ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ އެ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ވަހުދަތާއި، ވަރުގަދަ ސަގާފަތެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. މިއަދު ފާހަގަ ކުރަމުން މިދަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. މިއަދު، ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން އަޅުގަނޑުމެން ފާހަގަ ކުރަމުން ދިޔަޔަސް، ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ފަޚުރުވެރި ޤައުމެކެވެ.
ދިވެހީންގެ މިނިވަންކަން ދަމަހައްޓައި އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށް އެންމެ މަތިވެރި ޤުރުބާނީއެއް ވެފައިވަނީ އެކި ދުވަސްވަރު މި ލޮބުވެތި ވަޠަންގެ ޙައްޤުގައި ތެދުވި މި ޤައުމު ދެކެ ލޯބިވާ މި ޤައުމުގެ ދަރިންނެވެ. މި ޤައުމުގެ އަގުހުރި ޤައުމީ ބަޠަލުންނެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި އަސްކަރިއްޔާއެވެ. ފަހުގެ ތާރީޚުގައި މިފަދަ އެންމެ މަތިވެރި ޤުރުބާނީއެއް ފެނިގެން ދިޔައީ، 1988 ނޮވެންބަރު ތިންވަނަ ދުވަހެވެ. އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީއަކީ މި ޤައުމުގެ މިނިވަންކަމަށް ޓަކައި މާޒީގައި ދިވެހިރާއްޖޭގެ ފަޚުރުވެރި ދެބައިލަޝްކަރުން ކޮށްފައިވާ ވަރުގަދަ ހަނގުރާމަތަކެކޭ އެއްފަދަ ނަމޫނާ ޖިހާދެކެވެ. އެ ޖިހާދުގައި ދިވެހި އަސްކަރިއްޔާގެ މައިމަރުކަޒު ދިފާޢުކުރުމުގައި ސިފައިންގެ އެތެރޭގައި މިހާރުގެ ދިވެހިރާއްޖޭގެ ދިފާޢުއާއި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދާއި ދިވެހި އަސްކަރިއްޔާގެ ޗީފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގެންފައެވެ.
އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި އެންމެ ވަރުގަދަ އައްޑަނައަކީ ދިވެހި އަސްކަރިއްޔާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. އެކި ޒަމާންތަކުގައި އެކި ނަންނަން ދިވެހި ލަޝްކަރަށް ކިޔާފައި ވީ ނަމަވެސް މި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އެންމެ މަތިވެރި ޤުރުބާނީއެއްވެ، މި ޤައުމަށްޓަކައި އެބައެއްގެ ލެއާ ދާ އޮހޮރުވާލި ހިތްވަރުގަދަ ބަޔަކީ ދިވެހީންގެ ލަޝްކަރެވެ. ދިވެހި ލަޝްކަރަކީ ބޭރުގެ ބާރުތަކާ ދެކޮޅަށް އެތައް ހަނގުރާމަތަކެއްކޮށް ނަޞްރާއި ފަތަޙަ ހޯދާ މިނިވަންކަން ދިފާޢުކޮށްފައިވާ ޤާބިލު ލަޝްކަރެވެ. އެހެންކަމުން ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަކީ ޤައުމީ މަޞްލަޙަތުގައި އެންމެ މުހިންމު އެއްކަންތަކެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތްޕުޅަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށްދެއްވުމެވެ. އެންމެޒަމާނީ އާލާތްތަކާއި ވަސީލަތްތަކާއެކު އިންސާނީ ވަސީލަތްވެސް ތަރައްޤީކޮށްދެއްވުމެވެ. ހަރުދަނާ ޕްލޭނެއްގެ ދަށުން މި އަގުހުރި ޤައުމީ މަސައްކަތް ތަރުތީބީ ގޮތެއްގައި މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ޚިދުމަތުގެ ޤާބިލިއްޔަތު ދެގުނަކުރައްވައި، ފްލީޓް ފުޅާކުރެއްވުމުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރެވެމުންނެވެ. އަދި އެއްގަމު ސިފައިންނަށް ބޭނުންވާ ހަތިޔާރާއި ބަރު އުޅަނދުތައް ހޯއްދަވައިދެއްވައި، ސިފައިންގެ ވައިގެބާރު އުފައްދަވައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގެންދަވަނީ ތަރައްޤީކޮށްދެއްވަމުންނެވެ. މީގެއިތުރުން އަލިފާންނިއްވުމުގެ ޚިދުމަތާއި ދިވެހި ރައްޔިތުންނަށް ސިފައިން ފޯރުކޮށްދޭ ޚިދުމަތްތައް ވެސް ގެންދަނީ ތަރައްޤީކުރައްވައި ފުޅާކުރައްވަމުންނެވެ.
ޒަމާނީ ދުނިޔޭގައި މިނިވަންކަމަށް އޮތް ނުރައްކާތައް ވަނީ ބަދަލުވެފައެވެ. ނިރުބަވެރިކަމާއި، އިންސާނީ ވަގުފާރިއާއި، ކަނޑުފޭރުމާއި، އަދި ސައިބަރ ހަމަލާތަކަކީ މިއަދު ސަލާމަތީ ޚިދުމަތްތަކަށް ކުރިމަތިލާންޖެހޭ އެންމެ ބޮޑެތި ގޮންޖެހުންތަކެވެ. މި ކަންކަމަށް ތައްޔާރުވުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ދަނީ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިން ތަމްރީނުކޮށް، ޤާބިލުކަން އިތުރުކުރަމުންނެވެ. މިއީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ދިވެހީންގެ މިނިވަންކަމަކީ ހަމައެކަނި މި ޤައުމަށް ލިބިފައިވާ ފަޚުރަކާއި ޝަރަފެއްނޫންނެވެ. އެއީ ޤައުމު ޤައުމެއްގެ ގޮތުގައި ދިރިދެމިއޮތުމެވެ. ދިވެހި އަސްކަރިއްޔާއަކީ މި ޤައުމުގެ ފާރަވެރިޔާއެވެ. ދިފާޢީ މައިފާރެވެ. ކޮންމެ ސިފައިންގެ މީހަކީ ޤައުމަށްޓަކައި ފުރާނަ ގަރުބާންކުރުމަށް ތައްޔާރަށް ހުރި ޢަޒުމް ވަރުގަދަ ދަރިއެކެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން މިއަދު މިދެކޭ މިނިވަންކަމާއި އަމާންކަމުގެ ފަހަތުގައިވަނީ އަސްކަރިއްޔާގެ ނުގުޑާފަދަ ސާބިތުކަމެވެ. ދިވެހި ރައްޔިތުންގެ ކިބައިގައި ޤައުމުގެ މިނިވަންކަމަށް ޓަކައި އޮތް މަތިވެރި ލޯތްބާއި ޤަދަރާއި އިޙްތިރާމެވެ. ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެކެވެ. ދިވެހި އަސްކަރިއްޔާ ތަރައްޤީކޮށް، ޤައުމީ ރޫޙުގައި އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރުމަކީ މިނިވަންކަން ދާއިމަށް ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު ބާރެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment