ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި މިއަދު ރޯކޮށްލައިފިއެވެ.
އެއް މިސްކިތަކީ ގުސްރާ ވިލެޖްގައި ހަދަމުންދިޔަ އައްރަހްމާ މިސްކިތެވެ. އަނެއް މިސްކިތަކީ ކޫރު ވިލެޖުގައި ހުންނަ އެ ވިލެޖްގެ މައި މިސްކިތެވެ. މި އިން އެއްވެސް މިސްކިތެއް ބޭނުންނުކުރެވޭ ވަރަށް ހަލާކެއް ނުވެއެވެ.
މި ކަން މި ހިނގީ ހުކުރު ދުވަހު ހިނގި ކުރިމަތިލުންތަކެއްގައި ހަތަރު ފަލަސްތީން މީހުން ޝަހީދުވެ، ދެ ޔަހޫދީން މަރުވެފައިވަނިކޮށެވެ. އެ ކުރިމަތިލުން ހިނގީ ތަލު ވިލެޖް ކައިރީގައެވެ.
ޔަހޫދީ ވަޒަންވެރިން ވަނީ ދެ މިސްކިތުގެ ފާރުގައި ގްރެފިޓީ ވެސް ޖަހައިފައެވެ. އޭގެ ތެރޭގައި "ޔަހޫދީންގެ ބަދަލުހިފުން" އަދި ހުކުރު ދުވަހުގެ ހަމަނުޖެހުންތަކުގައި މަރުވި ޔަހޫދީއެއްގެ ނަން އައްރަހްމާ މިސްކިތުގެ ފާރުގައި ޖަހައިފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އައްރަހްމާ މިސްކިތުގައި ހުޅުޖެހުމުން އިސްރާއީލު ސިފައިން އެ ތަނަށް ފޮނުވި ކަމަށާއި ނަމަވެސް މިސްކިތަށް ގެއްލުން ދިން މީހުން އޭގެ ކުރިން ވަނީ ފިލައިފައި ކަމަށެވެ. ކޫރު ވިލެޖްގެ މިސްކިތުގެ އަލިފާން ނިއްވައިލީ އަޅުކަންކުރަން ވަން މީހުންނެވެ.
"މި ކަހަލަ ކަންތައްތައް އަހަރެމެން ހަރުކަށިކޮށް ކުށްވެރިކުރަން. އޭގެ ތެރޭގައި ދީނީ މުއައްސަސާތަކަށް ގެއްލުން ދިނުން ހިމެނޭ،" އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ދެ މިސްކިތުގައި ހުޅުޖެހި މައްސަލަ ތަހުގީގުކޮށް، ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" އިސްރާއީލު އަސްކަރިއްޔާގެ ބަޔާނުގައި އިތުރަށް ބުންޏެވެ.
ދެ މިސްކިތުގައި ހުޅުޖެހުމުން ފަލަސްތީން އޮފިޝަލުން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.
"މިއީ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވަމުންދާކަމުގެ އިތުރު މިސާލެއް،" ފަލަސްތީންގެ އޮފިޝަލަކު ބުންޏެވެ.
ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ވޭތުވެދިޔަ މަސްތަކުގައި ވަނީ އިތުރުވެފައެވެ. މި ކަމާ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



advertisment