Support Us

ކޮލަމް: ޑރ. ޝަފިޔާގެ ފޮޅުވަތް

ޑރ. ޝަފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ނިދުމުގައި ދިމާވާ ބައެއް އުނދަގޫތައް

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާސް (އޭ.އެސް.ޑީ) ހުންނަ ކުދިންނަށް ނިދުމުގެ އުނދަގޫތައް ވުމަކީ އާންމުކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޯޓިސްޒަމް ހުންނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ނިދުމުގެ އުނދަގޫތައް ތަހައްމަލު ކުރަން ޖެހެއެވެ. ހަމަ އެހެންމެ ކުޑަކުދިންނަށް ވެސް ނިދުމުގެ ބޮޑެތި މައްސަލަތައް ދިމާވެ އެވެ. (ރެލިއާ އަދި އެކަމްބަރަމް، 2018).

އޭ.އެސް.ޑީ ހުންނަ ކުދިންގެ ނިދުމާ ބެހޭ ތަފާތު ގިނަ ދިރާސާތަކެއް ހަދައިފައިވެއެވެ. މި ދިރާސާތަކުގައި ހިމެނޭ ނިދުމުގެ މައްސަލަތަކު ތެރޭގައި ނިދަން އުޅުމުގެ އުނދަގޫތައް، ހޭލުމުގެ އުނދަގޫތައް ހިމެނެއެވެ. ބައެއް ދިރާސާތަކުން ހާމަކުރާގޮތުގައި ދެ އަހަރާއި ފަސް އަހަރާ ދެމެދު މިކަން ފާހަގަކުރެވެން ފަށައެވެ. ހަމަ މިގޮތުން ބޮޑުވަމުން އަންނަ ވަރަކަށް ނިދުމުގެ އުނދަގޫތައް އިތުރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. (ޖިއާނޮޓީ، ކޯރޓެސީ، ސެރކިގްލިނީ، އެޓް އަލް. 2006). ބައެއް ދިރާސާތަކުން ދައްކާގޮތުގައި އޯޓިޒަމް ހުންނަ ބޮޑެތި މީހުން ދިގު މުއްދަތަކަށް ނިދުމުގެ މައްސަލަތަކުގައި އުޅުން ފާހަގަކުރެވެއެވެ. (ޓޭލަރ އެޓް އަލް.، 2007). އޭގެ އިތުރުން ޚާއްޞަކޮށް އޭ.އެސް.ޑީ ހުންނަ ފުރާވަރު ކުދިންގެ ނިދުމުގެ މައްސަލަތައް ގިނަ ކަމަށް މި ދިރާސާތަކުން ހާމަކުރެއެވެ. މިގޮތުން މި ދާރާސާތަކުގައި އިތުރަށް އަލިއަޅުވާލާފައިވަނީ އޭ.އެސް.ޑީ ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ވެސް ނިދުމުގެ އުނދަގޫތަކާ ހެދި ބުރައާއި ނުތަނަވަސްކަން ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން ނިދި ފުރިހަމައަށް ނުލިބުމަކީ އޭގެ ޒާތުގައި އޯޓިޒަމްގެ އުނދަގޫތައް އިތުރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. (އަލިކް އާއި އެކު އޭނާގެ ބައިވެރިން، 2006).

އޭ.އެސް.ޑީ ހުންނަ ކުދިންނަށް ނިދުމުގެ މައްސަލަ ދިމާވާ ސަބަބުތަކުގެ ތެރޭގައި ނިދުމުގެ އާދަތައް އަދި ދުވާލުގެ ހަރަކާތްތެރިކަމާ ގުޅޭ އާދަތައް ހިމެނެއެވެ. ނިދުމުގެ ބައެއް މައްސަލަތައް ދިމާވަނީ ކުދިން ނިދުމުގެ ކުރިން ކުރާ ކަންކަމާއި ނިދަން އުޅޭ އިރު ކުރާ ކަންކަމާ ހެދި ވެސްމެއެވެ. މިސާލަކަށް ނިދުމުގެ ކުރިން އަޑުގަދަވެ، ހަރަކާތްތެރިވެ، ފޯރިގަދަވެއްޖެ ނަމަ، ކުއްޖާއަށް ހަމަޖެހިލައިގެން ނިދުމަށް ދަތިވެދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ނިދާ ގަޑި ޖެހިއްޖެކަން އަދި ނިދުމުގެ އިހުސާސް ކުރަން އުނދަގޫވެދާނެއެވެ. ފަހަރުގައި އަމިއްލަ އެނދު ނޫން އެހެން ތަނެއްގައި ނިދަން ޖެހިއްޖެ ނަމަ ވެސް ކުއްޖާއަށް އުނދަގޫތައް އިހުސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. ދަރިފުޅު ނިދާތަން މާ ހޫނު، ފިނި، އަލި ނުވަތަ އަޑުގަދަ ނަމަ، މިއީ ވެސް ނިދަން އުނދަގޫވާ ކަމަކަށް ވެދާނެއެވެ. މި ނޫނަސް އޯޓިސްޓިކް ކުދިންނަށް ނިދުމުގެ މައްސަލަތައް ދިމާވުމާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ވެސް ފާހަގަކުރެވެއެވެ. މިސާލަކަށް ކަންބޮޑުވުން، ތަންމަތި ތެތްވުން، ބައެއް ބަޔޮލޮޖިކަލް މައްސަލަތައް، ބަލި އަދި ސިއްހީ ހާލަތްތައް، ބިރުގަތުމާއި، ބިރުވެރި ހުވަފެން ފެނުން، ނިދި ހަމަނުޖެހުން، ހޮޑުލެވުން، އަދި އިޖުތިމާއީ ގުޅުމާއި މުވާޞަލާތު ކުރުން ދަތިވުން ފަދަ ވަރަށް ގިނަ ކަންތައްތައް ނިދުމުގެ އުނދަގޫތަކާ ގުޅިފައިވެއެވެ.

މީގެ އިތުރުން ނިދުމުގެ ބައެއް މައްސަލަތައް ދިމާވަނީ ކެއުމުގެ ނުރަނގަޅު އާދަތަކާއި ދުވާލު ވަގުތު ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުން ފަދަ ކަންކަމުގެ ސަބަބުން ކަމުގައި ވެސް ވެދާނެއެވެ. މިސާލަކަށް ދުވާލުގެ ވަގުތުގައި ކުއްޖާގެ ޙަރަކާތްތެރިކަން ކުޑަވުން ފަދަ ކަންކަމަކީވެސް ނިދުމާ ގުޅޭ ކަންކަމެވެ. ދުވާލުގެ ވަގުތުގައި ގިނައިން ޖިސްމާނީ ހަރަކާތްތެރިކަމުގެ ތެރޭގައި ގެންގުޅުން ހިމެނެއެވެ. ދުވުމާއި ފުންމުން ފަދަ ކަންކަން މަދުވެގެން ގަޑިއެއްހާއިރު ހޭދަވާނެ ގޮތަށް ދުވާލުގެ ޖިސްމާނީ ހަރަކާތްތައް ރޭވުން މިއީ ވެސް ނިދުމުގެ އުނދަގޫތައް މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް މެންދުރު ދޭއްގެ ފަހުން ހަރަކާތްތެރިކަން މަދުކުރުންވެސް މުހިންމެވެ. ހަމަ އެހެންމެ ފަސް އަހަރުން މަތީ ކުދިންނަށް ދުވާލުގެ އެކި ވަގުތުގައި ނިދުމުން ދުރުހެލި ކުރުމަށް ސަމާލުވުން ވެސް މުހިންމެވެ. އޭގެ ސަބަބުން ރޭގަނޑު ނިދި އައުން ލަސްވުން އެކަށީގެންވެއެވެ.

ހަމަނިދި ނުލިބުމަކީ އޯޓިސްޓިކް ކުދިންނަށް އިތުރު އުނދަގޫތަކެއް މެދުވެރިކުރުވާ ކަމެކެވެ. މިސާލަކަށް ނިދީގައި ހަށިގަނޑު ތެޅިގަތުމާއި، ބޯ އެކިގޮތަށް އެނބުރުން، ބޮލުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. ނިދި ހަމަނުޖެހުމަކީ އޭގެ ޒާތުގައިވެސް ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެކެވެ. އެހެންކަމުން ނިދި ފުރިހަމައަށް ނުލިބޭނަމަ ކުއްޖާ ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމުވާނެއެވެ. އޯޓިޒަމް ހުންނަ ކުދިންގެ ނިދި ރަނގަޅު ކުރުމަށް އެހީތެރިވުމަށް ތިރީގައިވާ ދެތިން އިރުޝާދަށް ސަމާލުވެލުން މުހިންމެވެ.

ނިދާ ކޮޓަރި ތައްޔާރުކުރުން:

އެ ތަނަކީ ފިނިހޫނުމިން ރަނގަޅު، އަނދިރި، އަދި ހިމޭން ތަނެއް ގޮތަށް ހެދުމަކީ ނިދުމުގެ އުނދަގޫތައް ލުއިކުރެވޭނެ ކަމެކެވެ. މިކަމަކީ ޚާއްޞަކޮށް އޯޓިޒަމް ކުދިންގެ ހިއްސީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެކެވެ. ނިދުމުގެ އުދަނގޫތައް ދިމާވުމުގެ ބަޔޮލޮޖިކަލް ސަބަބުތަކެއްވެސް ހިމެނެއެވެ. މިސާލަކަށް ބައެއް ފަހަރު ސިކުނޑީގައި ހުންނަ ނިދުމުގެ ހޯމޯންތައް އާންމުކޮށް ތަރައްޤީވަމުން އަންނަނީ އާންމު ކުދިންނާ ތަފާތު ގޮތަކަށެވެ. މީގެ މާނައަކީ ބައެއް އޯޓިސްޓިކް ކުދިން އަމިއްލައަށް ނިދުމުގެ ބޭނުންތެރިކަމަށް "ޓިއުން އިން" ނުވުމެވެ. ނިދުމުގެ އުނދަގޫތައް ފާހަގަކުރެވޭނަމަ، ޑޮކްޓަރަކަށް ދައްކާ ޑައިގްނޯސް ކުރުންވެސް ވަރަށް މުހިންމެވެ. މީގެ އިތުރުން ބައެއް ބަލިތަކާއި ސިއްހީ ހާލަތުގެ ސަބަބުންވެސް އޯޓިޒަމް ހުންނަ ކުދިންނަށް ނިދުމުގެ އުދަނގޫތައް ދިމާވެއެވެ. މިސާލަކަށް ހުން ނުވަތަ ކަންފަތުގައި އިންފެކްޝަން ފަދަ ކަންކަމުގެ ސަބަބުން ސެޓްލްވާން ނުވަތަ ރަނގަޅަށް ނިދުމަށް ދަތިވެއެވެ. އަދި ދަރިފުޅު ބަލިވެ އުޅޭއިރު ކުއްޖާ ނިދާ ގަޑީގެ ރޫޓިން ބަދަލުވުމަކީ ދިމާވާނެ ކަމެކެވެ.

ނިދުމަށް ތައްޔާރުކުރުވުން:

ދަރިފުޅު ނިދާ ގަޑި ޖެހުމުން، ހުރިހާ އިލެކްޓްރޯނިކްސް އޮފްކޮށް، ކުއްޖާ އާންމުކޮށް ނިދުމަށް ކުރާ ކަންތައްތައް މިސާލަކަށް ނިދާ ހެދުން ލުން، ދަތްއުނގުޅުން، އެކުގައި ފޮތްކިޔުން، ފަދަ ކޮންމެ ކަމަކީ ވެސް ކުއްޖާއަށް ހަމަޖެހުން ލިބި އުނދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމެވެ. ބައެއް ކުދިން ނިދުމުގެ ކުރިން ހޫނުފެނުން ފެންވަރާލުމާއި ލުއި ކާނާއެއް ކާލުން ފަދަ ކަންކަމުން ވެސް ހަމަޖެހުން ގެނެސްދެއެވެ. ކުދިން ނިދާ ގަޑިއަށް ބަލާ ނިދާ ތެދުވާނެ ގަޑިތައް އަންދާޒާ ކުރުމަކީ ރަނގަޅު ކަމެކެވެ. ނިދާ ގަޑި ޖެހުމުގެ 15 ނުވަތަ 10 މިނިޓް ކުރިން ކުދިން ސަމާލުކުރުމާއި، އަދި ނިދަން ތައްޔާރުވުމުގެ ފަސް މިނެޓް ކުރިން އެ ކުދިންނަށް އެންގުން ވެސް ހިމެނެއެވެ. މިސާލަކަށް ޓީވީ ނިއްވާލައިގެން ފާޚާނާއަށް ދިއުމުގެ ޕްރޮސެސް ޕްރެކްޓިސް ވަކި ގަޑިއަކަށް ފައްތާ ރޫޓިން ކުރުން މުހިންމުވާނެއެވެ. މިފަދަ ރޫޓިންތަކަށް ދަރިފުޅު އާދަކުރާއިރު، ވިޝުއަލް އެއިޑް އަދި ސޯޝަލް ސްޓޯރީ ކިޔައިދީގެން ރޫޓިންއަށް އާދަކުރުވުން މުހިންމެވެ.

އަމިއްލައަށް ނިދުމަށް އާދަކުރުވުން:

ނިދާ ގަނޑި ޖެހުމުން ކުރާ ހުރިހާ ކަމެއް ނިމުމަށްފަހު، ކުދިން އެކަނި ނިދަން އާދަކުރުވުން އެއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. މާނައަކީ ކޮޓަރީގައި ތިބާ ކައިރީގައި ނެތި ދަރިފުޅު ނިދުމަށް އާދަކުރުވާށެވެ. ބައެއް ބެލެނިވެރިން ކުދިން ނިންދަވަން ވަދެ ކައިރީގައި އޮށޯވެގެން އޮތުމަކީ އާންމުކަމެކެވެ. ކޮންމެ ކުއްޖެއްވެސް އޯޓިޒަމް ހުރި އަދި ނެތްނަމަވެސް އެކަނި ނިދަން އާދަކުރުވަން ޖެހެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ދަރިފުޅު އަމިއްލައަށް ކަންކަން ކުރުމަށް އާދަކުރުވުމެވެ.

ދިރިއުޅުމުގެ ވަރަށް އާދައިގެ ކަންކަން ވެސް އޯޓިޒަމް ހުންނަ ކުދިންގެ ދިރިއުޅުމުގެ ވަރަށް ހައްސާސީ ކަންކަމަށް ވުން އެކަށީގެންވެއެވެ. ނިދުމަކީ އާންމުކޮށް އެންމެންވެސް ވަރުބަލިވުމުން މާބޮޑު އުނދަގުލަކާ ނުލައި ކުރާ ކަމެއް ނަމަވެސް، އޯޓިޒަމް ކުދިންނަށް މިކަމަކީ ވަކި ރޫޓިންއަކާއި ވަކި އުސޫލުތަކަކަށް ސަމާލުވެގެން ތަރުތީބު ކުރަންޖެހޭ ކަމެކެވެ. އިސްވެ އިޝާރާތްކުރި ހެން ސިއްހީ ސަބަބުތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ދުވަހީ ހަރަކާތްތައް ފަދަ އަދި ނިދުމުގެ އާދަތައް ފަދަ ކަންކަމަކީ ވެސް ވިސްނަން ޖެހޭ ކަންތައްތަކެކެވެ.

މިއަދު މިލިޔުނު މަޢުލޫމާތުކޮޅަކީވެސް ބެލެނިވެރިންނަށް އެހީތެރިވެދޭން ލިޔުންކޮޅަކަށް ވުމަށް އުއްމީދުކުރަމެވެ.

ހަވާލާދޭ ފަރާތްތައް

  • އަލިކް، ހ.، ލާރސަން، ޖޭ.އޯ އަދި ސްމެޑޖޭ އެޗް (2006) ’އެސްޕަރޖަރ ސިންޑްރޯމް ޖެހިފައިވާ ސްކޫލް އުމުރުގެ ކުދިންގެ ނިދި ނުލިބުން ނުވަތަ ހައި-ފަންކްޝަން އޯޓިޒަމް‘، ބީއެމްސީ ސައިކިއޭޓްރީ 6: 18
  • ޖިއާނޮޓީ، އެފް، ކޯރޓެސީ، އެފް، ސެރކިގްލިނީ، އޭ، އެޓް އަލް. (2006) ‘ކޮންޓްރޯލްޑް-ރިލީޒް މެލަޓޮނިންގެ އޯޕަން-ލޭބަލް ސްޓަޑީއެއް
  • އިން ޓްރީޓްމަންޓް އޮފް ސްލީޕް ޑިސްއޯޑަރސް އިން ޗިލްޑްރަންސް ވިތު އޯޓިޒަމް’، ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް
  • ޑިސްއޯޑަރސް 36(6): 741–52.
  • ރެލިއާ، ސ.، އަދި އެކަމްބަރަމް، ވީ.(2018). ސައިކިއޭޓްރިކް ކޮމޮރބިޑިޓީސް އާއި އެކު އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ގައި ނިދުމުގެ އުދަގޫތަކަށް ފާމަކޯލޮޖިކަލް އެޕްރޯޗް: ލިޓަރޭޗަރ ރިވިއުއެއް. މެޑިކަލް ސައިންސަސް، 6(4)، 95.
  • ސިވަރޓްސަން، ބީ، ޕޮސެރޫޑް، އެމް.ބީ، ގިލްބަރގް، ސީ، ލަންޑަރވޯލްޑް، އޭ.ޖޭ، އަދި ހައިސިންގ، އެމް (2012). އޯޓިޒަމް ސްޕެކްޓްރަމް މައްސަލަތައް ހުންނަ ކުދިންގެ ނިދުމުގެ މައްސަލަތައް: ލޮންޖިޓިއުޑިނަލް ޕޮޕިއުލޭޝަން ބެސްޓް ދިރާސާއެއް. އޯޓިޒަމް، 16(2)، 139-150.
  • ޓޭލަރ، ޑީ.ޖޭ، މެލޯރީ، އެލް.ޖޭ، ލިޗްސްޓައިން، ކޭ.އެލް، އެޓް އަލް. (2007)’ކޮމޮރބިޑިޓީ އޮފް ކްރޮނިކް އިންސޮމްނިއާ ވިތު މެޑިކަލް މައްސަލަތައް‘، ނިދި 30(2): 213–18.