ހިނގާން ޖެހެއެވެ. ބަލާން ޖެހެއެވެ. ވަށައިގެންވާ ޤުދުރަތުގެ ކާރުޚާނާގެ އެތަން މިތަނަށެވެ. އެއީ އިންސާނާ ހެއްދެވި ފަރާތުން އޭނާއަށް އަންގަވައިފައިވާ ގޮތެވެ. ކޮންމެޔަކަސް، އުޑުތަކާއި ބިމާއި ކަނޑުއަޑީގެ ސިއްރުތަކާ މެދު ވިސްނައި، އެތަންތަން ބަލައި ހޯދަމުންދާ ބަޔަކަށް އަބަދުވެސް ފެންނަނީ އާ ކަންތައްތަކެވެ. އާ އަޖާބުތަކެވެ. މި ގޮތުން ދާދިފަހުން ވަރަށް ބޮޑަށް މަޝްހޫރުވެގެން އުޅެނީ ފިނިކަމާއި ގަނޑުކަމަށް ދުނިޔޭގައި މަޝްހޫރުވެފައިވާ، ކަނޑުގެ ސަހައްދަކުން ފެނުނު ފެނުމެކެވެ. އިންތިހާ ފުނުންނެވެ. އަޑީންނެވެ. އާދެ! ސައިންސްވެރީން ދުށީ އެންޓާޓިކާގެ ވަކި ހިސާބަކުން ކަނޑު އަޑީގައި، 60 މިލިޔަން ބިސްހާލި ހަދައިފައިވަނިކޮށެވެ. މި ކަމުގެ ކުޅަދާނަ އިންޖިނޭރުންނަކީ، މާވަޑީންނަކީ އެ ތާނގައި ދިރިއުޅޭ ބްލެކްފިން އައިސްފިޝް ނަމަކަށް ކިޔާ މަސްމަހާމެހީގެ ބާވަތެކެވެ.
މި ލިޔުމުގައި ބަލައިލާނީ މި އަޖާބުކުރުވަނިވި ހޯދުމުގެ މައްޗަށެވެ. ވަރަށް ލުއިލުއި ސާދާ ގޮތަކަށެވެ.
އަޅުގަނޑަށް މި ހޯދުމާ ބެހޭ ލިޔުމެއް ފެނުނީ މިއަދު ބައެއް ނޫސްތައް ބަލައިލަމުން ދަނިކޮށެވެ. ދަ ޓައިމްސް އޮފް އިންޑިޔާއިންނެވެ. ޕިރާޑު ވިދާޅުވާހެން ދިވެހީންނަކީ ކަނޑުގެ ދަރީންކަމަށް ވާތީ، މި ކަހަލަ އަޑެއް އިވުނީމާ، އިތުރަށް ބަލައިލާހިތްވާނެ އެހެން ނޫންތޯއެވެ؟ ހަމަ އެހެންމެ އަޅުގަނޑުމެންގެ އިސްލާމީ ސަގާފަތް ވެސް ބާރު އަޅަނީ ބަލައިހޯދާން އެހެން ނޫންތޯއެވެ؟
ކޮންމެޔަކަސް، އިތުރަށް ބަލައިލި އިރު، ބޭރުގެ އެތައް ނޫސްތަކެއްގައި މި ވާހަކައެބަ އޮތެވެ. އެންޓާޓިކާގެ ވަކި ހިސާބެއްގެ ގަނޑުފެން ފަށަލައިގެ އަޑީގައި، މި ފަދަ ސަރަހައްދެއް އޮތްކަން އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ 2021ވަނަ އަހަރުއެވެ. އަލްފްރެޑް ވެގަނާ އިންސްޓިޓިއުޓުގެ ދިރާސާއަކުންނެވެ. ޓީމުގައި އިސްކޮށް ހުންނެވީ، އޯޓުން ޕަރސަރއޭ ކިޔޭ ބޭކަލެކެވެ. އޭނާ އިސްކޮށް ހުންނަވައި އެކުލަވައިލެވުނު ރިޕޯޓު ކަރަންޓް ބައޮލޮޖީ ޖަރނަލްގައި ޝާއިޢުކުރައްވާފައި އެބަ އޮތެވެ.
ކޮންމެޔަކަސް މިހާރު ކަށަވަރުކުރެވިގެން މި އުޅޭ މަޢުލޫމާތަކީ ފަހުން އެ ސަރަހައްދުގެ އަޑިޔަށް ވަކި ޚާއްޞަ އާލާތެއް ފޮނުވައިގެން އެއްކުރެވުނު މަޢުލޫމާތު ކަމަށްވެއެވެ. އެއީ ގަނޑުފެނުގެ ފަށަލައިގެ ދަށުގައިވާ ކޮލޮނީ މޮނިޓަރކުރުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. އަމިއްލައަށް ދަތުރުކުރާ ކަނޑުއަޑީގެ އުޅަދެކެވެ. ނަމަކީ "ލޭސީ"އެވެ. ހުއްޓުމެއްނެތި 48 ގަޑިއިރު ވަންދެން ކުރި މަސައްކަތުން މި ކޮލޮނީގެ ބޮޑުމިން ދެނެގަތެވެ. ބިސްހާލިތަކުގެ ޑެންސިޓީ ވަރަށް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ކަށަވަރުކޮށްދިނެވެ. މީގެ ސަބަބުން މި އާދަޔާޚިލާފު އީކޯސިސްޓަމް މޮނިޓަރކުރުމަށްޓަކައި ދިރާސާކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ދިގު މުއްދަތުގެ އަސާސީ މަޢުލޫމާތުތަކެއް ލިބުނެވެ. މި ފަހަރު އިތުރު ދެ ޔުނިވަރސިޓީއަކާއި، އެހެނިހެން ބައެއް މުއައްސަސާތައް ދިރާސާގައި ބައިވެރިވިއެވެ.

މަހުގެ ޝަހަރު
ވަކި ބާވަތެއްގެ މަސްމަހާމެހީގެ މި ޝަހަރަކީ، 240 އަކަކިލޯ މީޓަރުގެ ބިޔަ ސަރަހައްދެކެވެ. ލިޔުންތަކުގައި މިސާލު ޖަހާފައިވާ ގޮތުގައި އެއީ އެމެރިކާގެ ފްލޮރިޑާގެ އޯލެންޑޯ ވަރުގެ ސައިޒެވެ. އޯލެންޑޯއަކީ މިހާރު ވެސް ތިން ލައްކައަށް ވުރެ ބޮޑު އާބާދީއެއް ދުރަށް ފެތުރިފައި އޮތް ސިޓީއެކެވެ.
ލިބެން ހުރި މަޢުލޫމާތުން އެނގޭ ގޮތުގައި "ބްލެކްފިން އައިސްފިޝް" އަކީ އެންޓާޓިކާގެ އެންމެ އާދަޔާ ޚިލާފު އެއް މަހެވެ. އެ މަޝްހޫރުވެފައިވާ ޚާއްޞަ އެއް ސިފަޔަކީ، މައިބަދަހުރި އެހެން ހުރިހާ ދިރޭތަކެތީގެ ލޭގައި އޮކްސިޖަން ދައުރުކޮށްދޭ ހީމޯގްލޯބީން އެސޮރުމެންގެ ލޭގައި ނުހުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެސޮރުމެންގެ ލޭ ގާތްގަނޑަކަށް ޝައްފާފުކޮށް (ޓްރާންސްޕޭރެންޓް)ކޮށް ފެނެއެވެ. މީގެ އިތުރަށް އެ ފިނި މާހައުލުގައި އެސޮރުމެންގެ ހަށިގަނޑުގެ އެތެރޭގައި ގަނޑުފެން އުފެދުން ހުއްޓުވައިދޭ ހާއްސަ "އެންޓިފްރީޒް ގްލައިކޯޕްރޮޓީންސް" އުފައްދައެވެ. މީގެ ސަބަބުން، އާދައިގެ މީރުފެން ގަނޑުވާވަރަށްވުރެ ފިނިކަން ގަދަ ކަނޑުފެނުގައި ވެސް އެސޮރުމެންނަށް ރީތިކޮށް ދިރިއުޅެވެއެވެ. ތަކްލީފުތަކަށް ހޭނުމުގެ މި އާދަޔާޚިލާފު ގާބިލުކަމުގެ ސަބަބުން، ދުނިޔޭގެ އެންމެ ފިނި އަދި އެންމެ ގޮންޖެހުން ބޮޑު ކަނޑުގެ މާހައުލުގައި މި ބާވަތަށް ދިރިއުޅެވޭކަމަށް ލިޔެކިޔުންތައް ބުނެއެވެ.
މަސްތަކުގެ ހިތްގައިމު ދިރިއުޅުން
ބްލެކްފިން މަހަކީ ވަރަށް ހިތްވަރު ގަދަ މަހެކެވެ. ގޮންޖެހުންތަކާ ކުރިމަތިލާ މަހެކެވެ. "ދެމަފިރިން" އެކަކު އަނެކަކަށް އެހީތެރި އެވެ. އޭގެ އެންމެ ބޮޑު ދުޝްމަނަކީ މޫދުބުޅަލެވެ. ނުވަތަ ސީލެވެ.
ހޯދުންތައް ބުނާ ގޮތުން 60 މިލިޔަން މަސް އެއް ފަހަރާ ހާލި ހަދާލި އިރުވެސް، ކޮންމެ ދެހާއްޔެއްގެ ދެމެދުގައި ވަނީ ފަންނީ އެތުރުމެވެ. ކޮންމެ އަކަމީޓަރަކަށް 0.26ގެ ނިސްބަތުންނެވެ. ހިސާބު ޢިލްމު ކިޔަވައިދެއްވީ ކޮން ބޭކަލެއްބާވައޭ ވެސް ހިތަށް އަރާހާވެއެވެ. ހާއްޔެއްގެ ފުޅާ މިނަކީ ގާތްގަނޑަކަށް 75 ސެންޓިމީޓަރެވެ. ފުން މިނަކީ 15 ސެންޓިމީޓަރެވެ. ހާލީ ފުންކޮށްލުމަށް ފޮތިވެލިތައް ބޭރުކޮށްލުމަށް ފަހު، ޖަޕާނު ސަރުކާރުގެ އެހީއާ ނުލައި، ވަށައިގެން އޮއްގަލުގެ ތޮށްޓެއްލައެވެ. އެއީ ބިސްތައް ބޭރަށް އޮޔާ ދިޔަ ނުދިނުމަށް ޓަކައެވެ. މި މައްސައްކަތްކުރަނީ ދެ މަފިރީން ގުޅިގެންނެވެ.
ދިރާސާވެރީން ފާހަގަކުރައްވައިފައިވާ އަނެއް ކަމަކީ މި ސަރަހައްދުގެ ފިނިހޫނުމިނެވެ. މި ސަރަހައްދުގެ ކަނޑުއަޑީގެ ފިނިހޫނުމިން ވަށައިގެންވާ ފެނަށްވުރެ ކުޑަކޮށް ހޫނު (ގާތްގަނޑަކަށް -1.0°C އާއި 0°C އާއި ދެމެދު) ކަން ފާހަގަކުރެވުނެވެ. މި މަސްތަކުގެ ދިރިއުޅުމާ މި ކަމާ ހުރި ގުޅުންތަކެއް ފާހަގަކުރައްވައެވެ.
މި މަސް ބިސްއަޅާ ކޮންމެ ވަރިއެއްގައި، ކޮންމެ ވަރިއެއްގައި 1500އާއި 1700އާ ދެމެދުގެ އަދަދަކަށް ބިސް އަޅާކަމަށްވެއެވެ. ބިސް އަޅައި ނިމިގެން ދެން އޮންނަނީ ދަރީންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަށާ ޖިހާދެވެ. އެ ކަމަށް ޓަކައި، ފިރިހެން މަސް ހާލީގައި ފާރަވެރިވެ އިނދެއެވެ. ހާލީގައި ފޯރީމަރައި އެހެނިހެން މަސްމަހާމެހީގެ ކިބައިން ބިސްތައް ސަލާމަތްކުރެއެވެ. ހަމަ އެހެންމެ މި އިންނަ އިނުމުގައި ބިސްތަކަށް އޮކްސިޖަން ފޯރުކޮށްދީ އޭގެ ދިރުމަށް ޓަކައި ބަފައިމަހުގެ ކަރުތާފަތްގަނޑު ހުޅުވައި ގެންނަ ހަރަކާތަކުން ދެ ކަރުތާފަތްގަނޑުން ބިސްތަކަށް ނުހަނު ލޯތްބާއެކު ސާމަރާކޮށްދެއެވެ. ވިހެދެމުންގެންދެއެވެ.

މަރުވުން
ހޯދުންތައް ބުނާ ގޮތުން މި ބާވަތު މަހުގެ މައިގަނޑު އުމުރަކީ 10 އަހަރާއި 12 އަހަރާ ދެމެދެވެ. ތިން އަހަރާއި ފަސް އަހަރާ ދެމެދު "ފުރާވަރުގެ މުރާލިކަން" އަންނާން ފަށައެވެ. ބިސްއަޅައި ބިސްހާލި ބަލަހައްޓަނީ ފިސާރި ސަމާލުކަމާއެކީގައެވެ. އެ ގޮތުގައި ދަރީންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ނުކައިނުބޮއި ދަމަށް ތިބެތިބެ ހަލާކުވެދެއެވެ. ބިސްތައް ފީވާން ވާ އިރު، ހައިހޫނުކަމުގައި މައިންބަފައިން ހަނާވެދެއެވެ. އަދި ބައެއް ފަހަރަށް މި ފަދަ ވަރުބަލިކަމުގައި ތިއްބައި، އެ ސަރަހައްދުގެ ސީލުތައް އެ ދުވަސްވަރު އެ ތަނަށް ފީނައި، އޭގެ ކާނާއަކަށް މި މަސްތައް ވެދެއެވެ. އޭގެ ފަހުން ދަރީންގެ އާ ޖީލެއް ދުނިޔެއަށް ނޭވާލައެވެ.
