Support Us

ލިޔުންތެރިޔާ: ޑރ. އާމިނަތު ޝާފިޔާ

ޑރ. އާމިނަތު ޝާފިޔާ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެސިސްޓެންޓް ޕްރޮފެސަރ، އަދި ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަގާމުގައި މަސައްކަތް ކުރައްވާ ދިރާސާވެރިއެކެވެ. އޭނާގެ ވަޒީފާގެ މައިގަނޑު ދާއިރާތަކަކީ މާސްޓާރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވާ ދަރިވަރުންގެ ދިރާސީ މަސައްކަތުގައި އެހީތެރިވެދެއްވުމާއި ތަފާތު ދިރާސީ މަސައްކަތްތަކުގައި އިސްރޯލެއް އަދާކުރެއްވުމެވެ. ޑރ. ޝާފިޔާ ޕި.އެޗް.ޑީ ޙާޞިލުކުރައްވާފައިވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިންނެވެ. އޭނާގެ ޢިލުމީ ކަރުދާސްތައް ވަރަށް ގިނަ ބައިނަލް އަޤްވާމީ ޖާރނަލްތަކުގައި އިނގިރޭސި ބަހުން ޝާއިޢު ކުރައްވާފައިވެއެވެ. މިހާރުވެސް އޭނާއަކީ ޢިލުމީ ޖާރނަލްތަކަށް ލިޔުއްވާ އަދި ތަފާތު ޖާރނަލްތަކުގެ ލިޔުންތައް ރިވިއު/ވަޒަން ކުރައްވާ ދުނިޔޭގެ ފެންވަރުގައި ވެސް ޢިލުމީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންވާ ބޭފުޅެކެވެ. ޔުނިވަރސިޓީގެ ވަޒީފާގެ އިތުރުން ބައިނަލް އަޤްވާމީ ފެންވަރުގެ ބައެއް ފޯރަމުތަކުގައި ދިވެހިރާއްޖެ ތަމުސީލުކުރެއްވުމާއި، ޔޫއެންޑީޕީ ފަދަ މުއައްސަސާތަކުގެ މަސައްކަތްތަކުގައި ދަރުމަވެރި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ، އަމިއްލަގޮތުން މުޖުތަމަޢަށް ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކެވެ. އަދި މީގެ އިތުރުން ޑރ. ޝާފިޔާއަކީ ރޭޑިއޯ/ޓީވީ ޕްރޮގްރާމްތަކާއި ނޫސް/މަޖައްލާ ފަދަ އެކި ދާއިރާތަކުގެ ޢިލުމީ މުހާވަރާތަކުގައި ޚިދުމަތް ފޯރުކޮށްދެއްވާ އެއީ އޭނާގެ އިޖުތިމާޢީ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. ޖުމުލަގޮތެއްގައި ޑރ. ޝާފިޔާއަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއަށް ޚާއްޞަ ލޯތްބެއް އޮންނަ ފަންނީ މާހިރެކެވެ.