Support Us

މިހާރުގެ ޗެމްޕިއަނުންނަށް ދޭ ވޯލްޑް ކަޕް ޓްރޮފީ އާއި އެ ތަށި ފަރުމާކުރި ސިލްވީއޯ ގާޑްޒަނީގާ (ފޮޓޯ: އޭ.ޕީ)

މިއީ ވޯލްޑް ކަޕް ތަށި ފަރުމާކުރި މީހާގެ ވާހަކަ

ފުޓުބޯޅައިގެ ވޯލްޑް ކަޕް ޓްރޮފީ ނުވަތަ ތަށި ފަރުމާކުރީ އިޓަލީގެ ސްކަލްޕްޓާއެކެވެ. ސްކަލްޕްޓް ކުރުމަކީ މަށި، ހިލަ، ލަކުޑި އަދި މައުދަނުން ތަކެތީގެ ބައްޓަންކޮށް، މޮޑެލް ނުވަތަ ޑިޒައިންކުރުމެވެ.

އޭނާ ބޭނުންވީ ކުޅިވަރުގެ ތިން ޖަޒުބާތެއް އެކީއެކައްޗަށް މައްޗަށް އަރާ ގޮތަށް ނުވަތަ ސްޕައިރަލްވާ ގޮތަށް ދެއްކުމެވެ. އެއީ ކުޅުންތެރިޔާގެ މަސައްކަތާއި ފޭނުންގެ އުފާ ފާޅުކުރުމާއި އަދި ކާމިޔާބު ލިބުނު ހިނދުކޮޅެވެ.

ރޭގައި ސްޕެއިންގެ ގައުމީ ފިރިހެން ޓީމަށް ވަނީ މި ހުރިހާ ޖަޒުބާތުތަކެއް އިހުސާސް ކުރެވިފައެވެ. އެއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ލިބި، ތަށި އުފުލައިލުމުންނެވެ.

އެކްޝަނުން ފުރިފައިވާ 2026 ގެ ވޯލްޑް ކަޕް ނިމުމުން، މި ބަލައިލަނީ ފުޓުބޯޅައިގެ ދުނިޔޭގައި އެންމެން އެންމެ ބޭނުންވާ އެއްޗަށެވެ. އެއީ ވޯލްޑް ކަޕް ޓްރޮފީއެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި ސިލްވީއޯ ޑިޒައިންކުރި ބައެއް މަޝްހޫރު ޓްރޮފީތަކާއެކު އޭނާ ބާޓޮނީ ފެކްޓަރީގައި (ފޮޓޯ: އޭ.ޕީ)

ވޯލްޑް ކަޕް ޓްރޮފީ ފަރުމާކުރީ މިލާންގައި

ވޯލްޑް ކަޕްގެ ފުރަތަމަ ތަށި 1970 ގައި ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ދާއިމީކޮށް ބްރެޒިލުން އެ ޓްރޮފީ މިލްކުކުރުމުން، އާ ޑިޒައިނެއްގެ ޓްރޮފީއެއް ފަރުމާކުރަން މުބާރާތެއް ފީފާއިން ހުޅުވައިލިއެވެ. އެ މުބާރާތް ކާމިޔާބުކުރީ އުމުރުން 50 އަހަރުގެ އިޓަލީގެ މިލާން ސިޓީގެ ސްކަލްޕްޓާއެކެވެ. އެއީ ސިލްވީއޯ ގާޑްޒަނީގާއެވެ.

މިހާރުގެ ވޯލްޑް ކަޕް ޓްރޮފީ އޭނާ ޑިޒައިންކުރީ މިލާންގެ ބްރޭރާ ނޭބަހުޑްގައެވެ. އެތައް ޖީލެއްގެ ވޯލްޑް ކަޕް ފޭނުން ދަންނަ މި ޑިޒައިންގައި ވަނީ، ދުނިޔެ ރަމްޒުކޮށްދޭ ވަށް އެއްޗަކާ ދިމާއަށް ދެ މީހުން އެނބުރެމުން އަރާ ތަނެވެ.

ސިލްވީއޯގެ ދަރިފުޅު ޖޯޖޯ އެއިރު އެއީ ފުރާވަރު އުމުރުގެ ކުއްޖެކެވެ. އޭނާ ބުނީ ބައްޕަ ވޯލްޑް ކަޕް ޓްރޮފީ ޑިޒައިން ކުރިއިރު ވަރަށް ގިނަ ސްކެޗްތަކެއް ނުވަތަ ކުރެހުންތަކެއް ކުރެހި ކަމަށެވެ. އަދި އެންމެ ފަހުން ބައްޕައަށް އައި ހިޔާލަކީ ދުނިޔެ ވަށައިގެން ދެ ޑީ.އެން.އޭ ވަށްބޮޅެއްހެން އަރާ މަންޒަރު ކަމަށެވެ.

ސިލްވީއޯ ތަމްރީންވެފައިވަނީ މިލާންގެ ބްރޭރާ އެކަޑަމީ އޮފް ފައިން އާޓްސްއިންނެވެ. އޭގެ ފަހުން އޭނާ ގުޅުނީ ޓްރޮފީ ތައްޔާރުކުރާ ޖީ.ޑީ.އީ ބާޓޮނީއާއެވެ.

އޭނާ ފަހުން ވަނީ ފުޓުބޯޅައިގައި އެންމެ ބޮޑަށް އެނގިގެންދިޔަ ބައެއް ޓްރޮފީ ފަރުމާކޮށްފައެވެ. އޭގެ ތެރޭގައި ޔޫއެފާ ކަޕް، ޔޫއެފާ ސުޕަ ކަޕް އަދި އިންޓަކޮންޓިނެންޓަލް ކަޕް ހިމެނެއެވެ.

އޮރިޖިނަލް ޓްރޮފީގެ ނަކަލެއް ހިފައިގެން ސިލްވީއޯގެ ދަރިފުޅު ޖޯޖޯ (ފޮޓޯ: އޭ.ޕީ)

ސިލްވީއޯގެ ކުރިން ޝޫލް ރީމޭ

ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް 1930 ގައި ބޭއްވިއިރު އެ މުބާރާތަށް ތައްޔާރުކުރި ވޯލްޑް ކަޕްގެ ފުރަތަމަ ޓްރޮފީގައި ދައްކައިދިނީ ގްރީސް މީހުން އަޅުކަންކުރި އަންހެން "ކަލަކު" ކަމަށްވާ ނައިކީއެވެ. ނައިކީއަކީ ގްރީސް މީހުންނަށް ކާމިޔާބު ރަމްޒުކޮށްދޭ، އެ މީހުން އަޅުކަންކުރާ "ކަލެކެ"ވެ. އެ ޓްރޮފީއަށް ދިން ނަމަކީ ޝޫލް ރީމޭ ޓްރޮފީއެވެ. އެއީ ވޯލްޑް ކަޕް މުބާރާތް އުފެއްދި ފީފާގެ ރައީސް ޝޫލް ރީމޭގެ ނަމަށް ނިސްބަތްކޮށެވެ.

ޝޫލް ރީމޭ ޓްރޮފީ ޑިޒައިންކުރީ ފްރާންސްގެ ސްކަލްޕްޓާއެއް ކަމަށްވާ އަބެލް ލަފްލާއެވެ. އެ ޓްރޮފީ ހަދައިފައިވަނީ ރަނުން ޕްލޭޓްކޮށްފައިވާ ސްޓާލިން ރިހިންނެވެ. ޓްރޮފީގެ ބުޑު ތައްޔާރުކޮށްފައިވަނީ ލަޕިސް ލަޒިއަލައި މައުދަނުންނެވެ.

ފީފާގެ އެންމެ ކުރީގެ ގަވައިދުތަކުގައިވާ ގޮތުން ވޯލްޑް ކަޕް ތިން ފަހަރު ހޯދާ ގައުމަކަށް ޓްރޮފީ ދާއިމީކޮށް މިލްކުކުރެވެއެވެ. ބްރެޒިލަށް 1970 ގައި ދިމާވީ އެ ގޮތެވެ. ސިލްވީއޯ ލައްވާ އާ ޓްރޮފީއެއް ހަދަން ފީފާއިން ނިންމީ އެހެންވެއެވެ.

ޝޫލް ރީމޭ ޓްރޮފީ ދެ ފަހަރަކު ވަގަށް ނެގިއެވެ. ފުރަތަމަ ފަހަރަށް ވަގަށް ނެގީ 1966 ގައި އާއްމުންނަށް ދައްކައިލަން އިންގްލެންޑްގައި ބަހައްޓައިފައިވަނިކޮށެވެ. ފީފާއިން ބުނީ އެ ޓްރޮފީ ފެނުނީ ގަސްތަކަކުން ހަދައިފައިވާ ފުޅަތްޕެއްގެ ދަށުން ކަމަށެވެ. އެއީ އިންގްލެންޑްގެ ވެރިރަށް ލަންޑަންގެ ދެކުނު ސަރަހައްދުންނެވެ. ފެނުނީ "ޕިކްލްސް" ނަމަކަށް ކިޔާ ކުއްތާއަކަށެވެ.

އެ ޓްރޮފީ ދެވަނަ ފަހަރަށް ގެއްލުނީ 1983 ގައި ބްރެޒިލް ފުޓްބޯލް ކޮންފެޑެރޭޝަންގެ ހެޑްކުއާޓަރުންނެވެ. އޭގެ ފަހުން އަދިއަދަށްދާންދެން ވެސް އެ ޓްރޮފީ ނުފެނެއެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ވަގަށް ނެގި ބަޔަކު އެ ވިރުވައިލީ ކަމަށެވެ.

ސިލްވީއޯ ޕްލާސްޓަރުން ހެދި އޮރިޖިނަލް ވޯލްޑް ކަޕް ޓްރޮފީގެ ސްކަލްޕްޗާ ޕިއޮލްޓެލޯގައި ހުންނަ އޭނާގެ ގުދަނުގައި ދައްކަން ބަހައްޓައިފައި (ފޮޓޯ: އޭ.ޕީ)

ކާމިޔާބީއަށްކުރި މަސައްކަތް ރަމްޒުކޮށްދިނުން

ސިލްވީއޯގެ ޑިޒައިން ކާމިޔާބުކުރީ 25 ގައުމެއްގެ އާޓިސްޓުން ހުށަހެޅި 50 ފަރުމާއާ ވާދަކޮށްގެންނެވެ.

ހަމައެކަނި ކުރެހުންތަކެއް ހުށަހެޅުމުގެ ބަދަލުގައި އޭނާ ވަނީ ޕްލާސްޓަރުން ހެދި ޕްރޮޓޮޓައިޕެއް ނުވަތަ މޮޑެލެއް ވެސް ހުށަހަޅައިފައެވެ. މިހެންވުމުން މުބާރާތުގެ ފަނޑިޔާރުންނަށް ވޯލްޑް ކަޕް ޓްރޮފީ ހަދައި ނިމުމުން ހުންނާނެ ގޮތް އަންދާޒާ ކުރެވުނު ކަމަށް ޖޯޖޯ ބުންޏެވެ.

"އޭގައި އެ ވަނީ ދުނިޔެ. އެހެން ހުރިހާ އެއްޗެއްގެ މަތީގައި. އޭގައި ކުޅުންތެރިޔާގެ މަސައްކަތް އެހެރީ. މައުދަނުގައި ފެނޭ ކުޅުންތެރިޔާގެ ހަރަކާތް. އަދި ކުޅުންތެރިޔާގެ ހަށިގަނޑު ވަރަށް ގޮއްލަރު އަދި ވަރުގަދަ. ސަބަބަކީ އޭނާ ވަނީ ވޭންތަކެއް ތަހައްމަލުކޮށްފައި. މަސައްކަތްކުރަން ޖެހުނު. އަދި ކާމިޔާބު ހޯދަން ހިތްވަރުކުރަން ޖެހުނު،" ޖޯޖޯ ބުންޏެވެ.

"ކާމިޔާބު ރަމްޒުކޮށްދެނީ ކުޅުންތެރިޔާގެ އަތުން. އެ އަތް ފެންނަކީ ކާމިޔާބީގެ ފިޔަގަނޑެއް ގޮތަށް. އޭގެން ދައްކައިދެނީ ހަމައެކަނި ކުޅުންތެރިޔާ އުނދަގުލުން ހޯދި ކާމިޔާބެއް ނޫން. ނަމަވެސް ފޭނުންގެ ބޮޑު އުފާވެރިކަން ވެސްމެ،" އޭނާ ބުންޏެވެ.

ސިލްވީއޯގެ އާއިލާއިން އޭނާގެ އޮފީސް ހުރިނެތް ގޮތް އެނގޭ ގޮތަށް މިހާރު ވަނީ މިލާންގެ މުނިސިޕަލިޓީއެއް ކަމަށްވާ ޕިއޮލްޓެލޯގައި "ރައްކާތެރިކޮށްފަ"އެވެ. އޭގެ ތެރޭގައި އޭނާގެ ކުރެހުންތަކާއި ފީފާއަށް އޭނާ ހުށަހެޅި އޮރިޖިނަލް މޮޑެލް ޓްރޮފީ އާއި އުށް ނުވަތަ ވެކްސުން ހެދި ކާސްޓް ވެސް ހިމެނެއެވެ.

ވީއާ އަލެސަންޑްރޯ ވޮލްޓާ 7 ގައި ހުރި، މިހާރުގެ މަޝްހޫރު ވޯލްޑް ކަޕް ޓްރޮފީ ސިލްވީއޯ ޑިޒައިންކުރި ސްޓޫޑިއޯގެ ބޭރުގައި މިލާންގެ އޮފިޝަލުން މި އަހަރު ކުރީކޮޅު ވަނީ ހަދާނީ ޕްލާކެއް ބަހައްޓައިފައެވެ.

ސިލްވީއޯ ޕްލާސްޓަރުން ހެދި އޮރިޖިނަލް ވޯލްޑްކަޕް ޓްރޮފީގެ މޮޑެލް (ފޮޓޯ: އޭ.ޕީ)

ޗެމްޕިއަނުންނަށް ޓްރޮފީ މިހާރު މިލްކު ނުކުރެވޭ ސަބަބު

މިހާރުގެ ވޯލްޑް ކަޕް ޓްރޮފީގެ އުސްމިނަކީ 36 ސެންޓިމީޓަރު ނުވަތަ 14 އިންޗިއެވެ. އޭގައި 18 ކަރަޓްގެ ރަން ވެއެވެ. ޓްރޮފީގެ ބުޑު ހަދައިފައިވަނީ ފެހި ކުލައިގެ މެލަކައިޓް މައުދަނުގެ ދެ ފަށަލައިންނެވެ. އެއީ ފުޓުބޯޅަ ދަނޑު ރަމްޒު ކޮށްދިނުމަށެވެ.

މިހާރުގެ ޗެމްޕިއަނުންގެ ނަސީބު ދެރަކަމުން ޓޫނަމަންޓް ނިމުމުން އެ ޓްރޮފީ އަނބުރާ ފީފާއިން ގެންދެއެވެ. އެއީ ތާރީހީ އެއްޗަކަށްވުމުގެ އިތުރުން ރަން އެކުލެވޭތީ އަގުބޮޑު އެއްޗަކަށްވާތީ އާއި ހަލާކުވެދާނެތީ އަދި ވަގަށްނަގައިފައިނެތީއެވެ.

ޓޫނަމަންޓްތަކުގެ ދޭތެރޭގައި އެ ޓްރޮފީ ބަހައްޓައިފައި ހުންނަނީ ސްވިޓްޒަލެންޑްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައެވެ. ފައިނަލުގައި އޮރިޖިނަލް ތަށި އުފުލައިލިޔަސް ފައިނަލަށްފަހު ޗެމްޕިއަނުންނަށް ދެނީ ރަނުން ޕްލޭޓްކޮށްފައިވާ ބްރޮންޒުން ހަދައިފައިވާ ނަކަލެކެވެ.

ތިން ފަހަރަށް ޗެމްޕިއަންކަން ހޯދާ ގައުމަކަށް ތަށި މިލްކުވިޔަކަ ވެސް މިހާރު ނުދެއެވެ.

ސިލްވީއޯ ފަރުމާކުރި ޓްރޮފީ ފުރަތަމަ ފަހަރަށް އުފުލައިލީ 1974 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި ހުޅަނގު ޖަރުމަނުގެ ކެޕްޓަން ފްރާންޒް ބެކަންބައުއާއެވެ. އޭގެ ފަހުން ސިލްވީއޯގެ ޑިޒައިން ވެފައިވަނީ ފުޓުބޯޅައިގައި އެންމެ ބޮޑު އިނާމުކަމުގައެވެ.

ޖަރުމަނުން ނެދަލެންޑްސްއާ ކުރިމަތިލި އެ ފައިނަލް މެޗު އާއިލާއާއެކު ގޭގައި ބެލި ހަނދާން ޖޯޖޯ އަދިވެސް ހުރެއެވެ.

"އުފާވެރިކަން ފަޅައިގެންދިޔައީ (ޖަރުމަނުގެ ސިޓީއެއް ކަމަށްވާ) މިޔޫނަކްގައި އެ ތަށި އުފުލައިލުމުން އަދި މުޅި ސްޓޭޑިއަމް ފޯރިން ގުގުމައިލުމުން. އެއީ އެއްޗެއް ރަމްޒަކަށް ބަދަލުވެގެން ދިޔަ ހިނދުކޮޅު،" ޖޯޖޯ ބުންޏެވެ.

ޓްރޮފީގެ ފަރުމާ ދައްކައިދޭ ކުރެހުމެއް (ފޮޓޯ: އޭ.ޕީ)

ސިލްވީއޯގެ ދިރިހުރި ލެގަސީ

ސިލްވީއޯ މަރުވީ މިލާންގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު 31 ގައި އުމުރުން 95 އަހަރުގައެވެ. ނަމަވެސް އޭނާގެ މަސައްކަތް އިޓަލީގައާއި ގައުމުން ބޭރުގައި ވެސް އަދިވެސް ފާހަގަކުރަމުންދެއެވެ.

މިލާނުން ވަނީ 2003 ގައި ސިލްވީއޯއަށް އެ ސިޓީގެ އެންމެ މަތީ އެއް އިޖުތިމާއީ ނުވަތަ ސިވިކް އެވޯޑު އަރުވައިފައެވެ. އެއީ އަމްބްރޮޖީނޯ ޑޯރޯ ޝަރަފެވެ. އެއީ ފަންނުވެރިކަމުގެ ތަރިކައަށް އޭނާ ކުރި ހިދުމަތްތައް ފާހަގަކުރުމަށެވެ.

އޭގެ އަށް އަހަރު ފަހުން، ފައިސާ އާއި މެޑަލް ޑިޒައިން ކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ނިއުމިޒްމަޓިސްޓްސް އެންޑް މެޑަލް ޑިޒައިނާސްއިން ވަނީ މެޑަލް އަދި ޓްރޮފީ ޑިޒައިން ކުރުމުގެ ރޮނގުން ސިލްވީއޯގެ ހަޔާތުގެ ކާމިޔާބީ ފާހަގަކުރަން ބައިނަލްއަގުވާމީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ދީފައެވެ.

އަދި މިހާރު ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ވޯލްޑް ކަޕުން ސިލްވީއޯއަށް އެ ދެނީ ޒާތެއްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެކެވެ. ރޭގައި ވަނީ އިތުރު އެއް ޓީމުން މި ތާރީހުގެ ތެރެއަށް އެ ޓީމުގެ އަމިއްލަ ބާބެއް ހުޅުވައިލައިފައެވެ. އެއީ މީގެ 55 އަހަރު ކުރިން ސިލްވީއޯ ފަރުމާކުރި ޓްރޮފީ އަނެއްކާވެސް އުފުލައިލުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *