Support Us

ވެލާނާގޭ މުޙައްމަދު ދީދީއާއި ޕިޗޯރީން   

ވެލާނާގޭ މުޙައްމަދު ދީދީއަކީ 20 ވަނަ ޤަރުނުގެ ކުރީ ބައިގައި ދިވެހިރާއްޖޭގައި އުފެދުނު އެންމެ މުހިންމު އަދި އެންމެ ކުލަގަދަ އެއް ސިޔާސީ ޝޚުސިއްޔަތެވެ. އެއީ ނުފޫޒު ގަދަ ވެރިއެކެވެ. އަދި ކުޅަދާނަ ސިޔާސީ ރޭވުންތެރިއެކެވެ. ބައެއް މީހުން އޭނާއަށް ފުރައްސާރައެއްގެ ގޮތުން ގޯދީރާޖާއޭ ކިޔައެވެ. އެހެނަސް އެއީ އެފަދަ މާތް، ޤަދަރުވެރި ބޭފުޅަކަށް ކިޔުން ޖާއިޒު ނަމެއް ނޫނެވެ.

ވެލާނާގޭ މުޙައްމަދު ދީދީގެ ބައްޕައަކީ އަކީ މަލިންގޭ ޙަސަން ދީދީ ވެލާނާ މަނިކުފާނެވެ. މުޙައްމަދު ދީދީގެ އާއިލާއަކީ ވަރަށް ދުރަށް ދެމިފައި އޮތް ނުފޫޒު ގަދަ އާއިލާއެކެވެ. އެގޮތުން އެ ދީދީއަކީ ޔަމަނު ކަރައިގެ ހަޟަރަމައުތުގެ ބަޢަލަވީ ދަރިކޮޅުގެ އޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަހާ މަލާބާރީގެ ފަސްމަންދޫ ޙަސަން ބޮޑުހަކުރާ ތަކުރުފާނުގެ ހަސަން ހޮޅިހަކުރާ މަނިކުފާނުގެ ވީރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ކީހި އިބްރާހީމް ދީދީގެ ވީރު ޙަސަން ދީދީގެ ޢަލީ މަލިމް މަނިކުފާނުގެ މަލިންގޭ ޙަސަން ދީދީ ވެލާނާ މަނިކުފާނުގެ މުޙައްމަދު ދީދީއެވެ.

މުޙައްމަދު ދީދީގެ ޒުވާން ދުވަސްވަރުގައި ރާއްޖޭގެ އެންމެ ބާރު ގަދަ ސިޔާސީ ޒައީމަކީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. އެއިރުގެ ރަދުން، އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން 3، ރަސްކަމަށް ގެނައުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. އެ ގޮތުން ރަސްކަމުގެ މައްޗަށް އޭނާގެ ނުފޫޒު ވަރަށް ގަދައެވެ.

އޭގެ ދުވަސްކޮޅެއް ކުރިން ވެލާނާ މަނިކުފާނާއި އިބްރާހީމް ދޮށިމާނާ ކިލެގެފާނާ ދެމެދުގެ ގުޅުން ވަރަށް ބަދަހިވިއެވެ. އެ ގުޅުން ހީނަރުވީ ވެލާނާ މަނިކުފާނު މެދުވެރިވެގެން، ހާޖީ އިމާދުއްދީން ރަދުންނާއި އެގަމުގޭ އުއްމު ކުލްޘޫމް ދީދީގެ ކައިވެނި ހަމަޖެއްސެވި ހިސާބުންނެވެ. އެއީ އެކަމުން އަތިރީގޭ އާއިލާގެ ނުފޫޒު ކުޑަވާތީއެވެ.

ވެލާނާ މަނިކުފާނުގެ އާއިލީ ފޮޓޯއެއް: މެދުގައި އިންނެވީ ވެލާނާ މަނިކުފާނު. ފަހަތުގައި ކޮޅަށް ކަނާއަތުން މުޙައްމަދު ދީދީ، އިސްމާއީލު ދީދީ (ތިމާގެ ބޭފުޅެއް) އިބްރާހީމް ދީދީ. (އުނގުގައި އިންނެވި ތުއްޕުޅު ބޭފުޅާ ނޭނގޭ.)

ވެލާނާގޭ މުޙައްމަދު ދީދީއާއި އިބްރާހީމް ދޮށިމޭނާ ކިލެގެފާނާ ދެ ބޭފުޅުންނަކީ ވެސް ކުރިން ވަރަށް ގާތް އެކުވެރި ދެ ބޭފުޅުންނެވެ. އެހެނަސް ފަހުންފަހުން އާއިލީ ވާދަވެރިކަން އެ ދެމެދަށް ވަންނާން ފެށިއެވެ. އެންމެ ފަހުން އެ ދެ ބޭފުޅުން ކަނޑިއާއިކަނޑި ވީއެވެ.

ކިލެގެފާނަކީ އިދިކޮޅު މީހުންނާ ދޭތެރޭ ވަރަށް ހަރުކަށިކޮށް ކަންތައް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ވެލާނާ މަނިކުފާނު ގާފަރަށް އަރުވާލެއްވިއެވެ. އަދި ފަހުން ހައްދުންމަތީ ފޮނަދުއަށް ބަދަލުކުރެވުނެވެ.

މި ކަމުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި ވެލާނާގޭ މުޙައްމަދު ދީދީއާ ދެ ބޭފުޅުން ޖާނީ ދުޝްމަނުންނަށް ވިއެވެ. މުޙައްމަދު ދީދީ ދެން ނިންމެވީ ކޮންމެ ގޮތަކުން ވިޔަސް ދޮށިމޭނާ ކިލެގެފާނު ވެރިކަމުން ދުރުކުރައްވާށެވެ. އޭނާގެ ފުރަތަމަ ފިޔަވަޅަކަށްވީ ވެލާނާ މަނިކުފާނު މިންޖު ކުރެއްވުމެވެ. މުޙައްމަދު ދީދީ، އޭނާގެ ކޮއްކޮ އިބްރާހީމް ދީދީއާއެކު ހައްދުންމައްޗަށް ވަޑައިގެން ތިމަންނަމެން އައީ ސަރުކާރުން ފޮނުވައިގެން ވެލާނާ މަނިކުފާނު ބަލައޭ ވިދާޅުވިއެވެ. އަތޮޅުވެރިޔާ ފެރިދޫ މުޙައްމަދު އެ ވާހަކަ ޤަބޫލު ނުކުރެއްވީމާ އޭނާއަށް އަނިޔާ ކުރެއްވުމަށްފަހު ގަދަކަމުން ވެލާނާ މަނިކުފާނު މިނިވަން ކުރައްވައިގެން ފުރާވަޑައިގަތީއެވެ.

އޭގެ ތިން ބަފައިން ވަޑައިގަތީ ސިލޯނަށެވެ. އެ ތަނުގައި ވެލާނާ މަނިކުފާނު އަވަހާރަވުމުން މުޙައްމަދު ދީދީ މައާފަށާއި މާލެ ވަޑައިގެންނެވުމުގެ ހުއްދައަށް އެދި އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް ސިޓީ ފޮނުއްވިއެވެ. ނަމަވެސް އެއަކަށް ޖަވާބެއް ނުލިބުނެވެ.

ސިލޯނުން، ވޯރާ ވިޔަފާރިއެއް ކަމުގައިވާ މުޙައްމަދު އަލީ ކަރީމްޖީގެ އެހީގައި ކަރާޗީއަށް މުޙައްމަދު ދީދީ ވަޑައިގަތެވެ. އެތަނުން ޕެޝާވަރުގެ ޖަނަރަލަކާ ބައްދަލުވެ ރަހުމަތްތެރިކަން އުފެދުނެވެ. އެ ޖަނަރަލަކީ ކުރިން އިނގިރޭސި ސފައިންނާއެކު ހަނގުރާމަކޮށް ތަޖުރިބާ ހޯދައިފައިވާ މީހެކެވެ.

ޕެޝާވަރުގެ ޗާޓު

ޖަނަރަލާއެކު މުޙައްމަދު ދީދީ ޕެޝާވަރަށް ވަޑައިގެންނެވިއެވެ. އެ ރަށަކީ ޕިޗޯރީން ދިރިއުޅޭ ސަރަހައްދެކެވެ. އެ މީހުންނަކީ އޭރުވެސް، އަދި މިހާރު ވެސް މައި ސަރުކާރަކަށް މާ ބޮޑަށް ތަބާވާ ބައެއް ނޫނެވެ. އެމީހުން ދިރިއުޅެނީ ޤަބީލާ ޤަބީލާއަށެވެ. ވެރިއަކީ ޤަބީލާގެ އަމީރެވެ. ވެރިކަން ހިންގާނީ އޭނާ ބޭނުން ގޮތަކަށް ބަޑީގެ އެހީގައެވެ. ކޮންމެ ކަމުވޮށިވެގެންވާ މީހެއްގެ އަތުގައި ބަޑިއެއް އޮންނާނެއެވެ.

ޕެޝާވަރަކީ އޭރު އިންޑިއާގެ ނޯތު ވެސްޓް ފްރަންޓިއަރ ޕްރޮވިންސްގެ ރަށެކެވެ. ޕެޝާވަރަކީ 1947ގެ ފަހުން ޕާކިސްތާނުގެ ބަޔެކެވެ. މިހާރު އެ ރަށް ހިމަނައިފައި ވަނީ ޚައިބަރ ޕަޚުތޫންޚްވާ ޕްރޮވިންސްގައެވެ. އެ ރަށުން ޚައިބަރު ޕާސް ހުރަސްކޮށް ވަރަށް ފަސޭހައިން އަފްޣާނިސްތާނަށް ދެވެއެވެ. ޕާސްޕޯޓެއް ވެސް ބޭނުން ނުވެއެވެ. އެހެން ކަމުން ބޯޑަރުގެ ދެ ފަރާތުގައި އުޅޭ މީހުން އުޅެނީ އެއް ބައެއްގެ ގޮތުގައެވެ.

ޕިޗޯރީންނަށް މުޙައްމަދު ދީދީ ތައާރަފްވެވަޑައިގެންނެވީ ދިވެހިރާއްޖޭގެ 'ރާޖާ’އެއްގެ ގޮތުގައެވެ. އަދި 'ގޯދީ’އެއްގެ މިލްކުވެރިއެއްގެ ގޮތުގައެވެ. ޕިޗޯރީންގެ ބަހުން ގޯދީއަކީ ބޯޓުފަހަރު އެހެލާ، މަރާމާތުކޮށް، ބާލައި ހަދާ ތަނެކެވެ. (މިހާރުގެ ގޮތުން ސްލިޕްވޭއެކެވެ.)

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ބަދަލުކުރަން އެހީވާނޭ ކުލީ ސިފައިންކޮޅެއް މުޙައްމަދު ދީދީ އެ ތަނުން ހޯއްދެވިއެވެ. އެހެނަސް އެ މީހުން ކައިރީގައި އޭނާގެ ހަޤީޤީ ބޭނުންފުޅެއް ވިދާޅެއްނުވެއެވެ. އެ މީހުން ހީކޮށްގެން ތިބީ ރާއްޖެ ދަނީ އެ ދީދީގެ ގޯދީގައި މަސައްކަތް ކުރަން ކަމަށެވެ. މިކަން މިހެން ކުރެއްވިޔަސް ޕިޗޯރީންނަކީ އޭނާ ވަރަށް ލޯބިފުޅުވީ ބަޔެކެވެ. އޭނާގެ ބޭފުޅުންގެ ނަންތައް ވެސް ޕިޗޯރީ ނަންތަކަށް ބަދަލު ކުރެއްވިއެވެ.

ކަރާޗީއިން ފުރާވަޑައިގެން މުޙައްމަދު ދީދީމެންނަށް ރާއްޖެއަށް ވަދެވަޑައިގެންނެވުނީ ފާދިއްޕޮޅާ ހަމައިންނެވެ. ދެން ހިންނަވަރަށް ފައިބައިވަޑައިގެން އެ ރަށުން މީހުން ފުރުން މަނާކޮށް ރަށް ބަންދު ކުރެއްވިއެވެ. މިއާއެކުވެސް ކަތީބު ބޮޑުގަލު ޙަސަން މަނިކުގެ އަލި މަނިކު ފިލައިގެން މާލެ އައިސް ސަރުކާރަށް ޚަބަރު ދިނެވެ. އެހެން ކަމުން މުޙައްމަދު ދީދީމެންނަށް ވަޑައިގެންނެވުނު އިރު މާލެ އޮތީ ތައްޔާރަށެވެ.

މުޙައްމަދު ދީދީމެން މާލެ އަތޮޅަށް ވަޑައިގެން ފައިބައިވަޑަގަތީ ބަނޑޮހަށެވެ. މީރުބަހުރު އިސްމާއީލު ދީދީ ގެންދެވި ސިފައިން ގަންޖާ ފަތުހުއް ރަހުމާނުގައި ބަޑި ހަރުކުރައްވައިގެން އެރަށުގެ އިރުއުތުރުންނާއި އެހެން ބޯޓެއް ހުޅަނގު ދެކުނުން އެއްފަހަރާ ހަމަލާ ދިނުމުން ޕިޗޯރީން ބިރުން ކަނޑަށް ފުންމާލައިގެން ފިލަން އުޅުނެވެ. އެއް ބަޔަކު ބަޑި ވެސް ޖެއްސެވެ. އެންމެފަހުން އެ މީހުން އަމާން ދީފިއެވެ. އެ މީހުން ރަށަށް ފޮނުވާލީއެވެ. މުޙައްމަދު ދީދީ ޝަރީއަތް ކޮށްފައި އަރުވާލީއެވެ. މިކަން ހިނގީ 1909 ގައެވެ.

ފުވައްމުލަކަށް އަރުވާލެވިފައި ހުންނެވި ދުވަސްވަރު އޭނާ އެ ރަށުން މީހުންނާ ކައިވެނިކުރެއްވި ކަމަށް އެ ރަށުގައި ތުންތުންމަތިން ކިޔައި އުޅެއެވެ. އަދި އެ ކައިވެނިތަކަށް ބޭފުޅުން ވެސް ލިބިވަޑައިގެންނެވި ކަމަށް ކިޔައި އުޅެއެވެ. އަދި ސަރުކާރުގެ އަމުރަށް އެރަށު މީހުން އޭނާ ބަހައްޓަން ރަނގަޅު ފެންވަރަކަށް ގެއެއް ވެސް ބިނާކުރިއެވެ. އެއީ ރޮނޑުގެއެވެ. (ފަހުން ރަށްދެބައިގެއެވެ.)


މިނިވަންވީ ފަހުން މުޙައްމަދު ދީދީ ފުވައްމުލަކު ވާރުވެރިކަން ހޯއްދަވައިގެން އެރަށަށް ވަޑައިގެން ވަރަށް ގިނަ ދުވަހު ދިރިއުޅުއްވިއެވެ. ޝަމްސުއްދީން ރަދުންނާއި އޭނާގެ ދަރިކަލުން އެ ރަށަށް އަރުވާލެވުނީ އެ ދުވަސްވަރުއެވެ. ޝަމްސުއްދީން ޢަޒުލް ކުރެވުނީ ޑިސެމްބަރ 1934 ގައެވެ. މުހައްމަދު ދީދީ އިސްވެ ހުންނަވައިގެން އެ ދެބަފައިންގެ ހުކުމް ތަންފީޒު ކުރެވެނީ ރަނގަޅަށްތޯ ވަރަށް ގާތުން ބެއްލެވިއެވެ. އެ ގޮތުން އެ ބޭފުޅުން ގެއިން ބޭރަށް ވަޑައިގަތުން މަނާ ކުރެއްވުމާއި ބޭރު މީހުން ވަނުން މަނާކުރެއްވުމާއި ކިޔަވައިދެއްވުން މަނާ ކުރެއްވުމާއި ސަރުކާރުން އެ ދެބަފައިންނަށް ފޮނުވާ ކޮއްތު ކޮންޓްރޯލް ކުރެއްވުން ހިމެނެއެވެ. އަދި 1938 ގައި ޙަސަން ޢިއްޒައްދީން އަވަހާރަވެ، ޝަމްސުއްދީން ވިލިނގިއްޔަށް ބަދަލު ކުރައްވަންދެން މިކަން މިގޮތަށް ކުރިޔަށް ދިޔައެވެ.

މުޙައްމަދު ދީދީގެ ނަސީބުގެ ތަރި މެދުއުޑުގައި ޖެހުނީ 1938 ހިސާބުގައި ޙަސަން ފަރީދު ދިވެހިރާއްޖެ ހިންގުމާ ހަވާލު ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ. އޭރު ޙަސަން ފަރީދުގެ އަނބިކަނބަލަކީ މުޙައްމަދު ދީދީގެ ޅަދީދީގެ ދަރިކަނބަލުން އާމިނަތު ދީދީއެވެ. އެ ދުވަސްވަރު މުޙައްމަދު ދީދީ ވަޒީރުއް ދާޚިލިއްޔާގެ ނާއިބު ކަމަށް އައްޔަން ކުރެވުނެވެ. އަދި ދައުލަތް ހިންގާ ކޮމިޓީގެ މެމްބަރުކަން ވެސް ލިބިވަޑައިގެންނެވިއެވެ.

(ކ-ވ) ނާއިބު ރައީސް އިބްރާހީމް މުޙައްމަދު ދީދީ، ރައީސް އިބްރާހީމް ނާސިރު، ބޮޑުވަޒީރު އަޙުމަދު ޒަކީ

އެކިއެކި ކައިވެނިތަކަށް، މުޙައްމަދު ދީދީއަށް 15 ވަރަކަށް ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނާއި އެބޭފުޅުންގެ ބޭފުޅުންނަކީ ވަރަށް މަތީ މަޤާމް ތަކެއް ފުރުއްވައިފައިވާ ބޭފުޅުންނެވެ. އޭގެތެރޭގައި ރާއްޖޭގެ ފުރަތަމަ ނާއިބު ރައީސް އިބްރާހީމް މުޙައްމަދު ދީދީއާއި ދެވަނަ ރައީސް އިބްރާހީމް ނާސިރާއި ބޮޑުވަޒީރު އަޙުމަދު ޒަކީ ހިމެނިވަޑައިގަނެއެވެ.

 

ރިފަރެންސް

  1. ޖަމީލު، މުޙައްމަދު (2011) "އޯރކިޑް،" ޞ 28-30
  2. ނަސީރު، މުޙައްމަދު، މާޅޮސް (2009) "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް،" ނޮވެލްޓީ ޕްރިންޓަރޒް، ޞ. 41
  3. އަޙުމަދު، ލަތީފާ، ދިގަލެގެދަރު، ފުވައްމުލައް (2021) ޓެލެފޯން އިންޓަވިއު

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *