ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލުކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް އެމް.ޑީ.ޕީން ކުއްލިއަކަށް ގެނައި އިސްލާހުގެ ބިލު، އަލުން ވިސްނާވަޑައިގަތުމަށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވައިފިއެވެ.
މި ބިލަކީ 29 އޭޕްރީލްގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވައި، މޭ ދޭއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވައިފައިވާ ބިލެކެވެ.
އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަންޖެހޭނެ އެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައިނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.



advertisment