Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންނަށް ތަކުރާރުކޮށް އެއްގޮތަކަށް ކަންކަން ހުރުން މުހިންމު ވަނީ ކީއްވެ؟

އޯޓިޒަމް ހުންނަ ކުދިންގެ ވިސްނުމުގެ ކަންކަން އާންމު ގޮތެއްގައި ވަރަށް ތަފާތެވެ. އެ ކުދިންގެ އުސޫލުތަކާއި ރޫޓިންތަކަށް ތަބާވުމުގެ ތަބީޢަތުގެ ސަބަބުން އެޑެޕްޓިވް ފަންކްޝަނިން (ބަދަލާ ކުރިމަތިލާން އެނގެން) އަށް އުނދަގޫތައް ދިމާވެއެވެ. ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރސްގައި ބަޔާންކޮށްފައިވާ ގޮތަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭއެސްޑީ) އަށް ޑައިގްނޯސްވެފައިވާ ކުދިންގެ ކިބައިގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ތަކުރާރުކޮށް އެއްގޮތަކަށް ކަންކަން ރޭވިފައި ހުރުމަށް ބޭނުންވުމެވެ. މިކަމަށް ބާރުދޭ އެހެން ހެކިތަކުގެ ތެރޭގައި އެއްގޮތަކަށް ހުންނަ ރޫޓިންތަކަށް އެކުދިންނަށް ފަސޭހައިން ތަބާވުމެވެ. މިގޮތުން ކުޅޭ އެއްޗެހި، ގެންގުޅޭ އެކިއެކި ސާމާނު، ނުވަތަ ފާޚާނާ ތުވާލި ތަންތަނުގައި ބަހައްޓާގޮތް ފަދަ އާދައިގެ ކަންކަމުގައި ވެސް އެކުދިންނަށް ބޭނުންވަނީ ވަރަށް އެއްގޮތަކަށް އަބަދު ހުރުމެވެ. މީގެ އިތުރުން ލިބެން ހުންނަ ކާނާގެ ބާވަތްތަކަށް ވަކި ކެއުންތަކާއި އެ ކެއުންތައް ކެވިދާނެ ތަރުތީބުތައް އެއްގޮތަކަށް ތަބައުވުން ހިމެނެއެވެ. ހަމަ އެހެންމެ، ނިދާއިރު ކިޔައިދޭ ވާހަކައެއްގައި ވެސް ބޭނުންކުރާ ބަސްތަކާއި އަޑުގެ ރާގު ވެސް އެއްގޮތަކަށް ހުރުން އެކުދިންނަށް ވަރަށް މުހިންމެވެ.

އަލްހުޒިމީ (2021) ހާމަކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައިވާ ތަކުރާރުކުރަން ބޭނުންވުމާއި، ރޫޓިން ހުރިހާ ކަމެއް އަބަދު އެއްގޮތަކަށް ބެހެއްޓުމުގައި ބެލެނިވެރިންނަށް ވަރަށް ނުތަނަވަސްކަމާއި ގޮންޖެހުންތައް ދިމާވެއެވެ. ކުދި ކުދި ކަންކަންވެސް ނޭނގި ބަދަލެއް ގެނެވުމަކީ އޯޓިޒަމް ހުންނަ ކުދިންނަށް ތަޞައްވަރު ކުރަން ދަތިވާ މިންވަރުގެ ބޮޑެތި ކަންތައްތަކަށް ބަދަލުވެދާނެ ކަމަށްވެސް އެ ދިރާސާގައި ހާމަކޮށްފައިވެއެވެ. މިފަދަ ކަންކަމަކީ ބެލެނިވެރިންގެ ދުޅަހެޔޮކަމަށްވެސް އަސަރުކުރާ އަދި އޯޓިޒަމް ހުންނަ ދަރިފުޅުގެ އާންމު ދުޅަހެޔޮކަމާ ވެސް ވަރަށް ބޮޑަށް ލާމެހިފައިވާ ކަމެއްގޮތުގައި މިދިރާސާގައި ސިފަކޮށްފައިވެއެވެ.

ކެސްޓިންގ (2006) ދެކޭ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަށް ބަދަލަކީ އާދައިގެ ކަމެއް ނޫނެވެ. ކުއްޖާގެ އާންމު ދުވަހީ ދިރިއުޅުމަށް ބަދަލެއް ގެންނައިރު ބެލެނިވެރިން ކުރާ ކޮންމެ ކަމެއް އެއީ އެންމެ ބުއްދިވެރި ނިންމުންތަކެއްގެ މައްޗަށް ބިނާވެފައިވާ ޢަމަލުތަކެއް ކަމަށް ވެސް ނުވެދާނެއެވެ. އޭނާ ހާމަކުރާ ގޮތުގައި އޯޓިޒަމް ހުންނަ ކުއްޖާ ބަދަލަކާއި ކުރިމަތިކުރުވާއިރު އެ ކަމާ މެދު ވަރަށް ބޮޑަށް ހޭލުންތެރިކަމާއެކު ރޭވުމާއެކު ކަންކުރަން ޖެހެއެވެ. ސަބަބަކީ އެފަދަ ކޮންމެ ނިންމުމެއްގެ އަސަރު ދިގުދެމިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ދިރާސާގައި ބާރު އަޅާފައިވަނީ ގެންނަ ކޮންމެ ބަދަލަކީ ރަނގަޅަށް ސަމާލުވެވިގެން ބެލެހެއްޓުންތެރިކަމާއި ފަރުވާތެރިކަމާއެކު ރޭވިގެން ކުރަންޖެހޭ ކަމަކަށް ހެދުމަށެވެ. ވާރނަރ ޑިގްރޭސް (2004) ގެ ދިރާސާ އިން ހާމަކުރާގޮތުގައި ޚާއްޞަކޮށް ވަޒީފާ އަދާ ކުރާ ޢާއިލާތަކުގެ ބެލެނިވެރިން އެމީހުންގެ އޯޓިޒަމް ހުންނަ ދަރިއެއް ބަލާނަމަ ވަކި ބޮޑަށް ސަމާލުވާންޖެހެއެވެ. ސަބަބަކީ ވަޒީފާގެ ވަގުތުތަކާއި ދަރިފުޅާއެކު ހޭދަކުރާ ވަގުތުތަކަށް ބަދަލުއައުމުން ކުއްޖާއަށް ގިނަގުނަ ނުތަނަވަސް ކަންތައްތަކެއް މެދުވެރިވުން ގާތެވެ. ޚާއްޞަކޮށް ވަޒީފާ ނިމޭ ގަޑި ނުވަތަ ކުއްޖާއާ އެކު ވަކި ކަމެއް ކުރުމަށް ހަމަޖެއްސުމަށްފަހު އެކަން ކުރަންޖެހޭ ގަޑީގައި ވަގުތު ހޭދަނުކުރެވުން ފަދަ ކަންކަމަކީ ވެސް އޯޓިޒަމް ހުންނަ ކުދިންނަށް އިހުސާސް ކުރެވޭނެ ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ.

މި ބަޔަށް އަޅުގަނޑު ވަކިން މި ޚިޔާލު ހުށަހަޅާލީ މި ޒަމާނަކީ ގިނަ މައިންބަފައިން ވަޒީފާގައި އަވަދި ނެތި ދިރިއުޅޭ ޒަމާނަކަށް ވެފައި އެފަދަ ކުއްޖަކު ގޭގައި ހުރި ނަމަ ކުއްޖާގެ ހަމަޖެހުމަށް ބުރޫ އެރުން ވަރަށް ގާތްވާނެ ކަންކަމެވެ. މިތާނގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ކުއްޖާގެ ދިރިއުޅުމުގައި ތަޢާރަފުކުރެވި ހަމަޖެހިފައި ހުންނަ ރޫޓިންތަކަކީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭކަންކަން ކަމުގައި ފާހަގަކޮށްލުމުގެ ބޭނުމުގައެވެ.

އާންމުކޮށް، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ (އޭ.އެސް.ޑީ)ގެ ކުދިންނަށް އެމީހުންގެ ވަށައިގެންވާ ދުނިޔެއާ މެދު ވިސްނުމާއި އެއްތަނުން އަނެއް ތަނަށް ބަދަލުވުމާއި ދަތުރުކުރުމުގައި ދަތިތަކެއް ކުރިމަތިވެ އެވެ. ހަމަ މިގޮތުން، އޯޓިޒަމް ހުންނަ ކުދިންގެ ސުލޫކުގެ އެއްގޮތަކަށް އަބަދު އެއް އުސޫލުތަކެއްގެ ގޮތުގައި ތަކުރާރުވާތީ އެހެން މީހުންނާ މުއާމަލާތް ކުރަން އެކުދިންނަށް އުނދަގޫވެއެވެ. އޭ އެސް ޑީ ހުންނަ ކުދިންނަށް ކަންކަމަށް ބަދަލުއައުމަކީ ވަރަށް ބޮޑު ހާސްކަމާއި ރުޅިވެރިކަން ކުރިމަތިވާ ކަމެކެވެ. އެއްގޮތަކަށް ކަންކަން ރޭވި ރޫޓިންއަށް ތަބާވުމަކީ މި މިފަދަ ހާލަތުގައި ތިބޭ ކުދިންނަށް ނިހާޔަތަށް މުހިންމު ކަމެކެވެ. އެހެންކަމުން އާންމު ކުދިންނަށް ބެލެވޭ ކުދި ބަދަލުތަކަކީ މިކުދިންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ބަދަލާ ދެކޮޅުހެދުމަކީ އޭ.އެސް.ޑީ ހުންނަ ކުދިންނާއެކު މަސައްކަތް ކުރާއިރު އެޕްލައިޑް ބިހޭވިއަރ އެނަލިސްޓުން (އޭބީއޭ) (ސުލޫކް ބަދަލުކުރުމާއި ގުޅޭ ތެރަޕިސްޓުން) އިރުޝާދުދޭ ގޮތުގައި ސަމާލުވާން ޖެހޭކަންކަމެވެ. ކޮންމެ ކަމެއް ބަދަލުކުރުމަށް ވެސް އެ މުއާމަލާތް ކުއްޖާއާ އެކު ގެންދާނެ ގޮތް ވަކި އުސޫލުތަކެއް ބޭނުންކޮށްގެން ދަސްކުރަން ޖެހެއެވެ. ހަގީގަތުގައި އެކުދިންނަށް އާ ހާލަތަކަށް އާ ކަމަކަށް ކަމެއް ބަދަލުކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. މިގޮތުން އޭބީއޭގެ ތެރަޕިސްޓުން މަސައްކަތް ކުރަނީ ރޫޓިން ބަދަލުކުރުމަށް އެހީތެރިވުމަށް އެޕްލައިޑް ބިހޭވިއަރ އެނަލިސިސްގެ އުކުޅުތައް ބޭނުންކޮށްގެން އާ ހާލަތްތަކަށް އޯޓިޒަމް  ހުންނަ މީހުން ފައްތަން ނުވަތަ އެޑްޖަސްޓް ކުރުމަށެވެ.

ކަންކަމުގައި ރޫޓިން ހިފެހެއްޓުމާއި އެއްގޮތަކަށް ކަންތައްތައް ރޭވުމަކީ އޭ އެސް ޑީ ހުންނަ ކުދިންނަށް އެންމެ ރަނގަޅުގޮތް ކަން ދިރާސާތަކުން ތަކުރާރުކޮށް ހާމަކޮށްފައި ވެއެވެ. އާންމުކޮށް ދުވަހުން ދުވަހަށް ދިރިއުޅުމުގައި ކުރިމަތިވާ ނުތަނަވަސް ކަމާއި، ހާސްކަމާއި ޔަގީންކަން ނެތުން ފަދަ ކަންކަމާ ކުރިމަތިލުމަށް އޭ.އެސް.ޑީ ހުންނަ ކުދިންނަށް ރޫޓިން އަކީ ހަގީގަތުގައި ވަރުގަދަ ބާރެކެވެ. އެކަމަކު ބަދަލުވުމުގެ ރޫޓިންއާ ދެކޮޅުހެދުމަކީ ވެސް އެ ބަދަލުތަކަކީ ދުރުހެލި ނުވެވޭނެ ބަދަލުތަކެއް ކަމަށް ވާތީ އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުދިންނަށް ކުރިމަތިވާނެ ކަމެކެވެ. އޭ.އެސް.ޑީ ހުންނަ ކުދިންނަށް ދުޅަހެޔޮކަމާއި ހަމަޖެހުމުގެ އިހުސާސް ވަރުގަދަ ކުރުމުގައި ރޫޓިން އަކީ މުހިންމު ކަމެކެވެ. ސަބަބަކީ ހަމަޖެހުމާއި ދުޅަހެޔޮކަމުގެ އިހުސާސް ވާނަމަ، ދެން ދިމާވާ ކުދި ކުދި ބަދަލުތައް އެމީހުންނަށް ޙައްލުކުރުމަށް ފަސޭހަވާނެއެވެ. އޯޓިޒަމް ހުންނަ ކުދިންގެ ކަންކަމުގައި ދުވަހުން ދުވަހަށް ރޫޓިންއެއް ތަންފީޒުކުރުމަކީ އެ ކުދިންނަށް މިނިވަންކަމާ އެކު މަސައްކަތްކޮށް، އިޖުތިމާއީ-ޖަޒުބާތީ ސިއްހަތު ރަނގަޅުކުރެވޭނެ ކަމެއް ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ.

ޚާއްޞަކޮށް ދުވަހުން ދުވަހަށް ކުރާ ކަންތައްތަކުގެ ތެރެއިން އެ ކުދިންގެ:

  • ބެލެނިވެރިޔާއާއެކު ކުއްޖާއާ ދެމެދު ވަރުގަދަ ގުޅުމެއް ބިނާކުރެވެއެވެ.
  • އެހެން މީހުންގެ ނުފޫޒުގެ އުނދަގޫތަކާއި ސްޓްރެސް ކުޑަކުރެވެއެވެ.
  • ކަންކަމުގައި އެއްބާރުލުން ރަނގަޅުވެއެވެ.
  • އެމީހުންގެ ދުވަހުގެ މައްޗަށް އަމިއްލަގޮތް ބިނާވެ ކަންކަމުގައި މިލްކުވެރިކަމުގެ އިހުސާސެއް އުފެއްދެއެވެ.
  • އެމީހުންގެ ވަށައިގެން އަމާންކަމާއި ހިތްހަމަޖެހޭ މާހައުލެއް އުފެއްދެއެވެ.

ގިނަ ފަހަރަށް ބަދަލުތަކަކަކީ އެކުދިންނަށް ބޮޑު ނުތަނަވަސް ކަމެއް މެދުވެރި ހިތްހަމަނުޖެހުންތަކެއް ކުރިމަތިވާ ކަމަކަށްވާތީ އެކަމަށް ދުރާލާ ތައްޔާރުވާން ޖެހެއެވެ. އޯޓިޒަމް ހުންނަ ކުއްޖަކަށް ބަދަލު މެނޭޖްކުރުމުގައި އެހީތެރިވުމުގެ އެންމެ މުހިންމު ކަމަކީ އެކަމާ ގުޅޭގޮތުން ރަނގަޅަށް މުވާސަލާތު ކުރުމެވެ. ބައެއްފަހަރު ވަރަށް އާދައިގެ ކުދި ބަދަލަކީ ވެސް ހީނުކުރާފަދަ ބޮޑެތި ކަންކަންގޮތުގައި ކުއްޖާއަށް އިހުސާސް ކުރެވުމާއި އެތަށް އުނދަގޫތަކަކަށް ކުއްޖާއަށް ވެގެން ހިނގައިދާނެ ކަމެކެވެ. ބަދަލަގެންނަން ނުވަތަ ކުއްޖާގެ އާންމު ދިރިއުޅުމުގެ ކަމެއް ބަދަލުކުރަން އުޅޭއިރު ދުރާލާ ރޭވި އެކަމާ ބެހޭގޮތުން ކުއްޖާ ރަނގަޅަށް ތައްޔާރުކުރުމަކީ މުހިންމު ކަމެކެވެ.

މިގޮތުން ކުއްޖާއާ އެކު ފަސޭހައިން ވިސްނޭ ގޮތަށް ވިޝުއަލް އެއިޑްސް ފަދަ ތަކެތި ބޭނުންކޮށްގެން މުއާމަލާތް ކޮށް އެނޫންވެސް ކުއްޖާއަށް ކަމެއް ވިސްނާދިނުމަށް ބޭނުންކުރެވޭނެ ހުރިހާ އުކުޅެއް މިފަދަ ކަންކަމުގައި އެހީތެރިވެދޭނެއެވެ. ކަމެއް ބަދަލުކުރުމުގެ ކުރިން ކޮންމެ ގޮތެއްވިޔަސް ކުއްޖާއާ އެކު އެކަމާ ގުޅޭ ގޮތުން މުވާޞަލާތު ކުރެވެން ޖެހެއެވެ. މިކަމަކީ އެކުދިންގެ ކިބައިގައިވާ މުވާޞަލާތުކުރުމާއި ދިރިއުޅުމުގެ އާންމުކަންކަމާ އެކަންކަމުގެ މާނަތައް ވިސްނުމަށް ދަތިވާތީ ދިމާވާ ކަމެކެވެ.

ހަމަ އެހެންމެ، ޙިއްސީ އަދި ބަހުގެ މުޢާމަލާތުގައި އެކުދިންނަށް ވިސްނައިގަނެވުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން އާ ޙާލަތްތައް އަވަހަށް ދެނެގަންނަން ދަތިވަނީއެވެ. ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރާއިރު ވިޝުއަލް އެއިޑް އާއި ބޭނުންކުރާ ބަސްތަކާއި، މުޢާމަލާތް ކުރުމުގައި ގެންގުޅޭ ހުނަރުތަކާއެކު އާ ހާލަތާ މެދު ކުދިންނަށް ކިޔައިދޭން ފަސޭހަވެ އެކަން ކުދިންނަށް ބަލައިގަތުމަށް އެހީތެރިވެދޭނެއެވެ. އޯޓިޒަމް ހުންނަ ކުއްޖެއްގެ އާންމު ދިރިއުޅުމުގައި ބަދަލެއް އަންނަން ނުވަތަ ގެންނަން އުޅޭ އިރު ދެން ސަމާލުވާން ޖެހޭ ކަމަކީ ހުރިހާ ބަދަލެއް އެއްވަރެއް ނޫން ކަމެވެ. ހަމައެހެންމެ ހުރިހާ ކުދިން ވެސް ބަދަލަށް ރައްދު ދޭނީ ނުވަތަ ރިއެކްޓް ކުރާނީ އެއްގޮތަކަށް ނޫންކަން ދެނެގަތުމެވެ. ބައެއް ފަހަރު ބޭރުފުށުގެ އެއްވެސް އަލާމާތެއް ނުފެންނަ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވިފައި ތިބޭ އޯޓިޒަމް ކުދިންވެސް ތިބެދާނެއެވެ.

އަނެއްކޮޅުން އޯޓިޒަމް ހުންނަ ކުއްޖަކު އާއިލާ، އާ ގެއަކަށް ބަދަލުވާއިރު، ފުރަތަމަ ދުވަހު އެއީ ކުއްޖާއަށް ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑުކަމަކަށް ވެސް ބަދަލުވެގެން ހިނގައިދާނެއެވެ. މާނައަކީ ކޮންމެ ކުއްޖަކީ ތަފާތު ހާލަތެއް ކަމަށް ބަލައިގެން މިފަދަ ކަންކަމަކީ ވަރަށް ނާޒުކު އަދި ހައްސާސީ ކަމެއް ގޮތުގައި ސަމާލުކަން ދިނުމެވެ. އާ ކަންތައްތަކަށް ކުދިން ކުރިމަތިލާ އިރު އެކަމުގައި ކުއްޖާ ރައްދުދޭގޮތް ބަދަލުކުރުމަށް ރޫޓިންތައް ހަމަޖައްސާ ތެރަޕިސްޓުންގެ އިރުޝާދާއެކު ކަންކަން ރޭވުމަކީ ރަނގަޅުކަމެކެވެ. ދިރާސާތަކުން ހާމަކުރާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަށް ޓްރާންސިޝަންތަކާ (ބަދަލުތައް) ކުރިމަތިލުމަށް އެހީތެރިވުމަށް އެންމެ މުހިންމު އެއް ގޮތަކީ އޭ ބީ އޭ ގެ ގޮތްތަކާއި އުސޫލުތައް ބޭނުންކުރުމެވެ. އެޕްލައިޑް ބިހޭވިއަރ އެނަލިސްޓުންނަކީ އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ހުންނަ ތަކުރާރު ޠަބީޢަތް ބޭނުންކޮށްގެން އެމީހުންގެ ސުލޫކުތައް ބަދަލުކުރުމަށް ޚާއްޞަ އިންޓަވެންޝަންތައް/ ގޮތްތައް ބޭނުންކުރަން ޚާއްޞަ އުކުޅުތައް ދަންނަ އެ ކުދިންގެ ދުޅަހެޔޮކަމާއި އިޖުތިމާޢީ ހުނަރުތައް ތަމުރީނު ކުރުމަށް މޮޅު ބައެކެވެ.

ރޫޓިންއަކީ އޯޓިޒަމް ހުންނަ ކުދިންގެ ދުވަހީ ދިރިއުޅުމުގެ ވަރަށް ބޮޑު ހިއްސާއެއް އެކުލެވިގެންވާ ކަމެއްކަން ލިޔުމުގެ ވަރަށް ގިނަ ބައިތަކުން ހާމަވެގެން ހިނގައްޖެއެވެ. ރޫޓިންއަށް ބަދަލެއް އައުމަކީ ކުއްޖާގެ ހަޔާތަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ހަމައެހެންމެ ބެލެނިވެރިޔާއަށް ވެސް މެނޭޖްކުރުމަށް ދަތިވާނެ ގިނަ ކަންތައްތަކެއް އެކަމުގެ ސަބަބުން ނުކުމެދާނެއެވެ. ދުވަހީ ދިރިއުޅުމުގެ ކަމެއް ކުއްޖާގެ ހަޔާތުގައި ބަދަލެއް ކުރާނަމަ އެކަމާ މެދު ކަންކަން ކުރުން އެންމެ ރަނގަޅީ ދުރާލާ އެކަން ޕްލޭންކޮށް ކުއްޖާއާ މުވާޞަލާތުކުރުމެވެ. ހަމައެހެންމެ ކަމެއް ވާނެގޮތާއި ވެދާނެގޮތާއި، ވެއްޖެއް ނަމަ ދެން ހަދާނެގޮތާއި މިހުރިހާ ކަމަކާ މެދު ވެސް ޚިޔާލުކޮށް ސަމާލުވެ އަޅާނެ ފިޔަވަޅުތައް ޕްލޭން ކުރުމެވެ. އުއްމީދަކީ އޯޓިޒަމް ހުންނަ ކުއްޖަކު ގެންގުޅޭ ޢާއިލާއެއްގައި މިފަދަ ކަންކަމުގައި ބެލެނިވެރިން ވިސްނާ ސަމާލުވާން ޖެހޭ ކަންކަމަށް ހޭލުންތެރި ކުރުވުމެވެ. އަދި އެކަންކަން މެނޭޖްކުރާއިރު ދުރާލާ ރާވައި ކަންކަން ހަމަޖެއްސުމަށް ތައްޔާރުވުމެވެ.

ހަވާލާ ދޭ ފަރާތް

  • އަލްހުޒިމީ، ޓީ.(2021). ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރު ގޭގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ޖެހިފައިވާ ކުދިންގެ ރޫޓިންއަށް ބަދަލު އައުމުން ބެލެނިވެރިންގެ ސްޓްރެސް އާއި އިމޯޝަނަލް ވެލްބީން. ރިސާޗް އިން ޑިވެލޮޕްމަންޓަލް ޑިސެބިލިޓީސް، 108، 103822.
  • ކެސްޓިންގ، ޕީ.(2006). ބަދަލުކުރުން ރޫޓިން: މެކޭނިޒަމްތަކާއި، ފުރުސަތުތަކާއި، ހުރަސްތައް. ޝާއިޢުނުކުރާ ވޯކިންގޕޭޕަރ. ކެމްބްރިޖް. ލަންޑަން
  • ވާރނަރ ޑިގްރޭސް، ބީ (2004). އޯޓިޒަމް ހުންނަ ކުދިން ތިބި އާއިލާތަކުގެ ކޮންމެ ދުވަހެއްގެ މަސައްކަތެވެ. ދަ އެމެރިކަން ޖާނަލް އޮފް އޮކިއުޕޭޝަނަލް ތެރަޕީ، 58(5)، 543-550.