި ފަހަރު ވާހަކަ ގެނެސްދީފައިވެއެވެ. "އެވަޓާ"ގެ އެއް ވަނަ ބަޔަކީ ހަމައެކަނި "ތައާރަފެއް" ކަމާއި ދެވަނަ ބައިގައި މި ކައުނުގެ ތިމާވެށީގެ "ނިޒާމު" އިތުރަށް ތަފުސީލު ކޮށްދީފައި ވާތީ ގިނަ ބަޔަކަށް ކަމުދަނީ ދެވަނަ ބައި ކަމަށް ފިލްމް ބެލުންތެރިން ބުނެއެވެ.

އެ ގޮތުން، "އެވަޓާ"ގެ ހާދިސާތައް ހިނގާ ކަމަށް ދައްކާ "ޕެންޑޯރާ" ނަމަކަށް ކިޔާ ހަނދުގައިވާ ހަކަތައިގެ ބާވަތެއް ހިމެނޭ މައުދަނެއް ނަގަން ދުނިޔެ އިން އަންނަ އިންސާނުން، އެ ހަނދުގެ އަސްލު ވަޒަންވެރިން ކަމަށްވާ "ނާވީ" ކިޔާ އިންސާނުން ކަހަލަ ބަޔަކާ ހަނގުރާމަކޮށް، އެ ވަޒަންވެރިން އެއްކޮށް ބަލި ކޮށްލަން ގާތްވުމުން، ދެން ފެނިގެން އަންނަނީ ޕެންޑޯރާގެ އެހެނިހެން މަހުލޫގުން އެ ދުނިޔޭގެ ދިފާއުގައި "ނުބައިބައި" އިންސާނުންނާ ހަނގުރާމަ ކުރަން ނިކުންނަ ތަނެވެ. ވައިރަސް އެއްގެ އަސަރު ކޮށްގެން، ނުވަތަ އެހެން ވެސް ގޮތަކުން އިންސާނަކު ސިއްހީ ގޮތުން ބަލި ވެއްޖެ ނަމަ، އޭނާގެ ލޭގައި ހިމެނޭ "ވައިޓް ބްލަޑް ސެލްސް" ނުވަތަ "ހުދު ސެލްތައް" ލޭ ނާރުތަކުގައި ދައުރުކޮށް، އެހެން ވެސް ހުދު ސެލްތަކަށް "މައުލޫމާތު ދީ" އެކީ އެކައްޗަކަށް ގުޅިގެން، "ދުޝްމަނު" ވައިރަސްތަކާ ކުރިމަތިލާ، ހަނގުރާމަކޮށް، އެ އިންސާނެއްގެ ބަލިމަޑުކަން ފަސޭހަ ކޮށްދޭ ގޮތަށެވެ. މިހެންވެ، ކެމެރަން މި ކައުނު މިހާ ރަނގަޅަށް ދޭހަވާ ގޮތަށް ވާހަކަ ބައްޓަން ކޮށްފައިވާތީ، ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަންގެ ފިލްމް ދިރާސާ ކުރާ ފަރާތްތަކުން "އެވަޓާ"ގެ ފުރަތަމަ ބަޔަށް، އެންމެ މޮޅު ޑްރާމާ ފިލްމްގެ ގޯލްޑަން ގްލޯބް އެވޯޑު ދީފައިވެއެވެ. އަދި ފިލްމަށް "ފާޑު ކިޔާ" އެއް "ކްރިޓިކަކު" ފިލްމާ ބެހޭ ގޮތުން ބުނެފައިވެއެވެ: "’އެވެޓާ' އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމު ކަމާމެދު ދީފައިވާ ވަރުގަދަ މެސެޖެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *