މި ހިނގާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ނޯވޭގެ ޓީމު ދަނޑުގައި ކުޅެ ލަނޑުޖެހީއެވެ. ނޯވޭގެ ރައްޔިތުން ހިމޭނުން ނުތިބެ ފަލިޖެހީއެވެ. "ވައިކިންގ ރޯ"ގެ ފޯރީގައެވެ. މި މަންޒަރަށް ދުނިޔޭގެ މީޑިޔާގެ ސަމާލުކަން ލިބުނެވެ. އެހެން ޤައުމުތަކުގެ ތާއީދާއި، އެތައް ބަޔެއްގެ ލޯބި ލިބުނެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްރޫޙެއްގައި އެއްދަނޑިވަޅަކަށް ލެނބޭލެނބުމުގައި ހިމެނޭ މާނަތަކަކީ ކޮބައިބާވައެވެ؟ ގިނަ ބަޔަކު މި ފަދަ ސުވާލުތައް އުފައްދައި، އާ ވިސްނުންތައް ވިސްނާން ފެށިއެވެ.
އަޅުގަނޑުމެން ދިވެހީންނަކީ ވެސް ފައްޔަށް ބައްޔެއްވާ ބައެއް ނޫނެވެ. މި ހިނގިކަމެއް ބަލައިލާން ފިކުރާއި ޚިޔާލުގެ ފަލިތައް ބައިލައި، ޖަހައިގަންނަމާތޯއެވެ؟ މި ލިޔުމުގައި ބަލައިލާނީ، ނޯވޭ މީހުންގެ ހަރަކާތަށާއި އެކަމުގެ ތާރީޚަށެވެ. އަދި އެ ކަމުން ޙާޞިލުކުރާ ޤައުމީ ނަތީޖާއަށެވެ.
ތާރީޚީ ބަލައިލުން
ޔޫރަޕުގެ ތާރީޚަކީ އެއް އިރެއްގައި ވެސް، އިންސާނުންގެ ކުރިމަތީގައި ހުއްޓި [ހިނިތުންވެލެވޭވަރު]ގެ މޫރިތި ތާރީޚެއް ނޫނެވެ. އެއަށްވުރެ އޭގެ ދެ އަތުގައި ލޭ ގިނަވާނެއެވެ. އޭގެ ނަހަމަ ނާޖާއިޒު ބާރު ނުބައިވާނެއެވެ. އެ ގޮތުން މީލާދުން އަށްވަނަ ޤަރުނާއި 11ވަނަ ޤަރުނާ ދެމެދު ޔޫރަޕުގައި މަޝްހޫރުވި، ވައިކިންގއަކީ ފިސާރި ހަރުކަށި އަނިޔާވެރިބައެކެވެ. އެ މީހުން އެތައް ސަރަހައްދަކަށް ވެރިވެގަތެވެ. އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތަށެވެ. ރަޝިޔާއާއި އައިސްލެންޑަށެވެ. މިހާރު އެމެރިކާގެ ރައީސް ދޭތެރެދޭތެރޭން، އެތަނެއް ބައްލަވައިލައްވައިފައި، ހިންދިރުވާލައްވާ، ގްރީންލޭންޑަށް ވެސްމެއެވެ.
ވައިކިންގްގެ އިސްތިޢުމާރީ ހަނގުރާމަތަކުގެ "މަނަވަރުތަކަކީ" ލަކުޑިން ބަނދެފައި ހުންނަ، ވަރަށް ދިގު ކަނޑުއުޅަނދުތަކެއްކަމަށްވެއެވެ. އިންޖީނުގެ ޒަމާނަށް ނުވާތީ، ވަރަށް ގިނައިން، ނިކަން ފޯރީއާއި ރޫޙުގައި އެ މީހުން ފަލިޖަހާން ޖެހުނެވެ. ދިހަ ޤަރުނު ފަހުން، ފުޓުބޯޅައަށް ރޫޙުގެންނާން، މި އަހަރު ނޯވޭ ރައްޔިތުން ޚިޔާލީ ގޮތުން އެ ހިފީ، އެ މީހުންގެ ކާބަފައިންގެ މި ދެންނެވި ފަލިތަންޑުތަކުގައެވެ. އިސްތިޢުމާރު ނުބަޔަސް، ފަލިޖެހުމަކީ ރަނގަޅުކަމެއް ނޫންތޯއެވެ؟ ކުޅަނދުރު ނުރައްކަލަސް، މާމުއި ލިބިގަންނަމު އެހެން ނޫންތޯއެވެ؟
ޤައުމީ ގޮތުން ހާސިލުކުރާ ނަތީޖާއަކީ ކޮބާ؟
ޤައުމަކީ ކޮބައިތޯއެވެ؟ ޤައުމަކީ ވަކިކަހަލަ ގުޅުންތަކަކުން ގުޅިފައިވާ، އިންސާނުންގެ ޖަމާޢަތަކަށް ކިޔާ ނަމެކެވެ. އެއީ ފަހަރެއްގައި ވެސް، ފަސްގަނޑަކާއި، މަސްކަނޑެއް ގުޅުނީމާ ކިޔާ ނަމެއް ނޫނެވެ. އެ ފަދަ ތަންތަނަށް ކިޔަނީ ރާއްޖެއެވެ.
ޠަބީޢީ ޤައުމެއް ނަމަ، އެ މީހުންގެ ބަހުން ގުޅިފައިވާނެއެވެ. އެ މީހުންގެ ލެއިން ގުޅިފައިވާނެއެވެ. ތަޖުތިބާއާއި، ތާރީޚާއި ސަޤާފަތާއި ތަރިކައިން ގުޅިފައިވާނެވެ. އޭގެ މާނައަކީ ޤައުމެއްގެ ގުޅުން އެއީ ފުން ރޫޙާނީ ގުޅުމަކަށްވުމެވެ. އެއީ ޒަމާނުގެ ފަށްތަކާއެކު ވަރަށް ހިމުންކޮށް ވިޔެވިފައިވާ ޖަމާޢީ ވިޔުންގަނޑެކެވެ.
ދިވެހި ޤައުމަށް ވިސްނަވައިލައްވާށެވެ! ތިބާ މިހާރު ހަމައެކަނި ތިބާއާ މެދު ވިސްނާލެއްވިޔަސް، މަދުވެގެން ރާއްޖޭގެ ހަތަރު ރަށާ ތިބާ ގުޅިފައިވާނެއެވެ. އެއީ ފާއިތުވި އެތައް ހާސް އަހަރެއްގެ ޒާމާނާއެކު އެކު ދިވެހި ޤައުމު (ދިވެހީން) ލާމެހި، ވިޔެވިފައިވާ މިންވަރެވެ. ނަތީޖާއަކީ އެކަކު އަނެކަކާ އޮތް ގުޅުން ސީދާކޮށް ނޭނގުނަސް، އެއީ ތިމަންނަމެންގެ މީހެއްކަން އިޙްސާސްވުމެވެ. ކީއްވެތޯއެވެ؟ އެއީ އެތައް ހާސް އަހަރަކުން ޖަމާވަމުން ގުޅެމުން ރައްދުވަމުން އަންނަ ބަހަވީ ތާރީޚީ ސަގާފީ އަސަރުތަކުގެ ސަބަބުންނެވެ. އެހެންކަމުން ޤައުމާ ބެހޭ ގޮތުން 1983ވަނަ އަހަރު ބެނެޑިކްޓް އެންޑަސަން ލިޔުއްވި މަޝްހޫރު ފޮތުގައި ވިދާޅުވެފައިވަނީ ޤައުމަކީ ތަޞައްވުރުކުރެވޭ ޖަމާޢަތެއްކަމަށެވެ.
ތަޞައްވުރުކުރުމަށް ޓަކައި ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ހަނދާންތައް މުހިންމުވެއެވެ. ސަގާފަތް މުހިންމުވެއެވެ. ތަރިކަ މުހިންމުވެއެވެ. ކޮން ކަހަލަ ތަރިކައެއްތޯއެވެ؟ ދުވަސްވީ އިމާރާތްތަކެވެ. ދުވަސްވީ މަސައްކަތްތަކާއި ހުނަރުތަކެވެ. ޅެންފަރިހިތަކާއި ވާހަކަތަކާއި ކުޅިވަރުތަކެވެ. ބިންހިއްކުމާއި ބިންގިރުމެވެ. ފަލިޖެހުމާއި ބަލިޖެހުން ވެސްމެއެވެ. އޮށްވަޅުގޮނޑިކުޅުމާއި، ވަނދުކޭލާއި ގޮބޮޅިން ބަތްކައްކާ ކުޅުން ކަމަށް ވިޔަސްހެވެވެ. އެއާއެކު އެ ޤައުމެއް ހޯދި ފަތަޙަތަކާއި ނަޞްރާއި ކާމިޔާބީގެ ފަޚްރުވެރި ހަނދާންތަކެވެ.
ޤައުމެއްގެ ސިކުނޑީގައި ހުންނަ ހަނދާންތަކަށް މައުރީ ހަލްބްވަސް ދެއްވާ ނަމަކީ އެކުވި ހަނދާން (ކަލެކްޓިވް މެމޮރީ) އެވެ. މީލާދީން 1877 – 1945އަށް ދުނިޔޭގައި އުޅުއްވި މި ޢިލްމުވެރިޔާ ވިދާޅުވާ ގޮތުގައި އާއިލީ އެކުވި ހަނދާން ވެސް މުހިންމެވެ. ދީނީ އެކުވި ހަނދާން ވެސް އިންތިހާޔަށް ބޭނުންތެރިއެވެ. މި އިން ކޮންމެ ކަމަކީ ވެސް އެ ބައެއްގެ އެއްބައެއްވަންތަކަމަށް ޓަކައި ނުހަނު ބޭނުން އަސާސްތަކެވެ.
ތިބާއަކީ މުސްލިމެކެވެ. ދަންނަބޭކަލަކަށް ނުވެދާނެއެވެ. އަޅުގަނޑަކީ ވެސް މުސްލިމަކީމެވެ. ދަންނަ ބޭކަލުން ފެނުނީމާ ބައެއް ފަހަރަށް އެނގެއެވެ. އެވަރުން ފަތުވާއެއް ދެވޭވަރެއް އަދިނުވާނެ ދެއްތޯއެވެ؟ އެކަން އެހެން އޮތަސް، އަޅުގަނޑުމެން ދެ މީހުންނަށް ކުރެވޭނެ، ކުރަންވާނެ ކަމެއް އެބަ އޮތެވެ. އެއީ މުސްލިމުން ކަމަށް ވީތީ، އިސްލާމީ އުންމަތާ މެދު ވިސްނުމެވެ.
އުންމަތުގެ އެކުވި ހަނދާނަކީ އިސްލާމީ އުންމަތުގެ ދެމި އޮތުމަށް ޓަކައި މުހިންމުވާނެ އެއްޗެކެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި، ކީރިތި ރަސޫލާގެ ސީރަތުން ދަސްވެފައިވެއެވެ. މައްކާ ހިއްޕެވި ދުވަހެވެ. އަޑުހަރުކޮށް ބާރުއަޑުން ތަކްބީރު ކިޔުމަށް ލޮބުވެތި ނަބިއްޔާ ހިތްވަރު ދެއްވިއެވެ. ހަދީސްކުރެއްވި ބަސްފުޅެއްގައި ވާ ކަމަށް ސިޔަރަތުން އިވެއެވެ. ހަނގުރާމައިގެ ދުނިތަކަށްވުރެ ތިޔަ ކަލިމަތަކުން އެ ކާފަރުންގެ މެޔަށް ފޯރާ އަސަރު ބޮޑުވާނެއެވެ.
އަޅުގަނޑު ފާހަގަކޮށްލަން މި އުޅެނީ އެހެން ނުކުތާއެވެ. ތަކުބީރަކީ ހުރިހައި މުސްލިމުންނަށް ބައިވެރިވެވޭ، (މި ދެންނެވި ޢިބްރަތްތެރި ހާދިސާގެ ވާހަކައާއެކު ވާރުތަވަމުން އަންނަ)އުންމަތުގެ ވަރަށް މުހިންމު އެކުވިހަނދާނެކެވެ. އީދު ދުވަހެއް ފަދަ ދުވަހެއް ހިތްޕުޅަށް ގެންނަވާށެވެ! ރަނގަޅަށް ރޫޙާއެކު ކިޔޭ ތަކުބީރުން އުފައްދަނީ ކޮން ފަދަ މަތިވެރި ރޫޙެއްތޯއެވެ؟ ނަމަވެސް ހިތާމަ ވަރަށް ބޮޑެވެ.
އިސްލާމް ދީނުގެ ޢަދާވާތްތެރީން ވަނީ، ވޭން ހުރި ހަމަލާއެއް ދީފައެވެ. ހަމައެކަނި [الله أكبر[ މި އަޑު ވެސް އެއީ ޓެރަރިޒަމްގެ "އިޢުލާނަކަށް" ހަދައިފި ނޫންތޯއެވެ؟ نعوذبٱلله އެވެ. ސުވާލަކީ އެހެން އެ ހެދީ ކީއްވެތޯއެވެ؟ ބަހަވީ، ނަފުސާނީ ނަޒަރުން، ނުވަތަ އައިޑެން ޓިޓީގެ ނަޒަރުން ބަލާ ނަމަ، ދެންނެވޭނީ އެއީ މުޅި އިސްލާމީ އުންމަތުގެ އެކުވި ހަނދާނެއް ސުންނާފަތިކޮށްލުމަށެވެ. އެކުވެވޭނެ ރޫޙެއް އުފެދުނަ ނުދިނުމަށެވެ.
ކުރު މުއްދަތެއްގައި ބޮޑު ނަތީޖާއެއް
ޤައުމެއްގެ އައިޑެން ޓިޓީއާ ގުޅިފައި ހުންނަ ކަންކަމަކީ އެ ޤައުމެއްގެ ކޮންމެ އަހުލުވެރިއެއްގެ ވެސް [ރޫޙު]ގައި ނިކަން ފުނުގައި ނިދައިފައިވާ އަސަރުތަކެކެވެ. އެކަމަކު ކިރިޔާވެސް ހިލަމެއް ވެއްޖެއްޔާ ވަގުތުން ހުޅުރޯވާނެއެވެ. ފޯރީ ކެކިގަންނާނެއެވެ. ފީފާގެ ރަސްމީ ވެބްސައިޓު ބުނާ ގޮތުން ނޯވޭގެ ޓީމުން މި ހަރަކާތް ތަޢާރުފުކުރިކަމަށް ވަނީ 2025ވަނަ އަހަރުއެވެ. އޭގެ މާނައަކީ ވައިކިންގްގެ ފަލިޖެހުން މަޢުލޫމާތެއްގެ ގޮތުގައި ނޯވޭ މީހުންގެ ހަނދާނުގައި ހުއްޓަސް، އެއީ އެއްގަމުގައި އެ މީހުން އަމަލީ ގޮތުން މި ވީތަނަށް ދުވަހަކު ވެސް، ތަމްސީލުކުރި ކަމެއް ނޫނެވެ. އެކަމަކު ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޮސްޓަންގެ އިލެވޭޓަރުތަކުން ފެށިގެން ޓައިމްސް ސްކުއެއާ އާއި، ނިއު ޔޯކް މެޓްސްގެ ގޭމަކާއި، އެންމެ ފަހުން ނޯވޭގެ ޕާލަމެންޓާ ހަމައަށް ވެސް، މި ކަންތައް ފެތުރިއްޖެއެވެ.
ޤައުމީ އުފަލާއި، ޤައުމީ ހިތާމަ
ނޯވޭގެ ރައްޔިތުން ދެކެނީ މިއީ އަޖާބެއް ފަދަ، އެއްބައިވަންތަކަމެއް ގެނެސްދިން އެ މީހުންގެ މާނަވީ ތަރިކައެއް ކަމަށެވެ. އެ ތަރިކަ ދަމަހައްޓާން އެ މީހުން ތިބީ ތައްޔާރަށެވެ. ނިކަން އުފަލުންނެވެ. "މީހުން އެއްވެ، އެއްބައިވަންތަކަމާއެކު މި ހަރަކާތް ކުރާތަން ފެނުމަކީ ވަރަށް އުފާވެރި ކަމެއް. މި ކަމުން އުފެދެނީ އެއްބައިވަންތަކަމުގެ އިޙްސާސެއް. ވައިކިންގް ރޯ މިހާ ބޮޑުވާނެ ކަމަށް އަހަރެން ހީވެސް ނުކުރަން. މިއީ ހަމަ ހައިރާންވާވަރުގެ ކަމެއް." ދާދި ފަހުން 'އިންސައިޑް ފީފާ' އަށް ދިން ބަސްދީ ގަތުމެއްގައި އޮއިލޭ ފްރޮއިސްޓަޑް (މިހާރު "މިސްޓަރ ރޯ ރޯ" ގެ ނަމުން މަޝްހޫރު) ބުނިކަމަށް ފީފާގެ ވެބްސައިޓުގައިވެއެވެ. އެމީލް ދުރުކައިމް ލިޔުއްވި، [ދަ އެލިމެންޓްރީ ފޯމްސް އޮފް ރިލިޖަސް ލައިފް] ބުނާ ގޮތުން ޖަމާޢީ ގޮތެއްގައި އެއްރޫޙެއްގައި ބަޔަކު އެއްހަމަޔަކަށް ކުރާ ކަންކަމަކީ އޭގެ އަސަރު ހިތުތެރޭން އުތުރިގަންނަ ބާރެއް ހުންނަ ކަމެކެވެ. އެހެންކަމުން ދެ އަތުގެ މުލައްދަނޑިޔަށް މި ގެނެވޭ ޚިޔާލީ ހަކަތަ، ވެގެން މި ދިޔައީ ބޮޑު ޤައުމެއްގެ ހުރިހައި ރައްޔިތުންގެ އިއްތިޙާދީ ފުރާނައަކަށެވެ.
އެއްބަޔަކަށް އުފަލެއް ލިބޭ އިރު، މީގެ އަނެއް ކޮޅަކީ ވާދަވެރީންނެވެ. ވާދަވެރީން ފިނޑިވާ ގޮތްވާނެއެވެ. ޖެހިލުންވާ ގޮތް ވާނެއެވެ. އެކަން އިސްވެ ދެންނެވުނު ހަދީސްފުޅުން ވެސް އެނގޭ އެހެން ނޫންތޯއެވެ؟
ނިންމުން
ޤައުމެކޭ ބުނުމަށް ޓަކައި އެއްބައެއްކަން އިޙްސާސްވާނެ ގޮތްތައް ހޯދައި ދަމަހައްޓާން ޖެހެއެވެ. އެ ކަންކަން ނަގަހައްޓާން ޖެހެއެވެ. ޤައުމެއްގެ ފުރާނަޔަކީ އެ ބައެއްގެ މެދުގައި ފުންވެފައިވާ އެއްބައެއްކަމުގެ މާނައެވެ. އެ މާނަތައް ލިބެނީ، ފުންވަމުން ދަނީ އެ ބައެއްގެ ބަހާއި، ސަގާފަތާއި ތާރީޚު ހުރިހައި ދަރަޖައެއްގައި ދޭހަކޮށްދީ، ޙަޔާތުގެ ކޮންމެ ކަމެއްގެ އާރުކާޓީއަކަށް، ތާރީޚު ހެދުމުންނެވެ. ނޯވޭގެ އެކަކަށް ވެސް، ކުޅިބަލާން ގޮސް ނިދައިފައި ހިމޭނުން ނޯވެވުނީ، އެ މީހުންގެ ތާރީޚު އައިސް، އެ މީހުންގެ މެޔަށް ވަންގޮތުންނެވެ. އުފެއްދި ރޫޙުންނެވެ. އެއިން އެ މީހުން ދޭހަކުރާ ފިސާރި ފުން، އެހާމެ ތަނަވަސް މާނައިންނެވެ.
