Support Us

އީރާނަށް ދޭން ބުނި ވަރުގަދަ ހަމަލާ ޓްރަމްޕް ފަސްކޮށްލައިފި

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލަން ސީޒްފަޔާއެއް ގާއިމުކޮށްފައި، ހުރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާ އާއި އީރާނުން އަލުން ހަމަލާ ބަދަލުކުރަން ފެށި ފަހުން، އީރާނަށް މިހާތަނަށް ދޭނެ ކަމަށް ވިދާޅުވި އެންމެ ވަރުގަދަ ހަމަލާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަސްކޮށްލައްވައިފިއެވެ.

ޓްރަމްޕް (ފޮޓޯ) މި ގޮތަށް ނިންމެވިކަން މީޑިއާއަށް އެމެރިކާގެ އޮފިޝަލުން ހާމަކުރީ މިއަދު ކަމަށް ވިޔަސް، ޓްރަމްޕް މި ގޮތަށް ނިންމެވީ މި ދިޔަ ހުކުރު ދުވަހު ކަމަށް އޮފިޝަލުން ބުންޏެވެ.

މި ގޮތަށް ޓްރަމްޕް ނިންމެވީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އެމެރިކާއަށް ހުރި ނުރައްކާތަކާ ކުރިމަތިލާން ބޭނުންވާނެ ވައިގެ ދިފާއަށް ބޭނުންކުރާ ދިފާއީ މިސައިލްތަކުގެ ސްޓޮކްތައް އީރާނާ ދެކޮޅަށްކުރާ ހަނގުރައިމައިގެ ސަބަބުން މަދުވެދާނެތީ ކަމަށް އޮފިޝަލުން ބުންޏެވެ.

"މި ނިންމެވުމަކީ އީރާނާ ދެކޮޅަށް ހަނގުރާމަ ދިގު މުއްދަތަކަށް ކުރިއަށްގެންދާނަމަ ދުނިޔޭގެ އެހެން ހިސާބުތަކުން އެމެރިކާއަށް ކުރިމަތިވެދާނެ ނުރައްކާތަކާ އެމެރިކާއިން ކުރިމަތިލާނެ ގާބިލުކަމަށް ނިކަމެތިކަމެއް ކުރިމަތިވެދާނެތީ އެމެރިކާގެ ސަރުކާރު ތެރޭގައި ކަންބޮޑުވުން އުފެދިގެން ނިންމެވި ނިންމެވުމެއް،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

އީރާނާ ދެކޮޅަށްކުރާ ހަނގުރާމައިގައި އެޑްވާންސްޑް އިންޓަސެޕްޓާ މިސައިލާއި ޕްރެސިޝަން ގައިޑަޑް ހަތިޔާރު ބޭނުންކުރާލެއް ގިނަކަމުން އެމެރިކާގެ ދިފާއީ ގާބިލުކަމަށްވަނީ ޕްރެޝަރުތަކެއް ކުރިމަތިވެފައި ކަމަށް އޮފިޝަލުން ބުންޏެވެ. މިހެންވެ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް އުފެދިދާނެ ހަމަނުޖެހުންތަކަށް އެމެރިކާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި ބޭއްވުމާމެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް އޮފިޝަލުން ބުންޏެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުންތަކަށް ޑިޕްލޮމެޓިކް ހައްލެއް ގެންނަވަން ޓްރަމްޕް އަދިވެސް ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި މެނޭޖްކުރާނެ ގޮތަކާމެދު އުމާނާއެކު އީރާނުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އުމާނާއި އީރާނުން ގުޅިގެން ހުރުމުޒު މެނޭޖްކުރުމާ އެމެރިކާ އާއި ގަލްފު ގައުމުތަކުން ދެކޮޅެވެ. އެމެރިކާއިން ބުނަނީ ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި އެ ތަނަށް ވަކި ގައުމެއް ބާރު ހިންގައިގެންނުވާނެ ކަމަށެވެ.

އެމެރިކާ އާއި އީރާނުން އަލުން ހަމަލާ ބަދަލުކުރަން ފެށީ އީރާންގެ ގަވައިދުތަކާ ހިލާފަށް ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ފެށުމުންނެވެ. އެ ކަމާ ގުޅިގެން، ހަނގުރާމަ ދާއިމީކޮށް ހުއްޓައިލައި، އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުމަށް ދާއިމީ ހައްލެއް ގެންނާނެ ގޮތެއް ކަނޑައަޅަން މި ދިޔަ މަހު އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާ މުގުރައިލީ އެމެރިކާއިން ކަމަށް ބުނެ އެ އަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 101 ޑޮލަރު (1،557ރ.)ގައި ހުރެފައި މިއަދު ވަނީ 102 ޑޮލަރު (1،572ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *