ހިތްދަތިވިއެވެ. ހިތަށް ތުރާ ވެސް ވިއެވެ. ކުއްލިޔަކަށް ލިބުނު ހިތި ޚަބަރަކުންނެވެ.
އާދޭހެވެ! ތަފާތު އެކި ފަންނުތަކަށާއި ދިވެހި އަދަބީ އެކި ހުނަރުތަކާއި ލިޔުންތެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޗިޅިޔާ މޫސާމަނިކު އަވަހާރަވި ޚަބަރެވެ. އާދެ ދާއިމަށް އެ ގެއްލުނީ މޮޅު މުމައްސިލެކެވެ. މޮޅު މުސައްވިރެކެވެ. މޮޅު ލިޔުންތެރިއެކެވެ. މޮޅު ހިންގުންތެރިއެކެވެ. މޮޅު އުފެއްދުންތެރިއެކެވެ.
ޝައްކެއް ނެތެވެ! ޗިޅިޔާ މޫސާމަނިކު އަވަހާރަވުން މިއީ ދިވެހި ފިލްމީ ސިނާއަތަށް ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބޭނެ ދާއިމީ ފަޅުކަމެކެވެ. ދިވެހި އަދަބީ އުދަރެހަށް އަބަދަށް ވެރިވި ހިތާމައިގެ ބަނަ ވިލާގަނޑައެކެވެ. ދިވެހި ފަންނާއި ސަގާފަތުގެ މައިދާނަށް ވެރިވި ދާއިމީ ހުސްކަމެކެވެ. ނުފިލާނެ ފަޅުކަމެކެވެ. ފަތްތޫރައިގެ މާނަވީ ރީތި ލޯގޯ ކުރެއްސެވީ ކުޅަދާނަ މުސައްވިރެވެ! ފަތްތޫރަ ދެމި އޮތް ހައި ހިނދަކު ތިބާގެ ހަނދުމަތައް ދިރޭނެއެވެ! މިހުރިހައި ކަމަކާ އެކު ލޮބުވެތި ޗިޅިޔާ މޫސާމަނިކުގެ ހަނދާންތައް އައުވެލާ އިރަށް އެބަ ފެންކަޅިކުރުވައެވެ.
މަރްޙޫމް ޗިޅިޔާ މޫސާ މަނިކުގެ ގައުމީ ޚިދުމަތުގެ ސަފުހާތައް އަބަދުވެސް ދިރިދިރި ހުންނާނެކަން ކަށަވަރެވެ. މަރްޙޫމް ޗިޅިޔާ މޫސާ މަނިކުގެ ފުރާނަފުޅު މަތިވެރިވެގެންވީ ޖަންނަތުލް ފިރުދައުސްގައި ލައްވައި ޢާއިލާއަށް ކެއްތެރިކަން ދެއްވުން އެދި މާތްﷲއަށް ދުޢާ ދަންނަވަމެވެ.
މަރްޙޫމް ޗިޅިޔާ މޫސާ މަނިކުގެ ހަނދާންތައް ދާއިމަށް ދެމިހުންނާށިއެވެ. އެ ޒިކުރާ އަބަދުމެ އާލާވާށިއެވެ.
"ދުނިޔެއިން މީހާ ނުކުންނާނޭ ވަގުތު އައުމުން ތެދޭ
އުނި އިތުރު ނުމެވާ ގޮތުން ފަހު ސިއްކަ ޖެހިގެންނޭ ދަނީ"