Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިން ޗުއްޓީއަށް ފަހު ސްކޫލަށް ގެންދާއިރު ކަންކަން ކުރާނީ ކިހިނެއް؟

ސްކޫލް ބަންދަކަށް ފަހު އެނބުރި ކުދިން ސްކޫލަށް ދާއިރު ކޮންމެ ބެލެނިވެރިއެއް ވެސް ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. ޗުއްޓީ ދުވަސްވަރު މަޖާކުރުމާއި، ކުޅެންދިއުމާއި، ގޭތެރޭގެ އެހެނިހެން ރޫޓިންތައް ވެސް ތަފާތުވުމާ އެކު، ސްކޫލް ފެށުމުން ދުވަހުގެ އާންމު ކަންކަމަށް ބަދަލު އައުމަކީ ސްކޫލް ފެށޭ ދުވަހު އެހާ ފަސޭހަކަމެއް ނޫނެވެ. އާންމު ކުދިންނަށް މިގޮތަށް އުނދަގޫވާއިރު، އޯޓިޒަމް ހުންނަ ކުއްޖަކަށް މިއީ އެހެން ކުދިންނަށް ވުރެ ބޮޑަށް ގޮންޖެހުމަކަށް ވެއެވެ. ސްކޫލް ފެށޭ ދުވަހުގެ ކަންކަމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ވަގުތު ނަގައެވެ. އަދި އެކަމުގެ ސަބަބުން ނުތަނަވަސްވުންތަކެއް ކުއްޖާއަށް ކުރިމަތިވެ އެވެ. މިއަދު އަލިއަޅުވާލަން މި ގަސްދުކުރަނީ ޗުއްޓީއަށް ފަހު ސްކޫލަށް ކުދިން އަނބުރާ ދާއިރު މައިންބަފައިންނަށް ސަމާލުވެވިދާނެ ދެތިން ކަމަކަށެވެ. މިއަދުގެ ވާހަކަކޮޅު ފުރަތަމަ ގެންދާނީ އޯޓިޒަމްގެ ހާލަތާއެކު އުޅޭ ކުއްޖެއްގެ ބެލެނިވެރިޔަކު ހިއްސާކޮށްފައިވާ ވާހަކަކޮޅަކުންނެވެ. އެއަށްފަހު ޢިލްމީ ނަޒަރަކުން ދެތިން ނުކުތާއަކަށް އަލި އަޅުވާލާނަމެވެ.

ބެލެނިވެރިޔެއް ހާމަކޮށްފައިވާ ވާހަކަކޮޅެއް ތިރީގައި އެވަނީއެވެ.

"ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން އަހަރެންނަށް ގަބޫލުކުރެވެއެވެ. ޚާއްޞަކޮށް އަހަރެންގެ އެއް ކުއްޖަކީ އޯޓިޒަމްގެ ޢަލާމާތްތައް ހުރި ކުއްޖެކެވެ. އެހެންކަމުން އޭނާއަކީ އެހެން ހުރިހާ ކުދިންނާ މާބޮޑަށް ވެސް ތަފާތު ކުއްޖެކެވެ. އެކި އަހަރުތަކުގެ ތަޖުރިބާއާ އެކުމެ އަހަރެންގެ ދަރިން ސްކޫލަށް އެނބުރި ދާއިރު ހަދާ ޕްލޭންތަކެއް ހުރެއެވެ. މިއަހަރު ސްކޫލް ފެށުމުގެ ކުރިން ހަމަ އެ ބީދައިން އަހަރެން ކަންކަން ކުރީމެވެ. ޚާއްޞަކޮށް އޯޓިޒަމް ހުންނަ ދަރިފުޅާ މެދު ވަކިން ބޮޑަށް ސަމާލުވީމެވެ. ޗުއްޓީގެ ދުވަސްތަކުގެ އާދަތަކަށް މިހާރު ހުންނާނީ ބަދަލު އައިސްފައި ކަމުން، ސްކޫލަށް ދާން ފެށީމާ ބަދަލުވާނެ ކަންކަމަށް ދަރިފުޅު ތައްޔާރުކުރުމަށް އަހަރެން ދުރާލާ ވިސްނަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އޭގެ ސަބަބުން ދަރިފުޅަށް ސްކޫލަށް އެނބުރި ދިއުމުގެ ނުތަނަވަސްކަން ކުޑަކުރެވި ހަމަޖެހިލުމަށް ފަސޭހަވެއެވެ.

"މިގޮތުން ފުރަތަމަ އިސްކަން ދެނީ ނިދުމުގެ އާދައަށެވެ. ދެން އެއަށްފަހު ކެއުމުގެ ގަޑިތަކަށް ބަދަލު އަންނާނެތީ އެކަމަށްވެސް ސަމާލުވަމެވެ. މީގެ އިތުރުން ޔުނީފޯމު ލުމާއި، ބޫޓަށް އަރައިގެން ގިނަ ވަގުތު ހޭދަކުރުން ފަދަ ކަންކަމަކީ ދަރިފުޅަށް އުނދަގޫވާނެ ކަންކަން އަހަރެންނަށް ފާހަގަކުރެވެއެވެ. މިގޮތުން އަހަރެން އާންމުކޮށް ކުރާ ކަމަކީ އެކަމާ ބެހޭގޮތުން ދަރިފުޅަށް ވާހަކަ ކިޔައިދީ ތަފާތު ކަންކަން ވާނެ ގޮތާ ބެހޭގޮތުން ސޯޝަލް ސްޓޯރީ ކިޔައިދިނުމެވެ. އަދި ސްކޫލަށް ދާ ދުވަހު ކަންކަން ކުރާނެ ގޮތުގެ ޕްލޭނަށް ދަރިފުޅު ތައްޔާރުކުރަނީއެވެ. މި ވާހަކަތައް އާންމުކޮށް ފަށަނީ ޗުއްޓީގައި ކުރާ ކަންކަމުގެ ތެރެއިންނެވެ. އެންމެ މަޖާވި ކަންކަމާއި ކުރި ކަންތައްތަކާއި، ފޮޓޯތައް ދައްކައިގެން އެވާހަކަ ތެރެއަށް ދަރިފުޅު ވައްދަމެވެ. އޭގެ ސަބަބުން ޗުއްޓީގެ އުފާތައް ވެސް އަލުން އިހުސާސްކޮށްލުމަށް އެހީތެރިވެދޭނެއެވެ.

"މި ވާހަކަ ތަކުގެ ތެރޭގައި ސްކޫލު ފެށޭ ވާހަކަ ދައްކަމެވެ. މުދައްރިސް ބުނާނެ އެކި ވާހަކަތައް، ބުނާނެ ގޮތަށް އަޑުއަޑުން ވާހަކަ ކިޔައިދެމެވެ. ހަމަ އެގޮތަށް ކުދިން ދައްކާނެ ވާހަކަތައްވެސް ހިމަނަމެވެ. އެވާހަކަ ތަކުގެ ތެރެއިން، ކުދިންގެ ގާތުގައި ދަރިފުޅު ދައްކާނީ ކޮން ވާހަކަތަކެއްތޯ، ބުނާނީ ކީކޭތޯ، ކިޔައިދޭނީ ކޮން ވާހަކަތަކެއްތޯ އަހަމެވެ. މިގޮތަށް ވާހަކަ ދައްކާއިރު ބޮޑަށް ކިޔައިދިނުމުގެ ބަދަލުގައި ދަރިފުޅާއެކު މަޝްވަރާކުރާ ގޮތަށް ވާހަކަ ގެންދެވޭތޯ ބަލަމެވެ. ބައެއް ފަހަރު ވިޝުއަލް ގައިޑްގެ އެހީވެސް ބޭނުންކުރަމެވެ. ވާހަކަދެއްކުން ގެންދާއިރު، ސީދާ ގޭގައި އެވާހަކަތައް ދެއްކުމަށްވުރެ، ކުޅެން ބޭރަށް ނެރެ އުޅޭއިރު، ނުވަތަ އެހެންވެސް ތަނަކަށް ނުކުމެލާއިރު ވެސް ވާހަކަ ދެއްކުން ރަނގަޅުކަމަށް ފާހަގަ ކުރެވެއެވެ. މިވާހަކަ ތަކަށްފަހު، ސްކޫލަށް ދާ ދުވަހު ލާނެ ބޮކްސާ އަދި ލާނެ އިސްޓާކީން ފަދަ ތަކެތި އަމިއްލަ އަށް އިޚްތިޔާރުކުރުމަށް ފުރުސަތުދެމެވެ. ދަބަހަށް އަޅާނެ އެއްޗެތިތައް އަމިއްލައަށް އިޚްތިޔާރު ކުރުމަށް ވެސް ފުރުސަތު ދެމެވެ. އަދި އިންޓަވަލް ޓައިމަށް ކާލަން ގެންދާނެ އެއްޗަކާ ބެހޭގޮތުންވެސް ދަރިފުޅު ލައްވާ ގޮތްތަކެއް ނިންމަމެވެ. ބޭނުމަކީ ދަރިފުޅު ގަޔާވާ އެއްޗެއްސާއި ގަޔާވާ ކާތަކެތި އިޚްތިޔާރު ކުރުމުގައި އޭނާގެ ހިއްސާ ބޮޑުކުރުމެވެ. މީގެ އިތުރުން، ސްކޫލަށް ގޮސް ކުރާނީ ކީއްތޯ، ސްކޫލުގައި އުޅޭއިރު ކުރަންޖެހޭ އެކި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަމެވެ. އަދި ސްކޫލު ނިމުމުން ކުރާނެ ކަންތައްތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކަމެވެ.

"މި ހުރިހާ ތައްޔާރީތަކާއެކު ވެސް ދަރިފުޅަށް ދިމާވާ ބައެއް ނުތަނަވަސްކަން ހުންނަ ކަން އަހަރެންނަށް ފާހަގަކުރެވެއެވެ. މިސާލަކަށް ފުރަތަމަ ދުވަހުގެ އިންޓަވަލް ގަޑީގައި ސްކޫލަށް އަހަރެން ދިޔައީމެވެ. ޗުއްޓީއަށް ފަހު ފުރަތަމަ ދުވަސްވީމާ އިތުރު އެހީތެރިކަމެއް މުދައްރިސަށް ބޭނުންވެދާނެ ކަމަށް ހީވެފައި އޮތީމައެވެ. އެ ދުވަހަކީ ޗުއްޓީއަށް ފަހު ފުރަތަމަ ދުވަސްވީމަ ދަރިފުޅު ޕެނިކްމޯޑަށް ދިޔައެވެ. ދަރިފުޅާ ވާހަކަ ދައްކައިގެން އޭނާ ގަޔާވާ ކަމަކަށް ސަމާލުކުރީމެވެ. ދަރިފުޅު ބޭނުންވާ ގޮތަށް ގެއަށް ދިޔައީމަ ތިން ޗޮކްލެޓް ލިބޭނެ ވާހަކަ އާއި އަދި ކުޅޭ ސަރަހައްދަށް ސްކޫލު ނިމިގެން ކުޅެލަން ދާން އެއްބަސްވެ ހަމަޔަކަށް އެޅި އިންޓަވަލް ގަޑި ނިންމާލެވުނެވެ. އަދި އިތުރު ނުތަނަވަސްކަމަކާ ނުލައި އަނބުރާ ކުލާހަށް ދަރިފުޅު ގެންދެވުނެވެ. ފުރަތަމަ ދުވަހު މިގޮތަށް ވީ ނަމަވެސް ދެވަނަ ދުވަހު އިތުރަށް ރަނގަޅުކަން ފާހަގަކުރެވުނެވެ.

"ދަރިފުޅުގެ ބޮޑުވަމުން އަންނަ ވަރަކަށް ކަންކަމުގައި މުޢާމަލާތްކުރުމާއި މުވާޞަލާތު ކުރުން ރަނގަޅު ކަމަށް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އަބަދު ބޭނުންކުރާ ވިޝުއަލް ޝެޑިއުލް ފަދަ ތަކެއްޗަށް މިހާރު ދަރިފުޅު ވަނީ އާދަވެފައެވެ. ބައެއް ބަސްތައް ބޭނުންކޮށްގެން އުނދަގޫވާ ކަންކަމާ ގުޅޭގޮތުން މަންމައާ ހިއްސާކުރެއެވެ. އަހަރެން އެންމެ ބޮޑަށް ސަމާލުކަން ދެނީ ދަރިފުޅުގެ ހަމަޖެހުމަށެވެ. އޭނާއަށް އެކަނި އަހަރެންނާ ނުލައި ކަންކަން ކުރުމަށް ފަރިތަކޮށްދެވޭނެ ގޮތަކަށެވެ. މިހެންކަމުން ވިޝުއަލް ޝެޑިއުލް ފަދަ ތަކެތި އާންމުކޮށް އޭނާގެ ދަބަހުގައި ހުންނާނެއެވެ. މިގޮތަށް ކަންކަން ރޭވުމުގައި އަހަރެން ސަމާލުކަންދޭ އެހެން ކަމެއްވެސް އެބަ އޮތެވެ. ދުރާލާ ސްކޫލުގެ ކަންތައްތައް އެއް ދުވަހުން އަނެއް ދުވަހަށް އޮތްގޮތް ބަލައި މުދައްރިސާއެކު ވާހަކަ ދައްކަމެވެ. ދަރިފުޅާއެކު ދެއްކި އަދި ދައްކާ ވާހަކަތަކާއި މިސާލުތައް މުދައްރިސާއެކު ހިއްސާ ކުރަމެވެ. މީގެ ސަބަބުން މުދައްރިސަށް ވެސް ކަންކަން ކުރާނެ ގޮތްތަކެއް ދުރާލައި ވިސްނާލުމަށް އެހީތެރިވެދެއެވެ."

މި ވާހަކަކޮޅުގައި ފާހަގަކޮށްލައިފައިވާ އަދި އިތުރަށް ސަމާލުވެވިދާނެ ދެތިން ކަމެއް ވަކިކޮށް ލިޔެލާނަމެވެ.

1. ޝެޑިއުލަކާއި ރޫޓިންއެއް ބެލެހެއްޓުން

ސްކޫލްގެ ކިޔެވުން އޮންނައިރު ދަރިފުޅު އާދަވެފައިވާ ގޮތަށް ވީހާވެސް އެއްގޮތަށް ނިދުމުގެ ޝެޑިއުލެއް ބަދަލުކުރުމަށް މަސައްކަތް ކުރާށެވެ. ޗުއްޓީ ނިމުމުގެ ދެތިން ދުވަސް ކުރިން ޝެޑިއުލް ބަދަލުކުރުމަށް ތައްޔާރުވުން މުހިންމެވެ. މިސާލަކަށް ސްކޫލަށް ދާން އާންމުކޮށް ހޭލާ ގަޑިއަށް ބައިގަޑިއިރާއި ނުވަތަ އެއް ގަޑިއިރު ކުރިން ހޭލައްވަން އާދަކޮށް ފަށާށެވެ. މިކަމުގެ ސަބަބުން ސްކޫލަށް ދާން ފެށުމުން ދަރިފުޅު ހޭލައްވަން ތަންކޮޅެއް ފަސޭހަވާނެއެވެ. ޗުއްޓީ ނިމުމާ ގާތްވާ ވަރަކަށް ދަރިފުޅުގެ ހެނދުނުގެ ރޫޓިންތަކަށް ވައްދަން ފަށާށެވެ. މިސާލަކަށް ހޭލައިގެން ހެނދުނުގެ ނާސްތާ ނަގައިގެން ޔުނިފޯމް އަޅާ ގޮތަށް ހެދުން އަޅާށެވެ. މިއީ ސްކޫލު ފެށުމުން އާންމު ދުވަސްތަކުގެ ހެނދުނު އޮމާންކޮށް ދާނެކަން ކަށަވަރު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ހަމަ ސްކޫލަށް ދާން ނުކުންނަ ގަޑީގައި ތަނަކަށް ދާންވެސް ނުކުމެލުމެވެ. އެކަމުގެ ސަބަބުން އެކަމަށް ވެސް ކުއްޖާ ތައްޔާރުކުރެވޭނެއެވެ.

2. ސުލޫކީ ސަޕޯޓް ދިނުން

ޗުއްޓީ ނިމިގެން ސްކޫލަށް ދާން ފަށާއިރު އެއް ކަންތައްތަކެއް އެއްގޮތަކަށް ކުރުމަށް ކުއްޖާއަށް ސުލޫކީ އެހީތެރިކަން ދިނުން މުހިންމެވެ. މިގޮތުން އާއިލާއެއްގެ އެންމެން އެއް ވާހަކަތަކެއް ދައްކާ ސްކޫލު ފެށުމުން ކުރާނެ ކަންތައްތަކުގެ ވާހަކަ އެއް ބީދައަކުން ދެއްކުމަކީވެސް ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެކެވެ. ކުރިން ބެލެނިވެރިޔާ އިޝާރާތްކުރިހެން ސްކޫލުގެ ދުވަހެއްގައި ކަންކަން ވާނެ ގޮތާއި، މުދައްރިސް ކުރާނެ، ބުނާނެ، ދައްކާނެ ވާހަކަތަކާ ގުޅުވައިގެން ކުއްޖާއާއެކު މަޝްވަރާކޮށް ކިޔައިދީ ހެދުން ވަރަށް މުހިންމެވެ. ޓައިމްޓޭބަލް ބަލުވައި ގަޑިތަކުގެ ކުރާނެ ކަންކަމާއި، އެއާ ގުޅޭ ވިޝުއަލްތައް ދައްކާ، ސްކޫލަށް ދާއިރު އަޅަންޖެހޭ ޔުނީފޯމާއި، ބޫޓާއި، ލާންޖެހޭނެ އިސްޓާކީން އަދި ތޮފި، ނުވަތަ އެހެނިހެންވެސް ތަކެތި ނަގާ ދައްކާ، އަދި ދަބަހާއި އިންޓަވަލް އަޅާ ތަކެއްޗާއި މިހުރިހާ އެއްޗެއްސަކީ ކުއްޖާ އެނބުރި ސްކޫލަށް ދިއުމަށް އެހީތެރިވުމަށް ޓަކައި ބޭނުންތެރި ކަންކަމެވެ. މީގެ އިތުރުން އިޖުތިމާޢީ ވާހަކަތައް (ސޯޝަލް ސްޓޯރީ) ބޭނުންކޮށްގެން ތަންތަނަށް އަލުން ޒިޔާރަތްކުރާއިރު އެކަކު އަނެކަކާ ވާހަކަ ދައްކާއިރު ބުނާ ވާހަކަތަކާއި، ސަލާމް ގަލާން ކުރާ ގޮތާއި، އާންމުކޮށް ބޭނުންކުރާ ބަސްތައް، ބޭނުންކޮށްގެން ވާހަކަ ދެއްކުން ވެސް ވަރަށް މުހިންމެވެ. މިސާލަކަށް، ގުޑްމޯނިން، ތޭންކިއު، ހައު އާޔޫ؟ މި ބަސްތަކަކީ އާންމުކޮށް ކުއްޖާ ބޭނުންކުރާ ބަސްތަކެއް ނަމަ އެ ބޭނުންކުރާ ބަހަކުން (ދިވެހި ނުވަތަ އިނގިރޭސި) ވާހަކައިގެ ތެރޭގައި ބޭނުން ކުރެވިދާނެއެވެ. ހަމަ މިގޮތަށް މަޖާ ވާހަކަ ކިޔާދޭއިރު ބޭނުން ކުރާ ބަސްތައް "ފަން، ލައިކް، ލަވް، ގްރޭޓް" މިފަދަ ބަސްތައްވެސް ހިމަނައިގެން ސޯޝަލް ސްޓޯރީތައް ކިޔައިދިނުން ރަނގަޅުވާނެއެވެ. މި އިޖުތިމާއީ ވާހަކަތަކުގެ ސަބަބުން ދަރިފުޅު ސްކޫލަށް ދިއުމަށް ތައްޔާރުވެ، އާންމު ދުވަހެއްގެ ޝެޑިއުލަށް އަންނަ ބަދަލުތަކާއި ނުވަތަ އެނޫން ގޮތަކަށްވެސް ނުތަނަވަސް ކަމެއް މެދުވެރިވެދާނެ ކަންކަމަށް ތައްޔާރުކުރުމަށް އެހީތެރިވެދެ އެވެ.

3. ދަރިފުޅު ފުރިހަމަ އަށް ބައިވެރިކުރުން

ކުރިން ބަޔާންވެދިޔަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާއިރު، ދަރިފުޅު އެކަމުގައި ފުރިހަމައަށް ބައިވެރި ކުރުމަކީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މިސާލަކަށް ދަބަހަށް އަޅަންޖެހޭ އެއްޗެތި ދަރިފުޅު ލައްވާ ނަންގުވައި، ކާނެ އެއްޗެތި އަމިއްލައަށް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދިނުމާއި، ލާނެ ޔުނީފޯމާއި އަދި އެހެނިހެން ތަކެތިވެސް ދަރިފުޅު ލައްވާ ނެގުމަކީ މުހިންމު ކަމެކެވެ. އިތުރަށް ކުރެވިދާނެ ކަންކަމަކީ، ސްކޫލަށް ދިއުމުގެ ދެތިން ދުވަސް ކުރިން އާއިލާގެ އެހެން ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް އިޖުތިމާޢީ ގުޅުން، މުވާސަލާތުކުރުން، ވާހަކަ ދެއްކުން ފަދަ ކަންކަން ރޭވުމެވެ. އަދި ޕާކަކަށް ދިޔުން، އެހެން ކުދިންނާ އެކު ކުޅެލަން ފުރުސަތު ފަހިކޮށްދިނުން، މަގުމަތީގައި ހިނގާލަންދިއުން، މިފަދަ ކޮންމެ ކަމަކީ އޯޓިޒަމް ހުންނަ ކުދިން އެނބުރި ސްކޫލަށް ދާއިރު ސްކޫލުގެ މާހައުލަށް އާދަވެ އަދި ނުތަނަވަސްކަން ކުޑަކޮށް އަލުން ފަރިތަވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

4. ސްކޫލުގެ ސަޕޯޓް ހޯދުން

މުދައްރިސާ ގުޅައިގެން ފުރަތަމަ ދުވަހުގައި އޮންނާނެ ޙަރަކާތްތަކާއި، ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށް، ދަރިފުޅަށް ކިޔައިދީފައިވާ ވާހަކަތަކާއި، އެކަމުގައި މުދައްރިސަށް ބައިވެރިވެވޭނެ ގޮތާއި ކަންކަމާ ބެހޭގޮތުން ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިމާވެދާނެ ނުތަނަވަސް ކަމަކަށް ދަރިފުޅަށް ވެދާނެ އުނދަގުލަކަށް، ނުވަތަ ޗުއްޓީތެރޭގައި ވީ ކަމަކުންވެސް އުނދަގޫވެދާނެ ކަންކަން މުދައްރިސާއެކު ވާހަކަ ދައްކަލާފައި ބޭއްވުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް މުދައްރިސް ޝޯ އެންޑް ޓެލް ފަދަ ބްރޭކާ ބެހޭ ހަރަކާތެއް ނުވަތަ ކަސްރަތެއް ކުރުމަށް ހަމަޖެހިފައިވޭތޯ ބަލާށެވެ. އެގޮތަށް ރޭވިފައިވާނަމަ، އެކަމުގެ ވާހަކަ ދަރިފުޅުގެ ގާތުގައި ދައްކާ ވާހަކަ ތެރޭގައި ހިމެނުން މުހިންމު ވާނެއެވެ. ދަރިފުޅަށް ލިބުނު ކަމުދާ ހަދިޔާއެއް ނުވަތަ ބްރޭކްގައި ކުރެވުނު އެންމެ ކަމުދާ ތަޖުރިބާއަކީ ބެހޭގޮތުން މުދައްރިސަށް ކިޔައިދޭން ބުނާށެވެ. މިފަދަ ކަންކަމާ ބެހޭގޮތުން ދުރާލައި ކަންކަން ހަމަޖެހިފައި އޮތުމުން އޯޓިޒަމް ހުންނަ ކުދިންނަށް އަލުން އަނބުރާ ކުލާހުގެ މާހައުލަށް ހޭނުމަށް އެހީތެރިވެދޭނެއެވެ.

5. ކެތްތެރިކަން އިޚްތިޔާރުކުރުން

ޗުއްޓީ ނިމުމަށްފަހު އަލުން ސްކޫލު ފެށޭ ދުވަހަކީ ކޮންމެ ބެލެނިވެރިޔަކަށް ވެސް އާދަޔާ ޚިލާފަށް ނުތަނަވަސްކަން ދިމާވާ ދުވަހެކެވެ. ވަރަށް ގިނަ ކަންތައްތައް ހަމަޖެއްސުމުގައި އަވަދި ނެތި އުޅެންޖެހެއެވެ. އޯޓިޒަމް ހުންނަ ދަރިޔަކު ޗުއްޓީއަށް ފަހު ސްކޫލަށް ގެންދާއިރު ކެތްތެރިކަމާއެކު ހުރިހާ ކަމަކަށް ސަމާލުވެގެން ކަންކަން ރޭވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ހެނދުނުގެ ރޫޓިންގެ އާ ޝެޑިއުލަކަށް ދަރިފުޅު ހާނުވަން އުޅޭއިރު ކެތްމަދުވެ، ނުތަނަވަސް ވާނެއެވެ. ދިމާވެދާނެ ކަންކަން ކިތަންމެ ވަރަކަށް ދުރާލާ ރޭވުނު ނަމަވެސް ކަމެއް ބޮލުން ކައްސާލުމަކީ އެކަށީގެންވާ ކަމެކެވެ. ހުރިހާ އެންމެންގެ ހަޔާތުގައި ވެސް މިފަދަ ނުތަނަވަސްކަމަކީ ދިމާވާނެ ކަންކަމެވެ. ވީވަރަކުން ކަންކަމުގައި ކެތްތެރިކަން އިޚްތިޔާރުކޮށް ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތްތަކަށް ސަމާލުވެ ހިތްހަމަނުޖެހުމެއް ދިމާވުމުން ހަޅޭލަވާ، ބާރަށް އެއްޗެތި ބުނުން ފަދަ ކަންކަމުން ދުރުވުމަކީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްހެން ހީވި ނަމަވެސް ވަރަށް ގިނަ ބެލެނިވެރިންނަށް އަވަދިނެތި އުޅުމުގެ ތެރޭގައި ކަންކަން ކުރެވޭ ގޮތެވެ. އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ރަނގަޅުވާނެއެވެ. ޗުއްޓީއަކަށްފަހު ދަރިފުޅު ސްކޫލަށް ދާ ފުރަތަމަ ދުވަހަކީ ހިތްހަމަނުޖެހުންތަކަކާއެކު ސްކޫލަށް ފޮނުވާން އެއްވެސް ބެލެނިވެރިއެއް ބޭނުމެއް ނުވާނެއެވެ.

އޯޓިޒަމް އަދި އެހެންވެސް ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުދިންނަށް އަނބުރާ ސްކޫލަށް ދާއިރު އަބަދުވެސް ދަތިތަކަކާ ކުރިމަތިވުމަކީ އާންމު ކަމެއްކަން ދިރާސާތަކުން ފާހަގަކުރެއެވެ. އަދި ޚާއްޞަކޮށް އެ ކުދިންނަށް ސްކޫލަށް އެނބުރި ދިއުމަކީ ނުތަނަވަސް ކަންތައްތަކެއް މެދުވެރި ކުރުވާ އުނދަގޫ އިހުސާސް ކުރެވެން ދިމާވާ ކަމެކެވެ. މިގޮތަށް ސްކޫލްގެ ދުވަސްތައް ފަށައިފިނަމަ ދަރިފުޅު ޤަވާޢިދުން ސްކޫލަށް ގެންދަން ދަތިވެދާނެކަން ދިރާސާތަކުން ދައްކައެވެ (ލޯރީ،2021). މި ދިރާސާގައި ފާހަގަކުރެވިފައިވާ ގޮތުގައި އެނބުރި ސްކޫލަށް ދިއުމުގެ ކަންކަން ރަނގަޅަށް ނުރޭވިއްޖެނަމަ، އޯޓިސްޓިކް ދަރިވަރުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލުން ހާޒިރުނުވެވި ދިއުމަކީ ގާތްކަމެކެވެ. އިތުރަށް މި ދިރާސާގައި އިލުތިމާސްކޮށްފައި ވަނީ އޯޓިޒަމް ހުންނަ ދަރިވަރުންގެ ގިނަ ކޭސް ސްޓަޑީތައް ހެދުމަށެވެ. ބޭނުމަކީ ވީހާވެސް ގިނަ ވާހަކަތަކާއި، ތަފާތު ހާލަތްތަކާ ގުޅޭގޮތުން އަދި އެކި ފަހަރު ދިމާވާ ސުލޫކީ ކަންކަމާ ބެހޭގޮތުން އާންމުކޮށް ވާހަކަތައް ގިނައިން ހިއްސާކޮށް ހެދުމެވެ. ގިނަ މީހުން މި ކަންކަމަށް ހޭލުންތެރިވީ މިންވަރަކުން މި ކުދިންނާމެދު ދުޅަހެޔޮކޮށް ވިސްނުމާއި އަދި ދުރާލާ ކުރަންޖެހޭ ކަންކަމާއި، ސަމާލުވާންޖެހޭ ކަންކަމަށް އެންމެން ވެސް އެހީތެރިވެދިނުމުގެ ފުރުސަތުތައް ލިބިދެއެވެ.

އުއްމީދަކީ މިއަދު މި ހިމަނާލި ވާހަކަކޮޅަކީވެސް ބެލެނިވެރިންނާއި މުދައްރިސުންނަށް ލާބައެއް ލިބޭނެ ވާހަކަކޮޅަކަށް ވުމެވެ. މިގޮތުން ލިޔެލައި ކޮންމެ މައުޟޫއަކީ ވެސް މިފަދަ ހާލަތްތަކުގައި ތިބޭ ކުދިންގެ ކަންކަން ރާވައި ތަންޒީމުކުރުމަށް ލިބިދޭނެ އެހީތެރިކަމެއް ކަމުގައި ގަބޫލުކުރަމެވެ.

 

ހަވާލާދޭ ފަރާތްތައް

ލޯރީ، ސީ (2021). އޯޓިސްޓިކް ދަރިވަރުންގެ ސްކޫލްގައި ޕަރސިސްޓެންޓް ނޮން އެޓެންޑެންސްގައި ހުރި މައްސަލަތަކާއި 11 އޯޓިސްޓިކް ދަރިވަރުން ރީއިންޓެގްރޭޓް ކުރުމާ ގުޅިގެން ދޭ ލަފާތައް. ގުޑް އޯޓިޒަމް ޕްރެކްޓިސް (ޖީއޭޕީ)، 22(2)، 12-20.