Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމާ މެދު ކުރެވޭ ބައެއް ކުށްހީތައް

މިއަދުގެ ވާހަކަކޮޅު މި އަމާޒުކޮށްލަނީ އޯޓިޒަމާ މެދު ކުރެވޭ ބައެއް ކުށްހީތަކާ ބެހޭގޮތުންނެވެ. ބެލެނިވެރިންވެސް އަދި އާންމުކޮށް އެކުދިންނާ މުޢާމަލާތް ކުރާ ވަރަށް ގިނަ މީހުންނަށް ހީވާ ބައެއް ހީވުންތަކަކީ މުޅިއެކުން އެންމެ ރަނގަޅު ހީކުރުންތަކަކަށް ނުވެއެވެ. މިއަދުގެ ކޮޅަމުގައި އެފަދަ ދެތިން ކަމަކަށް އަލިއަޅުވާލާނަމެވެ.

1. އޯޓިޒަމަކީ ބައްޔެކެވެ.

އޯޓިޒަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެރެއިން އެންމެ އާންމު އެއް ވާހަކައަކީ އެއީ ބައްޔެއް ކަމަށް ގަބޫލުކުރެވުމެވެ. ބައެއް މީހުން ދެކޭގޮތުގައި އޯޓިޒަމް ރަނގަޅު ކުރެވޭނީ ބައްޔެއް ފަދައިން ބޭހާއި ފަރުވާ ދީގެންނެވެ. މިއީ އެހާ ރަނގަޅު ޚިޔާލެއް ނޫނެވެ. ސަބަބަކީ އޯޓިޒަމަކީ ބައްޔެއް ނޫނެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ ބަލި ކުދިންނެއް ނޫނެވެ. އޯޓިޒަމަށް ފަރުވާދޭ ސީދާ ބޭހެއްވެސް ނުހުރެއެވެ. ބޭހަކީ ވަކި ކަމެއް ރަނގަޅު ކުރުމަށް ދޭ އެއްޗަކަށް ވާއިރު އޯޓިޒަމް ރަނގަޅުކުރުމަށް ވަކި ބޭހެއް ނުހުރެއެވެ. އެހެންކަމުން މިކަމަށް އަވަސް ޝިފާއެއް ލިބޭނޭ ހީވާ ހީވުމަކީ ރަނގަޅު ޚިޔާލެއް ނޫނެވެ.

ގަބޫލުކުރަން ޖެހޭ ކަމަކީ އޯޓިޒަމަކީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމާ ގުޅޭ ދަތިތަކަކާއެކު މެދުވެރިވާ ސިކުނޑީގެ ނިއުރޮލޮޖިކަލް ހާލަތެއް ކަމެވެ. އެހެން ކަމުން އެކަމާ މެދު ކަންކުރާނެ ގޮތް ދަސްކޮށްދީ ތަމުރީނު ދެވިއްޖެނަމަ އެ ކުދިންނަކީ މިނިވަން، މާނަހުރި، ދުޅަހެޔޮ އަދި އުފެއްދުންތެރި ދިރިއުޅުމެއް އުޅެވޭނެ ކުދިންނެވެ. ކުއްޖާއަށް ދިމާވާ ތަފާތު ދަތިތަކާ ގުޅޭ ޚާއްޞަ ތެރަޕީއާއި ޕްރޮފެޝަނަލް އިންޓަވެންޝަންގެ މިކަމުގައި ބޭނުންކުރުމަކީ އެކުދިންގެ ދިރިއުޅުން ފަހިކޮށް އެހީތެރިވެދޭނެ ގޮތެވެ.

އޯޓިޒަމްގެ ހާލަތް ދިމާވުމަށް މެދުވެރިވާން ދިމާވާ މާހައުލުގެ އަސަރާއި އަދި ޖެނެޓިކް ކަންތައްތަކެއް ދިރާސާތަކުން ފެންނަން ހުރި ނަމަވެސް ޔަގީން އެއް ކަމަކީ އެއީ ޖެހޭ ބައްޔެއް ނޫން ކަމެވެ. އަދި މުޅިއެކުން ފަރުވާކުރެވި ރަނގަޅު ކުރެވޭނެ ކަމެއްވެސް ނުމެ ނޫންމެއެވެ. އެހެން ނަމަވެސް އެއީ މެނޭޖްކުރަން ދަސްކޮށްދެވިދާނެ ހާލަތެއް ކަމެވެ.

2. އޯޓިޒަމް މެދުވެރިވަނީ ވެކްސިންގެ ސަބަބުންނެވެ.

ގިނަ މީހުންގެ ތެރޭގައި މިހާރަކަށް އައިސް އާންމުވެފައިވާ އެއް ވިސްނުމަކީ އޯޓިޒަމް އެހާ ބޮޑަށް އާންމުވެގެން އުޅެނީ ވެކްސިންގެ ސަބަބުންކަމެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ލިޔުންތެރިން ފާހަގަކުރަނީ 1990ގެ އަހަރުތަކުގެ ފަހުކޮޅު ވެކްސިންތަކާއި އޯޓިޒަމާ ދެމެދު ގުޅުމެއް ވާކަން ބައެއް ޖާނަލްތަކުގައި ޝާޢިއު ކުރެވިފައިވާ ދިރާސާއެއްގެ ސަބަބުންނެވެ. ނަމަވެސް އެ ދިރާސާގެ ހެކިތަކަށް ބަލާއިރު އެއީ މުޅިއެކުން ބަރޯސާވެވޭ ފަދަ ގޮތަކަށް ހެކި ބަޔާންކުރެވިފައިވާ ދިރާސާއެއް ނޫންކަމަށް ވަނީ ނިންމިފައެވެ. މި ދިރާސާއަށް ފަހުވެސް ދާދިފަހުގެ ބައެއް ލިޔުންތަކުގައި ވެސް މިކަމަށް އިޝާރާތްކޮށް ލިޔެފައިވާ ކަމީ ހިތާމަ ހުރި ކަމެކެވެ. އޯޓިޒަމްގެ ޢަލާމާތްތަކާއި ވެކްސިންއާ ގުޅިފައިވާ ކަމުގެ ބަރޯސާވެވޭ މިންވަރުގެ ރަނގަޅު ދިރާސީ ހެކިތަކެއް ފެންނާކަށް ނެތެވެ. އެހެންވީމާ އޯޓިޒަމަކީ ވެކްސިންގެ ސަބަބުން މެދުވެރިވާ ހާލަތެއް ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

3. އޯޓިޒަމްގެ ހާލަތްތައް މިހާރު ދަނީ އިތުރުވަމުން، ފެތުރެމުންނެވެ.

މިއީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ދެކެވޭ އާންމު ވާހަކައެކެވެ. ގިނަ ބަޔަކު ހީކުރާ ގޮތުގައި އޯޓިޒަމް އާންމުވަމުން ދަނީ ފެތުރޭ ބައްޔެއް ކަމަށް ގަބޫލުކުރެވޭ މިންވަރަށެވެ. ވަރަށް ގިނަ މީހުންނަށް ހީކުރެވެމުންދަނީ މިހާރު އޯޓިޒަމްގެ ހާލަތުގައި އުޅޭ ކުދިން އެއް ދުވަހުން އަނެއް ދުވަހަށް ގިނަވަމުންދާ ކަމެވެ. މިކަމުގެ އަސްލު ހަގީގަތް ގުޅިފައިވަނީ އެކަން ފެތުރޭ ކަމަށް ގަބޫލުކުރުމަށް ވުރެ، އެކަން ޑައިގްނޯސްކުރެވި މީހުންގެ މެދުގައި އެކަމަށް އަހުލުވެރިވަމުން އަންނަ މިންވަރާއެވެ.

ފާއިތުވި ދެތިން ދަހަރު ތެރޭގައި އޯޓިޒަމްގެ ހާލަތް ފާހަގަކުރެވިފައިވާ ކުދިން ނުވަތަ މީހުންގެ އަދަދު ހަގީގަތުގައި ވެސް އިތުރުވެފައިވާ ކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. ނަމަވެސް މިކަމަކީ އޯޓިޒަމް ދެނެގަތުމުގެ ޤާބިލުކަން އިތުރުވުމުގެ ސަބަބުން ޢަދަދަށް އަންނަ ބަދަލުތަކެކެވެ. މާނައަކީ ކުރިން އޯޓިޒަމް ހުރި ކަމަށް ފާހަގަނުކުރެވިދާނެ ވަރަށް ގިނަ ކުދިން މިހާރު ޑައިގްނޯސްކުރެވި ބޭނުންވާ ސަޕޯޓާއި އެހީތެރިކަން ފޯރުކޮށްދޭންވާ ގޮތްތައް މިހާރުވަނީ އާންމުވެފައެވެ. ކުރިން މިކަމަކީ މިހާ ބޮޑަށް އާންމުކޮށް ދެކެވޭ ވާހަކަތަކެއްވެސް ނޫނެވެ. ހަމަ އެހެންމެ މީގެ ކުރިން މިފަދަ ކުދިންނާ މީހުންނަކީ ޑައިގްނޯސް ނުކުރެވި ތިބި ބަޔަކަށް ވުމަކީ އޯޓިޒަމްގެ ހާލަތުގެ ތިބި ކުދިން ނުވަތަ މީހުންގެ ޢަދަދު މަދު ކަމަށް ގަބޫލު ކުރުމުގެ ޖާގަ އޮތް ކަމެކެވެ.

4. އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް (އޭއެސްޑީ) ހުންނަ ހުރިހާ ކުދިންނަކީ އިޖުތިމާޢީ ގުޅުންތަކާއި ލޮލުގެ ގުޅުންތަކާ ދުރުހެލިވާ ކުދިންނެވެ.

އޭ.އެސް.ޑީ ހުންނަ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. މި ޑިސްއޯޑާރ އަށް ސްޕެކްޓްރަމްއޭ ކިޔެނީވެސް އެހެންވެގެންނެވެ. އެކި ކުދިންގެ ހުންނަ ތަފާތުތައް/ ފަރަގުތައް ބޮޑުކަމުން އެއްގޮތަކަށް އެކުދިން ލޭބަލް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވާތީއެވެ. މިގޮތުން އިޖުތިމާޢީ ވުމުގެ ދަތިތަކަކީ އޯޓިޒަމް ސްޕެކްޓްރަމް ހުންނަ ވަރަށް ގިނަ ކުދިންގެ ކިބައިން ފާހަގަކުރެވޭ ކަމަށްވާތީ އޯޓިޒަމް ހުންނަ ކޮންމެ ކުއްޖަކާމެދު އެގޮތަށް ދެކެވޭތަން އާދެއެވެ. ނަމަވެސް އޯޓިޒަމް ހުންނަ ބައެއް ކުދިންގެ ކިބައިން އިޖުތިމާޢީ ގުޅުންތައް ގާއިމު ކުރުމުގައި މާ ބޮޑު ދަތި ތަކެއް ނެތް ކުދިންވެސް ތިބެއެވެ. އަދި ހަމައެހެންމެ ލޮލުގެ ގުޅުންތަކާއި މީހުންނާއި މުޢާމަލާތްކުރުމުގައި މާބޮޑު ދަތިތަކެއް ނެތްކުދިންވެސް އެހެން އޯޓިޒަމްގެ ސްޕެކްޓްރަމްގައި ލޭބަލް ކުރެވި ފާހަގަ ކުރެވެއެވެ.

5. އޯޓިޒަމް ހުންނަ ކުދިންނަށް ޖަޒުބާތީ އެއްވެސް އަސަރެއް އިހުސާސް ނުކުރެވެއެވެ.

މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ބައެއް މީހުން ހީކުރާ ގޮތުގައި އޯޓިޒަމްގެ ހާލަތުގެ މާނައަކީވެސް ޖަޒުބާތުތައް އިހުސާސް ނުކުރެވުމެވެ. މާނައަކީ އެފަދަ ހާލަތުގައި އުޅޭ ކުދިންނަށް ޖަޒުބާތު އިހުސާސް ނުކުރެވޭނެއެވެ. އަދި އެހެން މީހުންނާ ގުޅުން އުފެއްދުމަށް ނުވަތަ ރައްޓެހިން ހޯދުމުގެ ޝައުގުވެރިކަމެއް ނުވަތަ ގާބިލްކަމެއް ވެސް ނުހުރެއެވެ. އަދި އެކުދިންނަށް އެފަދަ ގުޅުންތައް ބޭނުންވެސް ނުޖެހެއެވެ. މި ވާހަކައަކީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކަ އެއް ނޫނެވެ. އޯޓިޒަމް ހުންނަ ކުދިންނަކީ ހުރިހާ ޖަޒުބާތުތަކެއް ވެސް އިހުސާސް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. ދެރަވުމާއި، އުފާވުމާއި، ހިތުގައި ޖެހުމާއި، އުދާސްވުމާއި، ރުޅިއައުމާއި ނުތަނަވަސް ވުމާއި، ލޯތްބާއި، ކުޅުނު، ރައްޓެހިކަން، ގާތްކަން، ޝައުގުވެރިކަން މިފަދަ ކޮންމެ އިހުސާސަކީ އެކުދިން ވެސް ކުރާނެ އިހުސާސްތަކެވެ. ނަމަވެސް އޯޓިޒަމްގެ ސަބަބުން ކުދިންނާ މުއާމަލާތްކުރުމާ މެދު އަދި އިޖުތިމާޢީ ގޮތުން މުޢާމަލާތްކުރުމުގެ ޤާބިލުކަމަށް އަސަރުކުރާތީ، މިފަދަ އިހުސާސްތައް އެހެން ކުދިންނަށް ވުރެ ބޮޑަށް އެކުދިންގެ ކިބައިން ފާހަގަ ކުރެވޭ މިންވަރު މަދުވެދާނެއެވެ. މިއީ އެއްވެސް ހާލެއްގައި މީހުންނާއެކު އޮންނަ ގުޅުންތައް އުފެއްދުމަށް ޝައުޤުވެރިކަން ނެތުމުގެ ނުވަތަ ޤާބިލުކަން ނެތުމުގެ އިޙްސާސެއް ނޫނެވެ. އެކުދިންވެސް އެމީހުންނާއެކު ގާތްކަން ބާއްވާ މީހުންނާމެދު ލޯތްބާއި ކުޅުނާއި ގުޅުންތައް އިހުސާސް ކުރެވޭނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަކީ އެހެން މީހުން ޖަޒުބާތުތައް ފާޅުކުރާގޮތަށް އެކަން ފާޅުކުރުމުގެ ގާބިލުކަން ދަތި ބައެކެވެ. އެހެންކަމުން އެކަންކަން އެކުދިންގެ ކިބައިން ބަޔާންކުރެވިދިޔަ އިހުސާސްތައް ފާޅުކަން ބޮޑަށް ފާހަގަކުރެވުމަކީ އާންމު ކަމެއް ނޫނެވެ. މި ތަފާތު އެކި ކުދިންގެ ފާހަގަކުރެވެނީ އެކި މިންވަރަށެވެ. ނަމަވެސް އެކުދިންގެ ކިބައިގައި އެ އިހުސާސްތައް ނުހުންނަ ކަމުގައި ނުވަތަ ޝައުޤުވެރިކަން ނުހުންނަ ކަމަށް ބުނުމަކީ ނުވަތަ ވިސްނުމަކީ މުޅިއެކުން ރަނގަޅު ގޮތެއް ނޫނެވެ. އެކި ބާވަތުގެ ތެރަޕީ އާއި ޕްރޮފެޝަނަލް އިންޓަރވެންޝަންތައް ބޭނުންކޮށްގެން އޯޓިޒަމް ހުންނަ ކުދިންގެ އިޖުތިމާޢީ ގުޅުންތައް އުފައްދާ އިޖުތިމާ ޖަޒުބާތީ ގުޅުންތައް މީހުންނާއެކު ތަރައްޤީކުރުމަށް އެހީތެރިވެދެއެވެ.

6. އޯޓިޒަމަކީ ބޮޑުވަމުން އަންނަ ވަރަކަށް ރަނގަޅުވާ ކަމެކެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ އޯޓިޒަމަކީ ޚާއްޞަކޮށް ކުޑަކުދިންނަށް ދިމާވާ ކަމެއް ގޮތުގައެވެ. ބޮޑުވަމުންދާ ވަރަކަށް އެކަން ރަނގަޅުވެ ތެރަޕީ އާއި އިންޓަވެންޝަން މެދުވެރިކޮށް އެކަމުން އަރަގަނެވޭނެއެވެ. ގަބޫލުރަން ޖެހޭ ކަމަކީ އެއީ ދިމާވާ ދާއިމީ ހާލަތެއް ކަމެވެ. އެކި ކުދިންނަށް އެކި މިންވަރަށް ދިމާވާ ކަމަކަށް ވެފައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާ ދަތިތައް މެނޭޖްކުރަމުން ގޮސް ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން އެއީ އާންމުކަމަކަށް ބަދަލުވަމުން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ޔަގީނުންވެސް އެނގޭ ކަމަކީ އެކަށީގެންވާ ފަރުވާއާއި އިންޓަވެންޝަންގެ ސަބަބުން ކުދިންނަށް ދިމާވާ ކަންބޮޑުވުންތަކެއް ހުރި ދާއިރާތަކަށް ޙައްލު ހޯދައިދިނުމާއި، އާ ހުނަރާއި މުވާޞަލާތީ/ އިޖުތިމާޢީ ޤާބިލުކަން ތަރައްޤީކުރުމަށް އެހީތެރިވެދީ، ޖުމްލަކޮށް ޢުމުރުން މަތިވާވަރަކަށް ދުވަހުން ދުވަހަށް ދިރިއުޅުން ރަނގަޅުކުރެވޭނެއެވެ.

7. އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި އުނގެނުމުގެ ގާބިލުކަމެއް ނުހުރެއެވެ.

މިއީ ވެސް ބައެއް މީހުންނަށް ގަބޫލުކުރެވޭ ކުށް ގޮތެކެވެ. އޯޓިޒަމް ހުންނަ ކުދިންގެ ވިސްނުމުގެ ޤާބިލުކަން ނުހުންނަ ކަމަށް ބައެއް މީހުން ދެކެއެވެ. މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަ އެއް ނޫނެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮންމެ މީހެއްގެ ވެސް އުނގެނުމުގެ ޤާބިލުކަން ތަފާތު ކަމެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިން ވެސް ތަރުބިއްޔަތުކުރާއިރު އެކުދިންގެ އުނގެނުމުގެ ގާބިލުކަމާއި، ސްޓައިލާއި، ވައްތަރުތައް ދެނެގަތުން މުހިންމުވާނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އުނގަންނައިދިނުމުގެ ވައްޓަފާޅިއާއި ގޮތްތައް އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނަމަ އެކުދިންނަށް އުނގަންނައިދިނުމުގައި އެހެން ކުދިންނެކޭ އެއްފަދައިން އެކުދިންގެ ފެންވަރާ ގުޅުވައިގެން ކުރިޔަށް ގެންދެވޭނެއެވެ. ނަމަވެސް ބައެއް ތެރަޕީތަކާއި ގޮތްތައް ބޭނުން ކުރި ނަމަވެސް ބައެއް ކުދިންގެ އޯޓިޒަމް ސްޕެކްޓްރަމްގެ މިންވަރަށް ބަލާއިރު އެކަމުގައި ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އޯޓިޒަމްގެ ޢަލާމަތެއް ނެތްނަމަވެސް ބައެއް ކުދިންނަށް އުނގަންނައިދިނުމުގައި ގިނަ ދަތިތަކެއް ފާހަގަކުރެވޭ ކަމެވެ. އެހެންކަމުން އެއީ ވަކިން އޯޓިޒަމްގެ ސަބަބުން ވާކަމެއް ކަމުގައި ސީދާ ބެލުމަކީ މުޅިއެކުން ރަނގަޅު ގޮތެއް ނޫނެވެ. މާނައަކީ އޯޓިޒަމް ހުރުމަކީ ކޮންމެހެން އުނގެނުމުގެ ދަތިކަން ވަކިން ޚާއްޞަކޮށް އިތުރުވާން ޖެހޭ ކަމަކަށް ނުވެއެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އެކުދިންނާ ގުޅޭ ގޮތަށް އުނގެނުމުގެ ވައްޓަފާޅިއާއި ގޮތްތައް ފަރުމާކޮށް އެކުދިންގެ ބޭނުންތަކަށާއި، އުނގެނުމުގެ ސްޕީޑަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގެ ގޮތްތައް ރޭވުމެވެ.

8. އޯޓިޒަމް ހުންނަ ކުދިންނަކީ ވަރަށް އަނިޔާވެރި ކުދިންނެވެ.

މިއީ ވަރަށް ބޭއިންސާފު ވާހަކައެކެވެ. އެއްވެސް ހާލެއްގައި އޯޓިޒަމް ހުރުމަކީ މީހުންނަށް އަނިޔާކުރުމާއި ހަރުކަށިވުމާއި އަދި އެހެން މީހުންނަށް ގެއްލުން ދިނުމާ ގުޅިފައިވާ ކަމެއް ނޫނެވެ. އެހެންމެ އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ވެސް ނޫނެވެ. އާންމުކޮށް އެކުދިންގެ ފުށުން އެފަދަ ޢަމަލެއް ފެންނަނީ އެކުދިންނަށް ބޭނުންވާ ކަމެއް ހާސިލު ނުވުމުން، ބޭނުންވާ އެއްޗެއް ނުލިބުމުން ނުވަތަ ކަންބޮޑުވާ ކަމެއް ދިމާވުމުން، އަކަމުގެ އިހުސާސްތައް މެނޭޖްކުރުމުގައި އާންމު މީހުންނަށްވުރެ ހަރުކަށި ގޮތްތަކެއް އެކުދިންގެ ކިބައިން ދިމާވުމެވެ. އެ ކަންކަމަކީ ސީދާ މީހަކަށް އަނިޔާއެއް ކުރުމުގެ ވިސްނުމުގައި ނުވަތަ މަގުސަދެއްގައި ކުދިން ކުރާ ކަންކަމެއް ނޫނެވެ. މިފަދަ އިހުސާސްތައް މެނޭޖްކުރަން ދަސްކޮށްދީ ތަމުރީނު ލިބޭ މިންވަރުން އެކުދިންގެ ކިބައިގައި އެ އުނދަގޫ ހާލަތްތައް މެނޭޖްކުރުމުގެ ގާބިލުކަން ލިބިދެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ބައެއް ފަހަރު މިކަން ދިމާވަނީ އުނދަގޫވާ ކަމަކާ މެދު ޝުޢޫރު ފާޅުކުރުމުގެ ދަތިތަކާއެކު ކަންކުރަންވާ ގޮތް ހަގީގަތުގައިވެސް ނޭނގުމުގެ ސަބަބުންނެވެ.

9. އޭ.އެސް.ޑީ ހުންނަ ކުދިންގެ ކިބައިގައި އާދަޔާ ހިލާފު ހުނަރެއް ނުވަތަ ހުނަރުތަކެއް ހުރެއެވެ

ޑައިގްނޯސް ކުރެވިފައިވާ އޭ.އެސް.ޑީ ހުންނަ ގިނަ ކުދިންގެ ކިބައިން ވަކި ޚާއްޞަ ކަމަކަށް ތޫނުފިލިކަން ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އެކި ހުނަރުތަކުގެ ގާބިލުކަން ކުދިންގެ ކިބައިގައި ހުންނަ މިންވަރު ދާދި އެއްވަރެކެވެ. އެހެންނަމަވެސް ވަކި ކަމަކަށް އެކުދިން ތަމުރީނު ކުރެވޭނަމަ އެކަމަކަށް އެކުދިން މޮޅުވުމަކީ އެކަށީގެންވާ ކަމެކެވެ. ޖެނިޓިކްގޮތުން ވަކި ކަމަކަށް އޭ.އެސް.ޑީ ހުންނަ ހުރިހާ ކުދިން މޮޅުވާނެ ކަމަކީ ސީދާ ދިރާސީ ހެކިތަކުން ސާބިތުކުރެވިފައިވާ ކަންކަމެއް ނޫނެވެ.

10. ދަރިންނާ ގުޅުން ކުޑަ ހަރުކަށި ބެލެނިވެރިކަމަކީ ދަރިންގެ ކިބައިން އޯޓިޒަމްގެ ޢަލާމާތްތައް ފެނުމަށް މެދުވެރިވާ ކަމެކެވެ.

މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. އާންމު ކުދިންގެ ބެލެނިވެރިންނާއި ނުވަތަ ބެލެނިވެރިކަން ކުރެވޭ ގޮތާއި އޯޓިޒަމްގެ ޢަލާމަތްތަކާ ގުޅުމެއް ނުވެއެވެ. ކުރިންވެސް އިޝާރާތްކުރެވިފައިވާނެ ފަދައިން، އޭ.އެސް.ޑީއަކީ ސިކުނޑިގެ ނިއުރޮލޮޖިކަލް ޑިސްއޯޑާސް އަކުން ދިމާވާ ކަމެކެވެ. އެއްވެސް ހާލެއްގައި ބެލެނިވެރިންގެ ކިބައިން ނުވަތަ ކުރެވޭ ކަމަކުން، ދިމާވާ އެހެންވެސް ހާލަތަކުން، ކެވޭ ބޭހަކުން، ވެކްސިންގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. މިކަމުގައި ދަރިން ބެލެހެއްޓުމުގައި ގެންގުޅެވޭ ވަކި އުސޫލުތަކަކުން އެމީހުންގެ ދަރިންނަކީ އޯޓިޒަމް ކުދިންނަށްވުމުގެ އެއްވެސް ސަބަބެއް ނެތެވެ. އެހެން ނަމަވެސް އޭ.އެސް.ޑީއަށް ދަރިފުޅު ޑައިގްނޯސް ކުރެވުމަށްފަހު އޯޓިޒަމްގެ ޢަލާމަތްތަކާއެކު ދަރިފުޅަށް އެހީތެރިވެދިނުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް މިހާރު ދިރާސާތަކުން ހާމަވެއެވެ.

މިއަދު މި ލިޔެލެވުނީވެސް އާންމު ބެލެނިވެރިންނަށް އަމާޒުކޮށްލައިގެން ލިޔުނު މުހިންމު ވާހަކަކޮޅެކެވެ. މި ފަދަ ކޮންމެ ވާހަކަކޮޅަކީވެސް އާދައިގެ ވާހަކަ ތަކެއް ނަމަވެސް އެއިން ބެލެނިވެރިންނަށާއި އާންމު މުޖުތަމަޢަށް ފައިދާ ކުރަނިވި ހޭލުންތެރިކަން އިތުރު ކުރުވާނެ ވާހަކަކޮޅަކަށް ވުމަކީ އަޅުގަނޑުގެ އުއްމީދެވެ.

މި ކޮލަމުގައި ލިޔާ އެކި ކަންކަމާ ބެހޭގޮތުން ބެލެނިވެރިންގެ ޚިޔާލުތައް މިހާރުވެސް އަޅުގަނޑަށް ލިބެއެވެ. މިގޮތުން މިލިޔެވޭ ބައެއް ވާހަކަތަކަކީ އޯޓިޒަމް ފަދަ ހާލަތްތަކުގެ ދަރިން ގެންގުޅޭ ބެލެނިވެރިންގެ ނުތަނަވަސްކަމަށް ލުއިކަމެއް ގެނެސްދެވޭ ވާހަކަ ކޮޅަކަށްވުމަކީ އަޅުގަނޑުގެ މަގުސަދެވެ.