Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ސްކްރީން ވަގުތު ތަންޒީމުކުރުން

މެދުކެނޑުމެއް ނެތި ޑިޖިޓަލް ޑިވައިސްތަކުގައި/ ފަންނިއްޔާތުތަކުގައި ވަގުތު ހޭދަކުރުމަކީ އާންމުކޮށް ވެސް ކުޑަކުދިންގެ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. މިއަދު އަލިއަޅުވާލުމަށް ގަސްދުކުރަނީ އޯޓިޒަމާއި ސްކްރީން ވަގުތު ހޭދަ އެއްވެސް ގުޅުމެއްވޭތޯ ބަލައިލުމަށެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީން ވަގުތު އިން "ވާޗުއަލް އޯޓިޒަމް" ފަދަ ކަންކަން ޖެހިދާނެ އެވެ. މާނައަކީ ސްކްރީނަށް އާދަވެ އެކަމުގެ ސަބަބުން ކުދިންގެ ކިބައިގައި ތަރައްޤީވާންޖެހޭ ވަރަށް ގިނަ ހުނަރުތަކަކަށް އުނިކަމެއް އައިސްދާނެ ވާހަކައެވެ. އިލެކްޓްރޯނިކް ޑިވައިސްތަކުގެ ފައިދާއާ މެދު އިންކާރު ނުކުރެވޭ ނަމަވެސް ސްކްރީން ވަގުތު ގިނަވުމުން ކުއްޖާގެ ސިކުނޑީގެ ތަރައްޤީއަށް ގެއްލުން ހުރި އަސަރުތަކެއް ކުރެއެވެ. (ޓިއަރނީ އަދި ނެލްސަން، 2009). ސަރްފްރާޒް އާއި އެހެން ބައިވެރިން (2023) ގެ ދިރާސާއިން ފެނުނު ގޮތުގައި ސްކްރީން އެކްސްޕޯޒްވުމުގެ މުއްދަތު ގިނަވި ވަރަކަށް ކުއްޖާއަށް އޯޓިސްޓިކް ސްޕެކްޓްރަމް ޑިސްއޯޑާ (އޭ.އެސް.ޑީ) ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ.

މި ދިރާސާއިން އިތުރަށް ހާމަކުރިގޮތުގައި ކުއްޖާ ސްކްރީންތަކަށް ގިނައިން ހުށަހެޅިފައިވާ މިންވަރުން، އެހެން ކުދިންނާ އަޅާބަލާއިރު އޯޓިޒަމްގެ ޢަލާމާތްތައް ހާމަވާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުވެއެވެ. މިގޮތުން 2019 ވަނަ އަހަރު ކުރި ދިރާސާއަކުން ވަނީ ކުޑަކުދިންނާއި ޕްރީސްކޫލް ކުދިންގެ "ވައިޓް މެޓަރ ޑިވެލޮޕްމަންޓަށް" (އެންމެ ޅަފަތުގައި ތަރައްޤީވާންޖެހޭ ހުނަރުތައް) އަސަރުކޮށްފާނެ ކަންތައްތަކާ ސްކްރީން ވަގުތާ ގުޅުވައިފައެވެ. މި ދިރާސާގައި ޚާއްޞަކޮށް ހާމަކުރަނީ ކޮގްނިޓިވް ފަންކްޝަން، ބަހާއި، ލިޔަންކިޔަން ދަސްކުރުމުގެ ހުނަރުތަކަށް ނުރަނގަޅު އަސަރުތައްކުރާ ކަމެވެ. (ހަޓަން އަދި އޭނާގެ ބައިވެރިން.، 2020). އޭގެ އިތުރުން އެހެން ދިރާސާތަކުން ވެސް ދައްކާ ގޮތުގައި މާގިނައިން ސްކްރީން ބޭނުންކުރުމާއި އޯޓިޒަމް ފަދަ އަލާމާތްތަކާ ގުޅުން ވަރަށް ބޮޑެވެ. (ހެފްލަރ އަދި އޮސްޓްރޭޗަރ، 2016).

މީގެ ދެ އަހަރެއް ކުރިން، 2022 ވަނަ އަހަރު ޝާއިޢުކުރި ދިރާސާއަކުން ހާމަކުރަނީ އުމުރުން އެއް އަހަރުގައި ސްކްރީން ޓައިމް ގިނައިން ބޭނުން ކުރުމުން، އުމުރުން ތިން އަހަރުވާއިރު އޯޓިޒަމްގެ ގިނަ ޢަލާމާތްތައް ފާހަގަކުރެވުމެވެ. (ކުޝިމާ، އަދި އޭނާގެ ބައިވެރިން.، 2022). މި ދިރާސާތަކުން ބަޔާންކުރާ ގޮތުގައި މާގިނައިން ސްކްރީން ބޭނުންކުރުމުން އޭގެ އަލިން ކުދިންގެ ނިދުމަށް އަސަރުކުރާ ތަފާތު ކެމިކަލްތަކާ ގުޅުން ހުރެއެވެ. ދާދި ފަހުން އަލްރާހިލީއާ އޭނާގެ ބައިވެރިން (2022) ގެ ޢިލުމީ މުރާޖަޢާއަކުން ހާމަކުރިގޮތުގައި ސްކްރީން ވަގުތާއި ގުޅޭ ގޮތުން ހެދިފައިވާ 11 ދިރާސާގެ ތެރެއިން ނުވަ ދިރާސާއަކުން އެކަމުގެ ނުރައްކައުތެރިކަން ހާމަކުރެއެވެ. ހަމަ މި ކަރުދާހުގެ ހާމަކޮށްފައިވާ ގޮތުގައި ހަތް ދިރާސާއަކުން ސްކްރީން ގަޑިތައް އިތުރުވުމަކީ އޯޓިސްޓިކް ސްޕެކްޓްރަމް ޑިސްއޯޑާ (އޭ.އެސް.ޑީ) ފަދަ އުދަނގޫތައް އިތުރަށް ގޯސް ވުމަށް މަގުފަހިވާ ކަމެކެވެ. މި ބަޔާންވެ ދިޔަ ހުރިހާ ދިރާސާއެއްގައި ވެސް ބެލެނިވެރިންނަށް ދެވޭ އެންމެ މުހިންމު މެސެޖަކީ ގިނައިރު ސްކްރީންގައި ވަގުތު ހޭދަކުރަން ކުދިން ދޫކޮށްލުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއްނޫންކަމެވެ. މިކަމާބެހޭގޮތުން ބެލެނިވެރިން ހޭލުންތެރިވުމަކީ މިދިރާސާތަކުގައި ލަފާ ދީފައިވާ މުހިންމު ވަސިއްޔަތްތަކެކެވެ.

އޭ.އެސް.ޑީ ޖެހިފައިވާ ކުދިންނަށް ގިނަ ފަހަރަށް ވަށައިގެންވާ ދުނިޔެ ވިސްނުމާއި ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ. މީގެ އިތުރުން އޯޓިސްޓިކް ކުދިންގެ ސުލޫކުގެ ވަކި އުސޫލުތަކެއް ތަކުރާރުވާތީ އެހެން މީހުންނާ މުއާމަލާތް ކުރަން އުނދަގޫވެއެވެ. އެއްކަމެއް ތަކުރާރުކޮށް ކުދިން ކުރާހިތްވާތީ، ޑިޖިޓަލް ޑިވައިސްތަކުން/ ފަންނިއްޔާތުތަކުން އޯޓިޒަމް ހުންނަ ކުދިންނަށް ދުރުވުމަކީ އެހާ ފަސޭހަކަމަށް ނުވެއެވެ. އަދި ހަމައެހެންމެ، އެކުދިންގެ އަމިއްލަ ސްޕީޑަށް ފުރުސަތު ލިބި ބޭނުންވާ ގޮތަށް ކަންކަންކުރުމަށް (ޕާފޯމް) އެހީތެރިވެދޭތީ އެކުދިންނަށް ފަންނިޔާތުތައް ކަމުދެއެވެ. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑާސް އިން ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އޯޓިޒަމް ނެތް ކުދިންނަށް ވުރެ އޯޓިސްޓިކް ކުދިން ސްކްރީނުގައި ގިނަ ވަގުތު އާންމުކޮށް ހޭދަކުރެ އެވެ. ފަންނިޔާތަކީ އޯޓިޒަމް ހުންނަ ކުދިންނަށް ކަމުދާ ހިތްގައިމު ކަންތައްތަކެއް ހުންނަ ތަކެތި ކަމުގައި ވިޔަސް އެއިން ލިބިދާނެ ގެއްލުންތަކަށް ވެސް ރައްކައުތެރިވުން މުހިންމެވެ. މާނައަކީ މިންހެޔޮކޮށް އެތަކެތި ބޭނުން ނުކުރެވުމުން ދިމާވެދާނެ ނުރައްކާތަކާއި އަސަރުތަކަށް މައިންބަފައިން ހޭލުންތެރިވާންޖެހެއެވެ. މިކަމާ ބެހޭގޮތުން ސަމާލުވުން މުހިންމު ދެތިން ނުކުތާއަކަށް ތިރީގައި ދެވިފައިވާ ސުވާލުތަކުން އަލިއަޅުވާލާނަމެވެ.

ސްކްރީން ވަގުތު އޯޓިޒަމް އަށް ރަނގަޅު ހެއްޔެވެ؟

ބައެއް ބެލެނިވެރިންގެ ރައުޔުތަކަށް ބަރޯސާވެ ހޯދައިފައިވާ ނަތީޖާތަކުން ހާމަކުރާ ގޮތުގައި ކުދިންގެ މުއާމަލާތްކުރުމާއި، އިޖުތިމާއީ ހުނަރުތައް ތަރައްގީކުރުމާއި، އުނގެނުމުގެ ގާބިލްކަން އިތުރުކުރުމާއި، ހާސްކަން ކުޑަކުރުމަށް މި ފަންނިޔާތުތައް އެހީވެދެއެވެ. އެފަދަ ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި މި ފަންނިއްޔާތުތައް ކުދިންނަށް ބޭނުންކުރަން ދިނުމުން އެކުދިންގެ އުދާސްތަކާއި ހަމަނުޖުހުންތަކުން ދުރުކުރުމަށް އެހީތެރިވެދެއެވެ. މިގޮތުން ފާހަގަކޮށްފައިވާ އިތުރު ފައިދާ ތަކުގެ ތެރޭގައި:

  • ވީޑިއޯ ގޭމްތަކާއި އޮންލައިން ވީޑިއޯތަކުގެ ތެރެއިން ކުދިންނަށް ހިތްހަމަޖެހުން ލިބެއެވެ.
  • ފޭސް ޓު ފޭސް އިންޓަރެކްޝަންތަކުގައި ނުފެންނަ ލޮލުގެ ފެނުމާއި އަޑުއިވުމުގެ ސްޓިމިއުލްސްގެ ސަބަބުން ކުދިން ތަރައްޤީ އިތުރުވެއެވެ.
  • އިޖުތިމާއީ މުއާމަލާތްތައް ރަނގަޅު ކުރުމަށް ކޮންޓްރޯލް ކުރެވިފައިވާ ސެޓިންގއެއް އެ ފަންނިއްޔާތުތަކުން ފަހިވެއެވެ. މިސާލަކަށް ޗެޓްކުރުން، ތަފާތު ޝުޢޫރުތައް ހިއްސާކުރުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
  • އޯޓިޒަމް ހުންނަ ކުދިންނަށް ރައްކާތެރި މާހައުލެއްގައި އުނގެނުމަށް އެހީތެރިވާ ބޭނުންތެރި ވިޝުއަލް ލާރނިންގ ޓޫލްސްތަކަކަށް މިފަންނިއްޔާތުތައް ވެއެވެ.
  • މިތާގައި ބަޔާން ކުރެވިދިޔަ ފައިދާތަކަކީ ފަންނިއްޔާތުތައް ބޭނުންކުރުމުން އޭ އެސް ޑީ ހުންނަ ކުދިންނަށް ލިބިދޭނެ ފައިދާތަކެއް ނަމަވެސް، ސަމާލުކަންދޭންވީ، މިންހެޔޮކޮށް ފަންނިއްޔާތުތައް ބޭނުން ކުރުމަށް ފުރުސަތު ދިނުމަށެވެ.

ސްކްރީން ވަގުތުގެ ސަބަބުން އޯޓިޒަމްގެ ހާލަތު ގޯސްވޭ ހެއްޔެވެ؟

ހިސާބަށް ވުރެ ގިނައިރު ފަންނިއްޔާތުތަކުގައި ސްކްރީންވަގުތު ހޭދަކުރުމުން އޭގެ ނުރައްކަލަށް ވެސް ސަމާލުވެގެން ބެލެނިވެރިން މިކަން ތަންޒީމުކުރުން މުހިންމެވެ. އޯޓިޒަމާއި ސްކްރީން ޓައިމްއާ ބެހޭގޮތުން ވާހަކަ ދައްކާއިރު، މާ ގިނައިން ސްކްރީނަށް އެކްސްޕޯޒްގެ ނަތީޖާއެއްގެ ގޮތުން:

  • ސެންސަރީ އޯވަރލޯޑް ވުމާއި، ނިދުމުގެ ކަންކަމަށް ބުރޫއެރުމާއި، ސްޓްރެސް ހޯރމޯންތައް މަތިވެއެވެ.
  • ޙިއްސީ މައްސަލަތަކާއި، އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑަރސް، އަދި އިޖުތިމާޢީ ހާސްކަން ގޯސްވުން ހިމެނެއެވެ.
  • ކަންކަމަށް ހޭލެވި ހުރުމާއި ސަމާލުކަންދެވުމުގެ މިންވަރު ދަށްވެއެވެ.
  • ނަފްސާނީ ސިއްހަތުގެ މައްސަލަތައް ދިމާވެއެވެ.
  • ކުދިންގެ ޢުމުރާ ނުގުޅޭ ނޭދެވޭ ކޮންޓެންޓަކަށް/ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެއެވެ.
  • ޖިސްމާނީ ހަރަކާތްތެރިކަން ދަށްވެ، ހަށިގަނޑު ފަލަވުމަށް މަގުފަހިވެއެވެ.
  • މަތީގައި އެބަޔާން ކުރެވުނު ގެއްލުންތަކަކީ އެކި ސާރވޭތަކާއި ދިރާސީ ރިޕޯޓްތަކުގައި ހާމަކޮށްފައި ސްކްރީން ވަގުތު ގިނަވުމުގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް މިންހެޔޮ ސްކްރީން ވަގުތަކީ ކިހާވަރެއް ހެއްޔެވެ؟

ކުޑަކުދިން ދުވާލަކު ތިން ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ސްކްރީންތަކުގައި ހޭދަކުރުމަކީ ނުރައްކައުތެރި ކަމެއް ގޮތުގައި ތަޖުރިބާކާރުންނާއި ދިރާސާވެރިން އިއްތިފާގުވެއެވެ. ހާއްސަކޮށް ކުޑައިރު މާގިނައިން ސްކްރީން ވަގުތު ހޭދަކުރުމަކީ ސިކުނޑިއަށް ކޮންމެހެން ބޭނުންވާ ސްޓިމިއުލްތަކުން އެއްފަރާތްވެ، މަހުރޫމްކޮށް، ސިކުނޑި ރަނގަޅަށް ތަރައްގީވުމަށް ހުރަސްއެޅޭ ކަމެއް ކަމުގައި ބައެއް ލިޔުންތެރިން އިރުޝާދު ދެއެވެ. މިކަންކަމަށް ރިޢާޔަތްކޮށްގެން އޯޓިޒަމް ހުންނަ ކުދިންނަށް އެތަކެތިން ލިބިދޭ ފައިދާތަކާއި ގެއްލުންތަކާއި ވިސްނައިގެން ކަންކަން ތަންޒީމު ކުރުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމެކެވެ. މިގޮތުން ސްކްރީން ވަގުތަށް ގަވާއިދުތައް ކަނޑައެޅުމާއި އަދި ގަޑި ހަމަޖެއްސުމުގައި ތިރީގައި ދެވިފައިވާ ކަންތައްތަކަށް ވިސްނާލާށެވެ.

  • ސްކްރީން ވަގުތު ރެގިއުލޭޓް/ތަންޒީމު ކުރުން: ވަކި މިންވަރަކަށް ސްކްރީން ޓައިމް ކަނޑައަޅައި އެ ވަގުތުގައި ހިފަހައްޓާށެވެ. ދުވާލަކު ތިން ގަޑިއިރު އަކީ ޑިޖިޓަލް ޑިވައިސްތައް/ފަންނިއްޔާތު ބޭނުން ކުރުމަށް އެންމެ ގިނައިން ވެސް ހޭދަކުރެވޭނެ ވަގުތުކަމުގައި ހަމަޖައްސާށެވެ.
  • ސްކްރީން ވަގުތަކީ އިނާމަކަށް ހެދުން: ދަރިފުޅަށް ކަމުނުދާނެ ހަރަކާތްތަކުގެ އިނާމެއްގެ ގޮތުގައި ސްކްރީން ޓައިމް ބޭނުންކުރަން ދޭށެވެ. މިސާލަކަށް ސާފުކުރުން، ހޯމްވޯކް ނުވަތަ އެހެނިހެން މަސައްކަތްތައް ދިނުން
  • އޮންލައިން އެކްޓިވިޓީ މޮނިޓަރ: ޑިޖިޓަލް ދުނިޔެއަކީ އޮޅުވާލުމާއި ސްކޭމްތަކުން ފުރިފައިވާ ދުނިޔެއަކަށް ވާތީ، ކުޑަކުދިންނަށް އެކަންކަމުން ލިބިދާނެ ގެއްލުންތަކަށް ބެލެނިވެރިން އަހުލުވެރިވާން ޖެހެއެވެ. މިއީ ބެލެނިވެރިން ދަރިންގެ އޮންލައިން ހަރަކާތްތައް މޮނިޓަރ ކުރަން ޖެހޭ ސަބަބެވެ.
  • ސްކްރީން ވަގުތު ނިމުމުގެ ކުރިން އިންޒާރެއް ދިނުން: ސްކްރީން ވަގުތު ނިމުމުގެ 10 މިނެޓް ކުރިން ކުއްޖާއަށް އިޝާރާތްކޮށް ބެނެލުމަށްފަހު، ފަސް މިނެޓަށް ވުމުން އިންޒާރެއް ދިނުން ފަދަ ކަންކަމަކީ ފަންނިޔާތު ބޭނުންކުރުން ކުދިންގެ ތަންޒީމުކުރެވިދާނެ މުހިންމު އުކުޅެކެވެ. މިގޮތުން ޚާއްޞަކޮށް ޑިޖިޓަލް ޑިވައިސްއެއްގެ އެހީގައި ވަގުތު ފެންނަގޮތަށް (ޑިޖިޓަލް ކްލޮކް) ޓައިމަރެއް ބޭނުންކޮށްގެން ވަގުތު ނިމޭއިރު އޭނާއަށް ސީދާ އެނގޭނެހެން ކަންކަން ރޭވުމަކީ ވަރަށް ބޭނުންތެރި ގޮތެކެވެ.
  • ސްކްރީން ވަގުތު ހޭދަކުރަންވީ މިންވަރު ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ އެއް އަސާސަކީ ކުއްޖާގެ ޢުމުރެވެ. ގިނަ ސާރވޭތަކުން ހާމަކުރާ ގޮތުގައި ކޮންމެ އުމުރުފުރާއަކަށް އެންމެ ރަނގަޅު ވަގުތު ލިސްޓްކޮށްލެވިފައި ތިރީގައިވާ ތާވަލުގައި އެވަނީއެވެ.

މިފަދަ ލިޔުންތަކުގައި އެންމެ ބޮޑަށް ބާރު އަޅަނީ މިންހެޔޮކޮށް ސްކްރީން ވަގުތު ހަމަޖައްސާ ތަންޒީމު ކުރުމަށެވެ. ސްމާޓްފޯނާއި ޓެބްލެޓް ހިމެނޭ ގޮތަށް ޑިޖިޓަލް ޑިވައިސްތަކުގެ އެހީގައި އޯޓިޒަމް ހުންނަ ކުދިންނަށް އުނގެނުމާއި ދުނިޔެއާ މުއާމަލާތް ކުރުމަށް އެހީތެރިވެދެއެވެ. ޑިޖިޓަލް ޑިވައިސްތަކުގެ ސަބަބުން އެކުދިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ފަހިވެއެވެ. ނަމަވެސް އެތަކެތި ބޭނުންކުރަން ދެވޭ ފުރުސަތުތަކުގައި މިންހެޔޮ އާދަތަކަކަށް ހެދޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.

މިއަދު މި ލިޔެލެވުނީ މިޒަމާނުގެ ބެލެނިވެރިން ސަމާލުވާންޖެހޭ މުހިންމު ކަމަކާ ބެހޭގޮތުންނެވެ. އުއްމީދަކީ މިފަދަ ވާހަކަ ކޮޅުތަކުގެ އަލީގައި ވީ ވަރަކުން އޯޓިޒަމް ފަދަ އުނދަގޫ ހާލަތްތަކުގައި ތިބޭ ކުދިންގެ ކަންކަން މެނޭޖްކޮށް/ތަންޒީމުކުރުމުގައި ވެސް ސަމާލުވާންޖެހޭ ކަންކަމަށް ވިސްނާލުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އަދި އެފަދަ ހާލަތެއް ނެތް ކުދިން ނަމަވެސް މިންހޮޔޮކޮށް ފަންނިއްޔާތު ބޭނުންކުރުމަށް އިރުޝާދުދެމުން ލިޔުން ކޮޅު ނިންމާލަމެވެ.

ހަވާލާ ދޭ ފަރާތް

ހަޓަން، ޖޭ.އެސް، ޑަޑްލީ، ޖޭ، ހޮރޮވިޓްސް-ކްރައުސް، ޓީ، ޑިވިޓް، ޓީ، އަދި ހޮލެންޑް، އެސް.ކޭ (2020). ޕްރީސްކޫލް އުމުރުގެ ކުދިންގެ ސްކްރީން ބެސްޓް މީޑިއާ ބޭނުންކުރުމާއި ސިކުނޑީގެ ހުދު މާއްދާގެ އިންޓެގްރިޓީއާ ދެމެދު އޮންނަ ގުޅުންތައް. ޖާމާ ޕީޑިއޭޓްރިކްސް، 174(1)، e193869-e193869.

އަލްރާހިލީ، ނ.އޭ.، އަލްމަރްޝާދު، ނ. އަލްތުރުކީ، ރ.ވައި، އަލޮތައިމް، ޖޭ.އެސް، އަލްތަމީމް، (2022). ދަ އެސޯސިއޭޝަން ބިޓްވީން ސްކްރީން ޓައިމް އެކްސްޕޯޝަރ އެންޑް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ލައިކް ސިމްޕްޓޮމްސް އިން ޗިލްޑްރަންސް. ކިއުރިއަސް، 13(10).

ހެފްލަރ، ކޭ.އެފް، އަދި އޮސްޓްރޭޗަރ، އެލް.އެމް (2016). އޯޓިޒަމްގެ ކޯޒޭޝަން މޮޑެލް: ތުއްތު އިރު އޯޑިއޯވިޝުއަލް ބްރެއިން ސްޕެޝަލައިޒޭޝަން އަކީ ސޯޝަލް ބްރެއިން ނެޓްވޯކްތަކާ ވާދަކުރާ އެއްޗެކެވެ. މެޑިކަލް ހައިޕޮތެސިސް، 91، 114-122.

ކުޝިމާ، އެމް، ކޮޖިމާ، ރ، ޝިނޯހާރާ، ރ، ހޮރިއުޗީ، ސ، އޮޓާވާ، ސ، އޫކާ، ޓީ، … އަދި ކަޓޯ، ޓީ (2022). އުމުރުން 1 އަހަރުގައި ކުޑަކުދިންގެ ސްކްރީން ޓައިމް އެކްސްޕޯޝަރ އާއި އުމުރުން 3 އަހަރުގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ އާއި އޮންނަ ގުޅުން: ޖަޕާން އެންވަޔަރަންމަންޓް އެންޑް ޗިލްޑްރަންސް ސްޓަޑީ. ޖާމާ ޕީޑިއަޓްރިކްސް، 176(4)، 384-391.

ސަރްފްރާޒް، ސ.، ޝްލަގްޔާ، ގ.، ނަރަޔަނާ، ސ.ހ، މުޝްތާޤު، ޔޫ، އަމީން، ބީ.އެސް، ނިއޭ، ސީ، … އަދި ފްރާންޗިނީ، އޭ.ޕީ.އޭ (2023). އަވަސް ސްކްރީން-ޓައިމް އެކްސްޕޯޝަރ އެންޑް އިޓްސް އެސޯސިއޭޝަން ވިތު ރިސްކް އޮފް ޑިވެލޮޕްމަންޓް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ: އެ ސިސްޓަމެޓިކް ރިވިއު. ކިއުރިއަސް، 15(7).

ޓިއަރނީ، އޭ.އެލް، އަދި ނެލްސަން، ސީ.އޭ (2009). ސިކުނޑި ތަރައްޤީވުމާއި ފުރަތަމަ އަހަރުތަކުގައި ތަޖުރިބާގެ ދައުރު. 0-3 އަށް، 30(2)، 9.