އާޖެންޓީނާގެ ރައީސް ހާވިއަރު މީލެއިގެ "ކޮނާން" ނަމަކަށް ކިޔާ ކުއްތާ މަރުވިތާ ހަތް އަހަރުވެއްޖެއެވެ. ނަމަވެސް ކަހީނަކު މެދުވެރިކޮށްގެން އެ ކުއްތާއާ އަދިވެސް ވާހަކަ ދައްކަވާ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާޖެންޓީނާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ހާވިއަރުގެ އުމުރަކީ 53 އަހަރެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުން ރައްޔިތުން މިހާރު ދަނީ އޭނާގެ ސިކުނޑި ހަމަޖެހޭތޯ ސުވާލު އުފައްދަމުންނެވެ.
އިގުތިސާދީ މާހިރެއް ކަމަށްވާ ހާވިއަރުގެ ކުއްތާ ކޮނާން މަރުވުމުން ކްލޯން ކޮންގެން ހަމަ އެކަހަލަ ފަސް "ކޮޕީ" ހެއްދެވިއެވެ. މިއީ ކޮނާން މަރުވުމުން އެ ކަން ބަރުދާސްތު ނުކުރެވިގެން ހާވިއަރު ކުރެއްވި ކަމެއް ކަމަށް ރައްޔިތުން ވަނީ ދެކެން ފަށައިފައެވެ. މި ކަމާ ސުވާލު އުފެއްދުމުން ހާވިއަރު ވަނީ ކޯފާއެވެ. މި ކަމާމެދު މީހަކު ސުވާލު ކުރިއަސް އޭނާގެ އޮފީހުން ދެނީ ރުންކުރު ޖަވާބެކެވެ؛ އެއީ ރައީސަށް އިހުތިރާމް ނުކުރަނީ ކަމަށް އޭނާގެ އޮފީހުން ބުނެއެވެ.
ހާވިއަރު ގެންގުޅުއްވާ ރިޔާސީ އަސާކޮޅުގައި ވެސް ވަނީ ކްލޯން ކުރި ފަސް "ކޮނާން"ގެ ބޮލާއި އެ ކްލޯން ކުރި ކުއްތާތަކުގެ ނަންތައް ވެސް ނިޝާނެއްގެ ގޮތުގައި ޖަހައިފައެވެ. އެއީ "ކޮނާން"، "މިލްޓަން"، "މަރީ"، ރޮބަޓް"، އަދި "ލޫކަސް"އެވެ. ހާވިއަރު ވިދާޅުވަނީ ވެސް އެއީ އޭނާގެ ފަސް "ދަރިން" ކަމަށެވެ. ސީ.އެން.އެން.އަށް މިދިޔަ މަހު ދެއްވި އިންޓަވިޔުއެއްގައި ހާވިއަރު ޚުދު އަމިއްލައަށް މި ކަމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެއްކެވި ފުރަތަމަ ވާހަކައިގައި ވެސް ހާވިއަރު ވަނީ މި ފަސް ކުއްތާއަށް ޝުކުރު އަދާކުރައްވައިފައެވެ.
ހާވިއަރު ގެންގުޅުއްވާ މި ކުއްތާތަކުގެ ތެރެއިން ހަތަރު ކުއްތާއާއެކު ނަންގަވާފައިވާ ފޮޓޯތައް ވަނީ އާއްމު ކުރައްވައިފައެވެ. ނަމަވެސް މި ކަމުން ވެސް އުފެދުނީ އިތުރު ސުވާލުތަކެކެވެ. އެ ގޮތުން މިދިޔަ މަހު ހާވިއަރުގެ ރިޔާސީ ތަރުޖަމާނު މެނުއެލް އެޑޯނީގެ ގާތުން ނޫސްވެރިން ސުވާލު ކުރީ ހާވިއަރު ގެންގުޅުއްވަނީ ހަތަރު ކުއްތާތޯ އާއި ނަމަވެސް އެހެން މީހުންނަށް "ނުފެންނަ ފަސްވަނަ ކުއްތާއެއް" ގެންގުޅުއްވާތޯ އާއި މިހެން ވެއްޖެ ނަމަ އޭނާގެ ބުއްދި ސަލާމަތުން ހުރިތޯއެވެ.
"ލޮލަށް ނުފެންނަ، ޣައިބުގައިވާ އެއްޗަކާ ރައީސް ހާވިއަރު މުއާމަލާތް ކުރައްވާތޯ އެހުމަކީ ރައީސް ހާވިއަރާމެދު އިހާނެތި ބަސްތަކެއް ބުނުން. އެއީ ރައީސް ހާވިއަރުގެ އާއިލާއަށް ވެސް ޖެއްސުން ކުރުން،" ވަރަށް ރުޅި އައިސް ހުރެ މެނުއެލް ޖަވާބު ދެއްވިއެވެ. ނަމަވެސް ހާވިއަރު ގެންގުޅުއްވަނީ ހަތަރު ކުއްތާތޯ ނުވަތަ ފަސް ކުއްތާތޯ އަށް ކުރެވުނު ސުވާލަށް ޖަވާބު ނުދެއްވިއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން މެނުއެލް ވިދާޅުވީ ރައީސް ހާވިއަރު ގެންގުޅުއްވަނީ "ހަތަރު ނުވަތަ ފަސް ކުއްތާތޯ ނުވަތަ 43 މުސަޅުތޯ" މިއީ ރައީސް އަރިހުން ކުރަން ތާކުންތާކު ޖެހޭ ސުވާލެއް ނޫން ކަމަށެވެ.
ހާވިއަރު ގެންގުޅުއްވަނީ "އިންގްލިޝް މަސްޓިފް" ނަމަކަށް ކިޔާ ބާވަތެއްގެ ފަސް ކުއްތާއެވެ. މިއީ ބަރުދަނުގައި 100 ކިލޯ ހުންނަ ބޮޑު ކުއްތާއެކެވެ.
އިންތިހާބަށް ކެމްޕޭން ކުރެއްވިއިރު ހާވިއަރު ފާހަގަ ކުރެވިފައިވަނީ އެހެން މީހުންނާ "ތަފާތު މީހެއް"ގެ ގޮތުގައެވެ. އެ ގޮތުން ކޮމިކް ބަތަލެއްގެ ގޮތުގައި "ކެޕްޓަން އެންކެޕް" ކިޔާ ޝަހުސިއްޔަތެއްގެ ގޮތުގައި ހާވިއަރު ހެދުން އަޅުއްވައިގެން އުޅުއްވިއެވެ. އެންކެޕްއަކީ ހާވިއަރު ގަބޫލު ކުރައްވާ ސިޔާސީ ފިކުރު ކަމަށްވާ "އެނާކޯ-ކެޕިޓަލިޒަމް" ރަމްޒު ކޮށްދޭ ކޮމިކް ޝަހުސިއްޔަތެކެވެ. މި އިގުތިސާދީ ނަޒަރިއްޔާތް ގަބޫލު ކުރާ މީހުން ބުނަނީ ސަރުކާރެއް އޮންނަން ނުޖެހޭ ކަމަށާއި ސަރުކާރުތަކަކީ އާއްމު ފަރުދުންގެ ހައްގުތަކާއި ފާގަތިކަން ހަނިކުރާ އަދި އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކުގެ އަސްލު ކަމަށެވެ.
ކެމްޕޭންގައި އިތުރަށް ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހާވިއަރު "ޗެއިންސޯ" ނުވަތަ ކަރަންޓު ކީހެއް ގެންގުޅުއްވިއެވެ. ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދައުލަތުގެ ބަޖެޓް "ވަރަށް ފުންކޮށް ކަނޑާލާނެ" ކަމަށެވެ.
ދެން އައީ ހާވިއަރުގެ ކުއްތާތަކުގެ މައްސަލައެވެ. އޭނާގެ ނުރަސްމީ ބަޔޮގްރަފީ "ދަ މޭޑް މޭން" ނުވަތަ "މޮޔަ މީހާ" ލިޔުނު ނޫސްވެރިޔާ ވާން ލުއިސް ގޮންޒާލަޒް ބުނީ ކޮނާން މަރުވީ 2017 ގައި ކަމަށެވެ. "ކޮނާން" މި ނަމަކީ ހިޔާލީ ޝަހުސިއްޔަތަކަށް ކިޔާ ނަމެކެވެ. މި ޝަހުސިއްޔަތު އެކުލެވޭ އެކްޝަން ވާހަކަތަކެއް ނެރެފައިވަނީ 1896 އިން 1955 ވަނަ އަހަރާ ދެމެދުއެވެ.
ކޮނާން މަރުވުމުން ހާވިއަރުއަށް އެ ހިތާމަ ބަރުދާސްތު ނުކުރެވުމުން ކުރެއްވި ކަމަކީ ހާވިއަރުގެ ސެލްތަކެއް އެމެރިކާގެ ޖަނަވާރުން ކްލޯން ކުރާ ކުންފުންޏެއް ކަމަށްވާ ޕާޕެޗުއޭޓަށް ފޮނުއްވީއެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ކޮނާންގެ ފަސް ކުއްތާ ކްލޯން ކުރިއެވެ. ނަމަވެސް މި ކަން އިއުލާން ކުރި ރިޕޯޓްގައި އެ ކުންފުނިން ހިމަނާފައިވަނީ ހަތަރު ކުއްތާގެ ފޮޓޯއެވެ.
ހާވިއަރު ވިދާޅުވީ އެ ތަނުން ބައެއް ކްލޯންތަކަށް ދީފައިވާ ނަމަކީ މަޝްހޫރު ބައެއް އިގުތިސާދީ މާހިރުންގެ ނަންތަކެވެ. އޭގެ ތެރޭގައި މިލްޓަން ފްރައިޑްމަން އާއި މަރީ ރޮތުބާޑް އަދި ރޮބަޓް ލޫކަސް ހިމެނެއެވެ.
ވާން ލިޔުނު ހާވިއަރުގެ ބަޔޯގްރަފީގައި ލިޔެފައިވަނީ ހާވިއަރުގެ ހުރިހާ ކުއްތާތަކާ، ޖަނަވާރުންނާ މުއާމަލާތް ކުރާ ތަޖުރިބާ ހުރި ކަހީނަކު މެދުވެރިކޮށް މުއާމަލާތް ކުރާ ކަމަށެވެ.
"އޭގެ ތެރޭގައި ހާވިއަރުގެ ދިރިހުރި އަދި މަރުވެފައިވާ ކުއްތާތައް ވެސް ހިމެނޭ،" ވާން ލިޔެފައިވެއެވެ.
ސީލިއާ މެލެމެޑް ނަމަކަށް ކިޔާ ކަހީނު ބުނެފައިވަނީ ހާވިއަރު ގެންގުޅުއްވި ކުއްތާ ކޮނާން މަރުވުމުން އެ ކަމުގެ ހިތާމަ ފިލުވައިދޭން މަސައްކަތް ކުރި ކަމަށެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޕްރައިވެޓް ސެކްޓަރުގައި އެއްކޮށް މަސައްކަތް ކުރެއްވި ސިޔާސީ ފަރާތެއް ކަމަށްވާ ރަފައެލް ބިއެލްސާ ވިދާޅުވީ ކޮނާން މެދުވެރިކޮށް "ރޫހާނީ އިލްހާމް" ލިބޭ ކަމަށް ހާވިއަރު ވިދާޅުވި ކަމަށެވެ.
ނަމަވެސް ހާވިއަރު އަދިވެސް އޭނާގެ ހަތަރު ނުވަތަ ފަސް ކްލޯން ކުރި ކުއްތާއާބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
"ފަހަރެއްގައި ހީވެދާނެ މިއީ ހިނިއަންނަ ޒާތުގެ ޖޯކަކަށް. ނަމަވެސް މިއީ ރައީސް ހާވިއަރުގެ ސިކުނޑީގެ ސިއްހަތާ ގުޅޭ ސުވާލެއް. އަދި މިހެންވެ، ސަރުކަރާށް އެ ކަމުން ކުރާނީ ކޮން އަސަރެއްތޯ އާމެދު ކުރެވޭ ސުވާލެއް،" ވާން ބުންޏެވެ.
ހާވިއަރުގެ ކުރިން އާޖެންޓީނާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަލްބާޓޯ ފެރްނާންޑެޒް ވަނީ ހާވިއަރަށް މަލާމަތް ކުރައްވައިފައެވެ.
"އަހަރެންގެ ކުއްތާ އަހަރެންނަށް އިރުޝާދެއް ނުދޭ. އެ ސޮރު އަދިވެސް ދުނިޔޭގައި އެބަހުރި،" އެކްސްގައި ކުރެއްވި ޓްވީޓެއްގައި އަލްބާޓޯ ވިދާޅުވިއެވެ.
ހާވިއަރާމެދު ހިތްހަމަ ނުޖެހޭ ރައްޔިތުން ވެސް މި ފުރުސަތުގެ ބޭނުން ހިފައިގެން އެ މީހުން ދަނީ ހާވިއަރަށް ޖޯކު ޖަހަމުންނެވެ. އެ ގޮތުން ޔުނިވާސިޓީތަކަށް ދޭ ފައިސާ މަދުކޮށްލައްވާނެ ކަމަށް ވިދާޅުވުމުން އެ ކަމާ ދެކޮޅު ދަރިވަރުން ވަނީ މުޒާހަރާއެއް ބާއްވާ "ސައިންސް އިލްމް ނެތް ނަމަ ކޮނާން މިއަދު ދުނިޔޭގައި ނުހުންނާނެ" ކަމަށް ބުނެފައެވެ.
މި ގޮތަށް މުޒާހަރާ ކުރި އެކަކު ވަނީ ކުއްތާ ކޮންޓްރޯލް ކުރަން އެ ސޮރުގެ ކަރުގައި ޖަހާ ކަހަލަ ވާގަނޑެއް ހިފައިގެން، އޭގައި "ކޮނާން" ލިޔެގެން މަގުމަތީގައި ހުހަށް ހިނގައިފައެވެ.