Support Us

ނިއުކްލިއަ ޕްރޮގްރާމް ކުރިއަށްގެންދެވޭނީ ސައޫދީން އިސްރާއީލު ބަލައިގަތުމުން: ޓްރަމްޕް

ހަކަތަ އުފެއްދުމަށް ނިއުކްލިއަ ޕްރޮގްރާމެއް ސައޫދީ އަރަބިއްޔާއަށް ކުރިއަށްގެންދެވޭނީ ސައޫދީން ފުރަތަމަ ރަސްމީކޮށް އިސްރާއީލު ބަލައިގަތުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އެބްރަހަމް އެކޯޑްސްގައި ސައޫދީން ބައިވެރިވުމުގެ ވަގުތު ޖެހިއްޖެ،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

އިބްރާހީމުގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް ގާއިމުކޮށްފައިވާ އެބްރަހަމް އެކޯޑްސްއަކީ މުސްލިމު ބައިގިނަ ގައުމުތަކުން އިސްރާއީލާ ޑިޕްލޮމެޓިކް، އިގުތިސާދީ އަދި ސަލާމަތީ ގުޅުން ގާއިމުކުރާ މުއާހަދާތަކެކެވެ. މި މުއާހަދާތަކުގައި މިހާތަނަށް ސޮއިކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، ބަހްރައިން، މޮރޮކޯ، ސޫދާން އަދި ކަޒަކްސްތާންއެވެ.

ޓްރަމްޕް ވިދާޅުވީ މަދަނީ ކަންތައްތަކަށް ނިއުކްލިއަ ހަކަތަ ޕްރޮގްރާމެއް ހިންގުމަށް އެމެރިކާ އާއި ސައޫދީން ދާދި ފަހުން ގާއިމުކުރި ޑީލް ކުރިއަށްގެންދެވޭނީ ސައޫދީން އިސްރާއީލު ބަލައިގަތުމުން ކަމަށެވެ.

"ކޮންމެވެސް ހިސާބަކުން ސައޫދީން އިސްރާއީލު ބަލައިގަންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ސައޫދީން އަބަދުވެސް ބުނަމުންގެންދަނީ ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން މަގުފަހިނުކުރާހާ ހިނދެއްގައި އިސްރާއީލު ބަލައިނުގަންނާނެ ކަމަށެވެ. ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ އިސްރާއީލުގައި މިހާރު އޮތް ސަރުކާރުން ދެކޮޅެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ސައޫދީން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *