Support Us

ރަމަޟާންމަސް: ދީލަތިވުމުގެ މައްސަރު

ކީރިތި ރަސޫލާ ﷺ އަކީ އެންމެ ދީލަތި އިންސާނާއެވެ. އެކަލޭގެފާނު ރަމަޟާންމަހުގައި، އަދި ވަކިން ޚާއްޞަކޮށް، ޖިބްރީލުގެފާނާ ބައްދަލުވެވަޑައިގަންނަވާ ދުވަސްތަކުގައި، ވަކިން ބޮޑަށް ދީލަތިފުޅުވެ ވަޑައިގަންނަވައެވެ. އެކަލޭގެފާނަކީ ނަލަ ވައިރޯޅިއަކަށްވުރެ ދީލަތި ބޭކަލެކެވެ. ޢަރަބި ކަރައަކީ ހަނަފަސް ސަހަރާއެއްކަމުން ވިއްސާރަ ވިލާގަނޑެއް އެމީހުންނާ ހިސާބަށް ގެނެސްދޭ ވައިރޯޅިއަކީ ނަލަ ވައިރޯޅިއެކެވެ. ދީލަތި ވައިރޯޅިއެކެވެ. އެމީހުންގެ ގާތުގައި ދީލަތިކަމުގެ މިސާލުބަހަކަށް ނަލަވައިރޯޅި ވެގެން ދިޔައީ މިހެންވެގެންނެވެ.

ރަމަޟާންމަހަށް ދީލަތިކަމުގެ މައްސަރޭ ކިއުނީ ރޯދަވެރިޔާ ރޯދައަށް ހުންނައިރު އޭނާއަށް އިޙްސާސް ކުރަންޖެހޭ ހައިހޫނުކަމާއި ކަރުހިއްކުމުގެ ސަބަބުން އެހެން މީހުންނަށް އޯގާތެރިވުމުގެ ޝުޢޫރުތައް އޭނާގެ ހިތުގައި އުފެދިގެން ދާތީއެވެ. ފަޤީރުކަމުގެ ސަބަބުން ބަނޑުފުރާނަ މުއްތިކުރާނެ ކާއެތިކޮޅެއް ނުލިބިގެން އުޅޭމީހުން ޙަޔާތުގެ ދުވަސްތައް ގުނަމުންދާގޮތް އޭނާގެ ހިތަށް ތަޞައްވުރު ކުރެވުމުން ދީލަތިވުމަށް އޭނާގެ ނަފްސު ގޮވައިލާނެކަން ކަށަވަރެވެ.

ރަމަޟާން މަހުގައި މުސްލިމުންނަކީ ދީލަތި ބަޔެކެވެ. އިރުއޮއްސޭ ވަގުތު މިސްކިތް ދޮށުން އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތަކުން މިކަން  ވަރަށް ރަނގަޅަށް އެނގެއެވެ. މުސްލިމުންގެ ތެރޭގައި ހިމެނޭ ތަނަވަސް މީހުން ރޯދަވެރީންނަށް ރޯދަވީއްލޭނެ ގޮތް ތަނަވަސްކޮށްދިނުމުގައި ވާދަކުރާތަން ފެނެއެވެ.

އިސްލާމްދީން މުސްލިމުންނަށް ﷲގެ މަގުގައި ރެއާއިދުވާލު ހޭދަކުރުމަށް ގޮވައިލައެވެ. މާތްﷲ ވަޙީކުރައްވަނީ ((ٱلَّذِينَ يُنفِقُونَ أَمْوَ‌ٰلَهُم بِٱلَّيْلِ وَٱلنَّهَارِ‌ سِرًّ‌ا وَعَلَانِيَةً فَلَهُمْ أَجْرُ‌هُمْ عِندَ رَ‌بِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ- البقرة: ٢٧٤– އެބައިމީހުންނަކީ ރެޔާއިދުވާލު، ސިއްރާއިފާޅުގައި، އެބައިމީހުންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެބައިމީހުންގެ ދަރުމަ އެބައިމީހުންނަށް ހުށްޓެވެ. އެބައިމީހުންގެ މައްޗަށް ބިރުވެރިކަމެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.))

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާ ގޮތުގައި ދީލަތި މީހަކީ ﷲގެ ޙަޟްރަތާ ކުއްތަންވެގެންވާ މީހެކެވެ. މީސްތަކުންނާ ގާތުގައިވާ މީހެކެވެ. ސުވަރުގެއާ ކައިރީގައިވާ މީހެކެވެ. ނަރަކަޔާ ދުރުގައިވާ މީހެކެވެ. އަނެއްކޮޅުން ދަހިމީހާއަކީ ﷲގެ ޙަޟްރަތާ ދުރުގައިވާ މީހެކެވެ. މީސްތަކުންނާ ދުރުގައިވާ މީހެކެވެ. ސުވަރުގެއާ ދުރުގައިވާ މީހެކެވެ. ނަރަކައާ ކައިރީގައިވާމީހެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنَّ السَّخِيَّ قريبٌ مِنَ اللهِ، قريبٌ مِنَ النّاسِ، قريبٌ مِنَ الجَنَّةِ، بعيدٌ مِنَ النّارِ. وإنَّ البخيلَ بعيدٌ مِنَ اللهِ، بعيدٌ مِنَ النّاسِ، بعيدٌ مِنَ الجَنَّةِ، قريبٌ مِنَ النّارِ[1]– ހަމަކަށަވަރުން ދީލަތި މީހާ ﷲއާ ކުއްތަންވެގެން ވެއެވެ. މީސްތަކުންނާ ގާތުގައި ވެއެވެ. ސުވަރުގެއާ ކައިރީގައި ވެއެވެ. އަދި ހަމަކަށަވަރުން ދަހި މީހާ ﷲގެ ޙަޟްރަތާ ދުރުވެގެން ވެއެވެ. މީސްތަކުންނާ ދުރުގައި ވެއެވެ. ނަރަކައާ ކައިރީގައި ވެއެވެ.))

މުޖްތަމަޢުގެ ބާއްޖަވެރިކަމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަތްމަތި ތަނަވަސް މީހުން، އަތްމަތި ދަތިމީހުންނަށް އޯގާވެރިވާން ޖެހޭނެއެވެ. އަބާއްޖަވެރިކަން މީސްތަކުންގެ ތެރެއަށް ފެތުރެނީ ތިމާގެ މަޞްލަޙަތަށް އިސްކަންދެވި އެހެންމީހުންގެ މަތިން ހަނދާން ނެތުމުންނެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((اتقَوا النّارَ و لو بشقِّ تمرةٍ [2]– ކަދުރުފަޅިވަރަކުން ވިޔަސް ތިޔަބައިމީހުން ނަރަކައިން ރައްކައުތެރިވާށެވެ!)) ޞަދަޤާތަށްދޭ އެއްޗެއްގެ ސަބަބުން ތިމާގެ މުދަލުން އެއްވެސް އެއްޗެއް އުނި ނުވާނެ ކަމަށް ކީރިތި ރަސޫލާ ﷺ އަންގަވައެވެ. މާތްﷲ އަންގަވާ ގޮތުގައި މީހަކަށް ދެވޭ އެއްޗަކީ ރަނގަޅު ގޮތުގައި ދެވޭ ދަރަންޏެކެވެ. އެއީ މާތްﷲގެ ނިޢުމަތް އެމީހަކަށް ޙައްޤުވާ ކަމެކެވެ. ޞަދަޤާތަށް ދޭނެ އެއްޗެއް ނެތްނަމަ ހެޔޮބަހެއް ބުނުމަށް ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ.

ރަމަޟާން މަހަކީ ކުރާ ޢަމަލުތަކުގެ ސަވާބު އިތުރުކޮށްދެއްވާ މަހަކަށްވާ އިރު މިމަހުގައި ދީލަތިވަމާތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރައްވަނީ [مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِ مَنْ عَمِلَهُ مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أَجْرِ الصَّائِمِ شَيْئًا [3]– ރޯދަވެރިއަކަށް ރޯދަވީއްލާނެ އެއްޗެއް ދިން މީހާއަށް، އެރޯދަ ހިފިމީހާއަށް ދެއްވާ ސަވާބު، އެއިން އެއްވެސް އެއްޗެއް އުނިކުރެއްވުމަކާ ނުލައި ދެއްވާނެއެވެ.]

ކީރިތި ރަސޫލާ ﷺ އަކީ އަޅުގަނޑުމެން މުސްލިމުންގެ އެންމެހެޔޮ ނަމޫނާއެވެ. ރަމަޟާން މަހުގައި އެކަލޭގެފާނުގެ ދީލަތިފުޅުކަން މާބޮޑެވެ.

 

[1]– أخرجه الترمذي (١٩٦١ )، وابن جرير في «تهذيب الآثار-مسند عمر» (١٦٣)، والعقيلي في «الضعفاء الكبير» (٢/ ١١٧)، وابن عدي في «الكامل» (٤/ ٤٦٠)

[2]– أخرجه البزار (٩٥٨٦)، والعقيلي في «الضعفاء الكبير» (٢/٢١٥)، وابن عدي في «الكامل في الضعفاء» (٤/٨٧)

[3]– رواه البيهقى والنسائى وابن ماجه والطبرانى والبزار

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *