Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ނިދުމުގެ އުނދަގޫތައް

ރޭގަނޑުގެ އަރާމު ނިދި ލިބުމަކީ ކޮންމެ އިންސާނަކަށް ވެސް ބޭނުންތެރި ކަމެކެވެ. އޯޓިޒަމް ހުންނަ ގިނަ މީހުންނަށް ހަމަނިދި ލިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް (އޭ އެސް ޑީ)ގެ ކުދިބޮޑު އެންމެނަށް ވެސް ނިދި އައުމަށާއި ނިދީގައި ހަމަޖެހިލައިގެން އަރާމު ނިދި ހޯދުމަށް ދަތިވެއެވެ. އަރާމު ނިންޖަކީ ކޮންމެ މީހަކަށް އެހައި ބޭނުންތެރި ކަމަކަށް ވާއިރު، އޯޓިޒަމް ހުންނަ ދަރިޔަކު ބެލެހެއްޓުމުގައި ނިދުމާ ގުޅޭ ހީވެސް ނުކުރާހާ ގިނަގުނަ ގޮންޖެހުންތަކެއް ބެލެނިވެރިންނަށް ކުރިމަތިވެއެވެ. ހަމައެކަނި ދަރިފުޅަށް ދިމާވާ ނިދުމުގެ އުނދަގޫތަކުގެ ދެގުނަ ބުރައަކަށް ވާއިރު އެކަން ތަހައްމަލު ކުރާ ބެލެނިވެރޔާއަށް ވެސް އެކަމުން ނުހަނު ގިނަ އަސަރުތަކެއް ކުރެއެވެ. މިއަދު މި ހުށަހަޅާލަނީ އޯޓިޒަމް ހުންނަ ކުދިންގެ ނިދުމުގެ ކަންކަމުގައި ދިމާވާ ދަތިތަކާއި އެކަންކަން މެނޭޖްކުރުމުގައި ސަމާލުވެވިދާނެ ދެތިން ނުކުތާއަކާ ބެހޭ ވާހަކަކޮޅެކެވެ.

އާންމުކޮށް ވެސް އޯޓިޒަމް ހުންނަ ކުދިންގެ ނިދި މަދުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ކުދިންގެ ތެރެއިން ގާތްގަނޑަކަށް %40-80 ކުދިންނަށް ނިދުމުގެ ދަތިކަން ކުރިމަތިވެއެވެ. މިއީ ވަރަށް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. ނިދުމަކީ ހަކަތަ އަލުން ހޯދައިދިނުމާއި، ސިކުނޑި ބިނާކުރުމާއި، ހަނދާން ވަރުގަދަކުރުމާއި، ވިސްނުމުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދޭ މުހިންމު ކަމެކެވެ. އޯޓިޒަމްގައި ނިދުމުގެ މައްސަލަތައް ދިމާވާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ 2019 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި އޯޓިޒަމް ހުންނަ ޕްރީސްކޫލް ކުދިންގެ ގާތްގަނޑަކަށް 80 ޕަސެންޓް ކުދިންނަށް ނިދުމަށް ބުރޫއަރާފައިވެއެވެ. އެހެން ދިރާސާއެއްގައި، ހޮޖް، ކެރޮލޯ، ލެވިން، ހޮފްމަން، އަދި ސްވީނީ، (2014) ހާމަކުރާ ގޮތުގައި އޭ އެސް ޑީ ހުންނަ ކުދިންގެ ނިދުމުގެ މިންވަރާއި ނިދުމުގެ (ކުއަލިޓީ)ފެންވަރު ވަރަށް ބޮޑަށް ދަށެވެ. ރިޗްޑޭލް އަދި ޝްރެކް (2009) ގެ ދިރާސާއިން ވެސް ކަށަވަރުވާ ގޮތުގައި އޮޓިޒަމް ސްޕެކްޓްރަމްގެ ގިނަ ޢަދަދެއްގެ މީހުންނަށް ނިދުމުގެ ދަތިކަން ކުރިމަތިވެއެވެ.

ހަމަ ނިދި ނުލިބުމަކީ ދުވަހީ ދިރިއުޅުމުގައި ޞިއްހީ އަދި އިޖުތިމާޢީ ގިނަ މައްސަލަތަކެއް މެދުވެރިވާ ކަމެކެވެ. މިގޮތުން އިސްވެދިޔަ ދިރާސާތަކުގައި އިޝާރާތްކޮށްފައިވާ ގޮތުން އޯޓިޒަމް ހުންނަ ކުދިންނަށް ހަމަ ނިދި ނުލިބުމުގެ ސަބަބުން އޯޓިޒަމްގެ އުނދަގޫތައް އިތުރަށް ގޯސްވެދާނެ ކަން ގަބޫލުކުރެވެއެވެ. އެއީ ޚާއްޞަކޮށް އެކުދިންގެ އިޖުތިމާއީ ހުނަރު ދަށްވުން ފަދަ ކަންކަމުގައެވެ. އޭގެ އިތުރުން ވިސްނުމާއި ގުޅޭ އެކިކަން ތަރައްޤީވެ ކުރިއެރުމަށް ވެސް ހަމަ ނިދި ނުލިބުމުން އަސަރު ކުރެއެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ނިދަން އުނދަގޫވަނީ ކީއްވެގެން؟

އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަ ފަދަ ބަނޑުގެ އުނދަގޫތައް ދިމާވުމަކީ ވަރަށް އާންމުކަމެކެވެ. މި ފަދަ އުނދަގޫ ތަކުގެ ސަބަބުން ހާސްކަމާއި ހަމަނުޖެހުމުގެ އުދަނގޫތަކާއި އެކު ނިންޖަށް ވެސް އެކަމުގެ އަސަރު ކުރެއެވެ. މީގެ އިތުރުން އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯރޑާ (އޭޑީއެޗްޑީ) ނުވަތަ ހާސްކަން ފަދަ އެހެން ހާލަތްތަކަކީ ވެސް ނިދުމަށް އަސަރު ކުރުވާ ކަމެކެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ވަރަށް ބައިވަރު އުނދަގޫތައް ދިމާވުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ދިރާސާތަކުން ވެސް ހާމަވެއެވެ. މިސާލަކަށް ދިމާވާ ކަންކަމުގެ ތެރޭގައި ކުދިން ކްރެންކީ (ވަރުބަލި) ވުން، އެގްރެސިވް (ރުޅިގަދަ) ވުން، ނުވަތަ ރެސްޓްލެސް (ގޮތްހުސްވުން) ފަދަ ކަންކަން ވަރަށް ފަސޭހައިން ދިމާވެދާނެއެވެ. ރަނގަޅަށް ނިދި ލިބޭނަމަ މިކަހަލަ ކަންކަން ކުދިންނަށް ދިމާވާ މިންވަރު މަދުވެއެވެ. ނިދުމުގެ އުނދަގޫތައް ދިމާވާ ބައެއް ސަބަބުތައް ތިރީގައި ކުރުކޮށް ލިސްޓްކޮށްލެވިފައި އެވަނީއެވެ.

ސެޓްލްވެ (ކަންކަން ހަމަޖެހި)، އިރުކޮޅުކޮޅާ ހޭލެވުން ފަދަ ކަންކަމާ ގުޅިގެން ނިދަން އުނދަގޫވުން.

ރޭގަނޑު ތަކުރާރުކޮށް ހޭލުން، ނުވަތަ ފާޚާނާއަށް ދާން ހޭލުމަށްފަހު އަލުން ނިދުމަށް ދަތިވުން

ހާސްކަން އިތުރުވުން ނުވަތަ ރިލެކްސް (ހަމަޖެހުމަށް) ވުމަށް ނުކުޅެދުންތެރިކަން ހުރުމުން ނިދި ނުލިބުން

ނިދުމުގެ އުސޫލުތައް ރެގިއުލޭޓް ކުރާ ނިދުމުގެ ހޯރމޯން މެލަޓޮނިން އާދަޔާ ޚިލާފަށް އިތުރުވުން

މީރުވަސްދުވުން ފަދަ ނިއުރޯލޮޖިކަލް ހާލަތްތައް މެދުވެރިވުން

ޙިއްސީ ތަފާތުތައް، ސްމާޓް ފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ސްކްރީންތަކުން ލިބޭ ބްލޫ ލައިޓަށް ނާޒުކުކަން އިތުރުވުން ނުވަތަ ވަކި އަޑުތަކަށް ނުވަތަ ހުދު އަޑުތަކަށް ނާޒުކުވުން ފަދަ ކަންކަން، އެއީ ކަންބޮޑުވާ ނުވަތަ ހަމަޖެހުން ގެއްލުވާލާ ކަމަކަށްވުން.

ކާނާގެ އެލާޖީގެ ސަބަބުން ދިމާވާ މައްސަލަތައް، ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތަކާއި އުނދަގޫތައް ކުރިމަތިވެދާނެ، ނުވަތަ ކެފެއިން ނުވަތަ އެހެން ސްޓިމިއުލަންޓްތަކަށް ނާޒުކުކަން އިތުރުވުމުން ނިދުމަށް އުނދަގޫވެއެވެ.

ހައިޕަރސޮމްނިއާ – މާ ގިނައިން ނިދުން. އިޖުތިމާއީ ހާލަތްތަކުގައި އޯޓިސްޓިކް މީހުންނަށް ކުރިމަތިވާ އިތުރު ސްޓްރެސްގެ ސަބަބުން ވަރުބަލިކަން އިތުރުވެދާނެ އެވެ.

ދިރާސާތަކުން ހާމަކުރާގޮތުގައި ބަޔާންވި ކޮންމެ ހާލަތަކީ ވެސް ހަމަޖެހިގެން ނިދުމަށް ބުރޫއަރާ ކަންކަމެވެ. ނިދުމުގެ އުނދަގޫތައް ވާ ކުދިންނަށް ޑަކްޓަރުންގެ އިރުޝާދާއެކު ބޭސްފަރުވާ ވެސް ކުރެއެވެ. ބައެއް ހާލަތްތަކުގައި އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ކުދިންގެ ނިދުމުގެ މައްސަލަތައް ކުރިމަތިވަނީ އެކަމާ ގުޅޭ ޖީންތަކުގެ މިއުޓޭޝަންތަކުގެ ސަބަބުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި އާދައިގެ މީހުންނަށް ވުރެ ބޮޑަށް ނިދުމާ ގުޅޭ ޖީންތަކުގައި މީއުޓޭޝަންތައް ހުރުން ފުރުސަތު ބޮޑެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ސްޕެކްޓްރަމްގައި ހިމެނޭ މީހުންގެ ހުންނަނީ ނިދި ކޮންޓްރޯލްކުރާ ގުދުރަތީ ހޯމޯނެއް ކަމަށްވާ މެލަޓޮނިންގެ މިންވަރަށް އަސަރުކުރާ މީއުޓޭޝަންތަކެކެވެ. މިފަދަ ބައެއް ހާލަތްތަކުގައި ބޭހާ ނުލައި ކުދިންގެ ނިދުން ހަމަޖެއްސުން އުނދަގޫވެއެވެ. ބޭހަކީ އަބަދު ބޭނުންކުރަން ރަނގަޅު އެއްޗެއް ނޫން ނަމަވެސް މިކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ ނިދި ހަމަޖެއްސުމަށް ކުރެވޭނެ މި ނޫން ކަންކަން ވަރަށް މަދެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ރަނގަޅަށް ނިދުމަށް އެހީތެރިވެދޭނެ ގޮތްތަކަކީ ކޮބާ؟

ތިރީގައި ލިސްޓްކޮށްލައިފައިވާ ކަންކަން އަޖުމަބަލައި އެކަންކަމުން އެހީތެރިވެދޭތޯ ބެލެނިވެރިން ބަލާލުމަކީ މުހިންމު ކަމެކެވެ.

އެއް ގޮތްތަކެއް އެއް ރޫޓީންތަކެއް ހިފެހެއްޓުން: މިއީ އޯޓިޒަމް ހުންނަ ކުދިންގެ ކޮންމެ ކަމެއްގައި މުހިންމުވާ ކަމެކެވެ. ނިދުމުގެ ކަންކަން ހަމަޖެއްސުމުގައި ވެސް ވަކި ރޫޓިންއަކަށް ކަންތައް ގެންދިއުމާއި ނިދުމުގެ ގަޑި ޖެހުމުގެ ކުރިން ހަމަޖެހިލުމަށް (ވިންޑްޑައުން) ވަގުތު ހަމަޖެއްސުމާއި ހަދާފައިވާ ރޫޓިންއެއްގެ ދަށުން ކަންކަން ރޭވުން މުހިންމެވެ.

ސްކްރީން ޓައިމް މަދުކުރުން: ނިދުމުގެ ކުރިން ކުއްޖާގެ ސްކްރީންއާ ދުރުކޮށް ބޭނުންކުރުން މަދުކުރުން ވަރަށް މުހިންމު ވާނެއެވެ.

އަރާމުނިންޖަށް އެހީތެރިވެދޭ މާހައުލެއް: ކުއްޖާ ހިތްހަމަޖެހޭ އަދި ފަސޭހައިން ނިދިއަންނާނެފަދަ ގޮތަކަށް ނިދާކޮޓަރީގެ އައްޔާއި އަޑާއި އެހެނިހެން ކަންކަން ހަމަޖެއްސުންވެސް ސަމާލުވާށެވެ.

ދުވާލުގެ ހަރަކާތްތެރިކަން އިތުރުކުރުން: ކުއްޖާގެ ހަކަތަބޭނުންކުރުމަށް ފުރުސަތު ލިބޭގޮތަށް ހަރަކާތްތެރިކަންތައްތަކެއް ދުވާލުގެ ވަގުތުގައި ކޮންމެސް އެއްއިރެއްގައި ހަމަޖައްސާށެވެ. އޭރުން ވަރުބަލިކަން އިހުސާސްކުރެވި ނިދި ފުރިހަމައަށް ލިބުމަށް އެހީތެރިވެދޭނެއެވެ.

ނިދުމަށް އެހީތެރިވެދޭ ބޭހެއް ނެގުން: ބޭހެއް ނަގަންޖެހޭ ފަދަ ކަމެއް ކުއްޖާގެ ހުރިތޯ ބަލާ، ޑޮކްޓަރުންގެ މަޝްވަރާ ހޯދާށެވެ.

ނިދުމަށް އެހީތެރިވެދޭ ބައެއް ތެރަޕީތައް ދިނުން: މިސާލަކަށް ބިހޭވިއަރަލް ބޫސްޓް، ބިހޭވިއަރަލް ތެރަޕީގެ ސަބަބުން ނިދުމާއި ސުލޫކަށް އެހީތެރިވެދެއެވެ. މިފަދަ ތެރަޕީއެއް ކުއްޖާއަށް މުހިންމުތޯ ލަފާދޭ ފަރާތްތަކާއެކު ޑައިގްނޯސްކޮށް ބަލާށެވެ.

ކުއްޖާއަށް ކަމުދާ ނިދުމަށް އެހީތެރިވެދޭ ޚާއްޞަކަމެއް އޮތްތޯ ބެލުން: މިފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަން ވީވަރަކުން ރޫޓިންކޮށް އެކަމަށް ސަމާލުވުން ވެސް މުހިންމެވެ.

މިއަދު މި ލިޔުނު ވާހަކަކޮޅަކީވެސް ބެލެނިވެރިންގެ އުދާސްތަކާއި ނުތަނަވަސްކަމަށް ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިން ލިޔުމަކަށް ވުމަށް އެދެމެވެ. އުއްމީދަކީ މިފަދަ ވާހަކަކޮޅުތަކުންވެސް މުޖުތަމަޢުގެ ގިނަ ބައަކަށް އޯޓިޒަމް ފަދަ ހާލަތްތަކާ ގުޅޭ ގޮތުން ދެނެގަނެވި މުޖުތަމަޢުގެ އެންމެންވެސް މިކަމަށް ހޭލުންތެރިވުމެވެ.

 

ހަވާލާ ދޭ ފަރާތް

ހޮޖް، ޑީ، ކެރޮލޯ، ޓީ.އެމް، ލެވިން، އެމް، ހޮފްމަން، ސީ.ޑީ، އަދި ސްވީނީ، ޑީ.ޕީ (2014). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ އަދި ނެތް ކުދިންގެ ނިދުމުގެ އުސޫލު: ތަރައްޤީގެ އަޅާކިޔުންތައް. ރިސާޗް އިން ޑިވެލޮޕްމަންޓަލް ޑިސެބިލިޓީސް، 35(7)، 1631-1638.

ރިޗްޑޭލް، އޭ.އެލް، އަދި ޝްރެކް، ކޭ.އޭ (2009). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސްގައި ނިދުމުގެ މައްސަލަތައް: ޕްރިވެލެންސް، ނެޗުރަލް، & ޕޮސިބިލް ބަޔޯސައިކޯސޯޝަލް އެޓިއޮލޮޖީސް. ސްލީޕް މެޑިސިން ރިވިއުސް، 13(6)، 403-411.