Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް:

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ކެއުމުގެ އާދަތައް

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭ.އެސް.ޑީ) އަކީ އާންމުކޮށް އުމުރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ފެންނަ ތަރައްޤީއާއި ނާރުތަކުގެ ކޮމްޕްލެކްސް ހާލަތެއް ކަމަށް ކުރީގެ ލިޔެފައިވާ ބައިތަކުގައި އަލިއަޅުވާލައިފައިވާނެއެވެ. ޚާއްޞަކޮށް މި ހާލަތުގެ ސަބަބުން ދުވަހީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް އަސަރުކުރެއެވެ. މިއަދުގެ ވާހަކަކޮޅުގައި އިޝާރާތްކޮށްލަން ބޭނުންވަނީ އޯޓިޒަމް ހުންނަ ކުދިންގެ ކެއުމުގެ އާދަތަކާ ބެހޭގޮތުންނެވެ.

އޭ.އެސް.ޑީ ހުންނަ ކުދިންނަށް ކާންދިނުމާ ގުޅޭ ގިނަ ކަންތަކެއް ބެލެނިވެރިން ހިއްސާކުރެއެވެ. އޭގެ ތެރޭގައި، ކެއުމުގައި ވަކި ބާވަތަކަށް މާބޮޑަށް ބަރޯސާވުމާއި، ކެއުމުގެ މިންވަރާއި އާދަތައް އަދި ވަކި ވައްތަރުތަކެއް ކެއުމުން ބަނޑަށް އުނދަގޫވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. ހަމަ އެއާއެކު ކެޔަސް ހަށިގަނޑުން މާބޮޑު ތަފާތެއް ނުފެނުމާއި، ބައެއް ކުދިން ފަލަވުމާއި، އަނެއްބައި ކުދިން ހިކިގެން ގޮސް އަނަރޫފަވުމާއި މި ނޫނަސް ކެއުމާ ގުޅޭ ބައެއް މައްސަލަތައް ފާހަގަކުރެވެއެވެ.

ކެއުމުގެ އާދަތަކާއި ގޮތްތަކާއި އަދި ކާނާގެ ބާވަތްތަކާ ބެހޭގޮތުން ބައެއް ދިރާސާވެރިން ތަހުލީލުތައް ހަދައިފައިވެއެވެ. މިގޮތުން ޑިއޮލޯރޑީ ޑެލް ބަލްޒޯ، ބެރްނާބޭ، ވިޓިއެލޯ، ޑޮނިނީ (2014) ގެ ދިރާސާއިން ހާމަކޮށްފައިވާ ގޮތުގައި ވަޒަން ހެޔޮ ކާނާ ގޭގައި ކައްކައިގެން ކާންދިނުމުން އޯޓިޒަމް ކުދިންގެ ކެއުމުގެ އާދަތަކަށް ހެޔޮބަދަލު ގެނެވެއެވެ. މީގެ އިތުރުން އެހެން ދިރާސާތައް އަމާޒުކުރަނީ އާންމު ކުދިންނާއި އޯޓިޒަމް ހުންނަ ކުދިންގެ ކެއުމުގެ ކަންކަމުގައި ތަފާތުތަކެއް ހުންނަ ކަމަށެވެ. މިފަދަ ދިރާސާތަކުން ހާމަކުރާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންގެ ތެރޭގައި ކެއުމުގެ އާދަތަކުގެ މައްސަލަ ގިނައެވެ. ކާންދިނުމަށް އުނދަގޫވުމުގެ ސަބަބުން ވަކި ކާނާއަކަށް މާބޮޑަށް އާދަވެ، ކެއުމުގެ ވަޒަން ހެޔޮކޮށް ކެއުން ހަމަޖެއްސުމުގައި ދަތިތަކެއް ދިމާވެއެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ކާންދިނުމުގައި ދެގުނަ ބުރަވެ، ބައެއް ކުދިން މާބޮޑަށް ބަރުދަން އިތުރުވެ، އޭގެ ސަބަބުން ފަލަވުމުގެ މައްސަލަ ވެސް މިދިރާސާގައި ބައިވެރިވި އޯޓިޒަމް ހުންނަ ކުދިންގެ ކިބައިގައި ފާހަގަކުރެވިފައިވެއެވެ. (ރަސްޕިނީ، އަދި އޭނާގެ ބައިވެރިން 2021). މި ދިރާސާ ހަދާފައިވަނީ 65 އޭ އެސް ޑީ ހުންނަ އަދި  އާންމު 82 ކުދިންނާއެކު އިޓަލީގެ ޕްރީސްކޫލެއްގައެވެ.

ބައެއް ދިރާސާވެރިން ހާމަކުރާ ގޮތުގައި ކާނާއަށް ދެކޮޅުހެދުމާއި ވަކި ބާވަތެއްގެ ކާނާ ކެއުން ނުވަތަ ބަލައިގަތުން ފަދަ ސުލޫކުތައް އޯޓިޒަމް ކުދިންގެ ކިބައިން އާންމު ކުދިންނަށް ވުރެ ބޮޑަށް ފާހަގަކުރެވެއެވެ. މި ދިރާސާއިން ނަތީޖާ ދައްކާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިންނަށް ކާންދިނުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރެވެ، ކެވޭ ބާވަތްތަކުގެ ވައްތަރުތައް ވަރަށް ބޮޑަށް ހަނިވެ އެވެ. (ޝްރެކް، ވިލިއަމްސް އަދި ސްމިތު، 2004).

ޝްރެކް އަދި ވިލިއަމްސް (2006) ގެ ސާރވޭއިން ހާމަކުރަނީ އޯޓިޒަމް ކުދިން:

(ހ) އާންމުކޮށް ކާންދިނުމުގެ މައްސަލަތަކުގެ ކެއުމުގެ ބާވަތްތަކާއި،

(ށ) ކުދިން އިސްކަންދޭ ކާބޯތަކެތި،

(ނ) އާއިލާއިން ކެއުމަށް އިސްކަންދޭ ކަންކަމާއި، އަދި

(ރ) އޯޓިޒަމްގެ ޑައިގްނޯސްޓިކް ސިފަތަކާއި ކެއުމުގެ ސުލޫކާ ދެމެދު ފާހަގަކުރަނިވި ގުޅުމެއް ވަކަމަށެވެ. މި ބާވަތުގެ ސުލޫކުތަކުގެ ސަބަބުން ކެއުމުގެ އާދަތަކަށާއި ކާނާ އިޚްތިޔާރުކުރުމަށް އަސަރުކޮށް، ތިރީގައިވާ ސިއްހީ ކަންބޮޑުވުންތައް ކުރިމަތިވެދާނެ އެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ކެއުމުގެ ބާވަތްތަކާއި، ގަޔާވާ ކާނާގެ ބައިވަތްތައް ތަފާތެވެ. ހަމައެއާއެކު ކާބޯތަކެތީގެ ރަހައާއި ވަހާއި ކުލައާއި ޓެކްސްޗާއަށް ވެސް މިކުދިންގެ ހައްސާސްކަން އިތުރެވެ. މިފަދަ ކެއުމުގެ އާދަތަކުން ބައެއް ސިއްހީ މައްސަލަތައްވެސް ކުދިންނަށް ދިމާވެއެވެ. އެގޮތުން އެކަށީގެންވާ ވަރަށް ކާނާ ނުކެވުން، ބަނޑުހަރުވުން، ކާހިތްކުރުވާ ބޭސް ނަގަން ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

އޯޓިޒަމް ހުންނަ ބައެއް ކުދިންނަށް ގިނަ އިރު ވަންދެން އެއް ކަމަކަށް ފޯކަސް ކުރަން ދަތިވާތީ އިށީނދެ އިނދެ ގިނައިރު ކާއެއްޗެއް ކެއުމަކީ އުނދަގޫ ކަމަކަށް ވެއެވެ. މީގެ އިތުރުން ދިމާވާ އެހެން ސިއްޙީ މައްސަލަ ތަކުގެ ތެރޭގައި ބަނޑު ހަރުވުން ވެސް ހިމެނެއެވެ. މިކަން ދިމާވަނީ ކެވޭ މިންވަރު މަދުވުމާއި، ޖިސްމާނީ ހަރަކާތްތެރިކަމުގެ މިންވަރު ދަށްވުމާއި ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އާންމުކޮށް މިކަން ރަނގަޅު ކުރެވޭނީ ސީރިއަލްސް، މޭވާ އަދި ތަރުކާރީ ފަދަ ފައިބަރު ހިމެނޭ ކެއުން މަޑުމަޑުން އިތުރުކުރުމާއެކު ގިނައިން ފެން ބުޔުމާއި ގަވާއިދުން ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކޮށްގެންނެވެ. ބައެއް ފަހަރު އޯޓިޒަމްއާ އެކު ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ކާހިތްވުން ކުޑަވެ ވެސްދާނެއެވެ. ބޭހެއް ބޭނުންކުރާނަމަ، އެބޭހެއްގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ އަސަރާ ބެހޭގޮތުން ސިއްހީ ހިދުމަތްދޭ ފަރާތާ މަޝްވަރާކުރަންޖެހޭނެއެވެ. އޯޓިޒަމް ހުންނަ ދަރިފުޅަށް ކާންދިނުމުގައި ދިމާވާ ބައެއް މައްސަލަތަކުން އަރައިގަތުމަށް އަންނަނިވި ގޮތްތައް އަޖުމަ ބަލައިލުން ރަނގަޅުވާނެއެވެ.

1. ކެއުމުގައި އުނދަގޫ ގޮތްތައް ހުރެދާނެ ކަމަށް ތައްޔާރުވެހުރުން

ބައެއް ބެލެނިވެރިންނަށް ފެންނަ ގޮތުގައި ދަރިފުޅުގެ ރަހަތަކާއި ކުލަތަކާއި ވަސްތަކާއި ޓެކްސްޗާތަކަށް ހައްސާސްވުމަކީ ވަޒަންހެޔޮ ކެއުން ދިނުމުގައި ދިމާވާ އެންމެ ބޮޑު ހުރަސްތަކެކެވެ. ދަރިފުޅު ވަކި ކާނާތަކަކުން އެއްކޮށް ދުރުހެލިވާކަން ފާހަގަ ކުރެވޭނަމަ އެކަމާ މެދު ވިސްނަން ޖެހޭނެއެވެ. މިފަދަ ކަންކަމަށް ކުރިމަތިލުމަށް އެންމެ ރަނގަޅީ މަޑުމަޑުން ކުއްޖާ އެފަދަ ބާވަތްތަކަށް ހިތްޖެއްސުމެވެ. މިސާލަކަށް ކުރެވިދާނެ ކަމަކީ، ސުޕާމާކެޓަށް ގޮސް ކުއްޖާލައްވާ އެފަދަ ތަކެތި ޚިޔާރުކުރުމަށްފަހު ގެއަށް އައިސް ކުއްޖާ ބައިވެރިކޮށްގެން އޭގެ ކާނާ ތައްޔާރުކޮށް އެކަން ވާނުވާ ގޮތް އޭނާ ބަހައްޓައިގެން ކުރުމެވެ. އެފަދަ ހާލަތެއްގައި ވެސް ކުއްޖާ ތައްޔާރުކުރި ތަކެތި ނުކެއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ ކާން ބޭނުން ނުވާނަމަ ހާސްނުވާށެވެ. މިހުންމު ކަމަކީ އެފަދަ ކާނާތައް ހަދާގޮތާއި ހެދޭގޮތާއި ކަންކަމަށް ދަރިފުޅު އަހުލުވެރިކޮށް ކާހިތް ޖެއްސޭތޯ ސޯޝަލް ސްޓޯރީ ފަދަ އުކުޅުތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރުމެވެ.

2. މީލްޓައިމްސް ރޫޓިން ގެންގުޅުން

ކާންދިނުމަށް އުނދަގޫ ކުދިންނަށް އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ރޫޓިން/ ތަރުތީބު ތަކެއް ހަމަޖައްސައިގެން ކެއުމުގެ ގަނޑިތަކާއި ކަންކަން ހަމަޖެއްސުމެވެ. ކޮންމެ ދުވަހަކު އެއްގަޑއެއްގައި ކެއުން ދިނުމަކީ ސްޓްރެސް މަދުކުރުމަށް ފަސޭހަ ގޮތެކެވެ. ވަރަށް އާދައިގެ ކުދި ކުދި ކަންކަމުން ވެސް ދަރިފުޅަށް އުނދަގޫވާނަމަ ލުއިކުރުމަށް ސަމާލުވުން މިސާލަކަށް އަލި، އަޑު، ތަނުގެ ހޭލަމޭލިކަން މިފަދަ ކޮންމެ ކަމަކީވެސް އޯޓިޒަމް ހުންނަ ކުދިންނަށް އުނދަގޫތަކެއް މެދުވެރިވެދާނެ ކަންކަމެވެ.

3. ޚާއްޞަ ޑައިޓިޝަނުން އިރުޝާދު ހޯދުން

ގްލޫޓެން ނުވަތަ ކޭސިން ފްރީ ކާނާއަކީ އޭ.އެސް.ޑީގެ އަލާމާތްތައް ހުންނަ ކުދިންނަށް ލުއިތަކެއް ފޯރުކޮށްދޭ ކަމެއް ކަމަށް ބައެއް ޑައިޓިޝަނުންގެ ލިޔުންތަކުން ފެނެއެވެ. ގްލޫޓެން އަކީ ހަނޑުލާއި ބާލީ ފަދަ ކާނާތަކުގައި ހިމެނޭ ޕްރޮޓީންގެ ވައްތަރެކެވެ. ކޭސިން އަކީ ކިރުގައި ހިމެނޭ ޕްރޮޓީނެކެވެ. މި ކަމަށް ތާއީދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި އޯޓިޒަމް ހުންނަ ކުދިނގެ ގްލޫޓެން އާއި ކޭސިންގެ ބައިތައް ލޭގެ ތެރެއަށް ވަދެ ސިކުނޑިއާއި މަރުކަޒީ ނާރުތަކުގެ ނިޒާމަށް އަސަރުކުރުވައެވެ. އެހެންކަމުން ބައެއް ޑައިޓިޝަނުން ގަބޫލުކުރާ ގޮތުގައި ގްލޫޓެން އަދި ކޭސިން ހުންނަ ބާވަތްތަކުގެ ކާނާއަކީ އޯޓިޒަމް ހުންނަ ކުދިންނަށް އެހާ ރަނގަޅު ކާނާއެއް ނޫނެވެ.

ނަމަވެސް ސައިންޓިފިކް ދިރާސާތަކުން މިކަމަށް ބާރުދޭ ހަރުދަނާ ހެކިތަކެއް މާގިނައިން ހާމަވެފައެއް ނެތެވެ. ކަން މިހެން އޮތްކަމުގައި ވިޔަސް އޯޓިޒަމްއަކީ ސްޕެކްޓްރަމް އެއް ކަމަށްވެފައި، ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް ގޮތަށް ބެލެވޭ އުސޫލުން ވަކި ބާވަތެއްގެ ކާނާއެއް ކުއްޖާއަށް ކަމުނުދާހެން ނުވަތަ އުނދަގޫވާހެން ހީވާނަމަ އެކަމާ ގުޅޭ ގޮތުން ޑައިޓިޝަންއަކާއެކު މަޝްވަރާކޮށް ލުއިގޮތްތައް ހޯދައިގެން ކުއްޖާގެ ކެއުން އިންތިޒާމު ކުރުމަކީ ބެލެނިވެރިން ކުރަންޖެހޭ ކަމެކެވެ.

މިއަދު މި އިޝާރާތްކޮށްލި ވާހަކަކޮޅަކީވެސް އާދައިގެ ވާހަކަތަކެކެވެ. ނަމަވެސް ދުވަހީ ދިރިއުޅުމުގައި އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް ވިސްނާލުން މުހިންމު ކަންތައްތަކެކެވެ. އޯޓިޒަމް ހުންނަ ކުއްޖެއް ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކަކީ ދިރިއުޅުމުގެ ވަރަށް ގިނަކަންކަން ވަކި ގޮތަކަށް އިންތިޒާމުކޮށްގެން ކުރަންޖެހޭ ކަމަކަށް ވާތީ އުއްމީދު ކުރެވެނީ މިފަދަ ކޮންމެ ލިޔުމަކުން ކޮންމެސް ބެލެނިވެރިޔަކަށް ލާބަޔާއި މަންފާކުރާނެ ވާހަކަކޮޅަކަށް ވުމެވެ.

ހަވާލާދޭ ފަރާތްތައް

ޑިއޮލޯރޑީ އެލް، ޑެލް ބަލްޒޯ ވީ، ބެރްނާބޭ ޕީ، ވިޓިއެލޯ ވީ، ޑޮނިނީ އެލްއެމް. (2014) އޯޓިޒަމް ހުންނަ ކުދިންގެ ކެއުމުގެ އާދަތަކާއި ކެއުމުގެ އުސޫލުތައް. އީޓް ވެއިޓް ޑިސްއޯޑް. ؛19(3):295-301. ޑޮއި: 10.1007/s40519-014-0137-0. Epub 2014 Jul 1. ޕީއެމްއައިޑީ: 24981567.

ރަސްޕިނީ، ބީ، ޕްރޮސްޕެރީ، އެމް، ގުއިޑޫޗީ، އެލް، ސަންޓޯޗީ، އީ، ޓަންކްރެޑީ، އާރް، ކަލްޑެރޯނީ، އެސް، … އަދި ސީނާ، އެޗް (2021). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ އިޓަލީގެ ޕްރީސްކޫލް ކުދިންނާއި އާންމުކޮށް ތަރައްގީވަމުން އަންނަ ކުދިންގެ ކެއުމުގެ އުސޫލުތަކާއި ބަރުދަނުގެ ހާލަތު. ނިއުޓްރިއެންޓްސް، 13(11)، 4039.

ޝްރެކް، ކޭ.އޭ، ވިލިއަމްސް، ކޭ، އަދި ސްމިތު، އޭ.އެފް (2004). އޯޓިޒަމް ހުންނަ ކުދިންނާއި ނެތް ކުދިންގެ މެދުގައި ކެއުމުގެ ސުލޫކު އަޅާކިޔުމެވެ. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 34، 433-438.

ޝްރެކް، ކޭ.އޭ، އަދި ވިލިއަމްސް، ކޭ (2006). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ކުދިންނަށް ކާނާއަށް އިސްކަންދޭ ކަންކަމާއި ކާނާ ހޮވުމަށް އަސަރުކުރާ ކަންތައްތައް. ރިސާޗް އިން ޑިވެލޮޕްމަންޓަލް ޑިސެބިލިޓީސް، 27(4)، 353-363.