Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް ބޭނުންތެރިވާ އެހީތެރިކަން ފޯރުކޮށްދިނުން

"ކުއްޖާ ހަމައިން ނައްޓައި، އުނދަގޫ ހާލަތްތަކުގައި ކޮންޓްރޯލް ނުކުރެވިގެން އުޅޭ އުޅުން އެންމެ ގާތުން ފެންނަނީ އަހަރެންނަށް. އުދާސްވެގެން އުޅޭ ގޮތްތައް ފެނުމުން ގޮތް ހުސްވަނީ އަހަރެން. މިކަމުގައި ހަދަންވީ ގޮތެއް ކުރިޔާލައި އެނގެމުން ދިޔަ ނަމަ ވަރަށް ބޮޑުތަނުން ހަޔާތުގެ އެތައް ކަމަކަށް ލުއިތަކެއް ލިބުނީސް،" ބެލެނިވެރިއެއް

މި ބަސްކޮޅަކީ ބެލެނިވެރިޔެއް ބައިވެރިވި އޯޓިޒަމާ ގުޅޭ ޕްރޮގްރާމަކަށްފަހު ހިއްސާކޮށްލާފައިވާ ބަސްކޮޅެކެވެ. މިއަދުގެ ކޮލަމު ލިޔެލަން މި ގަސްދުކުރަނީ އޯޓިޒަމް ހުންނަ ކުއްޖެއްގެ ބެލެނިވެރިންނަށް ދެވެންޖެހޭ އެހީތެރިކަމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ. ބެލެނިވެރިންނަށް ހިންގާ މަޢުލޫމާތު ސެޝަންތައް އެއީ ވަރަށް އާދައިގެ ކަމެއްހެން ހީވި ނަމަވެސް ކަމުގެ ބާވަތާއި އެކަން ކުރެވޭ ގޮތުން އެއިން ކުރާ އަސަރު އެތައް ގުނައަކަށް ފައިދާ އިތުރުވެގެންދެއެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ އޯޓިޒަމް ހުންނަ ކުދިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ އެކުދިންގެ ބެލެނިވެރިން ވެސް އެކަމަށް ތައްޔާރުކޮށް ތަމުރީނު ދިނުމެވެ.

މީގެ ދެ އަހަރެއް ކުރިން އަޅުގަނޑު ދެތިން ރަށެއްގައި މިފަދަ ސެޝަންތަކުގައި ބައިވެރިވެލުމަށް ފުރުސަތު ލިބިފައިވެއެވެ. ބެލެނިވެރިން މިފަދަ ކަންކަމަށް އަހުލުވެރި ކުރުމުގެ ގޮތުން އެމީހުންނާއެކު ވާހަކަ ދައްކާލުމަށް ލިބުނު ފުރުސަތުތަކުން އަޅުގަނޑަށް ދޭހަވެގެން ދިޔައީ މިފަދަ ޕްރޮގްރާމުތައް އަތޮޅުތެރޭގައި ވެސް ހިންގުމުގެ މުހިންމު ކަމެވެ. އެދުވަހު އެމީހުންގެ ހިތުގައި އުފެދިވާ ގިނަގުނަ ސުވާލުތަކާއި، އަމިއްލަ ނަސީބާ މެދު އެމީހުންގެ އޮތް އުދާސްތައް، ހަދާނެގޮތް ހުސްވެ އަޅުގަނޑުގެ ކުރިމަތީގައި ކަރުނައާއެކު އެކިޔާދެމުން ދިޔަވާހަކަ ތަކަކީ ޙަޤީޤަތުގައި ކަންކަން ކުރިޔާލާ އެނގެމުންދިޔަ ނަމަ، އެތައް ގުނައަކަށް އުދާސްތައް ލުއިކޮށްދެވޭނެ ކަމެކެވެ. ހާލަކުން ފަހަރަކު ރަށެއްގައި މިގޮތަށް ބާއްވާލެވޭ އެންމެ ސެޝަންއަކަށް ވުރެ، ދާއިމީ ކޮށް ކޮންމެ ރަށެއްގައި ވެސް މިފަދަ ހާލަތްތަކުގައި ތިބޭ ކުދިންގެ ޢަދަދު ބަލާ އެކުދިންގެ ބެލެނިވެރިންގެ ދަފުތަރު ބަލަހައްޓައި ކައުންސިލްފަދަ ތަންތަނުން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކޮންމެވެސް ނިޒާމެއް މިހާރު ގާއިމުކުރުން ވަރަށް މުހިންމު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ސްކޫލުތަކުން ހިންގޭ އެއް ސެޝަން ދެ ސެޝަންއަށް ވުރެ ގާތުން ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯރޑާސް (އޭއެސްޑީ) އާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ، 2014) ގެ ގަރާރުގައި ވާގޮތުން އޭއެސްޑީ ހުންނަ ކުދިންގެ ބެލެނިވެރިންނާއި ބެލެހެއްޓުންތެރިންނަށް ސައިކޯއެޑިއުކޭޝަންގެ މުހިންމުކަން އިލުތިމާސްކޮށްފައިވެއެވެ. ދަރިފުޅު ބަލަހައްޓަން ޖެހޭ ގޮތް، ކުރެވިދާނެ ކަންކަން އެނގުމާއި، ކަންކުރަންވީ ގޮތް ދަސްކޮށް ބެލެނިވެރިންނަށް ކިޔަވައިދޭން ޖެހޭކަން މިލިޔުމުގައި އަޅިއަޅުވާލެވިފައިވެއެވެ. މިއީ ނިޒާމެއްގެ ތެރެއިން ބެލެނިވެރިންނަށް ފަހިކޮށްދޭން ޖެހޭ ފުރުސަތުތަކެކެވެ. އާންމުކޮށް ގިނަ ގައުމުތަކުގައި މި ކަންކަން ކުރާގޮތަކީ މިފަދަ ޚާއްޞަހާލަތްތަކާއި ގުޅޭ ތަފާތު މުއައްސަސާތައް އުފައްދާ އެއް ނިޒާމެއްގެ ތެރެއިން ބޭނުންޖެހޭ އެހީތެރިކަން ފަހިވާނެ ގޮތްތަކާއި އުސޫލުތައް ހަމަޖެއްސުމެވެ. މިސާލަކަށް ކުރިންވެސް އަޅުގަނޑު ލިޔުނު އެހެން ލިޔުމެއްގައި ފާހަގަކުރެވިފައިވާނެ ފަދައިން ނިއުޒިލޭންޑްގެ މެކަންޒީ ސެންޓަރަކީ އެފަދަ މުއައްސަސާއެކެވެ. މިފަދަ ސެންޓަރތަކުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބެލެނިވެރިންނަށް ބޭނުންވާ ތަމުރީނު ޕްރޮގްރާމްތައް ހިންގުން ލާޒިމުކުރެއެވެ. ކުއްޖާއާ މުވާޞަލާތުކުރާނެ ގޮތާއި މުޢާމަލާތްކުރަންޖެހޭ އުސޫލުތަކަށް ބެލެނިވެރިން އަހުލުވެރިވީ މިންވަރަކުން އެ ކުދިން ދިރިއުޅުމަށް ވެހިކުރުވާ ތަމުރީނު ކުރުމަށް ބޮޑު ލުއިތަކެއް ލިބިގެންދިއުމެވެ. މައިގަނޑު މަގުޞަދަކީ ބޮޑުވަމުން އަންނަ ކުއްޖާ އަމިއްލައަށް ފައިމައްޗަށް ތެދުވެ އާންމު ދިރިއުޅުމުގައި މީހަކަށް ބަރޯސާ ނުވެ އެޅެން ދަސްކޮށްދިނުމެވެ. އަދި އޭގެ އިތުރުން އެދަރިފުޅަކީ ވެސް ގައުމަށް ބޭނުންތެރި ރައްޔިތަކަށް ހެދުމެވެ. އޯޓިޒަމްގެ ހާލަތް ހުންނާތީ ކުއްޖާއަށް ކުރެވޭނެ ކަންކަން ހަނި ވާނެތީ އެއްފަރާތްކޮށްފައި ބެހެއްޓުމަކީ ދުނިޔޭގެ އިންސާނީ ހައްގުތަކާއި ގުޅޭ މުޢާހަދާތަކާއި ވެސް ޚިލާފުކަމެކެވެ. ކޮންމެ ފަރުދަކު ވެސް ކޮންމެ ހާލަތަކާއެކު ވެސް އޭނާއަށް ލިބިދޭންޖެހޭ ހައްގުތަކެއް ކަށަވަރުކުރުމަކީ ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭކަމެކެވެ. މިކަމަށް ޓަކައި ހަދަންޖެހޭ ޕޮލިސީތަކާއި، ކަނޑައަޅަންޖެހޭ ގަވާޢިދުތަކާއި އުސޫލުތައް ނިޒާމެއްގެ ތެރޭގައި ފަރުމާކުރެވެން ޖެހެއެވެ. މިފަދަ ކަންކަމަކީ އިންސާނީ ހައްގުތަކާއި ގުޅޭ މުޢަހަދާތަކުގައި ކަށަވަރުކުރުމަށް ލާޒިމުކުރާ ކަންކަމެވެ.

ދިރާސާތަކުން ހާމަކުރާ ގޮތުގައި ބެލެނިވެރިންނަށް ތަމުރީނު ދިނުމަކީ އޯޓިޒަމް ހުންނަ ކުދިންގެ ދުޅަހެޔޮ ޞިއްހަތަށް އެންމެ މުހިންމު އެއްކަމެވެ. ދެހާހުގެ އަހަރުތަކުން ފެށިގެން ވަރަށް ގިނަ ގައުމުތަކުގައި އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިން ތަމުރީނު ކުރާ ޕްރޮގްރާމްތައް ހިންގާ އެކަމުގެ ހެޔޮ އަސަރާ ބެހޭގޮތުން ގިނަ ޚިޔާލުތަކެއް މަޝްވަރާ ކުރެވިފައިވެއެވެ (ބްރޫކްމަން-ފްރޭޒީ، އަދި ކޮއެގަލް، 2004؛ އިންގަރސޯލް، އަދި ޑްވޯރޓްކްސަކް، 2006؛ މެކްޑެވިޓް، 2021). މިފަދަ ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގައިވެސް މިހާރު ހިންގަން ޖެހިފައިވާ ޕްރޮގްރާމްތައް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ. މިސާލަކަށް 2021 ވަނަ އަހަރުގެ ކޮވިޑްގެ ތެރޭގައި ޗައިނާގައި (މެކްޑެވިޓް، 2021) ހަދާފައިވާ ދިރާސާއަކީ ދިވެހިރާއްޖެ ފަދަ ގައުމަކަށް މުހިންމު ފިލާވަޅުތަކެއް ހިމެނިފައިވާ ދިރާސާއެކެވެ. ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ގިނަ ކުދިން އޯޓިޒަމްގެ ހާލަތާއެކު ދިރިއުޅެމުންދެއެވެ. ނަމަވެސް ސަރަހައްދީ ގޮންޖެހުންތަކާއި ހެދި އެކުދިންނަށް ލިބިދޭންވޭ ހުރިހާ އެހީތެރިކަމެއް ކޮންމެ ރަށަކުން ފޯރުކޮށް ނުދެވެއެވެ. މިފަދަ ހާލަތުގައި ކުޑަމިނުން ބެލެނިވެރިންނަށް ލިބިދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަކީ އޮންލައިންކޮށާއި އަދި ވެސް އެހެން މީޑިއާ ތައް މެދުވެރިކޮށް މިހާރު ކުރެވެން ހުރި ކަންކަމެވެ. މިފަދަ ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔަކަށް ވެސް މިއީ ކިހާ މުހިންމު ކަމެއްކަން އިހުސާސް ކުރެވޭނީ އެކަމުގެ ދަތި ހާލަތުގައި ދުވަސްތައް ވޭތުކުރަމުން ދާ ބެލެނިވެރިންނަށެވެ. މާލޭގެ ސަރަހައްދުގައި އުޅޭ ބެލެނިވެރިންނަށް ކަންކަން އަތޮޅުތަކުގެ އުޅޭ ބެލެނިވެރިންނަށް ވުރެ ބޮޑަށް ފަހިވެފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިކަމަކީ މިފަދަ ކޮންމެ ބެލެނިވެރިއަކަށް ބޭނުންވާ ކަމަކަށް ވާއިރު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުންވަނީ މިހާރު ލާޒިމު މި ވެފައެވެ. މިއީ އެއްވެސް ހާލެއްގައި ވަކި ސަރުކާރަކުން ނުކުރެވި އޮތްކަމެއްގެ ވާހަކަ ބަޔާންކުރަން ފާހަގަކޮށްލާ ކަމެއް ނޫނެވެ. އެއާ ޚިލާފަށް ނީޒާމީ ގޮތަކަށް މިކަން ކަން ރާވަން ޖެހިއްޖެކަން ހާމަކޮށްލަން ހުށަހަޅާ ޚިޔާލެކެވެ. ކުރިންދެންނެވި ދިރާސާގައި ބޭނުންކޮށްފައިވާ ބެލެނިވެރިންގެ ޕްރޮގްރާމަކީ އެއްކޮށް އޮންލައިންކޮށް ބެލެނިވެރިން ތަމުރީނުކޮށް އަހުލުވެރި ކުރުވަން ހިންގި ތަމުރީނު ކޯހެކެވެ. އެކި އެކި އުނދަގޫ ހާލަތްތަކުގައި، ތިބޭ ކުދިން ގެންގުޅޭ ބެލެނިވެރިންނަކީ ހީވެސް ނުކުރާހައި ގިނަ ގޮންޖެހުންތަކަކާއެކު ދިރިއުޅޭ ބައެކެވެ. މި ބެލެނިވެރިންނަށް އެހީތެރިވުމަކީ ތަޢުލީމީ ދާއިރާގެވެސް އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތައް ހިންގާ ޖަމާޢަތް ޖަމުޢިއްޔާތަކުންވެސް ކުރެވޭނެ ކަންކަމެވެ. ނަމަވެސް މެދު ނުކެނޑި ޚިދުމަތް ލިބޭފަދަ ގޮތަކަށް ރާވާ ތަންޒީމު ކުރުމަކީ މީގެ އެންމެ މުހިންމު ކަމެވެ. ހާލަކުން ފަހަރަކު ކަމެއް ކޮށްލުމުގެ ބަދަލުގައި ތަރުތީބުވަނިގޮތަށް ޝެޑިއުލުކޮށްގެން އެކި ޢުމުރުފުރާތަކަށް ބޭނުންވާ އެކި ކަންކަމަށް އަމާޒުކޮށްގެން ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.

ބައެއް ޕްރޮގްރާމްތަކުގައި ސީދާ ތަފާތު ހާލަތްތަކަށް ބޭނުންވާ އިންޓަވެންޝަންތައް އަދި ސުލޫކީ ތެރަޕީތަކަށް ވެސް ބެލެނިވެރިން ތަމުރީނު ކޮށްފައިވެއެވެ. މިފަދަ މިސާލަކަށް ބަލާއިރު ސައިމަން (2005) ކަރުދާހުގައި އެފަދަ ޕްރޮގްރާމުތަކުގެ މުހިންމުކަމާއި ބޭނުންތެރިކަން ހާމަކޮށްފައިވެއެވެ. މިފަދަ އެހެން ދިރާސާއަކަށް ބަލާއިރު، 2011 ގެ ޕެޓަރސަން، އަދި ސްމިތުގެ، ދިރާސާގައި ވެސް ވީހާވެސް ޅަޢުމުރުގައި އޯޓިޒަމްގެ ޢަލާމަތްތައް ފާހަގަކުރެވުމުން، އެކުދިންގެ ބެލެނިވެރިންނަށް ތަމުރީނު ދިނުމުގެ ފައިދާތައް ހާމަކޮށްފައިވެއެވެ. މިދެންނެވުނު ކޮންމެ ދިރާސާއަކުން ވެސް ހާމަވަނީ ބެލެނިވެރިން ތަމުރީނުކުރުމަކީ އޯޓިޒަމް ހުންނަ ކުދިން ގެންގުޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަމެއް ކަމެވެ. މި ދިރާސާގައި ބައިވެރިވި ބެލެނިވެރިން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމުތަކަކީ އޯޓިޒަމްގެ ހާލަތާއެކު އުޅޭ އެމީހުންގެ ދަރިން ބެލެހެއްޓުމަށް ލިބުނު ވަރަށްބޭނުންތެރި ދަރުސުތަކެކެވެ. އަދި ހަމައެހެންމެ، އެމީހުންގެ އުދާސްތަކާއި ނުތަނަވަސްކަމަށް ގިނަ ލުއިތަކެއް ލިބުނު ޕްރޮގްރާމްތަކެކެވެ. ޚާއްޞަކޮށް މިދިރާސާތަކުން ހާމަވެގެންދިޔައީ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ލިބޭ ދަރުސުތަކަކަށް ވުރެ ބެލެނިވެރިން އެއްތަނަކަށް އެއްވެ ޖަޒުބާތު ހިއްސާކޮށްލައި، އުދާސްތައް ލުއިކުރުމަށް ލިބޭ ފުރުސަތުތަކަކަށް ވެސް މި ޕްރޮގްރާމްތައް ވެގެންދާ ކަމެވެ.  އެހެން ދިރާސާއެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، ކުއްޖާގެ އުނދަގޫ ސުލޫކީ މައްސަލަތައް މެނޭޖްކުރުމަށް ބެލެނިވެރިން ތަމުރީނު ކުރެވިދާނެއެވެ. އެފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ކުލިނިޝަނުން/ތެރަޕިސްޓުންނަށްވެރު މާ ކާމިޔާބުކަމާއެކު އެކަން ބެލެނިވެރިން ކުރާކަން ހާމަކޮށްފައިވެއެވެ. މި ދިރާސާގައި ހިމެނިފައިވާ 14 ހަފުތާގެ ޕްރޮގްރާމުގައި ބައިވެރިވި ބެލެނިވެރިންނަށް އެނގިގެން ދިޔަ ދަސްވުންތަކާއި، ލިބުނު ތަމުރީނުތައް އެމީހުންގެ ދަރިންގެ ސުލޫކީ ކަންކަން މެނޭޖުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ހާމަވެއެވެ (ބެއާރސް، ކޭ، ޖޯންސަން، ސްމިތު، ލެކަވަލިއަރ، އސްވިޒީ، އަމާން، އަދި ސްކަހިލް، 2015). ޑޯސަން-ސްކިބް، ޑޭވިޑްސް، ހެރިސަން، މޮލޮނީ، އަދި ވްރީސް (2020) ގެ ކަރުދާހުގައި  ލިޔުއްވާފައިވާ ގޮތުން ދުނިޔޭގެ ގިނަގައުމުތަކެއްގައި އޯޓިޒަމްގެ ހާލަތުގައި އުޅޭ ކުދިންގެ ބެލެނިވެރިންނަށް އެކި ބާވަތުގެ ޕްރޮގްރާމްތައް ހިންގެއެވެ. މި ދިރާސާވެރިންގެ ކަރުދާހުގައިވާ ގޮތުން އޯޓިޒަމްއަށް ޚާއްޞަ 37 ދިރާސާއެއް ޢިލުމީ ޖާރނަލްތަކުގައި ޝާއިޢުކުރެވިފައިވެއެވެ. ޚާއްޞަކޮށް ދުނިޔޭގެ އެކި ބައްރުތަކުގައި 'ޕޭރެންޓް އެޑިއުކޭޝަން އެންޑް ޓްރޭނިން’ގެ ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. ބަޔާންކުރެވުނު 37 ދިރާސާގެ އެނަލިސިސް ފާހަގަވި ގޮތުގައި ގިނަ ޕްރޮގްރާމްތަކަކީ ގުރޫޕްކޮށް ހިންގިފައިވާ ޕްރޮގްރާމްތަކެއް ނަމަވެސް އެކި ޕްރޮގްރާމްތައް އަމާޒު ކުރެވިފައިވަނީ އެކި ކަންކަމަށެވެ. އެ ދިރާސާވެރިންގެ ތަހުލީލުތަކުން ހާމަކޮށްފައިވަނީ 37 ދިރާސާގެ 84% ހެކިތަކުން ހާމަވަނީ އެފަދަ ޕްރޮގްރާމްތަކަކީ ޕޮޒިޓިވް/ފައްސި އަސަރުތަކެއް ބެލެނިވެރިންނަށާއި ކުދިންނަށް ވެސް ކުރުވި ޕްރޮގްރާމްތަކެއް ކަމެވެ. ޖުމުލަގޮތެއްގައި 37 ދިރާސާގައި ވެސް ހާމަކޮށްފައިވަނީ ޕޭރެންޓް އެޑިއުކޭޝަން އެންޑް ޓްރޭނިންގ ޕްރޮގްރާމްތަކުގެ ބޭނުންތެރިކަމެވެ.

މިއަދު މި ލިޔެލެވުނު ވާހަކަކޮޅުގެ މައިގަނޑު މަޤުޞަދަކީ އޯޓިޒަމް ހާލަތުގައި ތިބި ދަރިން ބަލަހައްޓައި ބެލެނިވެރިންނަށް ބޭނުންވޭ ވެހި ޕްރޮގްރާމްތައް މުހިންމުކަން ހާމަކޮށްލުމެވެ. އަދި ހަމައެހެންމެ އެފަދަ ޕްރޮގްރާމްތައް ފަރުމާކޮށް ނިޒާމެއްގެ ތެރެއިން ހިނގޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާ ބެހޭފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނައުމެވެ. މިކަމަކީ އަދި މިހާތަނަށް އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަޖެހިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އޯޓިޒަމްގެ ހާލަތުގެ ކުދިންގެ ގިނަވެ، އެފަދަ ކުދިން ބަލަހައްޓާ ބެލެނިވެރިންގެ ޢަދަދު އެއްދުވަހު އަނެއް ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އެހެން ކަމުން މި ފަދަ ޕޮރޮގްރާމުތަކުގެ ބޭނުންތެރިކަން މިވަނީ ނިހާޔަތަށް ބޭނުންވެފައެވެ. އަޅުގަނޑުގެ އުއްމީދަކީ މިވާހަކަ ކޮޅުގެ ސަބަބުން ކަމާ ބެހޭފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެވުނު ލިޔުންކޮޅަކަށް މިއަދުގެ ކޮލަމު ވުމެވެ.

 

ހަވާލާދޭ ފަރާތްތައް

ބެއާރސް، ކޭ، ޖޯންސަން، ސީ، ސްމިތު، ޓީ، ލެކަވަލިއަރ، އެލް، ސްވިޒީ، ނ، އަމާން، އެމް، … އަދި ސްކަހިލް، އެލް (2015). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ކުދިންގެ ސުލޫކީ މައްސަލަތަކަށް ބެލެނިވެރިންގެ ތަމްރީނާއި ބެލެނިވެރިންގެ ތަޢުލީމުގެ އަސަރު: ރެންޑަމް ކްލިނިކަލް ޓްރައިއަލް. ޖަމާ، 313(15)، 1524-1533.

ބްރޫކްމަން-ފްރޭޒީ، އެލް، އަދި ކޮއެގަލް، އާރް.އެލް (2004). އޯޓިޒަމް ހުންނަ ކުދިންނަށް ބެލެނިވެރިންނަށް ތަޢުލީމު ދިނުމުގެ ޕްރޮގްރާމްތަކުގައި ބެލެނިވެރިން/ކްލިނިޝަން ޕާޓްނަރޝިޕް ބޭނުންކުރުން. ޖާނަލް އޮފް ޕޮޒިޓިވް ބިހޭވިއަރ އިންޓަރވެންޝަންސް، 6(4)، 195-213.

ޑޯސަން-ސްކިބް، ޖޭ.-ޖޭ، ޑޭވިޑްސް، އީ.އެލް، ހެރިސަން، އޭ.ޖޭ، މޮލޮނީ، އެމް.އޭ، އަދި ޑީ ވްރީސް، ޕީ.ޖޭ (2020). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް އަށް ބެލެނިވެރިންނަށް ތަޢުލީމާއި ތަމްރީނު ދިނުން: ސްކޯޕިންގ ދަ އެވިޑެންސް އޯޓިޒަމް، 24(1)، 7-25. https://doi.org/10.1177/1362361319841739

އިންގަރސޯލް، ބީ، އަދި ޑްވޯރޓްކްސަކް، އޭ (2006). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ކުދިންނަށް ކުޑަކުދިންގެ ޚާއްޞަ ތަޢުލީމުގެ މަންހަޖުގައި ބެލެނިވެރިން ތަމްރީނުކުރުން ހިމެނުން. ޓޮޕިކްސް އިން އަރލީ ޗައިލްޑްހޫޑް ސްޕެޝަލް އެޑިއުކޭޝަން، 26(3)، 179-187.

މެކްޑެވިޓް، އެސް.އީ (2021). ކަރަންޓީންގައި ތިއްބަވައިގެން: ޗައިނާގައި އޯޓިޒަމް ހުންނަ ކުދިންގެ އާއިލާތަކަށް އޮންލައިންކޮށް ބެލެނިވެރިންނަށް ތައުލީމު ދިނުމާއި ތަމްރީނު ދިނުމުގެ މޮޑެލްއެއް. ރިސާޗް އިން ޑިވެލޮޕްމަންޓަލް ޑިސެބިލިޓީސް، 109، 103851.

ސައިމަން، ޖޭ.ބީ (2005). އޯޓިޒަމް ހުންނަ ކުދިންނަށް އިންޓަރވެންޝަންތައް ފުޅާކުރުން: ޓްރެއިނަރުންގެ ގޮތުގައި ބެލެނިވެރިން. ޖާނަލް އޮފް ޕޮޒިޓިވް ބިހޭވިއަރ އިންޓަރވެންޝަންސް، 7(3)، 159-173.

ޕެޓަރސަން، އެސް.ވައި، އަދި ސްމިތު، ވީ (2011). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ޖެހިފައިވާކަން ފާހަގަކުރެވުނު ކުޑަކުދިންގެ ބެލެނިވެރިންގެ ތަޖުރިބާއަކީ ބަސްތަކަށްވުރެ ބޮޑަށް ބެލެނިވެރިންނަށް ތައުލީމު ދިނުމުގެ ޕްރޮގްރާމްގައެވެ. އިންފެންޓްސް އެންޑް ޔަންގް ޗިލްޑްރަންސް، 24(4)، 329-343.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (2014) އަށްޑިހަ ހަތްވަނަ ވޯލްޑް ހެލްތު އެސެމްބްލީ، WHA67.8 އެޖެންޑާ އައިޓަމް 13.4، 24. http://apps.who.int/iris/bitstream/10665/164399/1/Autism(combined).pdf އިން ލިބިފައިވާ މަޢުލޫމާތު