Support Us

މިހާތަނަށް ދޭ އެންމެ ވަރުގަދަ ހަމަލާ އީރާނަށް ދީފާނަން: ޓްރަމްޕް

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލަން ގާއިމުކުރި ސީޒްފަޔާއަށްފަހު މިހާތަނަށް އީރާނަށް ދޭނެ އެންމެ ވަރުގަދަ ހަމަލާދީފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ބޮޑު ހަމަލާއެއް ދޭން އަހަރެމެން ވިސްނަނީ. ކުރިއަށްވުރެ ވެސް ބޮޑު ހަމަލާއެއް. އެ ގޮތަށް އަހަރެން ނިންމަން ކައިރިވެއްޖެ. އެ ވަރުގެ ހަމަލާއެއް ދޭން އަހަރެމެން މި ތިބީ ތައްޔާރަށް،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ އެމެރިކާއާ ރަހްމަތްތެރި ގަލްފުގެ ގައުމުތަކަށް އީރާނުން އާ ހަމަލާތަކެއް ދިންތަނާއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ޖެހިޖެހިގެން 13 ވަނަ ރެއަކު އީރާނަށް ހަމަލާދީފައިވާ ކަމަށެވެ. ހަމަލާތައް އަމާޒުކުރީ އީރާންގެ އަސްކަރީ ކޮމާންޑް މަރުކަޒުތަކާއި ޑްރޯން މަރުކަޒުތަކާއި އަދި އައްސޭރިފަށުގެ އަސްކަރީ މަރުކަޒުތަކަށެވެ.

"ހަމަލާތައް ދިނީ ގަލްފުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ދައްކަމުންދާ ބިރު މަދުކޮށްލަން،" އެމެރިކާގެ އަސްކަރިއްޔާގެ މެދުއިރުމަތީގެ ގޮފިން ބުންޏެވެ.

ޓްރަމްޕްގެ ބިރުދެއްކުމަށް އީރާނުން ފާޑުކިޔެވެ.

"ކުރިމަގުގައި އެމެރިކާއިން ދީފާނެ ހަމަލާތަކަށް ލޮލަކަށް ލޮލެއްގެ މަގުން ރައްދުދޭނަން،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޝީ ވިދާޅުވިއެވެ.

"އީރާންގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށާއި އައްސޭރިފަށަށް އެމެރިކާއިން ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ އަހަރެމެންގެ އަސްކަރީ ހަމަލާތަކުން ދޭ ރައްދު ކުރިއަށްގެންދާނަން،" އީރާންގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިޔާ ބުންޏެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭތާ ޖެހިޖެހިގެން 13 ދުވަސްވީއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 92 ޑޮލަރު (1،418ރ.)ގައި ހުރެފައި މިއަދު ވަނީ 100 ޑޮލަރު (1،542ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ދާއިމީކޮށް ހުއްޓައިލައިނެ ގޮތެއް ކަނޑައަޅަން އެމެރިކާ އާއި އީރާނުން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ހަނގުރާމަ ފެށުމަށްފަހު ސީޒްފަޔާއެއް ގާއިމުކޮށްފައި އޮއްވައި، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭތީ، އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ފެށުމުން، ސުލްހައިގެ ފަހުމްނާމާ އެމެރިކާއިން މުގުރައިލީ ކަމަށް ބުނެ، އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *