Support Us

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ: ދިވެހިރާއްޖޭގެ މި ޒަމާނުގެ އަރަބި އިސްލާމީ ރަށްވެހި ތަޢުލީމުގެ މޭސްތިރިޔާ

ސިންގާ، މާތް اللہ އެޔަށް ދެއްވި، ބުންވަރާއި ހަކަތަ ބޭނުންކުރަނީ، ހަމައެކަނި އޭގެ އަމިއްލަ އެދުމަށެވެ. އެކަމަކު އަސް، އޭގެ ހުރިހައި ވާތްގެއް ހުސްކޮށްލަނީ، ބައެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށެވެ. އެ މީހުންގެ ދަތުރުތައް އޭގެ އަމާން މަންޒިލަށް ނިންމައިދިނުމަށެވެ. އެ މީހުންގެ މުބާރާތްތައް، އަތަށް ލިބޭ ތަށިތަކާއި، ކަރުގައި އެޅޭ މެޑެލިތަކާ ހަމައަށް އުފާވެރިކޮށްދިނުމަށެވެ. އިންސާނުންގެ ތެރޭން ވެސް މި ތަފާތު ފެނެއެވެ.

ބައެއް މީހުން އެ މީހުންނަށް ލިބިފައިވާ ޢިލްމާއި ޤާބިލުކަން ބޭނުންކުރަނީ ހަމައެކަނި އެ މީހުންގެ ދުނިޔެ ޙާޞިލުކުރުމުގެ ހަތިޔާރަކަށެވެ. ނަމަވެސް އަނެއް ބަޔަކު ނުހަނު ހިންމަތާއި މިންނަތުން ހޯދާ ޢިލްމާއި ޤާބިލުކަން ބަދަލުކޮށްލަނީ، އެހެން މީހުންގެ ޙަޔާތް އުޖާލާކޮށްދޭން، ދިއްލައިލާ އަލިގަދަ ބައްތިތަކަކަށެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު، އެ ބޭފުޅެއްގެ ނަންފުޅު ތަކުރާރުކުރާ، ވަރަށް ޚާއްޞަ އެއް ޝަޚްޞިއްޔަތަކީ މި މަޒުމޫނުގެ ނާރެހެވެ. އާދެ! ޝައްކެއް ވެސް ނެތް ގޮތުގައި އެ ޚިދުމަތްތެރި ޢިލްމުވެރިޔަކީ ދެންމެ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު ޙާޞިލުކުރެއްވި، ދިވެހިރާއްޖޭގެ މި ޒަމާނުގެ އަރަބި އިސްލާމީ ރަށްވެހި ތަޢުލީމުގެ މޭސްތިރިޔާ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.

މި ލިޔުމުގައި ބަލައިލާނީ ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަގުހުރި ޤައުމީ ޢިލްމީ ޚިދުމަތުގެ ރަން އަބާރަނަކޮޅަށެވެ.

ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ ފުން ޢިލްމުވެރިއެކެވެ. އަރަބި ބަހުގެ އަސްވާރެކެވެ. ދިވެހިބަހުގެ ބަސްވާރެކެވެ. އިނގިރޭސިބަސް ހަމަ އެފަދައެވެ. ތަޚައްޞުސް ދާއިރާއަކީ ޙިސާބު ޢިލްމެވެ. އެކަމަކު ދީނުގެ ޢިލްމުތަކުގެ ދީލަތި ފެންއާރެކެވެ. ކުޅަދާނަ މުތަރުޖިމެކެވެ. ފަށުވި ލިޔުންތެރިއެކެވެ. ތާރީޚާއި، ޖިއޮގްރަފީއާއި، ދުނިޔޭގެ ޖިއޯޕޮލިޓިކްސްގެ ތާޒާ ޚަބަރަށް ފަރިތަ މުޙައްލިލެކެވެ. މަދުރަސީ ދަރިވަރުންގެ މަރުޙަލާތަކުން ފެށިގެން، ރާއްޖޭގައި އުނގަންނައިދެވޭ ހުރިހައި ދަރަޖައެއްގައިހެން އެތައް ދަސްވެނީންނެއްގެ މަޤުބޫލު އުސްތާޛެކެވެ. ރާއްޖޭގެ ތަޢުލީމީ މަންހަޖު ނިޒާމީ ގޮތެއްގައި އެންމެ ފުރަތަމަ ބައްޓަންވެގެން އައި އައުމުގައި، މުހިންމު ޢަމަލީ މުރުޝިދެކެވެ. ދިވެހި ތަފާތު އެތައް ޖީލެއްގެ ވިސްނުމާއި އަޚްލާޤު އޭގެ ހަރުދަނާ ރިވެތި މަގަށް މިސްރާބުކުރުވައި ހާނައިލެއްވި ކުޅަދާނަ މުރައްބީއެކެވެ. މަޝްހޫރު މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ 30 އަހަރު ދުވަހު ކާމިޔާބުކަމާއެކު ހިންގެވި ހިންގުންތެރި ވެރިއެކެވެ. އެއީ ރާއްޖޭގެ މި ޒަމާނުގެ އަރަބި އިސްލާމީ ރަށްވެހި ތަޢުލީމުގެ ދަރެސްގާހު ފަރުމާކުރެއްވި މޭސްތިރިޔާއެވެ. ފިކުރީ ގޮތުންނެވެ. ޢިލްމީ ގޮތުންނެވެ. އުމްރާނީ ގޮތުން ވެސްމެއެވެ.

ތަޢުލީމީ ދައުރުގެ ބައެއް ދޯދި

ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ތަޢުލީމީ ވެށްޓަކީ މައިގަނޑު ގޮތެއްގައި ރާއްޖެއާއި މިޞްރެވެ. އެކި ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އެންމެ ތުއްޕުޅު އިރުއްސުރެން ފެށިގެން ވެސް އެމަނިކުފާނުގެ ވަރަށް ޚާއްޞަ ތިން ރަޙްމަތްތެރިޔަކުވެއެވެ. އެކަކީ އަބަދު އޭނާއަށް ކިޔަމަންވެވަޑައިގަންނަވާ މިތުރެވެ. އެއީ ވަގުތެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމުގައި އެމަނިކުފާނަކީ ލާމަސީލު ބޭފުޅެއްކަމަށް މިޞްރުގެ ދުވަސްތައް ދެކެވަޑައިގަތް އެތައް ބޭފުޅުންނެއް ވިދާޅުވެދެއްވިއެވެ. އުސްތާޛު ރަޝީދުގެ އަރިސް އަނެއް އެކުވެރިޔަކީ ކޮބައިތޯއެވެ؟ ގަލަމެވެ. ވަރަށް ތުއްޕުޅު އިރު، ނައިފަރު އަލްމަދްރަސަތުލްއިފްތިތާޙުގައި ކިޔަވައިވިދާޅުވާން އުޅުއްވި އިރު ވެސް، މަޖައްލާއަކަށް ލިޔުއްވިކަމަށްވެއެވެ. އޭގެ ފަހުން މިޞްރުގައި އުޅުއްވި އިރު ވެސް، އެ ތާނގައި ދަރިވަރުން ނެރުނު ދިވެހި މަޖައްލާއަށް ލިޔުއްވިއެވެ. އެ މަސައްކަތުގައި އިސްދައުރެއް އަސާކުރުއްވިއެވެ. ދެން އޮތީ ތިން ވަނަ ރަޙްމަތްތެރިޔާއެވެ. އާދެ! ފޮތެވެ. ފޮތަކީ އެމަނިކުފާނުގެ ސިނަމާއެވެ. ކިޔަވައިވިދާޅުވާން އުޅުއްވި އިރު ވެސް، ފިލާވަޅު ދަސްފުޅުކުރެއްވުމާއި މަޢުލޫމާތު މުއްސަނދިކުރެއްވުމަށް ފޮތްވިދާޅުވުމުގައި ހޭދަކުރައްވަނީ ރެޔާއި ދުވާލުގެ އެތައް ވަގުތެކެވެ.

ނ.ޢ.ޢ.ވ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ މަދްރަސަތުލްމަޖީދިއްޔާގެ އިސްދަރިވަރެކެވެ. އެ ފަހުން މިޞްރުގެ އަލްޖާމިޢަތުލްއަޒްހަރުން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. ކިޔަވައިވިދާޅުވި ފެކަލްޓީން ދަސްވެނިވެވަޑައިގަތީ ފަޚްރުވެރި ވަނަޔަކާއެކީގައެވެ. އެއީ ޙިސާބު ޢިލްމާއި ދީނުގެ ޢިލްމުތަކާއި، އަދަބިއްޔާތާއި، ޒަމާނީ ސައެންސާއި، ފަންނީ އެތައް ދާއިރާއަކަށް ލޯފުޅާއި ހިތްޕުޅު ހުޅުވި ތަނަވަސްވެގެންވާ ގޮތުގައެވެ.

މަޢުހަދުގެ ފެހި ނިރު

ޝައްކެއް ނެތް ގޮތުގައި އަދުގެ ދިވެހިރާއްޖެ މި ދެކޭ ޢަރަބި ބަހާއި، އިސްލާމްދީނާއި، ކީރިތި ޤުރުއާނުގެ ފަންނުވެރިކަމުގެ ބާނީއަކީ، ދިވެހިރާއްޖޭގެ ކުރީގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނު 1978ވަނަ އަހަރު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތް އިރު، އިސްލާމީ ދުނިޔޭގެ އުދަރެސް އަންނަނީ ހިޖުރީ އާ ޤަރުނަކަށް ދޮންކުރަމުންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ބައިނަލް އަޤުވާމީ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) އަވަދިނެތިފައި ވަނީ، އަލަށް ފެށޭ ހިޖުރީ ޤަރުނަށް އިސްލާމީ ދުނިޔެ ރާވާލުމުގައެވެ. އެ ޤަރުނުގައި އިސްލާމްވަންތަކަމުގެ ސޫރަ އިސްލާމީ ޤައުމުތަކުގައި ތަމްސީލުކުރާނެ ގޮތްތައް ތަރުތީބުކުރުމުގައެވެ. އެ ގޮތުން ނިންމުނު އެއް ކަމަކީ އަރަބި ނޫން އިސްލާމީ ކޮންމެ ޤައުމެއްގައި އަރަބި ބަހުން ތަޢުލީމުދޭ އިސްލާމީ މަޢުހަދެއް ނުވަތަ އިސްލާމީ ޔުނިވަރސިޓީއެއް ބިނާކުރުމެވެ.

އޯއައިސީގެ ތަޞައްވުރުގެ ދަށުން މެލޭޝިޔާގައި އުފެދުނު ޔުނިވަރސިޓީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް)ގެ ނަމުގައި މެލޭޝިޔާގައި އެހެރީއެވެ. ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބިނާކުރެވުނު ޔުނިވަރސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމް އާބާދު (އައި.އައި.ޔޫ.އައި)ގެ ނަމުގައި ޕާކިސްތާނުގެ އިސްލާމް އާބާދުގައި ހިނގަމުން އެހެރަ ދަނީއެވެ. މިއަދު ވަރަށް ފެންވަރުގައި ފެންނަ އެ ތަންތަނަކީ އޭރުގެ ހާލަތަށް ވަރަށް އާދައިގެކޮށް ކުޑަކޮށް ފެށުނު ފެށުމެއްގެ ނަތީޖާއެވެ. ޕާކިސްތާނުގައި ފެށީ އެންމެ ނުވަ ދަރިވަރުންނާއެކީގައިކަމަށްވެއެވެ. ބަނގުލަދޭޝްއާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް މި ތަޞައްވުރުގެ ބިންގާ އެޅުނެވެ. ބައެއް ތަންތަން އުވިގެން ހިނގައްޖެ ވެސްމެއެވެ.

ހިޖުރީ އާ ޤަރުނާއި އަރަބި އިސްލާމީ ޚިދުމަތުގެ ބިސްމި

ހިޖުރީ އާ ޤަރުނާ ދިވެހީން ބައްދަލުކުރީ ބޮޑު އިސްލާމީ ޢީދާކާ ބައްދަލުކުރާ ފަދައިންނެވެ. މުޅި ރާއްޖޭގައި އުފެދިފައިވަނީ، އާދަޔާ ޚިލާފު ލޮބުވެތި ރޫޙާނީ އަސަރެކެވެ. ހަމަ އެކަނި ޅެންތަކަށް ބަލައިލިޔަސް،

"ކިޔާދޫތަކުން ޤަރުނަކަށް މަރުޙަބާ މީ

ޚިޔާލާ ހިތުން ރުކުރުވާ ތަހުނިޔާ މީ

ދިރޭ ރޫޙު އުންމަތުގެ ހުރިހައި ދަރީން

ނެރޭ ހެޔޮ އެދުން ފެތުރިދާނީ ވަޔާ"

މިއީ އެއް ލަވައެއްގެ މައިގަނޑެވެ. އަނެއް ލަވައެއްގައި ކިޔައެވެ.

"އާ ޤަރްނެކޭ އުފާދޭ، މި އޮތީ ޒަމާން ގޮވާލީ، އާ ރަމްޒަކުން ކަލަންޑަރް ހިޖުރީ ނިޝާން ފަވާލީ" މި ފަދަ އެތައް ލަވައެކެވެ.

މި މަތިވެރި ރޫޙުގެ ތެރޭގައި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ޢިލްމީ އޮށް، ދިވެހި ފަސްގަނޑުގައި މުޑުވައްކުރެވިއްޖެއެވެ. އޭގެ މަލަސް، ހިނދޫކަމާއި އާރޯކަމާއެކު، މި ދިވެހި ޖައްވަށް ނޭވާލުމަށް ޓަކައެވެ. ފެހިކަމާއި ނޫރާނީކަން ދިނުމަށް ޓަކައެވެ. އެއީ ހިޖުރީ ގޮތުން 1 މުޙައްރަމް 1401 އެވެ. މީލާދުން 9 ނޮވެންބަރު 1980އެވެ. ހުޅުއްވާދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އަރިހުގައި ހުންނެވި އެއް ބޭފުޅަކީ ތަޢުލީމާ ބެހޭ ވަޒީރު އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނެވެ. ދެން އެ ހުންނެވީ ކޮންބޭފުޅެއްތޯއެވެ. އެއީ އެ ދުވަހާ ޖެހެންދެން މަޖީދިއްޔާ ސްކޫލާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ ދަރިވަރުންގެ ނަސީބެވެ. މޮޅު ހިސާބު މުދައްރިސެކެވެ. މި ވަގުތުން ފެށިގެން އެއީ މަޢުހަދުގެ ވެރިޔާއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވިދާޅުވެއެވެ.

"މަޢުހަދަކީ އިބްރާހީމް ރަޝީދު މޫސާއެވެ.

އިބްރާހީމް ރަޝީދު މޫސާއަކީ މަޢުހަދެވެ."

މަޢުހަދު

ދުވަސްވަރަކީ ރާއްޖޭގެ ތަޢުލީމު އަލުން ނޭވާލައްވާން އޭގެ މެޔަށް އޮބަމުން ދިޔަ ދަނޑިވަޅެވެ. މާލޭގައި ފިޔަވައި ސަރުކާރުން ހިންގަވާ މަދަރުސާއެއް މަދެވެ. 1980ވަނަ އަހަރުގެ ފެބުރުވަރީ 24ވަނަ ދުވަހު އަސާސީ ތަޢުލީމުގެ ޤައުމީ މަޝްރޫޢެއް ސަރުކާރުން ފެށްޓެވިއެވެ. އޭރު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ އެތައް ހާސް ބަޔަކު ތިއްބެވެ. ރައްޔިތުންނަށް ތަޢުލީމު ދޭން އުޅުމެކޭ ކުޑަކުއްޖަކަށް ފަނީބޭސް ދޭން އުޅުމެކޭ ހަމަ އެއް ފަދައެވެ. އޭރު އޮތީ އެހާ ވެސް އުނގެނުމަށް ބީރައްޓެހި މުޖުތަމަޢެކެވެ. އަނެއްކޮޅުން ބަލިމަޑުކަމާއި، ފަގީރުކަން އިންތިހާއެވެ!!

މި ގޮންޖެހުންތަކުގެ ތެރޭގައި އާ މަދަރުސާއެއް ނުވަތަ މަޢުހަދެއް ހުޅުވުނީއެވެ. ހެންވޭރު ފާރޮށިގޭގައި ފުލައިވުޑު ފިލާޖަހައިގެން ދެ ކިލާސްރޫމު ހަދާލައިގެންނެވެ. ކުޑަކުޑަ އޮފީހަކާއި ދެތިން ހަތަރު މުވައްޒަފުންނެވެ. އެންމެ 24 ވަރަކަށް ދަރިވަރުންނެވެ. އެކި އުމުރުގެ އެކި ކުދީންނެވެ.

މަޢުހަދުން އުފެއްދީ ފަރުދެއް ނޫނެވެ. މަޢުހަދުން އުފެއްދީ ދިވެއްސެކެވެ. މުސްލިމް ދިވެހި ދަރިޔެކެވެ. އެ ދަރިވަރުން ދިވެހިބަހަށް އަހުލުވެރިއެވެ. ދިވެހިވަންތަކަމަށް ޤަދަރުކުރިއެވެ. އެއީ އިސްލާމީ އަޚްލާޤުން ޒީނަތްތެރި މުވާޠިނުންތަކެކެވެ. މަޢުހަދުގެ ބެޖާއި، ޝިޢާރާއި، ނަޝީދާއި ހުރިހައި ހަރަކާތަކުން މި ކަން ސާބިތުވާނެއެވެ. ކަނޑަން ލިބުނު ގޮވާމުގެ ބާވަތް މި ކަމަށް ހެކިވާނެއެވެ. އެހެނީ މަޢުހަދުގެ ޝިޢާރަކީ "ﷲ، އަލްވަޠަން، އަލްޢިލްމް" އެވެ. އާދެ! މާތް ﷲއަށް ކިޔަމަންވާ، އަމިއްލަ ވަޒަންދެކެ ލޯބިވާ، ޢިލްމުވެރިކަމުގެ އަހުލުވެރީންނެވެ.

ޠާބޫރު

މަޢުހަދުގެ ޠާބޫރަކީ ކޮންމެ ދުވަހަކު ހެނދުނު އޮންނަ ދަރިވަރުންގެ އެސެމްބްލީއެވެ. މި ޠާބޫރުގައި ކޮންމެ ދުވަހަކު ވެސް މަޢުހަދުގެ ވެރިޔާ ވާހަކަފުޅުދައްކަވާނެއެވެ. އެއީ ޢިލްމުވެރިޔަކު ފެންނަ، ޢިލްމުވެރިއެއްގެ ވާހަކަފުޅު އިވޭ ވަގުތެކެވެ. ކޮންމެ ދުވަހަކު ދަރިވަރަކު ވާހަކަދައްކައެވެ. ދެން އިސް ދިވެހި މުދައްރިސް (އުސްތާޛު އިބްރާހީމް ފައުޒީ)ގެ ތަޖުރިބާއާއި ނަސޭހަތްޕުޅުތަކެވެ. އެހެންކަމުން ޠާބޫރަކީ ހެނދުނުހެނދުނާ ދަރިވަރުންގެ ސިކުނޑި މުރާލި ކޮށްލާ ގުލްކޯޒެކެވެ. ކިޔަވައިދެއްވުމުގެ ތަޖުރިބާގެ އިތުރަށް ރާއްޖޭގެ ތަފާތު އެތައް ސްކޫލުތަކެއްގައި ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަން ކުރައްވާފައިވާ، މިހާރު ވިލާ ކޮލެޖުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އިސްމާޢީލް ނަޝީދު، އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވެއެވެ.

"އެސެމްބްލީ އަކީ މަދަރުސާ ހިންގުމުގައި ދަރިވަރުންގެ ތަރުބިއްޔަތަށް މުހިއްމު އިރުޝާދާއި، ދުވަހާ ޙާލަތާ ގުޅޭ ގޮތުން ދަރިވަރުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން، ގެނައުމުގެ ނުފޫޒު ގަދަ މަދަރުސީ ޙަރަކާތެއް. ގިނަ ދަރިވަރުންގެ ފުށުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެސެމްބްލީ އަކީ އެދަރިވަރުންގެ ޙާލަތު ރަނގަޅު މަގަށް، ހެޔޮ މަގަށް ސީދާ ކޮށްލަދިން ޙަރަކާތެއް. އެއީ އެ ދަރިވަރުންގެ "ޓަރނިންގ ޕޮއިންޓް އެއް ކަމުގައި ދަރިވަރުން ސިފަ ކުރޭ. އެހެން ކަމުން އެއީ ޕްރިންސިޕަލުން ފަރުވާތެރިކަމާއެކު ބޭނުން ހިފުން ލާޒިމު ފުރުޞަތެއް."

އެހެންކަމުން މަޢުހަދުގެ ހެނދުނުގެ އެސެމްބްލީއަކީ ދަރިވަރަށް މަގުދައްކައިދޭ އާރުކާޓީއެކެވެ. ދަރިވަރުން ލައްވައި ވާހަކަދެއްކުމާއި ވެރީން އެކި މައުޟޫޢަށް ތައްޔާރުވެގެން ކޮންމެ ދުވަހަކު ވާހަކަ ދެއްކުމަކީ ހުރިހައި ސިކުނޑިތަކަށް އެއްވަގުތެއްގައި ފޯރުވައިދެވޭ އާ ދިރުމެއް ދޭ ޢިލްމީ ކާނާއެކެވެ.

ތަޢުލީމުގެ ފަލްސަފާ

ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާމް ރަޝީދު މޫސާ އެކަށައެޅުއްވި ތަޢުލީމީ އޮނިގަނޑުގެ ފަލްސަފާއިން ފެންނަނީ ދީނުގެ ޢިބާދާތާއި ދިރިއުޅުމުގެ ކަރާމާތާ މިންހަމަ މަންހަޖެކެވެ. އެ ދުވަސްވަރު ރާއްޖޭގެ ސާނަވީ މަރުހަލާގެ މަންހަޖާއި މަތީ ސާނަވީ މަރުހަލާގެ މަންހަޖު އެކަށައެޅިގެން އައީ އެމަނިކުފާނުގެ ބުރަ ޖިހާދު އޭގައި ހިމެނިގެންނެވެ. މަޢުހަދުގެ ޔުނިފޯމު ބަޔާއި، ކޯސްތައް ހަމަ އެފަދައެވެ. ތިބާ ހަނދުމަފުޅު ހުންނާނެވެ. އެ ދުވަސްވަރު އިސްލާމް ފޮތްބައިން ދީނުގެ އަޅުކަމުގެ ބައިތައް ފެންނަ ފަދައިން، މުސްލިމުންގެ ޙަޟާރަތުގެ މަލަތައް ފެންނާނެއެވެ. މުސްލިމުން ދުނިޔެއަށް އުފަންކުރި ޢިލްމާއި ފަންނާއި ސައެންސްގެ މައްޗަށް އޭރުގެ ދަރިވަރުންގެ ލޯ މަދްރަސީ ތަޢުލީމުގެ ތެރޭން ހުޅުވޭނެއެވެ. ތިމަންނާމެންނީ އީމާނީ އީޖާދީ ފަޚްރުވެރި އުންމަތެއްގެ ބައިވެރީންކަން އިޙްސާސްކުރާނެއެވެ.

ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާމް ރަޝީދު މޫސާއަކީ އިސްލާމްދީނުގެ ސޫރަ ހުތުރުކުރާން ޣައިރު މުސްލިމުން ހިންގަމުން އަންނަ ޕްރޮޕެގެންޑާތަކަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. އެ ގޮތުން މުދާ ބެހުމުގައި އަންހެނުންނަށް ލިބޭ ނިސްބަތުގެ ޙަޤީޤަތް ދީނުގައި އޮންނަ މަފުހޫމުން ދިވެހީންނަށް ސާފުކޮށް ވިސްނޭ ގޮތަށް، އެންމެ ފުރަތަމަ ތަޢާރުފުކުރެއްވި އެއް ބޭފުޅަކީ އެމަނިކުފާނެވެ. އަންހެނަކަށް ވީތީ، މުދަލުން އުނި ނުވާކަމާއި، ބައެއް ފަހަރު ފިރިހެނުންނަށް ބައެއް ފަހަރު އަންހެނުންނަށް އުނިވެ އަދި އިތުރު ވެސް ވަނީ މަސްއޫލިއްޔަތުގެ ނިސްބަތުންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމަ އެހެން ފިކުރީ ހަނގުރާމައިގެ ނުރައްކަލަށް މީހުން ހޭ އަރުއްވާން އެތައް ލިޔުމެއް ލިޔުއްވައި، ޕްރޮގްރާމުތަކުގައި އެ ބަހުސު ކުރިޔަށްނެރުއްވިއެވެ.

އަދަބީ ދީނީ މުބާރާތްތައް

މަޢުހަދުގެ ދަރިވަރުން އަދަބީ ދީނީ މުބާރާތްތަކުގައި ބައިވެރިކުރެއްވުމާއި، އެކަމަށް އެކުދިން ތައްޔާރުކުރެއްވުމަކީ ވެސް، އެމަނިކުފާނު ވަރަށް ޝައުޤާއެކު ކުރައްވާ ކަމެކެވެ. ޤައުމީ ވާހަކަދެއްކުމުގެ މުބާރާތެވެ. ކުރުވާހަކައާއި ޅެންހެދުމުގެ މުބާރާތެވެ. މަޒުމޫނުލިޔުމުގެ މުބާރާތެވެ. އަދި ޤުރްއާން މުބާރާތް ފަދަ އެތައް މުބާރާތެއް ފާހަގަކޮށްލަމެވެ. މި މުބާރާތްތައް އިޢުލާނުކުރަން ވާ އިރަށް ވެސް، ކުދިކުދި ތައްޔާރީތައް މަޢުހަދުގައި ހިންގައެވެ. މުބާރާތް ފެށުމުގެ އެއްމަސް ކުދިން ދަރިވަރުން މަޢުހަދުގައި "ބަނޑަހަޖަހައެވެ" އެ ޒަމާނަކީ ނެޓެއް ޗެޓެއް އޮންނަ ޒަމާނެއް ނޫނެވެ. މަޢުލޫމާތު ހުންނަ މީހުން ވެސް އެހާ މަދެވެ. އެހެންކަމުން ދަރިވަރުންނަށް މަޢުލޫމާތު ދެއްވައި އެ ކުދީން ހޭނެއްވުމުގައި އެތައް ވަގުތެއް ސީދާ އެމަނިކުފާނު އެ ކުދީންނާއެކު ހޭދަކުރައްވައެވެ.

ކީރިތި ޤުރްއާނު ގޭގެއަށް

މި ދުވަސްވަރު ވެސް، ދިވެހީން ކީރިތި ޤުރްއާން ކިޔަވައިއުޅުނީ އެމީހަކަށް ކިޔެވޭ އެންމެ ރަނގަޅަކަށެވެ. އެކަމަކު ތަޖުވީދު ކޮބައިތޯއެވެ؟ ފަންނު ކޮބައިތޯއެވެ. ގޭގޭގައި ދަރީން ތަރުބިއްޔަތުކުރާން ކުދީންނަށް އެންމެ ފުރަތަމަ އަކުރު އަންގައިދޭން ތިބި މައިންބަފައިންނާއި މާމައިން ކާފައިންގެ ހާލަކީ ކޮބައިތޯއެވެ؟

މި މައްސަލައިގެ ހައްލަކަށް ކުޑަކުދީންގެ މިސްކިތު ކިލާސްތައް ފެށްޓެވިއެވެ. ބޮޑެތި މީހުންނަށް ޤާރީ ކޯސްތައް ފެށްޓެވިއެވެ. ޤާރީކޯހުން ވަކި ދަރަޖައެއްގައި ފާސްވާ މީހުންނަށް ސްކޫލުތަކުން ވަޒީފާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވި އެވެ. މުޅި ރާއްޖޭގައި ކިޔައިވައިދޭ ތަޖުވީދު ފޮތަކަށް މަޢުހަދުގެ "ތަޖުވީދު" ފަންނު ވެއްޖެއެވެ.

ރޯދަމަހުގެ ބުރަ ތާވަލު

ބަރަކާތްތެރި ރަމަޟާން މަހަކީ އެމަނިކުފާނަށް ވަރަށް ބުރަ މޫސުމެކެވެ. އެ ދުވަސްވަރަކީ އިސްލާމީ ކަންކަމާ ބެހޭ ވުޒާރާ ހުރި ދުވަސްވަރެއް ނޫނެވެ. އެހެންވީމާ ބޭރުން ވަޑައިގަންނަވާ ވާޢިޡުންގެ ވަރަށް ގިނަ ކަންކަން ހަވާލުވަނީ މަޢުހަދާއެވެ. މިސްކިތްތަކުގެ ތަރާވީޙު ހަވާލުވަނީ މަޢުހަދާއެވެ. އެކަންކަން ކުރެވޭ ވަރުގެ ބަޔަކަށް އޭރު ތިބެނީ މަޢުހަދުގެ ޔުނިފޯމުލީ ދަރިވަރުންނާއި ދެތިން ހަތަރު މުދައްރިސެކެވެ. އަޅުގަނޑު ހަނދާން އެބަ ހުއްޓެވެ. އިސްލާމީ މަރުކަޒުގައި އޮތް ޤައުމީ ޤުރްއާން މުބާރާތެއްގެ އިސްޓޭޖު ޒީނަތްކުރާން އޭގެ ފަސްމަންޒަރު ފުލައިވުޑްފިލާއިން ތައްޔާރުކުރީ މަޢުހަދުގެ ގޯތިތެރޭގައެވެ. މަޢުހަދުގެ ދަރިވަރުންނެވެ. މަރުތޭލަޔާއި ބުރުމާއާ ހިފައިގެން، މަރުކަޒަށް އެ ގެންގޮސް، ހަރުކުރީ ދަރިވަރުންނެވެ.

މި ފަދަ އެތައް ކަމެއް އިދާރީ ގޮތުން ބަލަހައްޓަވަމުން ވާޢިޡުންގެ ނަސޭހަތްތައް ތަރުޖަމާކޮށްދެއްވައެވެ. އިޙްޔާ ފޯރަމުގައެވެ. ހަވީރު އަޞްރުފަހުން މިސްކިތުގައެވެ. ރޭޑިޔޯ ޓީވީގެ އެތައް ޕްރޮގްރާމަކަށް ވަޑައިގަނެއެވެ. "ރޯދަޔާ ސުވާލު" ކޮންމެ ދުވަހަކު ރޭޑިއޯ އިން ގެނެސްދެއްވައެވެ. ވަކިން ޚާއްޞަކޮށް "މުޙައްމަދުއްރަސޫލުﷲ" ޕްރޮގްރާމު ދިވެހި ބަހަށް ތަރުޖަމާކުރެއްވުން އެއީ ރޯދަޔާ ކައިރިވާން ފަށާ ހިސާބުން ފަށްޓަވާ ބުރަ މަސައްކަތެކެވެ.

ފޮތުގެ ކާރުޚާނާއެއް

ފޮތަކީ އެއްވެސް ބާވަތެއްގެ ގަހެއްގައި ހުވަނދުމާހެން ބަރާކޮށް އަޅައި ފަރިވެ ފޮޅޭ އެއްޗެއް ނަމަ، އެ ގަހަކީ ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. މިހެން މި ދެންނެވީ ދެ މާނައެއްގައެވެ. އެމަނިކުފާނު ނުލިޔުއްވާ ހަމަ އެންމެ ދުވަހެއްވެސް އިރު އަރައި ނޯއްސެވެ. މިހާރު ވެސް ކޮންމެ ދުވަހަކު އެމަނިކުފާނުގެ މަޒުމޫނު ޝާއިޢުވާ ނޫސްތައް އެބަ ހުއްޓެވެ. އޭގެ އިތުރަށް ފޮތްތައް ގެންދަވަނީ ލިޔުއްވަމުންނެވެ. ޗާޕުނުވާ އެތައް ފޮތެއް ހުރިކަމަށްވެއެވެ. 80އަށްވުރެ ގިނަ ފޮތް ލިޔުއްވައި ޝާއިޢުކުރައްވައިފިއެވެ. އޭގެ ތެރޭގައި، އިސްލާމީ ތަޝްރީޢުގެ ތާރީޚަށް އަވަސް ނަޒަރެއް، ފަސޭހަ ނެރުން ތަރިކައަށް ވަނުން، ކީރިތި ޤުރްއާނުގެ ޢިލްމީ މުޢުޖިޒާތް، ނަބިއްޔާގެ ސުންނަތުގައި ފޮރުވިފައިވާ ޢިލްމީ މުޢުޖިޒާތްތައް، ޢުލޫމުލްޤުރްއާނަށް ހަލިރާސްތާއެއް، ފަސޭހަ ފިޤްހުގެ 1ވަނަބައި 2ވަނަ ބައި، އަޅައިބެލުމުގެ ތެރެއިން އުޞޫލުލް ފިޤްހުގެ 3 ބައި، އަޅައިބެލުމުގެ ފިޤްހުގެ ދެ ބަޔާއި ، ޒަމާނީ ފިޤްހީ މަސްއަލަތަކަށް ނަޒަރެއް، ނަވާޒިލު ފިޤްހުގެ ފުރަތަބައި، ވަޞިއްޔަތަށް ނަޒަރެއް، ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާއި ދިރުވުން، ދުޢާއުލް މުސްލިމް އަދިވެސް އެތައް އެތައް ފޮތެއް ހިމެނެއެވެ. އޭގެ އިތުރަށް 2015 ވަނައަހަރުން ފެށިގެން މިހާތަނަށް 100 އަށްވުރެ ގިނަ ޚުޠުބާ ލިޔުއްވާފައިވެއެވެ.

ލިޔެ ކޮޅުން ލާނެތޯއެވެ؟ ދިވެހިރާއްޖޭގެ އަޑާއި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން [ޤުރްއާން ކިޔަވަން ދަސްކުރަމާތޯ!] މިނަމުގައި 365 ޕްރޮގްރާމްގެ ސިލްސިލާއެއް އުފެއްދެވިއެވެ. ހަމައެހެންމެ [ފަސޭހަ ޢަރަބި]ގެ ނަމުގައި 365 ޕްރޮގްރާމުގެ މައްޗަށް އެކުލެވޭ ސިލްސިލާއެއް އުފެއްދެވިއެވެ. އެ ޕްރޮގްރާމުތައް ހުށަހަޅުއްވައިދެއްވާ މުދައްރިސެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި އެއްބޭފުޅަކީ ވެސް ނ.ޢ.ޢ.ވ. އިބްރާހީމް ރަޝީދު މޫސާއެވެ.

ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ނަމާދުކުރާނެގޮތް ދަސްކޮށްދެއްވުމަށް ސިލްސިލާ ޕްރޮގްރާމުތަކެއް ލިޔުއްވައިދެއްވިއެވެ. [ޤުރްއާނާއި ސައިންސް]ގެ ނަމުގައި 52 ޕްރޮގްރާމުގެ ސިލްސިލާއެއް ލިޔުއްވިއެވެ. މީގެއިތުރުން، ގިނަ އަހަރުތަކެއްގައި، ޢަރަފާތް ދުވަހުގެ ޙައްޖު ޚުޠުބާ، ވަގުތުން ތަރުޖަމާކޮށްދެއްވިއެވެ.

މަޢުހަދުގެ ދަރިވަރުން އަޒުހަރަށް

މަޢުހަދުފެށިގެން އައި އިރު، މުދައްރިސުން ހޯއްދެވުމުގައި ވެސް ރައީސް މައުމޫނުގެ ޢިނާޔަތްތެރިކަމާއެކު ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން މިޞްރުގެ މުދައްރިސުން ލިބިވަޑައިގަތެވެ. ލިބިޔާގެ މުދައްރިސުންނާއި އެހީތެރިކަން ލިބިވަޑައިގަތެވެ. ޢިރާޤު، ޕާކިސްތާނު، ޝްރީލަންކާގެ މުދައްރިސުން ތިއްބެވިއެވެ. ތަޢުލީމަށް ބަލާއިރު، ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް މި ދުވަސްވަރަކީ ވަރަށް ޖިހާދީ މަރުޙަލާއެކެވެ. ފަށާ ތަޢުލީމުން ފެށިގެން މެދު މަދުރަސީ ތަޢުލީމަށް، ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރުމުގެ ބުރަ ޖިހާދެވެ. އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ޢަރަބި އަދި އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ޤުރުބާނީއެވެ.

މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ނިޒާމީ ތަޢުލީމުގެ މުޤައްރަރުތައް އެކުލަވައިލުމެވެ. އަލްއަޒުހަރު މަޢުހަދުން ދެވޭ ތަޢުލީމު ޔުނިވަރސިޓީގެ ޝަހާދާ އިޢުދާދީއަށް އަދި ޝަހާދާ ޘާނަވިއްޔާއަށް މުޢާދަލާކުރުމެވެ. އިސްލާމީ ދުނިޔޭގެ ގިނަޤައުމުތަކުގެ ޔުނިވަރސިޓީތަކަށް މަޢުހަދުން ޝަހާދާ ޘާނަވިއްޔާ ނިންމާ ދަރިވަރުންނަށް، އިތުރު އިމްތިޙާނަކާ ނުލައިވަދެވޭނެގޮތް ހެދުމެވެ. އެ ކަމަށް ޓަކައި މަންހަޖުތައް ތަރައްޤީކޮށް ބައްޓަންކުރުމެވެ. މި ހުރިހައި ކަމެއްގެ އާޚިރު އެދެވޭ އުފާވެރި ނަތީޖާއަކީ ކޮބައިތޯއެވެ؟ މަޢުހަދުގެ ޝަހާދާ ސާނަވީ ސަނަދު ހިފައިގެން އަލްއަޒްހަރަށް ދިޔުމުން އިތުރު އިމްތިޙާނަކާ ނުލައި އަލްއަޒްހަރުން ފުރިހަމައަށް ބަލައިގަތުމެވެ. މަޢުހަދުން އަޒުހަރަށް ދާ ކޮންމެ ދަރިވަރެއްގެ ކަރަށް މަރުޙަބާގެ މާފައްޗެއް އަޒުހަރުން މަހައިލުމެވެ.

ފޮތް ދަތުރު

ނ.ޢ.އ.ވ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ޚިދުމަތުގެ މުތްތައް ވަރަށް ގިނައެވެ. މަޢުހަދުގެ ދަރިވަރުންނަށް ފޮތް ހޯއްދަވާން އުފުއްލެވި ބުރަ އެއީ ވެސް ތާރީޚަށް ޓަކައި އަގުހުރި ޞަފުޙާއެކެވެ. ފޮތް ދެއްވަނީ އަޒުހަރުން ހިލޭއެވެ. އެ ދުވަސްވަރުގެ ހާލަތު ހުރި ގޮތުންނާއި، އަޒުހަރުގެ ސަގާފަތު އޮންނަ ގޮތުން އެއީ ކޮންމެ އަހަރު ކުރަން ޖެހޭ ދަތުރެކެވެ. އެ ވަޑައިގެން އެކި ގުދަނުން އެކި ފޮތް ވަރަށް ހާލުން ހަމަކުރަން ޖެހޭ ފަހަރު ވެސް އަންނަކަމަށް އަޒުހަރުގައި އޭރު އެކަންކަމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ދަރިވަރުން މަޢުލޫމާތު ދިނެވެ. އެ ފޮތްތައް ހޯދައި، ފޮށިފޮށީގައި ބަންދުކޮށް އުފުލަން ޖެހޭ ދިމަދިމާޔަށް އުފުލައި މި ހުރިހައި ކަމެއްގައި ވަރަށް ގާތުން ހުންނަވައެވެ. މި ސާމާނު މާލެ އައުމާއި މަޢުހަދަށް ވަނުމާއި އޭގެ ފަހުން އޮންނަ ކާރުބާރޫ އަޅުގަނޑު ދުށީމެވެ. މަޢުހަދުގެ ފޮތް ގުދަން އެއް ދުވަސްވަރަކު ގަލޮޅު ދަނޑަށް ނިސްބަތްވާ ތަނެއްގައި ވެސް ހުއްޓެވެ. އަނެއް ދުވަސްވަރެއްގައި ހޭންވޭރު ގެޔެއްގައި ވެސް ހުއްޓެވެ. އިތުރަށް ތަފުޞީލުކުރާނެއްތޯއެވެ؟

މޭވާގެ ބާވަތްތައް

މަޢުހަދޭ ކިޔުނު ގަހަކީ އޭގެ ހިޔަލާއި އޭގެ މޭވާ ވަރަށް ތަފާތު ގަހެކެވެ. މަޢުހަދު އުފެދިގެން އައި އިރު، ކޮންމެ ވެސް ބޭފުޅަކު ވިދާޅުވިކަމަށް ވިއެވެ. ހުރިހައި ދިވެހި ދަރީންނަށް ވައްޖަހުތު ދަސްކޮށްދީފައި ސަނަދު ދިނީމާ ދެން ޤައުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ޝަކުވާއަކީ ހުރިހައި އެންމެން ދަންނަ ބޭކަލުންނަށް ވާ ކަމުގެ ޝަކުވާއެވެ. މަޢުހަދުން އުފައްދާނީ ޖަމާއަތްތެރީންނާ އެދުބޭން ނޯލައެވެ. ނަމަވެސް މަޢުހަދުގެ މޭސްތިރިޔާއަށް އޭނާގެ ތަޞައްވުރު ވަރަށް ސާފެވެ. ބައްލަވާށެވެ! މިއަދު ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަޢުހަދުން އުފެއްދި އެތައް މެޑިކަލް ޑޮކްޓަރުންނެއް އެބަ ތިއްބެވިއެވެ؟ ވައިގެ ދަތުރު ފަތުރާ ބެހޭ ދާއިރާގައި އެކަމުގެ ޢިލްމުވެރީން އެބަ ތިއްބެވިއެވެ. ފަނޑިޔާރުގެތަކާއި، ކޯޓުތައް ބައްލަވާށެވެ! އިޖުތިމާޢީ ޢިލްމުގެ ދާއިރާއާއި، ނަފުސާނީ ޢިލްމުގެ ދާއިރާ ބައްލަވާށެވެ! ނޫސްވެރިކަމުގެ ދާއިރާ ބައްލަވާށެވެ! ގެދޮރު އިމާރާތްކުރުން ނުވަތަ އަރކިޓެކްޗަރގެ ދާއިރާ ބައްލަވާށެވެ! ސިފައިންނާއި ފުލުހުންގެ ދާއިރާ، ކަސްޓަމްސް މިހެން ގޮސް އެތައް އެތައް ރޮނގެއްގައެވެ.

ދަރިވަރުންގެ ޝުޢޫރު

ވިލާ ކޮލެޖުގައި މާސްޓަރސް ލެވެލްގައި ކިޔެވި ދަރިވަރަކު އަޅުގަނޑާ ސުވާލުކުރިއެވެ. "އުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެއީ ސައެންޓިސްޓެއް ހެއްޔެވެ؟" އަޅުގަނޑު އަހާލީމެވެ. ކިހިނެއްވީހެއްޔެވެ؟ ބުންޏެވެ. މި ޒަމާނުގެ ސަރެގޮޓް މަދަރ ކަހަލަ މައުޟޫޢުތަކަށް ވެސް ހާދަ ފަރިތައެވެ. އެ ނޫނަސް ބައިލޮޖީ، ކެމިސްޓްރީ ފަދަ ދާއިރާތައް ވެސް، ތިމަން ފާހަގަކުރަމެވެ. ދެން އަނެއްކާ ތައްޔާރުވެވަޑައިގަތުމާއިި، އޮޅުން ފިލުވައިދެއްވުން ވެސް އެ ފަދައެވެ. އެމަނިކުފާނުގެ ކިލާސްތަކަކީ އެންމެ އޮއްޓަރު ހެޔޮ، އެންމެ ލޮނުހެޔޮވަރު އެންމެ ޝައުޤުވެރި ހިމޭން ކިލާސްތަކެވެ.

ސުމަކުން ސައްތައަށް

މަޢުހަދަކީ، 1981ގައި ފެށުނު އިރު، މަދަރުސާއެކެވެ. އޭގެ ފަހުން 2004ގައި ކޮލެޖަކަށް ބަދަލުވިއެވެ. އޭގެ ފަހުން 2015ގައި ޔުނިވަރސިޓީއަކަށް ބަދަލުވިއެވެ. މި ހުރިހައި މަރުޙަލާއެއްގެ ޖައުހަރަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. އެ ނޫން ބައެއް ބޭފުޅުންގެ ވަރަށް މުހިންމު ޚިދުމަތް ޚިދުމަތް ނެތެކޭ ނޫނެވެ. އެމަނިކުފާނު އެ ދުވަހަށް މީހުން ބިނާކުރެއްވިއެވެ. ގޮންޖެހުންތައް ދިފާޢުކުރެއްވިއެވެ. އޮނިގަނޑުތައް ފަރުމާކުރައްވައި، ތަނބުތައް، ނިކަން އުހަށް އުހުއްލެވިއެވެ.

ބޭރު ދުނިޔޭގެ އަޑަކީ އެމަނިކުފާނު

"ބޭރުގެ ޚަބަރުތައް ދިރާސާކުރާ" މި އިބާރާތް އިވޭ އިރަށް ދިވެހީންގެ ހިތުގައި ކުރެހެނީ ނ.ޢ.ޢ.ވ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. ޚާއްޞަކޮށް ޢިރާޤު އެމެރިކާ ހަނގުރާމައިގެ ދުވަސްވަރުއެވެ. އެ ދުވަސްވަރު އެމަނިކުފާނު ޚަބަރުތައް ތަރުޖަމާކުރެއްވިއެވެ. އަރަބި އިސްލާމީ ދުނިޔެއާއި މެދުއިރުމަތީގެ ޚަބަރުތައް ދިވެހިރާއްޖޭގެ އަޑާއި ޓީވީއަށް ލިޔުމުން ފޯރުވައިދެއްވަނީ އެމަނިކުފާނެވެ. އެއީ އެމަނިކުފާނުގެ ތަރުޖަމާއެވެ. އެކަމުގައި ހުންނަ ކުޅަދާނަފުޅުކަން ދުށީމެވެ. އަލްޖަޒީރާއިން ޚަބަރު ކިޔަމުން ދާ ވަރަށް ދިވެހިބަހުން ތަރުޖަމާ ލިޔުއްވަމުން ގެންދެވިތަން ދުށީމެވެ.

ދިވެހި ބަސްކޮށާރާއި އެމަނިކުފާނު

މިއަދު އަޅުގަނޑުމެންނަށް އިވޭ ދިވެހި އެތައް ބަހެއްގެ އީޖާދުވެރިޔަކީ އެމަނިކުފާނެވެ. [އިޙްތިރާމުގެ ޒިޔާރަތް] މިއީ ކިހައި ރީތި ލަފުޒެއްތޯއެވެ؟ "ވިޔުގަ" ކިހައި ހިތްގައިމުތޯއެވެ؟ ގަލްފު ހަނގުރާމައިގެ ދުވަސްވަރު "އުމަހި" (އުދުހުން މަނާ ހިސާބު) މިއީ ވެސް އުފެއްދެވި ރީތި ލަފުޒެކެވެ. މިހާރު ވެސް އެމަނިކުފާނަކީ ދިވެހިބަހުގެ ބަސްކޮމެޓީގެ ވަރަށް ހީވާގި ވަރަށް މުރާލީ މެންބަރެކެވެ.

ޚިދުމަތުގެ މަޤާމުތައް

މި ޚިދުމަތްތެރި އުސްތާޛު އެމަނިކުފާނުގެ ޢިލްމީ ފިކުރީ ޚިދުމަތް ޤައުމަށް ދެއްވައިފައިވަނީ އެތައް ރޮނގަކުންނެވެ. އެހާމެ ބުރަކޮންނެވެ. އެ ގޮތުން އަދާކުރެއްވި މަޤާމުތައް ގިނަގުނައެވެ. ހިޔުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމެވެ. މަތީ ތަޢުލީމާ ބެހޭ މަޖްލިސްގެ މެންބަރުކަމެވެ. ޗީފް އެގްޒަމިނަރ ފޮރ އެސްއެސްސީ (އަރަބި ބަސް) އެވެ. ޗީފް އެގްޒަމިނަރ ފޮރ އެސްއެސްސީ (އިސްލާމިކް ސްޓަޑީޒް)އެވެ. ޗީފް އެގްޒަމިނަރ ފޮރ އެޗްއެސްސީ (އިސްލާމިކް ސްޓަޑީޒް)އެވެ.

ކާމިޔާބީތައް

މިހާރު ތިބާ ކުރައްވާނެ ސުވާލަކީ މި ފަދަ އަގުހުރި ޚިދުމަތްތައް ޤައުމީ ފެންވަރެއްގައި ދައުލަތުން އަގުކުރައްވައިފައިވޭތޯއެވެ؟ އަގުވަޒަންކުރައްވައި ހިތްވަރުދެއްވައިފައިވޭތޯއެވެ؟ ޖަވާބު މި އޮތީއެވެ. ނޫސްވެރިކަމުގެ ރޮނގުން 1983ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމެވެ. ދިވެހިބަހަށް ތަރުޖަމާކުރުމުގެ ރޮނގުން 1985ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 2004ވަނަ އަހަރު އާންމު ޚިދުމަތށް ހިތްވަރު ދިނުމުގެ އިނާމެވެ. އަދި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން 2015ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމެވެ. އަދި ކޮބައިތޯއެވެ؟ ނަވާރަ ސަތޭކަ ނުވަދިހަ ތިންވަނަ އަހަރު ލިޔުންތެރިކަމުގެ ރަން ގަލަމެވެ. ދެހާސް ނަވާރަ ވަނަ އަހަރު ލިޔުންތެރިކަމުގެ އަލިމަސް ގަލަމެވެ.

ނިންމުން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ މުދައްރިސުންގެ މުދައްރިސެވެ. އުސްތާޛުންގެ އުސްތާޛެވެ. ލިޔުންތެރިކަމުގައި އާ ވިސްނުންތަކާއި އާ އުސްލޫބުތައް އީޖާދުކުރައްވައެވެ. އެއްވެސް ކަމެއް ވަގުތުން ކައްސައިލިޔަ ނުދެއްވައެވެ. ކޮންމެ ދުވަހަކު ލިޔުއްވައެވެ. ކޮންމެ ދުވަހަކު ފޮތްތައް ވިދާޅުވެއެވެ. ކޮންމެ ދުވަހަކު މިސްކިތުން ދިމާވެއެވެ. ޤައުމަށް ޚިދުމަތްކުރެއްވުމުގައި ސަރުކާރުން މުސާރަދެއްވި އިރެކޭ، މިއަދެކޭ ކުޑަވެސް ތަފާތެއްނެތެވެ. އެއް ގޮތެއްގައި ސާބިތުކަންމަތީ ޤައުމީ ޚިދުމަތުގައި ދެމިހުންނަވާތާ 43 އަހަރަށް ވުރެ، ގިނަ ދުވަސްވީ އެވެ. ކޮންމެ ދުވަހެއްގެ އިރު އުދަވަނީ، އެމަނިކުފާނުގެ ލިޔުމަކަށް އަލިކަންދީ، އޭގެ މަޢުރިފާ، އާ ޖީލުގެ ހިތްތަކަށް ފޯރުވައި ދޭހިތުން، އެކަމުގެ އިންތިހާ އުފަލުގައެވެ.

ހިތްތަކާއި ރޫޙުތަކުގައި ވަނީ ހެޔޮ ދުޢާއެވެ! އޯގާވަންތަ މާތް ﷲ، އިޖާބަކުރައްވާށިއެވެ! ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް ދުޅަހެޔޮކަމާއި ބާއްޖަވެރިކަން ދެއްވާށިއެވެ. އުފާވެރިކަމާއި ފާގަތިކަމުގައި ލައްވާށިއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *