Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ތަފާތު ހުނަރު ކުޅިވަރުގެ ތެރެއިން ތަރައްޤީކުރުން

ކުޅުމަކީ ކޮންމެ ކުއްޖަކަށް ވެސް އެހާމެ މުހިންމު އަދި ތަފާތު ހުނަރުތަކާއި ވިސްނުންތައް ތަރައްޤީ ކުރުމަށް ބޭނުންތެރި ކަމެކެވެ. އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް (އޭ.އެސް.ޑީ) ކުދިންގެ ކުޅުމުގެ އާދަތަކާއި ގޮތްތައް ވަރަށް ބޮޑަށް ގުޅިފައިވާކަން ދިރާސާތަކުން ހާމަކުރެއެވެ.

އޯޓިޒަމް ހުންނަ ދަރިފުޅުގެ ކުޅުން ތަރައްޤީކުރުމަށް އެހީތެރިވެދިނުމުން، ދަރިފުޅަށް އާ ހުނަރާއި ޤާބިލުކަން ދަސްކޮށް ތަމްރީނު ކުރުމަށް ވެސް އެހީތެރިވެދެއެވެ. މި ހުނަރުތަކަކީ ދަރިފުޅުގެ ޖުމްލަ ތަރައްޤީއަށް މުހިންމު ހުނަރުތަކެކެވެ. އޭގެ ތެރޭގައި މާހައުލު ދެނެގަތުމާއި، އެހެން މީހުން ކޮޕީކުރުމާއި، ކަންކަން ހިއްސާކުރުމާއި، ބަދަލު ބަދަލުކުރުމާއި/ޓޭކްޓަރންސް، އެހެން މީހުން ވިސްނަމުންދާ ގޮތާއި އިހުސާސްކުރާ ގޮތް ތަޞައްވުރުކުރުމާއި، މީހުންނާއި މުޢާމަލާތުކުރުމާއި، އަދިވެސް އެތައް ކަމެއް ހިމެނެއެވެ. މައިންބަފައިން ދެނެގަންނަންވީ އެންމެ މުހިންމު ކަމަކީ އެކުގައި ކުޅެގެން އެކުދިންނަށް ކުޅެން ދަސްކޮށްދީ ބަޔާންވެދިޔަ ހުނަރުތައް ތަރައްގީ ކުރުމަށް އެހީތެރިވެދެވިދާނެކަމެވެ. އެކުގައި ކުޅޭއިރު ކުޅުމުގެ ބާވަތްތަކުގެ އިތުރުން ދަރިފުޅަށް ކަންކުރަންވާ ގޮތުގެ ނަމޫނާ ދައްކާ މޮޑެލް ކުރެވިދާނެއެވެ. މިގޮތުން ދަރިފުޅާއެކު ކުޅުމަކީ އޭނާއާ އެކު ރަނގަޅު ވަގުތު ހޭދަކުރުމަށާއި ދަރިފުޅާއެކު ގުޅުން ބަދަހިކުރުމަށް ވެސް ބޭނުންތެރިކަމެކެވެ.

އާންމު ކުދިންނާއި އޯޓިޒަމް ހުންނަ ކުދިން، ގާތްގަނޑަކަށް ހުރިހާ ކަމެއްހެން ތަފާތުވާ ފަދައިން ކުޅުމުގެ ސުލޫކު ވެސް ފާހަގަކުރެވެނީ ތަފާތުކޮށެވެ. އެހެންކަމުން އެކުދިންގެ ކުޅުމުގެ ގޮތްތައް ތަރައްޤީކޮށް އެކަންކަން މެނޭޖުކުރުމުގައި ވެސް ގެންގުޅެންޖެހޭ ގޮތްތައް ތަފާތުވާން ޖެހެއެވެ.

މީގެ ދެ ދަހަރުގެ ވެސް ކުރިން އޯޓިޒަމް ކުދިންގެ ކުޅުމުގެ ސުލޫކާ ގުޅޭގޮތުން ދިރާސާތައް ހަދާފައިވެއެވެ. އޭރުގައިވެސް ކުދިންގެ ކުޅުމުގެ ސުލޫކު ހުންނަގޮތާއި، އެ ސޫލުކު އެހެން ކުދިންނާ އެކު އޮންނަ ގޮތާއި، އާންމުކޮށް ކުޅޭ ގޮތް ފަދަ ގިނަ ކަންތައްތަކަށް ދިރާސާތައް ހެދިފައިވެއެވެ. މިގޮތުން ރެޓިގް (1994) ހާމަކުރައްވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކުޅުމުގެ ސުލޫކުތަކާއި، ކުޅޭ އެއްޗެހިތަކާއި އިޖުތިމާއީ ސުލޫކުތައް އާންމު ކުދިންނާ ބަލާއިރު ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވެއެވެ. މިގޮތުން ހޯދިފައިވާ ހޯދުންތަކުގައި ރަމްޒީ ކުޅިވަރާއި (ސިމްބޮލިކް ޕްލޭ) ރަމްޒީ ބަސް (ސިމްބޮލިކް ލޭންގުއެޖް) އޯޓިޒަމް ހުންނަ ކުދިންގެ ތަފާތުވެފައި ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަދުކަން ފާހަގަކުރެވިފައިވެއެވެ.

ބައެއް ދިރާސާތަކުން މި ކުދިންގެ ކުޅުމުގެ ސުލޫކު ކުރިއެރުވުމަށް ކުރެވުނު އިންޓަވެންޝަންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ކުޅުމާއި އެކަނި ކުޅުން އެކުދިންގެ ސުލޫކުތަކުގައި ފާހަގަކޮށްފައިވެއެވެ. ހޯމްސް އަދި ވިލޯބީ (2005)ގެ ދިރާސާއިން ހާމަކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކުޅިވަރު ސުލޫކުގައި ދެކަމެއް ފާހަގަކުރެވިފައިވެއެވެ. އެއީ ޕެރެލަލް ފަންކްޝަނަލް ކުޅުން (އެކުއެކީ ކަންކަން ކުރުން) ބޮޑެތި މީހުންގެ މުއާމަލާތްތަކާއި، އެކަނިވެރި ފަންކްޝަނަލް ކުޅުން (އެކަނި ކުރާ ކަންތައްތަކެއްގެ ތެރެއިން ކުޅުން) ހިމެނެއެވެ.

މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ކުޅުމުގެ ސުލޫކުތަކާ މެދު މައިންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކުގެ ދެކޭގޮތުގައި ތަފާތެއް ނުފެނެއެވެ. އޯޓިޒަމް ހުންނަ ކުދިންނާއެކު ކުޅެވިދާނެ ގިނަ ވައްތަރުގެ ކުޅިވަރުތަކާއި ބާވަތްތަކާ ބެހޭގޮތުން ދިރާސާވެރިން ލިޔުއްވާފައިވެއެވެ (ވޯލްފްބަރގް، 2015). އޭގެ އިތުރުން ކުޅިވަރުތަކުގެ ތެރެއިން ކުއްޖާއަށް ދަސްކޮށްދޭން ޖެހޭ ބައެއް ހުނަރުތަކުގެ އިންޓަވެންޝަންތަކަށް ވެސް ބައެއް ދިރާސާވެރިން ލިޔުއްވާފައިވެއެވެ (ކޮސިވާކީ އަދި ޕަޕޫޑީ، 2016). މި ދިރާސާވެރިންގެ އެހެން ލިޔުއްވުމެއްގައި ބާރުއަޅުއްވާފައިވަނީ އޯޓިޒަމް ހުންނަ ކުދިން ކުޅޭ މާހައުލުތަކުގައި ގިނައިން ބައިވެރިކުރުވުމާއި، ކުޅެން ހިތްވަރުދިނުމާއި، ކުޅޭކުޅޭ ހަރަކާތްތައް ޕްރެކްޓިސްކުރުމާއި، ބޮޑެތި މީހުންނާއި އެކުވެރިންނާ މުޢާމަލާތްކުރުމުގެ ތެރެއިން އެހެން ކުޅިވަރުތައް ނިއުޅެން ފުރުސަތު ފަހިކުރުމަކީ ވެސް މުހިންމު ކަމެއް ގޮތުގައެވެ (ޕަޕޫޑީ، އަދި ކޮސިވާކީ 2018). އޯޓިޒަމް ހުންނަ ކުދިންނާއެކު ރޭވިދާނެ ކުޅިވަރުތަކުގެ ތެރެއިން އިޚްތިޔާރުކޮށްލެވިފައިވާ ކުޅިވަރުގެ ދެތިން ބާވަތެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

އޯޓިޒަމް ހުންނަ ކުދިންނާއެކު ކުޅެވިދާނެ ތަފާތު ކުޅިވަރުތަކާއި ބައެއް މިސާލުތައް

ކުޅިވަރުގެ ވައްތަރު ތަފުސީލު
އެކްސްޕްލޮރޭޓަރީ (ހޯދުމުގެ) ކުޅިވަރު އެކްސްޕްލޮރޭޓަރީ ކުޅިވަރަކީ ކުޑަކުދިން ކުޅުމުގެ ތެރެއިން އެކި އެކި ކުޅޭ އެއްޗެހީގެ ޙަޤީޤަތްތައް ދެނެގަނެ، ބަލައި ހޯދާ، ތަހުގީގު ކުރުމާއި، އެ އެއްޗެހިތަކާ ކުޅުމެވެ. މިވާތުގެ ކުޅުމުގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުދިންގެ ކިބައިގައ ތަރައްޤީވެއެވެ. މިސާލަކަށް ޓެޑީ ބެއާއެއްގެ އިހުސާސް ކުރުމާއި، ކުޅޭ ބުދު ފަދަ އެއްޗެތީގެ އިހުސާސްތައް ދެނެގަނެ، އަދި ހެދުން ލައްވާ ތަފާތު ކަންކަންކުރުން ފަދަ ކަންކަމެވެ. މި ބާވަތުގެ ކުޅިވަރު މެދުވެރިކޮށް ކުދިންނަށް އެމީހުންގެ ދުނިޔެ ދަސްކުރެވެއެވެ. ތަފާތު ބައްޓަންތަކާއި ކުލަތަކާއި ސައިޒުތަކާއި ޓެކްސްޗަރތައް ވެސް ދެނެގަނެވެއެވެ. މިއީ އޯޓިޒަމް ހުންނަ ކުއްޖެއްގެ އާންމު ކޮންމެ ދުވަހެއްގައި ވެސް ކުޅެވިދާނެ ކުޅިވަރުގެ ވައްތަރެކެވެ. މިފދަ ކުޅިވަރުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ކުއްޖާގެ ވަށައިގެންވާ މާހައުލާއި އޭނާގެ އެކިއެކި ކަންކަމާ ގުޅޭ ކަންކަން ހޯދުމަށް އަދި ތަޖުރިބާ ކުރުމަށް ބާރުއެޅިދާނެއެވެ. މިސާލަކަށް ދަރިފުޅު ފެންވަރާއިރު ދަރިފުޅަށް ގައިގައި ފެން އުނގުޅުމާއި، އިނގިލިތަކުގެ ދޭތެރޭގައި ސައިބޯނި އުނގުޅުމާއި، އެއް ތަށިން އަނެއް ތައްޓަށް ފެން އެޅުމާއި، މިނޫންވެސް ފެންވެރުވުމުގެ ތެރޭގައި ކުޅިވަރުގެ ތަފާތު ކަންކަން ރާވާލެވިދާނެއެވެ. މިއިން ކޮންމެ ކަމަކީވެސް ކުއްޖާއަށް ހިތްހަމަޖެހުން ލިއްބުވައިދޭ އަދި ހަމައެހެން އުނގެނުމުގެ ފުރުޞަތަކަށް ވެސް އެކަން ހެދިދާނެއެވެ.
ކަންކަން ދިމާވާ ސަބަބު/ނަތީޖާ ކުޅިވަރު ކޯޒް އެންޑް އިފެކްޓް ކުޅުމަކީ ނަތީޖާއެއް ވަކި ކަމެއް ދެނގަތުމަށް ކުޅޭ އެއްޗެހިތަކާ އެކު ކުދިން ކުޅުމެވެ. މިސާލަކަށް މިއުޒިކް ކުޅެން ފިތަކަށް ފިތާލުމެވެ. މިބާވަތުގެ ކުޅިވަރަކީ އެކުދިންގެ ކުރާ ކަންތަކުން އޭގެ އަސަރު ކުރާކަން ކުދިންނަށް ދަސްކޮށްދިނުމަށް ވަރަށް މުހިންމު ކުޅިވަރެކެވެ. އަދި އޭގެ އިތުރުން އެކުދިންގެ ކޮންޓްރޯލް އެތަކެތީގައި ވާކަން ވިސްނުމަށް ޖާގަވެސް ލިބޭ ކުޅިވަރެކެވެ. ހަމައެއާއެކު، ތިމާ ކުރާކަންތައް ކޮޕީ ކުރަން ދަސްކޮށްވެސް ދެވެއެވެ. މީގެ އިތުރުން ޓާރންޓޭކިން/ ބަދަލު ބަދަލުކުރުން ފަދަ ކަންކަމަށް ދަރިފުޅު ފަރަތަކުރަން ވެސް މިފަދަ ކުޅިވަރުތައް އެހީތެރިވެދެއެވެ.
ކުޅޭ އެއްޗެއްސާ އެކު ކުޅުން ކުޅޭ އެއްޗެހި ކުޅުމަކީ ކުޅޭ އެއްޗެހި ފަރުމާކޮށްފައިވާ ގޮތަށް ކުޅެން ދަސްކުރުމާއި ބޭނުންކުރުން ދަސްކުރުމާއި ގުޅުން ހުރި ގޮތެކެވެ. މިސާލަކަށް ކުޅޭ ކާރެއް ކޮއްޕާލުމާއި، ކުޅޭ ފޯނެއް ކަންފަތާ ކައިރިކޮށް ބޭނުންކުރުމާއި ނުވަތަ ބޯޅަ އެއްލުން ފަދަ ކަންކަމެވެ. މިގޮތުން ދަރިފުޅަށް ކަމުދާ ކުޅޭ އެއްޗެހިތައް ދެނެގަނެ ކުޅޭ އެއްޗެހިތަކުން ކުރެވިދާނެ ކަންތައްތައް ހޯދައި ވިސްނުމާއި މައްސަލަ ހައްލުކުރުމާއި އުފެއްދުންތެރިކަމުގެ ހުނަރުތައް ތަރައްގީ ކުރުމަށް ވެސް މިފަދަ ކުޅިވަރުތަކުން އެހީތެރިވެދެއެވެ. އަދި ދަރިފުޅާއެކު މިފަދަ ކުޅިވަރު ކުޅޭނަމަ ދަރިފުޅަށް ކޮޕީކުރުމާއި، ޓާންޓޭކިން/ ބަދަލު ބަދަލުކުރުން އެއްޗެހި ހިއްސާކުރުމާއި، މިނޫންވެސް ކަންކަމުގެ ހުނަރުތައް ތަރައްޤީކުރެވެއެވެ.
ބިނާކުރަނިވި ކުޅިވަރު ބިނާކުރަނިވި ކުޅިވަރަކީ ކުދިން އެއްޗެހި ބިނާކުރުން ނުވަތަ ހެދުމެވެ. ވަރަށް ގިނަފަހަރަށް މިފަދަ ކުޅިވަރުތަކަކީ ކުއްޖާ ވަކި އެއްޗެއް ހަދާ ކަމެއްގެ ނަތީޖާއަކާއި ހަމައަށް ދާންޖެހޭ ފަދަ ކުޅިވަރުތަކެވެ. މިސާލަކަށް ޖިގްސޯ ޕަޒްލް ފުރިހަމަ ކުރުމާއި، ބްލޮކްތަކުން ޓަވަރެއް ހެދުމާއި، ނުވަތަ ތަސްވީރެއް ކުރެހުން ފަދަ ކަންކަމެވެ. މި ބާވަތުގެ ކުޅިވަރަކީ ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީކޮށް، ވިސްނުމާއި މައްސަލަ ހައްލުކުރުމުގެ ހުނަރުތައް ފަރިތަ/ޕްރެކްޓިސްކޮށް، އުފެއްދުންތެރިކަމުގެ ހުނަރު ތަރައްޤީކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކުޅިވަރުގެ ބާވަތެކެވެ. އޯޓިޒަމް ހުންނަ ދަރިފުޅަށް ވެސް މިފަދަ ކުޅިވަރުތައް ތަޢާރަފުކޮށްދިނުން މުހިންމެވެ. މިފަދަ ކުޅިވަރުތަކަށް އެކުދިންނަށް ހިތްވަރު ދޭނީ ކުރާނެ ކަންތައްތައް ދަރިފުޅަށް ދައްކައިގެންނެވެ. މިސާލަކަށް ދަރިފުޅަށް އެކަން ކުރާނެ ގޮތް ދައްކާލުމަށް ބްލޮކްތަކެއް ޖަހައިގެން ޓަވަރެއް ހަދަން މަސައްކަތް ކުރެވިދާނެއެވެ. ނުވަތަ ޓަވަރެއް ހަދާނެ ގޮތް ދައްކާ ތަސްވީރު ނުވަތަ ފޮޓޯ ބޭނުން ކުރެވިދާނެ އެވެ.
ފިޒިކަލް/ޖިސްމާނީ ކުޅިވަރު ފިޒިކަލް ޕްލޭ އަކީ ރަފް/ހަރުކަށި އެއްތަނުން އަނެއްތަނަށް ދުވެ ހަރަކާތްތެރިކޮށް ކުޅޭ ކުޅިވަރުތަކެވެ. މި ބާވަތުގެ ކުޅިވަރުތަކުގެ ސަބަބުން ދަރިފުޅުގެ މުޅި ހަށިގަނޑުގެ ކަސްރަތު ލިބި، ގްރޮސް މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް އެހީތެރިވެދެއެވެ. އަދި މިއީ ދަރިފުޅުގެ މާހައުލު ދެނެގަނެ އެހެން މީހުންނާ މުއާމަލާތް ކުރުމުގެ ފުރުސަތަކަށް ވެސް ފަހިވާ ކުޅިވަރުތަކެވެ. އޯޓިޒަމް ހުންނަ ދަރިފުޅު މި ބާވަތުގެ ކުޅިވަރުގައި ބައިވެރިވުމަށް ހިތްވަރުދިނުން ވަރަށް މުހިންމެވެ. ޙަރަކާތްތެރިކަމަކީ އެކުދިންނަށް ވަރަށް ބޭނުންތެރި އަދި ހަށިގަނޑުގެ ތަރައްޤީއަށާއި ގްރޮސް މޮޓޯ އަދި ފައިން މޮޓޯ ތަރައްޤީއަށް މުހިންމު ކުޅިވަރުތަކެކެވެ.
ޕްރިޓެންޑް ޕްލޭ (ކުޅޭ ކުޅޭ ކުޅިވަރު) ޕްރިޓެންޑް ޕްލޭ އަކީ ކުޅިވަރު ކުޅޭއިރު ކުދިން އެމީހުންގެ ޚިޔާލުތައް ބޭނުން ކުރުމެވެ. މި ބާވަތުގެ ކުޅިވަރުގެ މިސާލުތަކުގެ ތެރޭގައި ޓެޑީ ބެއާއަކަށް ކާންދޭ ކަމަށް ހަދައި، ސުޕަހީރޯއެއް ފަދައިން ހެދުން އެޅުމާއި، ކާރު ނުވަތަ ދޯނި ދުއްވާ ކަމަށް ހަދައިގެން ނުވަތަ ސޯފާއަކީ ދަތުރުކުރާ ދޯންޏެއް ކަމަށް ހަދައިގެން ކުޅުމެވެ. ޕްރިޓެންޑް ކުޅުމަކީ ކުދިންނަށް އިޖުތިމާއީ ގުޅުންތަކާއި ބަހާއި މުއާމަލާތް ކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އޭގެ ތެރޭގައި އެހެން މީހުން ވިސްނަމުންދާ ގޮތާއި އިޙްސާސް ކުރެވޭ ގޮތް ދެނެގަތުން ހިމެނެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް މިކުޅިވަރުގައި އެހީތެރިވެދެވޭނެ ގޮތްތަކަކީ:

· ކާރު ދުއްވުމާއި، އަސް ދުއްވުމާއި ނުވަތަ ބެރު ޖެހުމާއި ފަދަ ޕްރެޓެންޑް ކުޅިވަރުގައި ދަރިފުޅު ބޭނުންކުރެވޭނެ އާދައިގެ ކަންކަން ކޮންމެ ދުވަހަކު ވެސް ޕްރެޓެންޑް ޕްލޭގެ ކަންކަން މޮޑެލްކޮށް ދައްކާށެވެ.

· ޕްރިޓެންޑް ޕްލޭ އެކްޓިވިޓީ ފިޔަވަޅުތަކަކަށް ބަހާލާށެވެ. ދަރިފުޅަށް ކުރާނެ ކަންތައްތައް ވިސްނައިދިނުމަށް ޓަކައި ލިޔުމުން ނުވަތަ ތަސްވީރުގެ އިރުޝާދުތައް ބޭނުންކުރެވިދާނެއެވެ. ބައެއް ފަހަރު މަޖާ ގޮތްތައްވެސް ބޭނުން ކުރުން ރަނގަޅެވެ. މިސާލަކަށް ޓެޑީ ބެއާ އަށް ކާންދިނުމަށް ސަމުސާގެ ބަދަލުގައި އިސްތަށިގަނޑު ބުރުސް ބޭނުން ކުރުން ފަދަ ކުއްޖާއަށް މަޖާކަންކަން ހިމެނުމުން ކުޅިވަރުގެ ސަބަބުން އުފާވެރި މަޖާކަންތައްތަކަކަށް ފަހިވާ އަދި ހުނަރު ތައް ތަރައްޤީވުމަށް ވެސް އެހީތެރިވެދޭނެ ކަމަކަށް ވެއެވެ.

· ދަރިފުޅާއެކު އެހެން މީހުންވެސް ބައިވެރިކޮށްގެން އެކްޓްކޮށްގެން ރޯލް ޕްލޭ އަށް ހިތްވަރު ދޭށެވެ. ކުދިންނަށް ކޮސްޓިއުމް ދީ، ކެރެކްޓަރުންގެ އަޑާއި އިޝާރާތަށް ބަދަލު ގެނެސްގެން ކުޅެން ވެސް ކިޔައިދެވިދާނެއެވެ. މިގޮތުން ތަފާތު އަޑު ލައްވާ ގޮތާއި ކުއްޖާއާ އެކު އޭނާވެސް އަޑު ލެއްވުމަށް ހަދަންވީ ގޮތް ކިޔައިދީ ވެސް ހެދޭނެއެވެ.

އޯޓިޒަމް ހުންނަ ކުދިންނާއެކު ތަފާތު ކުޅިވަރުތައް ކުޅޭއިރު ސަމާލުވެވިދާނެ ބައެއް ކަންކަން:  

  1. ތަފާތު މާހައުލުތަކުގައި ކުޅެން ހިތްވަރު ދިނުން. މިސާލަކަށް ދަރިފުޅު ގޭގައި ހުރެގެން ލެގޯ ކުޅެން ގަޔާވާނަމަ، ބައެއް ފަހަރު ރައްޓެއްސެއްގެ ގޭގައި ލެގޯ ކުޅެން ދަރިފުޅަށް ހިތްވަރު ދޭށެވެ. އެކި ތަންތަނުގައި އަދި އެކި މީހުންނާ އެކު ކުއްޖާ ކުޅޭއިރު ހިތްވަރުދީ އިނާމު ދިނުން.
  2. ދަރިފުޅުގެ ކުޅުމުގެ ކަންކަން ބެލުން: މުޅި ދުވަހު ދަރިފުޅުގެ ކަންކަން ބަލައި، އެންމެ އާދައިގެ ކަންކަމަށް ވެސް ޚާއްޞަސަމާލުކަމެއް ދީ އެކުދިންގެ ކުޅޭއިރު އަދި އާންމުކޮށް ކުރާ ކަންތައްތަކުން ދަރިފުޅު ޝައުގުވެރިވާ ކަންތައްތަކާއި ވަގުތުތައް ދެނެގަންނާށެވެ. މިފަދަ ކޮންމެ ވަގުތަކީ ކުޅުމުގެ ރަނގަޅު ގޮތްތައް ދަރިފުޅަށް ކިޔައިދީ، ކިޔވައިދިނުމަށް އަދި ކުޅުމުގެ ސުލޫކު ތަރައްޤީ ކުރުމަށް ފުރިހަމަ ވަގުތުތަކެވެ.
  3. ކުޅުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކުއްޖާއާ އެކު ކުޅުން: ކުއްޖާއަށް ކުޅޭނެ ގޮތް ކިޔައިދިނުމަށް ވުރެ ރަނގަޅީ އޭނާއެކު ކުޅުމެވެ. ކުއްޖާގެ ކުޅޭ އެކި ކުޅިވަރުތަކުގައި އޭނާއާ އެކު ބައިވެރިވެ ކުޅުމުގެ ސުލޫކު ތަރައްޤީކުރުމަށް މަސައްކަތް ކުރާށެވެ. މިސާލަކަށް ކުޅޭ ބުދުގެ ހެދުން އެޅުމަކީ ނުވަތަ ހެދުން އެޅުމާއި ހެދުން ބަދަލުކުރުމަކީ ދަރިފުޅު އަމިއްލައަށް ހެދުން އަޅަން ދަސްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
  4. ދަރިފުޅުގެ ވިސްނުމާއި އުނގެނުމުގެ ތަރައްޤީއަށް ސަމާލުވުން: ކުދިންގެ ވިސްނުމާއި އުނގެނުމަކީ ކުޅިވަރުގެ ތެރއިން ތަރައްޤީކޮށް ކުރިއެރުވޭނެ ކަމެކެވެ. އެކަމުގެ ތެރެއިން ކުދިންގެ އިޖުތިމާޢީ ހުނަރުތަކާއި، މާހައުލު ދެނެގަތުމާއި، އެހެން މީހުން ކޮޕީކުރުމާއި، ކަންކަން ހިއްސާކުރުމާއި، ބަދަލު ބަދަލުކުރުމާއި/ޓޭކް ޓަރންސް، އެހެން މީހުން ވިސްނަމުންދާ ގޮތާއި، މީހުން ގާތުން ކަންކަމުގައި އެހީ އެދި މުވާޞަލާތު ކުރުމާއި އަދި އިހުސާސްކުރާ ގޮތް ތަޞައްވުރުކުރުމާއި، މިފަދަ ޢަދަދު ނުކުރެވޭ ގިނަކަންތައް ތަކެއް ކުދިންނަށް ކުޅުމުގެ ތެރެއިން ދަސްކޮށްދެވެއެވެ.

މިއަދު މި ލިޔެލި ބައިތަކަކީވެސް ކޮންމެ ބެލެނިވެރިއަކަށްވެސް މުހިންމު އޯޓިޒަމް ހުންނަ ދަރިފުޅުގެ ކަންކަން މެނޭޖްކުރުމުގައި އަދި ޚާއްޞަކޮށް ތަފާތު ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ލިޔުންކޮޅެކެވެ. އުއްމީދަކީ މިފަދަ ކޮންމެ ލިޔުމަކީ އަޅުގަނޑުމެންގެ ކޮންމެ ބެލެނިވެރިއަކަށް ފައިދާ ކުރަނިވި ބައިތަކެއް އަޅުގަނޑު ލިޔަމުން މިދާ ސުރުޚީތަކުގެ ދަށުން ހިމަނާލެވުމެވެ. މީގެ އިތުރުން ތިޔައިން ކޮންމެ ބެލެނިވެރިޔަކަށް ވެސް ބޭނުންވެދާނެ ތަފާތު މަޢުލޫމާތު މިލިޔުންތަކުގައި ހިމަނާލުމުގެ ފުރުޞަތު އޮތް ވާހަކަ ދަންނަވާލަމެވެ. އަޅުގަނޑުގެ ފޭސްބުކްޕޭޖް ނުވަތަ މިލިޔުމުގެ ކޮމެންޓް ކޮލަމުގައި ލިޔުއްވާލަ ދެއްވުން އެދެމެވެ.

ހަވާލާދޭ ލިޔުންތައް

ހޯމްސް، އީ، އަދި ވިލޯބީ، ޓީ (2005). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ކުދިންގެ ކުޅުމުގެ ސުލޫކު. ޖާނަލް އޮފް އިންޓެލެކްޗުއަލް އެންޑް ޑިވެލޮޕްމަންޓަލް ޑިސެބިލިޓީ، 30(3)، 156-164.

ކޮސިވާކީ، އެލް، އަދި ޕަޕޫޑީ، ޑީ (2016). ސްކޫލުގައި އޯޓިޒަމް ހުންނަ ކުދިންނަށް ކުޅުމުގެ އިންޓަރވެންޝަންތަކުގެ ރިވިއުއެއް. އިންޓަރނޭޝަނަލް ޖާނަލް އޮފް ޑިސެބިލިޓީ، ޑިވެލޮޕްމަންޓް އެންޑް އެޑިއުކޭޝަން، 63(1)، 45-63.

ޕަޕޫޑީ، ޑީ، އަދި ކޮސިވާކީ، އެލް (2018). ކުޅިވަރާއި އޯޓިޒަމް ހުންނަ ކުދިންނެވެ. ދަ ކެމްބްރިޖް ހެންޑްބުކް އޮފް ޕްލޭ، 563-579.

ރެޓިގް، އެމް.އޭ (1994). އޯޓިޒަމް ހުންނަ ކުޑަކުދިންގެ ކުޅުމުގެ ސުލޫކުތައް: ސިފަތަކާއި އިންޓަރވެންޝަންތައް. ފޯކަސް އޮން އޯޓިސްޓިކް ބިހޭވިއަރ، 9(5)، 1-6.

ވޯލްފްބަރގް، ޕީ.ޖޭ (2015). އޯޓިޒަމް ހުންނަ ކުދިންގެ ކުޅިވަރާއި ޚިޔާލު އުފެއްދުންތެރިކަން.