Support Us

އިސްރާއީލާއި ޔޫކްރެއިން އަދި ޓައިވާނަށް އެމެރިކާއިން 95 ބިލިއަން ޑޮލަރު ދެނީ

 

އިސްރާއީލާ ޔޫކްރެއިން އަދި ޓައިވާނަށް ސަލާމަތީ އެހީއެއްގެ ގޮތުން އެމެރިކާއިން 95 ބިލިއަން ޑޮލަރު ދޭން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގެ ކަމަށްވާ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްއިން ނިންމައިފިއެވެ.

ހައުސްއިން އިއްޔެ މި ގޮތަށް ނިންމިއަސް ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ މެންބަރުން މި ކަމާ ދެކޮޅެވެ. މި ބިލް އަންނަ ހަފުތާގައި މަތި ގެ ނުވަތަ ސެނެޓަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ. މީގެ ދެ މަސް ކުރިން ސެނެޓުން މި ކަހަލަ ބިލެއް ފާސް ކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

އެމެރިކާގެ ވެރިކަމުގެ ދާއިރާގައި ހިމެނޭ ސިޔާސީ ފަރާތްތައް މި ފަދަ ގާނޫނެއް ފާސް ކުރަން ހުށަހަޅާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ގޮތުން ރައީސް ޖޯ ބައިޑަން އާއި ސެނޭޓްގެ ރިޕަބްލިކަން ޕާޓީގެ މިޗް މެކަނަލް ވަނީ ހައުސްގެ ރިޕަބްލިކަން ޕާޓީގެ ރައީސް މައިކް ޖޯންސަނަށް މި ބިލް ވޯޓަށް އަޑުއެހުމަށް ގެންނެވުމަށް ޕްރެޝަރު ކުރައްވައިފައެވެ. މިހާރު ބެލެވެނީ މި ބިލް ގާނޫނަކަށް ހެއްދެވުމަށް އަންނަ ހަފުތާގައި ބައިޑަން އަށް ހުށަހަޅާނެ ކަމަށެވެ.

މި ބިލްގައި އިސްރާއީލަށް ދޭން ފާހަގަ ކުރެވޭ އެހީގެ ތެރޭގައި ޔަހޫދީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 26 ބިލިއަން ޑޮލަރު ދޭން ވަނީ ހުށަހަޅައިފައެވެ. ޔޫކްރެއިން އަށް ދޭން ނިންމާފައިވާ އެހީގެ ތެރޭގައި އެ ގައުމަށް އެމެރިކާއިން ދީފައިވާ ހަތިޔާރު ސްޓޮކްތައް އާކުރުމަށް 23 ބިލިއަން ޑޮލަރު ދިނުމަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އޭޝިޔާ ޕެސިފިކް ސަރަހައްދަށް ދޭ އެހީގެ ތެރޭގައި ޓައިވާނަށް އަށް ބިލިއަން ޑޮލަރު ދޭން ހުށަހަޅާފައިވެއެވެ.

ހައުސްގެ މި ނިންމުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑީމަރު ޒެލެންސްކީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އޭނާ ވިދާޅުވީ ހައުސްގެ މެންބަރުން މި ވަނީ "ތާރީހު އޭގެ ރަނގަޅު މަގުގައި ކުރިއަށް ގެންދިއުމަށް" ތާއީދު ކުރައްވާފައި ކަމަށެވެ.

"މި ބިލްގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާ ވާން ޖާގަ ނުދިނުމަށާއި އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީއަކަށްވާނެ. އަދި އެމެރިކާ އާއި ޔޫކްރެއިން ބާރުގަދަ ދެ ގައުމުގެ ގޮތުގައި އޮތުމަށް މަގުފަހިވެގެންދާނެ،" ޒެލެންސީ އެކްސްގައި ވިދާޅުވިއެވެ.

ޔޫކްރެއިން ހިފަން ދެ އަހަރުގެ ހަނގުރާމައެއް ކުރިއަށް ގެންދަމުންދާ ރަޝިޔާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މަރީއާ ޒަކަރޯވާ ވިދާޅުވީ އެމެރިކާގެ ހައުސްއިން މި ގޮތަށް ނިންމުމުން "ދުނިޔޭގައި މައްސަލަތައް އިތުރަށް ގޯސް ވާނެ" ކަމަށެވެ.

"ޔޫކްރެއިނަށް އަސްކަރީ އެހީ ދިނުމަކީ ޓެރަރިޒަމަށް ސީދާ އެހީވުން،" އޭނާ ވިދާޅުވިއެވެ.

ހައުސްއިން ޔޫކްރެއިނަށް ދޭން ނިންމި އަސްކަރީ އެހީ ހުސްވާނީ ކޮން އިރަކުކަން ނޭނގޭ ކަމަށްވެއެވެ. އަދި މިހެން ވެއްޖެ ނަމަ، ޔޫކްރެއިނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ހައުސްއަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޔޫކްރެއިނަށް އެހީ ވުމަށް މިދިޔަ އަހަރުއްސުރެ ބައިޑަން އަންނަނީ ހައުސްއަށް ގޮވާލައްވަމުންނެވެ.

"ވަރަށް ނާމާން ވަގުތެއްގައި މި އެހީ ފޯރުކޮށްދެވެނީ. މީގެ ކުރިން ނުފެންނަ ހަމަލާތަކެއް އިރާނުން މި ވަނީ އިސްރާއީލަށް ދީފައި. އަދި ރަޝިޔާ ވެސް ދަނީ ޔޫކްރެއިނަށް ކެނޑިނޭޅި ހަމަލާތައް ދެމުން،" ބައިޑަން އިއްޔެ ވިދާޅުވިއެވެ.

ޔޫކްރެއިނަށް އެހީ ދޭން ހައުސްގައި ނެގި ވޯޓު ފާސް ވީ 311 އެއްކޮޅަށެވެ؛ 112 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. ރިޕަބްލިކަން ޕާޓީން އެއްކޮޅަށް ވޯޓު ދެއްވީ 101 މެންބަރުންނެވެ؛ 112 ވޯޓަކީ ރިޕަބްލިކަން ޕާޓީން ދެކޮޅަށް ދިން ވޯޓެވެ.

އިސްރާއީލަށް އެހީ ދިނުމަށް ހައުސްއިން ނިންމި ނިންމުމުގައި ކުރީ ފަހަރުތަކާ ބަލާއިރު އިސްރާއީލާ ދެކޮޅު މެންބަރުންތަކެއް މިހާރު ތިބިކަން ފާހަގަ ވެގެން ދިޔައެވެ. އިސްރާއީލަށް އެހީ ވުމަށް ވޯޓު ދެއްވީ 366 މެންބަރުންނެވެ؛ 58 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. އެ ގޮތުން ޑިމޮކްރެޓްސް ޕާޓީން 37 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، ރިޕަބްލިކަން ޕާޓީން 21 މެންބަރުން އިސްރާއީލާ ދެކޮޅަށް ވޯޓު ދެއްވިކަން ފާހަގަ ކުރެވެއެވެ.

އަލްޖަޒީރާއިން ބުނީ އިސްރާއީލަށް އިތުރު އެހީ ދިނުމާ ދެކޮޅަށް ހައުސްއިން ވޯޓު ދެއްވި މެންބަރުން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމަށެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ނުފެންނަ މަންޒަރެއް ކަމަށާއި މީގެން ދޭހަ ވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ކަންތައްތައް ފާހަގަ ކުރެވޭ ވަރަށް ބަދަލު ވެފައިވާ ކަމަށެވެ.

ހައުސްއިން ފާސް ކުރި ބިލްގައި ޗައިނާގެ ސޯޝަލް މީޑިއާ އެޕެއް ކަމަށްވާ ޓިކްޓޮކް މަނާ ކުރުމާއި އެމެރިކާއިން އަތުލައިގެންފައިވާ ރަޝިޔާގެ ހަރު މުދާ ޔޫކްރެއިނަށް ދިނުމުގެ ހުށަހެޅުމެއް ވެސް އެކުލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *