Support Us

ބޮޑީ ސްޕްރޭ ޖެހުމުން ކަންބަޅިތައް މާރާމާރި ހިންގާކަށް ނޫޅޭ

 

ފިރިހެން ކަންބަޅި އެކަތި އަނެކައްޗާ ތަޅާފޮޅުން ހުއްޓުވަން ބޭނުން ނަމަ، ވަރަށް ފަސޭހަ އަދި އެހާމެ ހައިރާންކުރަނިވި ގޮތެއް ހޯދިއްޖެއެވެ. މި ކަން ދެނެގަނެވުނު މީހުން މިހާރު ވަނީ "ލޭޑީސް ހޫ ލޭމްބް" ކިޔާ ފޭސްބުކް ގްރޫޕްގައި މި މައުލޫމާތު ހިއްސާކޮށްފައެވެ.

އިނގިރޭސި ވިލާތުގައި ކަންބަޅި ހުއިހައްޕާ އަންހެނެއް ކަމަށްވާ ސޭމް ބްރައިސް ބުނީ އިންސާނުންގެ ގައިން ވަސް ކަނޑުވާ، މީރު ވަސް ދުއްވާ ބޮޑީ ސްޕްރޭއެއް ކަމަށްވާ "އެކްސް" ބްރޭންޑްގެ ބޮޑީ ސްޕްރޭ ފިރިހެން ކަންބަޅިއަށް ޖެހުމުން، އޭނާ ގެންގުޅޭ ފިރިހެން ކަންބަޅިތައް އެ ތަކެތީގެ މެދުގައި ހިންގާ މާރާމާރިއަށް ހުއްޓުމެއް އަންނަ ކަމަށެވެ.

އެކްސް ބްރޭންޑްގެ ބޮޑީ ސްޕްރޭއަކީ ފިރިހެނުންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ބޮޑީ ސްޕްރޭއެކެވެ. މި ބޭނުން ކުރުމުން ފިރިހެނުންގެ ގައިން ދެ ދުވަހުގެ މުއްދަތަށް ނުބައި ވަސް ކަނޑުވައިލައެވެ.

ސޭމް ބުނީ ދެކުނު އެފްރިކާގައި މި ބޮޑީ ސްޕްރޭ ބާޒާރަށް ނެރެފައިވަނީ "ލިންކްސް"ގެ ބްރޭންޑް ނަމުގައި ކަމަށެވެ. އޭނާ ބުނީ މިއީ ހަމަ އެއް ބޮޑީ ސްޕްރޭއް ކަމަށާއި މި ބޮޑީ ސްޕްރޭ ޖެހުމުން ފިރިހެން ކަންބަޅީގެ ރުޅި ކޮންޓްރޯލް ވާ ކަމަށެވެ.

ސޭމް ބުނީ ފިރިހެން ކަންބަޅިއަށް ރުޅި އިހުސާސް ކުރެވެނީ އޭތީގެ ހޯމޯންތަކުގެ ސަބަބުން ކަމަށާއި ބޮޑީ ސްޕްރޭއިން ހޯމޯންތައް "ފޮރުވާލާ" ކަމަށެވެ.

"ބޮޑީ ސްޕްރޭ ޖެހުމުން ފިރިހެން ކަންބަޅި އެ ތަކެތީގެ މެދުގައި ކުރާ 'ޒުވާބު’ތަކަށް ހުއްޓުމެއް އާދޭ،" ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހަށް ސޭމް ބުންޏެވެ.

ފޭސްބުކް ސަފުހާގައިވާ މެންބަރުންގެ ތަޖުރިބާތަކަށް ބަލާފައި ސޭމް ބުނީ ފިރިހެން ކަންބަޅި މައިތިރި ކުރަން ބޮޑީ ސްޕްރޭ ޖެހުމަކީ މިހާރު މަގުބޫލު ވަމުން އަންނަ ކަމެއް ކަމަށެވެ.

"މިއީ މިހާރު ހަމައެކަނި އިނގިރޭސި ވިލާތުގައި ކުރާ ކަމެއް ނޫން. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް،" އައި.ޓީ.ވީ. ޓީވީ ޗެނަލަށް ސޭމް ބުންޏެވެ.

އިނގިރޭސި ވިލާތުގައި ކަންބަޅި ހުއިހައްޕާ އެހެން އަންހެނެއް ކަމަށްވާ ކެއިޓްލިން ޖެންކިންސް އަށް ވަނީ ބޮޑީ ސްޕްރޭގެ އެހެން ބޭނުމެއް ވެސް ހޯދައިގަނެވިފައެވެ؛ އޭނާ ބުނީ ބައެއް ކަންބަޅިތައް ވިހެއުމަށް ފަހު ދަރިން ދޫކޮށްލުމުން އެ މިސްކީނު ވި ޅަ ކަންބަޅިތަކަށް މަންމައެއް ހޯދައިދޭން މިސްކީނު ކަންބަޅިތަކަށް ބޮޑީ ސްޕްރޭ ޖަހާ ކަމަށެވެ.

ކެއިޓްލިން ބުނީ އަންހެން ކަންބަޅިއަށް އެ ތަކެތީގެ އަމިއްލަ ދަރި ވަކި ކުރަން އެނގެނީ އެ ދަރީގެ ވަހުން ކަމަށާއި ބޮޑީ ސްޕްރޭ މިސްކީނު ކަންބަޅިއަށް ޖެހުމުން އެ ވަސް ކަނޑުވާލާ ކަމަށާއި މިހެންވެ އޮޅިގެން ނަމަވެސް މިފަދަ މިސްކީނު ކަންބަޅިއާ އަންހެން ކަންބަޅި ހަވާލުވާ ކަމަށެވެ.

"އަހަރެން ބޭނުން ކުރަނީ ލިންކްސް (ނުވަތަ އެކްސް) ބްރޭންޑްގެ ބޮޑީ ސްޕްރޭ. ސަބަބަކީ އޭގެ ވަސް ގަދަކަމުން. އެއަށްވުރެ ވަސް މަޑު ބޮޑީ ސްޕްރޭ އެހާ ރަނގަޅަކަށް މަސައްކަތެއް ނުކުރޭ،" ކެއިޓްލިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *