Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާތް ބަސްފުޅުގެ މަތިވެރިކަމާއި ތެދުކަމުގެ ބޮޑުކަމާއެވެ.

މާތްﷲގެ ބަސްފުޅުގެ މަތިވެރިކަމާއި ތެދުކަމުގެ ބޮޑުކަމާއެވެ. އިރާއި ހަނދަކީވެސް އެކަލާނގެ ހެކިތަކިތަކުގެ ތެރެއިންވާ ދެ ހެކިކަން ކަށަވަރެވެ. އެހެނަސް، ދުނިޔޭގެ ޙަޔާތް ވޭތުކޮށްފައިދާ މީހުންގެ ތެރެއިން އެއިން އިންސައްތައެއް އެނގެނީ ކިތައް މީހުނަށްބާވައެވެ؟

ނިކަން ސަމުގާގެ މިޞްރާބުތަކާމެދު ވިސްނައިލަމާ ހިނގާށެވެ. އަހަރެމެން ކޮންމެ މީހަކު ދުނިޔޭގެ ކޮންމެ ތާކު ހުރި ކަމުގައިވިޔަސް އެމީހެއްގެ ވަށައިގެން 360 ދަރަޖައިގެ މައްޗަށް ބެހިގެންވާ ދިމާތަކެއް ވެއެވެ. ނުވަތަ ސަމުގާ މިޞްރާބުތަކެއް ވެއެވެ. އެކަމަކު އެއްވެސް ސަމުގާއަކީ ސީދާ ދުނިޔެ އެ ދިމާއެއް އަންގައިދޭ އާލަތަކަށް ނުވެއެވެ. ސަމުގާގެ އުނިއިތުރު ކަނޑަން ނޭނގޭނަމަ ސަމުގާއިން އެއްވެސް މިޞްރާބެއް %100 އަށް އެނގޭނެ ގޮތެއް ނޯވެއެވެ.

އެކަމަކު ފުރަހަތަކާއި ސާބިތު ތަރިތައް ފިޔަވައި ހަމައެކަނި އިރާއި ހަނދުންވެސް ސަމުގާގެ އުނިއިތުރު %100 އަށް ބެލޭނެ ގޮތް މާތްﷲ ވަނީ ލައްވާފައެވެ. އެއީ، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައިވެސް އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން ޙިސާބެއްގެ މަތީގައި އިރާއި ހަނދު ލައްވާފައިވާކަމެވެ. އެކަމުގެ ތެދުކަމެވެ.

މިއަދު މާލެއަށް އިރު އޮއްސެނީ ސަމުގާގެ 289 ދަރަޖަވީ ދިމާޔަށްކަން އިރުން ކަށަވަރުވީއެވެ. އެހެންވީމާ، ސަމުގާޔަކުން އިރު އޮއްސޭ ދިމާ ކަށަވަރުވީމާ، އެދިމާޔާ ސަމުގާއަކުން ދިމާވާ މިޞްރާބު އަޅައިބެލުމުން ސަމުގާގެ އުނިއިތުރު ޝައްކެއްނެތި ޔަޤީންވީއެވެ.

ދެން ގަހާވީ ދިމާއެއް އެ ސާމުގާއިން ބަލާނަމަ އެ ސަމުގާއިން ދައްކާ، އިރު އޮއްސުނު މިޞްރާބަށް 71 ދަރަޖަ އެއްކުރުމުން ދައްކައިދޭ 71 ވަނަ ދަރަޖަވީ ދިމާޔަކީ، އެ ސަމުގާއާކުން ސީދާ ގަހާވީ ދިމާއެވެ. އެފަދައިން ޤިބްލަވީ ދިމާ ޔަޤީންކުރަން ބޭނުންނަމަ މިއަދު (16 މޭ 2024 ގެ) އިރު އޮއްސުނު ދިމާޔާ ސަމުގާއިން ދިމާވާ މިޞްރާބަށް 12 ދަރަޖަ އެއްކުރުމުން ދައްކައިދޭ ދިމާޔަކީ ސީދާ ޤިބްލަވީ ދިމާއެވެ. ސަބަބަކީ މާލެއަށް ޤިބްލަވީ ދިމާ، ދިމާވަނީ ސަމުގާ މިޞްރާބަކީ 58.9W ނުވަތަ 301.1 ދަރަޖަވީ ދިމާ ކަމުގައި ވާތީއެވެ.

އެފަދައިން މިރޭ މާލެއަށް އިރުއޮއްސި 07:11 ގައި މާލޭގެ މަތިން މެދުއުޑުން ފެންނާން ހުރި ފަޅި ހަނދުގެ އިރުމަތީފަޅި ނުވަތަ ހަމަފަޅިން ޚިޔާލީ ގޮނގެއް އަޅާއިރު އެ ރޮނގުގެ އިތުރުކޮޅާ ސަމުގާއިން ދިމާވާ މިޞްރާބު ހުންނާނީ ގަހާޔަށް ވުރެން 19 ދަރަޖަ އިރުމަތީ ފަރާތުގައި ކަމަށްވާތީ ސަމުގާގެ އެ މިޞްރާބުން 19 ދަރަޖަ އުނި ކުރުމުން ސަމުގާއިން ދައްކައިދޭނީ ސީދާ ގަހާވީ ދިމާއެވެ.

އެހެންކަމުން މިރޭ 7:11 ގައި ހަނދުން ބަލައިގެން ގަހާ ދެނެގަނެފައި ސަމުގާއިން ދައްކާ ގަހާވީ ދިމާއިން ހުޅަނގު ދަޅިއަށް 58.9 ނުވަތަ 59 ދަރަޖަ އެއްކުރުމުން ދައްކައިދޭނީވެސް ސީދާ ޤިބްލަވީ ދިމާއެވެ. މިފަދަ ކަންކަން ބަލައި ދެނެގަތުމުން ކީރިތި ޤުރުއާނުގެ ތެދުކަމުގެ ޢަޤްލީ ހެކި ލިބެއެވެ.

ކައުނާއި ފަޒާޔާއި އުޑުތަކާއި ބިމާ އެދެމެދުގައި ވާހައި ތަންތަނާއި ތަކެތި ބަލައި ހޯދާން ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ސިއްރަކީވެސް އެއީ އެވެ. އާދޭހެވެ! މާތްﷲ ވޮޑިގެންވާކަމުގެ ޢަޤްލީ އަދި ޢިލްމީ ހެކިތައް ދެނެގަތުނަށްޓަކައެވެ.

ޔޫނުސު ސޫރަތުގެ 100 ވަަނަ އާޔަތް ބައްލަވައިލެއްވުން ކިޔެއްތޯއެވެ. ހަމަކަށަވަރުން ކީރިތި ޤުރުއާނަކީ މާތްﷲ ބާވައިލެއްވި އެކަލާނގެ ވަޙީބަސްފުޅުތަކެއްކަން އެކަލާނގެ ލެއްވި ތަކެތީން ދެނެ ކަށަވަރު ކުރެވެއެވެ.