Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: ފެނާ ކުޅުމަކީ އޯޓިޒަމް ހުންނަ ކުދިން މާ ގަޔާވާ ކަމެއް!

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ (އޭ.އެސް.ޑީ) ހުންނަ ގިނަ ކުދިން ފެނާ ކުޅޭ ހިތްވުމަކީ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެކެވެ. ފެނަކީ އެ ކުދިންގެ އުފާވެރިކަން އިތުރުކުރާ، އެ ކުދިންނަށް މަޖާކަން އިހުސާސްކުރެވޭ ކަމެއް ކަން ހުރިހާ ބެލެނިވެރިންނަށް ވެސް ފާހަގަކުރެވޭނެއެވެ. ފެނާ ކުޅޭ އިރު ކުއްޖާގެ ހުރިހާ ހިއްސުތަކަށް އެކަމުގެ އަސަރުކުރުވައެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި ފެނުގައި އަތްތެޅުވުމުން ކުރެވޭ އިހުސާސާއި، ފެނުގައި ހުންނަ ރާޅުބާނިތަކާ ކުޅޭ އިރު މަޖާވުމާއި، އޭގެ އޮއެވަރުތަކާއި އަޑުތަކާއި ފެނުގެ ތެރެއިން ފެންނަ ރިފްލެކްޓްވާ އަލިކަމުގެ މަންޒަރުތަކާ ކުޅޭގޮތާއި، އެ ނޫނަސް ވަރަށް ގިނަ ކަންތައްތަކަކީ މި ކުދިންގެ ސިކުނޑީގެ ހަރަކާތްތެރިކަން އިތުރު ކުރުވާ ކަންކަމެވެ. މީގެ އިތުރުންވެސް ދުވެފައި ގޮސް މޫދަށް އެރުމާއި، ފެނުގައި އަތްތަޅާ ބަކަތަޅާ ހެދުމަކީ އެ ކުދިން ކުރާ ހިތްވާ ކަންކަމެވެ.

ފެނުގައި އުފެދޭ ރާޅުބާނި ބަދަލުވާ ގޮތް ބަލައި އޭގެ ރިފްލެކްޓިވް ކުލަތަކާއި ދޯދިތައް ވެސް ކުދިންގެ ސިކުނޑިތައް ސްޓިމިއުލޭޓް ކުރުވައެވެ. މޫދަށް ގޮސް އުޅޭއިރު ކުދި ރާޅުބާނިތައް ގޮނޑުދޮށުގައި އައިސް ބީއްސާލާއިރު ވާގޮތާއި އެކަމުގެ ތެރެއިން އުފެދޭ އަޑުތަކާއި، އެއާއެކު މޫދުން ފެންނަ ތަފާތު އޮއެވަރުތަކާއެކު އުފެދޭ ބާނިތަކާއި ފޮނަޔަކީ ކުދިންނަށް އުފާވެރި އިހުސާސްތަކަކެއް ކުރުވާ ކަމަކަށްވެއެވެ. ފެނާ ކުޅެމުން ގޮސް މާބޮޑު ވިސްނުމަކާ ނުލައި ފެންގަނޑުގެ ތެރެއަށް ފުންމާލުން އަޑި ބެލުން ފަދަ ކަންތައްތައް ވެސް ކުދިން ކުރެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ފެނާ ކުޅެން ފުރުސަތު ދެވުމުން އެއިން އެކުދިންގެ ތަޖުރިބާތައް އެކްޓިވޭޓްވުން (ހަރަކާތްތެރިކަން) އިތުރުވެއެވެ. ފެނަކީ އެ ކުދިންގެ ޙަރަކާތްތެރިކުރާ މަޖާ އެއްޗަކަށްވެއެވެ. ހަމަ އެހެންމެ ނުހަނު ގިނަ ޙިއްސީ ތަޖުރިބާތަކެއް ކުރުވާ ޖާދުވީ ބާރަކަށް އެކަންވެއެވެ. އޯޓިޒަމްގެ ހުންނަ ކުދިންގެ ސިކުނޑިން ޙިއްސީ މައުލޫމާތު ޕްރޮސެސްކުރާ ގޮތަށް ބަލާއިރު، ފެނަކީ އެކުދިންގެ ތަޖުރިބާތައް މުއްސަނދިކުރާ އެއްޗެކެވެ.

ފެނާ ކުޅުމަކީ ކުދިންނަށް މަޖާކަން އިހުސާސްވާ ސިކުނޑީގެ ހަރަކާތްތެރިކަން އިތުރުކޮށްދޭ އެއްޗެކަށް ވާތީ މި ކުދިންނާ ގުޅޭ ދިރާސާތަކުގައި ވަރަށް ގިނައިން ފެން ބޭނުން ކުރެވެއެވެ. މިގޮތުން ދިރާސާވެރިން ހާމަކުރާ ގޮތުގައި ފެނަކީ އޯޓިޒަމް ހުންނަ ކުދިންނަށް މިހާ މަޖާ އެއްޗަކަށް ވާތީ އޭގެ ބޭނުންކޮށްގެން ޕްލޭ ތެރަޕީ (ކުޅުމުގެ ތެރެއިން ފަރުވާ) ރޭވެއެވެ (ފިޓަންޒާ، އަދި ބުރްހައިން، 2019). މިސާލަކަށް އެކްވަޓިކް (ފެންބޭނުންކުރެވޭ) އެކްޓިވިޓީ އިންޓަވެންޝަންތައްވެސް ބޭނުން ކުރެވެއެވެ. އޭ.އެސް.ޑީގެ ކުދިންނަކީ މުވާސަލާތުކުރުމާއި، އިޖުތިމާޢީ މުޢާމަލާތްކުރުމާއި، ސުލޫކާއި، ޝައުޤުވެރިކަމާއި، މޮޓޯ ސްކިލްސްގައި ބޮޑެތި މައްސަލަތަކަށް އެދެވޭ ފަރުވާ ތެރޭގައި ފެނުގައި ކުޅޭ ޕްލޭ ތެރަޕީ އަކީ އެންމެ އާންމުކޮށް ބޭނުން ކުރެވޭ އެއްގޮތެވެ.

ޕްލޭ ތެރަޕީގެ ގޮތުގައި އެކްވަޓިކް އެކްޓިވިޓީސް ހިމެނޭ ކުޅިވަރު/ ގޭމްތައް ބޭނުން ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ޢިލުމުވެރިން އިޝާރާތްކުރެއެވެ. މިގޮތުން ފިޓަންޒާ، އަދި ބުރްހައިން (2019)ގެ ދިރާސާގައި ބޭނުންކުރި ޕްރޮގްރާމްގައި ހިމެނޭ އެކްވަޓިކް ގޭމް (ފެނުގައި ކުޅޭ) ތަކުން ނަފްސާނީ ކަންތައްތައް ރަނގަޅުކޮށް ތަރައްޤީ ކުރެވިދާނެ ކަން އަދި ސުލޫކު، ޖަޒުބާތާއި، އިޖުތިމާޢީ މުވާޞަލާތު ވެސް ތަރައްޤީވާކަން ހާމަކޮށްފައިވެއެވެ. ޖުމުލަ ގޮތެއްގައި ދިރާސާގެ ފަހުބަހަކަށް ހާމަކޮށްފައިވަނީ ފެނުގެ ގޭމްތަކަކީ އޭ.އެސް.ޑީ ހުންނަ ކުދިންނަށް ރޭވިދާނެ ކާމިޔާބު ހަރަކާތްތަކެއް ކަމުގައެވެ. އެހެން ޢިލުމުވެރިންގެ ޓީމަކުން އެކްވަޓިކް (ފެންބޭނުންކުރެވޭ) އެކްޓިވިޓީތައް ހިމަނައިގެން ރޭވިފައިވާ ފަތާ ޕްރޮގްރާމެއްގެ ފައިދާ ތަހުލީލު ކޮށްފައިވެއެވެ. މިގޮތުން ޒަނޮބިނީ އަދި ސޮލާރީ (2019) ގެ ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި އެކުއެޓިވް (ފެނާގުޅޭ) ޕްރޮގްރާމުގެ ހަރަކާތްތަކުން ކުދިންގެ އިޖުތިމާޢީ ހުނަރުތަކަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވެއެވެ. މިސާލަކަށް، އޮޓޮނޮމީ އަދި ނެގެޓިވް ސުލޫކުތަކުން ދުރުހެލިވުން ފަދަ ކަންކަމަށް ކުރިއެރުންތައް ލިބުނުކަން މި ދިރާސާއިން ޚުލާޞާކޮށްފައިވެއެވެ. ހަމައެފަދައިން، ޕްރޮގްރާމް ނިމުނުތާ ހަ މަސް ފަހުންވެސް ފެނުގެ ހުނަރަށް ކުދިންގެ ކިބައިގައި ފާހަގަކުރެވިފައިވާ ކުރިއެރުންތައް ހާމަވެއެވެ.

އޯޓިޒަމް ހުންނަ ކުދިން ފެނާ ކުޅޭ ހިތްވި ނަމަވެސް ބައެއް ފަހަރު ފެނާ ކުޅުމުގެ ތެރޭގައި އެކުދިން އެކަނި ތިބޭނަމަ ނުރައްކާތަކާ ދިމާވާކަން ފާހަގަކުރެވެއެވެ. މިފަދަ ތަންތަނުގައި ކުއްޖާ އެކަނި ދޫކޮށްލެވިއްޖެނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައިވެސް ބޮޑެތި ހާދިސާތައް ހިނގައިފާނެ ކަމަށް ސަމާލުވާން ޖެހެއެވެ. ފެނާ ކުޅޭއިރު ސަމާލުވާންޖެހޭ ކަންކަމާއި ރައްކާތެރިކަމާ ބެހޭގޮތުން ކުދިންނާ ވާހަކަ ދައްކަން ޖެހެއެވެ. ޚާއްޞަކޮށް އޯޓިޒަމް ހުންނަ ކުއްޖަކަށް ފެނާކުޅުމުގެ ތެރޭގައި ދިމާވެދާނެ ތަފާތު ކަންކަމުން އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މޫދާ ގޮނޑުދޮށުގައި އުޅޭއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.

ފެނުގެ ރައްކާތެރިކަން ދަސްކޮށްދިނުމަށް އިޖުތިމާއީ ވާހަކަތައް (ސޯޝަލް ސްޓޯރީސް) ކިޔައިދިނުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށްގެން ގެންދެވޭ ފަތާ ކްލާސްތަކުގައި ބައިވެރިކުރުވުން ވެސް ރަނގަޅުވާނެއެވެ. ފެތުމުގެ ހާއްސަ ކުޅިވަރުތަކަކީ އެއިން ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާޢި ގޮތުންވެސް ކުދިންނަށް ދުޅަހެޔޮކަން އިތުރު ކުރާ ކަމެކެވެ (މުހައްމަދު، 2016).

މިއަދު މި ލިޔުނު ވާހަކަކޮޅަކީ އޯޓިޒަމް ހުންނަ ކުދިން ގޮވައިގެން މޫދު ނުވަތަ ފަތާފެންގަނޑު ފަދަ ތަންތަނަށް ގެންދިއުމަށް ލިބުނު ހިތްވަރަކަށް ވުމަށް އެދެމެވެ. ހަމަ އެއާއެކު އެފަދަ ތަންތަނުގައި ކަށަވަރު ކުރަންޖެހޭ ރައްކައުތެރިކަމަށް ރިޢާޔަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުންވެސް މުހިންމެވެ.

މިއަދުގެ ވާހަކަކޮޅުގެ އެންމެ މުހިންމު މެސެޖަކީ ރައްކައުތެރިކަމާއެކު އޯޓިޒަމް ހުންނަކުދިންނަށް ފެނާއި ކުޅެން ފުރުސަތު ފަހިކޮށްދީ އެކުޅިވަރުތަކުގެ ތެރެއިން ކުދިންގެ އެކި ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތްކުރުމެވެ. މިކަމަކީ ތެރަޕިސްޓުންނާއި އަދި ފަރުވާދޭ ފަރާތްތަކާއި ކިޔަވައިދޭ މީހުންގެ އިރުޝާދާއެކު ކާމިޔާބުކަމާއެކު ބޭނުންކުރެވިދާނެ ގޮތެކެވެ.

 

ހަވާލާ ދޭ ފަރާތްތައް

މުހައްމަދު، ރ.ތ.(2016). ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އިޖުތިމާޢީ މުޢާމަލާތުގެ ފެންވަރަށް ކުޑަ ފެން ކުޅިވަރު ޕްރޮގްރާމެއްގެ އަސަރު. އަސިއުޓް ޖާނަލް އޮފް ސްޕޯޓް ސައިންސް އެންޑް އާޓްސް، 116(1)، 346-358.

ފިޓަންޒާ، ޑީ.ޓީ.ޕީ، އަދި ބުރްހައިން، އީ (2019). އެކްވަޓިކް އެކްޓިވިޓީސްގެ ގޮތުގައި ޕްލޭ ތެރަޕީ ކުޑަކުދިންގެ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ. އިންޓަރނޭޝަނަލް ޖާނަލް އޮފް ޑިސެބިލިޓީސް ސްޕޯޓްސް އެންޑް ހެލްތު ސައިންސަސް، 2(2)، 64-71.

ޒަނޮބިނީ، އެމް، އަދި ސޮލާރީ، ސ.(2019). އޭއެސްޑީ ކުދިންގެ އިޖުތިމާޢީ ހުނަރުތަކާއި، އޯޓިސްޓިކް ސުލޫކުތަކާއި، ފެނުގައި އުޅޭ ހުނަރުތަކަށް އެކްވާ މީޑިއަޓްރިސް ޑި ކޮމިއުނިކޭޝަން (މުވާޞަލާތުގެ މެދުވެރިއެއްގެ ގޮތުގައި ފެން) ޕްރޮގްރާމްގެ ފައިދާ. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 49، 4134-4146.