ނެދަލެންޑްސްގެ ކުރެހުންތެރިޔާ ރާޖަސެނަ ވޭން ޑޭމް ހަތަރެސްފައި ބޭނުންކޮށްގެން ކުރަހަމުންދާ މަންޒަރު ފެނިއްޖެއްޔާ ހައިރާންވާނެ ކަމެއް ނެތެވެ. އެ ކަމަކީ ސިކުނޑިއާ ގުޅިފައިވާ ކަމެކެވެ.
މި ކަންތައް އެންމެ ފަސޭހައިން ފާހަގަކޮށްލެވޭނެ ގޮތެއް ބުނެފާނަމެވެ. ޕިއާނޯ ނުވަތަ ކީބޯޑުން ރާގެއް ކުޅެލެވޭތޯ ބަލައިލާށެވެ. ދެ އަތް އެއްފަހަރާ ބޭނުން ކުރަން އުނދަގޫކަން އެނގުމުން، ތިއޮތީ ރާޖަސެނަގެ އާދަޔާ ހިލާފު ހުނަރުގެ ސިއްރު އެނގިފައެވެ.
ހަގީގަތުގައި މިއީ އަސްލު ސިއްރެއް ވެސް ނޫނެވެ. ޕިއާނޯ އާއި ކީބޯޑު އެއްފަރާތްކޮށްލާފައި ޑްރަމްސެޓް ޖަހާލެވޭތޯ ބަލައިލާށެވެ. އެ ކަމަކީ ދެ އަތާއި ދެ ފައި އެއްކޮށް ބޭނުން ކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މިއުޒިކް ބޭންޑްތަކުގައި އުޅޭ ޑްރަމްސެޓް ޖަހާ ހުނަރުންވެރިންނަށް ބައެއް މީހުން އާދަޔާ ހިލާފަށް ތައުރީފުކުރަނީ މިހެންވެއެވެ. އެ މީހުން ވެސް ރާޖަސެނަގެ ހުންނަ ކަހަލަ ސިކުނޑިއެއް ހުންނަނީއެވެ.
އިންސާނުންގެ ސިކުނޑިއަކީ ދެ "ހެމިސްފިއާ"އަށް ބައިވެފައިވާ އެއްޗެކެވެ. އެއް ފަޅި ކޮންޓްރޯލު ކުރަނީ ހަށިގަނޑުގެ އެއް ފަޅިއެވެ. ހަމަ އެ ގޮތަށް ހަށިގަނޑުގެ އަނެއް ފަޅި ކޮންޓްރޯލް ކުރަނީ ސިކުނޑީގެ އަނެއް ފަޅިންނެވެ. މި ދެ ފަޅި އެކުގައި މަސައްކަތް ކުރާ ނަމަ، ރާޖަސެނަ ގޮތަށް ހަތަރެސްފައިން ކުރަހާލުމަކީ ނުލާހިކު ފަސޭހަ ކަމެކެވެ. އަދި ޕިއާނޯ އާއި ކީބޯޑާއި ޑްރަމްސެޓު ވެސް އެހާ ފަސޭހައިން ކުޅެލެވޭނެއެވެ.
ފަހަރެއްގައި އެމެރިކާގެ ރައީސްކަން ކުރަން އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރަން އެންމެ ރަނގަޅީ ވެސް ރާޖަސެނަ ކަހަލަ ސިކުނޑީގެ ދެ ފަޅި އެއްކޮށް މަސައްކަތް ކުރާ މީހަކަށްވުން ކަމަށް ވެދާނެއެވެ. މިއީ ސަމާސާއެއް ނޫނެވެ. ސަބަބަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރު ވާދަ ކުރަމުން އަންނަ ކެންޑިޑޭޓުންގެ ފަރާތުން ކޮންމެވެސް ކަހަލަ ހަމަނުޖެހޭ ކަންތައްތަކެއް ފެންނާތީއެވެ. މިހެންވެ ރާޖަސެނަ ކަހަލަ އިންސާނަކަށް އެމެރިކާގެ ރައީސްކަން "އައުޓްސޯސް"ކޮށްގެން ވެސް ދެވިދާނެއެވެ.
އުމުރުން 31 އަހަރުގެ ރާޖަސެނަ ހަތަރެސްފައިން 10 ކެންވަސްގައި ވެސް އެއްފަހަރާ ކުރަހައެވެ.
"އަހަރެންނަކީ ވަރަށް އަވަހަށް 'ބޯޑް' (ފޫހިވާ) މީހެއް. މިހެންވެ އަހަރެން އަބަދުވެސް ބޭނުންވަނީ ކޮންމެވެސް 'ޗެލެންޖް' (ގޮންޖެހުން)އަކާ ކުރިމަތިލާން،" ރާޖަސެނަ ބުންޏެވެ.
ނާރުތަކާ ބެހޭ އިލްމުވެރިޔާ އޮނޫރު ގަންޓްރުކަން ވިދާޅުވީ ރާޖަސެނަގެ ސިކުނޑީގެ ދެ ފަޅި އެހެން މީހުންނާ ހިލާފަށް "ތިން ގުނަ އިތުރަށް ނާރުތަކުގެ ޒަރީއާއިން ގުޅިފައި ހުރި ކަމަށް ފެންނަ" ކަމަށެވެ.
ހަމަ ގައިމު ވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރަށް އެކަށޭނަ ސިކުނޑީގެ ވެރިއެކެވެ.