Support Us

ކޮލަމް: ޑރ. ޝާފިޔާގެ ފޮޅުވަތް

ޑރ. ޝާފިޔާގެ ފޮޅުވަތް: އޯޓިޒަމް ހުންނަ ކުދިންގެ ކިޔުމުގެ ހުނަރުތައް

ވަރަށް ގިނަ ދިރާސާތަކުން ހާމަކުރާމގޮތުގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ހުންނަ ކުދިންނަށް އުނގެނުމަށް ދަތިތައް ދިމާވެއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ލިޔަންކިޔަން ދަސްކުރުމާ ގުޅޭ ގޮންޖެހުންތަކެއް ފާހަގަކުރެވެއެވެ. (ބްރައުން އަދި އޭނާގެ ބައިވެރިން، 2013).

ފަރނަންޑޭސް އަދި އޭނާގެ ބައިވެރިން (2016) ޝާއިޢުކޮށްފައިވާ 58 ކަރުދާހުގެ ލިޓްރެޗަރ ރިވިއު ތަހުލީލެއްގެ 27 ކަރުދާހެއްގެ ނަތީޖާއިން ހާމަކޮށްފައިވަނީ އޯޓިޒަމް ކުދިންގެ ކިޔުމުގެ ދޭހަ ގުޅިފައިވަނީ ފޮނޮލޮޖިކަލް ޑިވެލޮޕްމަންޓަށްވުރެ ބޮޑަށް އަނގަބަހުން ބަހުގެ ސިމެންޓިކް (ބަސްތަކުގެ މާނަ) އަދި ސިންޓެކްޓިކް (ބަސް އެތުރުފައިވާ ގޮތްތައް) ޤާބިލުކަމާ ކަމަށެވެ. ނޭޝަން އަދި އޭނާގެ ބައިވެރިން (2006) ގައި ހަދާފައިވާ ދިރާސާގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ 41 ކުދިންގެ ކިޔުމުގެ ހުނަރުތައް ބަލާފައިވެއެވެ. މި ދިރާސާއިން ހާމަކުރާގޮތުގައި ކިޔުމުގެ ހުނަރުގެ ހަތަރު ކޮމްޕޯނެންޓެއް ފާހަގަކުރެވުނެވެ. އެއީ ލަފުޒު ދެނެގަތުމާއި، ނޮންވޯޑް ޑީކޯޑިންގ އާއި، ޓެކްސްޓް (ލިޔުން) ކިޔުމުގެ ޞައްޙަކަމާއި، ޓެކްސްޓް (ލިޔުން) ދޭހަ އެވެ. ޚާއްޞަކޮށް މިދިރާސާއިން ހާމަވާގޮތުގައި ޖުމްލަކޮށް ބަލާއިރު އެކުދިންގެ ކިޔުމުގެ ކޮމްޕްރެހެންޝަން (ދޭހަ) ދަށެވެ. ނަމަވެސް ބަހާއި ބަސް ނޫންގޮތަށް (ތަސްވީރު ފަދަ) ލިޔުމުގައި ހިމެނިފައިވާ ބައިތައް ދެނެގަނެ ދޭހަވުމުގައި އާންމު ކުދިންނާ ދާދި އެއްވަރެވެ.

އެހެން ދިރާސާއަކުން ހާމަވާ ގޮތުގައި ކުދިންގެ ކިޔުމުގެ ހުނަރާ އެންމެ ބޮޑު ގުޅުމެއް އޮތީ އެކުދިންގެ ބަސްކޮށާރާއެވެ. ޚާއްޞަކޮށް މި ދިރާސާގައިވެސް ކުރިން ބަޔާންވެ ދިޔަ ދިރާސާތަކާ އިއްތިފާޤުވާ އެއްކަމަކީ އެކުދިންގެ ކިޔުމުގެ ދަތިކަން ޖުމުލަ ގޮތެއްގައި ފާހަގަކުރެވޭކަމެވެ. (ނަލީ އަދި އޭނާގެ ބައިވެރިން، 2018). އެހެން ދިރާސާވެރިންވެސް ބާރުދީ ވާހަކަދައްކާ ގޮތުގައި ލަފުޒު ޑިކޯޑިން، ފްލޫއެންސީ (ފަރިތަކަން) އާއި ޖުމްލަ ކިޔުމުގެ ކޮމްޕްރެހެންޝަން (ދޭހަ) އާއި ދެމެދު ވަރުގަދަ ގުޅުމެއް ވެއެވެ. (އަސްބަރގް އަދި އޭނާގެ ބައިވެރިން،2008). މި ކަންކަމަކީ އޯޓިޒަމް ހުންނަ ކުދިންގެ ކިޔުމުގެ ހުނަރު ދަސްކޮށްދޭއިރު ފާހަގަކުރެވޭ ކަންކަމެވެ.

މި ބަޔާންވެ ދިޔަ ޢިލުމީ ލިޔުންތަކުން ހާމަވަނީ އޯޓިޒަމް ހުންނަ ކުދިންގެ ކިޔުމުގެ ހުނަރު ދަސްކޮށްދިނުމުގައި ބެލެނިވެރިން އަދި މުދައްރިސުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. މިއަދުގެ މައިގަނޑު މައުޟޫޢަކަށް މި ބަލާލަނީ މިކުދިންގެ ކިއުމުގެ ހުނަރު ތަރައްޤީކުރާއިރު ފާހަގަކުރެވިދާނެ ދެތިން ނުކުތާއަކާ ބެހޭގޮތުންނެވެ.

ޑިކޯޑްކުރުމާއި ބަސްދޭހަވުމުގެ ދަތިކަން

އޯޓިޒަމް ހުންނަ ކުދިން ކިބައިގައި ލިޔެފައިވާ ބަސް ޑިކޯޑު ކުރުމުގެ ކުރުމުގެ ޤާބިލުކަން ވަރަށް ރަނގަޅަށް ހުރެދާނެއެވެ. ޚާއްޞަކޮށް މި ހުނަރުގައި ހިމެނެނީ ވާހަކަ ދައްކާ ބަހުގެ އަޑުތަކާޢީ އަކުރުތައް ދިމާވާކަން ދެނެގަތުމެވެ. ވަރުގަދަ ޑީކޯޑްކުރުމަކީ ވާހަކަ ދައްކާ ބަހުގެ އަޑުތައް ލިޔެފައިވާ ބަހުގެ ނިޝާންތަކުގެ/ އަކުރުތަކަށް ބަލާ ގުޅުވާލުމެވެ. މިއީ ލިޔަންކިޔަން ދަސްކުރުމުގެ މައިގަނޑު ހުނަރެކެވެ.

އޯޓިޒަމް ހުންނަ ގިނަ ކުދިންނަށް ލިޔަންކިޔަން ދަސްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. މީގެ ތެރޭގައި ލިޔެވިފައިވާ ބަހުގެ މާނަ ދެނެގަތުން ހިމެނެއެވެ. މިއީ އާންމުކޮށް ބަލާއިރު ލިޔެފައިވާ އެއްޗެއް/ ބަހެއްގެ މާނަ ދެނެގަނެވުމެވެ. ކިޔުމުގެ ކޮމްޕްރެހެންޝަން (ދޭހަ) ހުނަރުގެ ތެރޭގައި ލަފުޒުތައް ޑީކޯޑްކޮށް ފަރިތަކަމާއެކު ކިޔުމުގެ ޤާބިލުކަން ހިމެނެއެވެ. އެކަމަކު އެއީ ކިޔާ އެއްޗެއް ވިސްނައި ހަނދާން ކުރުން ވެސް ހިމެނޭ ކަންކަމެވެ. ގޮންޖެހުން ދިމާވަނީ ކިއުމަށްވުރެ ބޮޑަށް ބަހުގެ މާނަ ދެނެގަތުމުގައެވެ.

އެއް ދިރާސާއަކުން ދައްކާ ގޮތުގައި ލިޔެފައިވާ ލިޔުން ޑިސިފަރ ކުރެވޭ އޯޓިސްޓިކް ކުދިންގެ %65 ކުދިންނަށް އެ ކިޔާ އެއްޗެއް ނުވަތަ ބަހެއްގެ މާނަ ދޭހަވުމަށް ދަތިތަކެއް ކުރިމަތިވެއެވެ. ނަމަވެސް މާނައަކީ ލިޔެފައިވާ ކޮންމެ ބަހެއްގެ މާނަ ނުވަތަ ކޮންމެ ލަފުޒެއްގެ މާނަ ދެނެގަންނަން އުނދަގޫވާ ވާހަކައެއް ނޫނެވެ. ގިނަ ފަހަރަށް އެކުދިންނަށް ނަގައިގަންނަން ދަތިވަނީ އިޖުތިމާއީ ކަންކަމާ ގުޅޭ ގޮތުން ލިޔެފައި ހުންނަ ބަސްތަކާއި އޭގެ މާނަ ދެނެގަތުމެވެ. ލިޔުމުގައިވާ ލަފުޒުތައް ދެނެގަތުމަށް ކުދިން އާދަވަމުންދާ ވަރަކަށް ކިޔަން ދަސްކުރުމުން ކިޔެވުމަށް ދަސްކުރުމަށް ފޯކަސް ބަދަލުކުރެވޭނެއެވެ. މާނަ ދެނެގަތުމަށްޓަކައި ޑީކޯޑިންގ އިން ދޭހައާއެކު ކިއުމުގެ ހުނަރު ވެސް ތަރައްޤީކުރެވެނޭއެވެ.

ބައެއް ފަހަރު ބެލެނިވެރިންނަށް އިހުމާލުކޮށްލެވޭ ކަންކަމުގެ ތެރޭގައި، ކުއްޖާ ރަނގަޅަށް ބަސް ކިޔާތީ އެއީ އޭގެ މާނައާއެކު އެނގޭ ކަމަށް ގަބޫލުކުރެވޭ ފަހަރު އާދެއެވެ. ނަމަވެސް ކުއްޖާގެ ޑިކޯޑިން ހުނަރު ރަނގަޅުވުމުން ތަކުރާރުކޮށް އެބަސް ކިއުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ފޮތަކުން ފެންނަ ބަސްތައް ރާސްލާފައި ފަރިތަކަމާއެކު ކިޔާލަފާނެއެވެ. އެހެންނަމަވެސް އޭގެ ހިމެނޭ ދޭހަވުން އެންމެ ފުރިހަމައަށް ކުއްޖާއަށް ނޭޏގުމަކީ އާންމުކުދިންނަށް ވެސް ކިޔަން ދަސްކުރަން ފަށާއިރު ދިމާވާ ކަމެކެވެ. ޚާއްޞަކޮށް އޯޓިޒަމް ހުންނަކުދިންނަށް ދޭހަވުން އެއީ ވަރަށް ބޮޑު ދަތިކަމަށް ވެދާނެއެވެ.

މިފަދަ ކަންކަމުގައި ބެލެނިވެރިން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ކިޔާ ބަސްތަކާއި ބެހޭގޮތުން ކުއްޖާއާ ވާހަކަ ދައްކާ ލަފުޒުގެ މާނައާ ބެހޭގޮތުން ވިސްނަން ޖާގަ ފަހިކުރުމެވެ. މިކަން ކުރެވޭނެ ގޮތްތަކުގެ ތެރޭގައި ލިޔެފައިވާ އެއްޗަކާ މެދު ފާޑުކިޔައި ވިސްނުން ހިމެނެއެވެ. އަދި ރީޓެލް (އަލުން ކިއުއްވުން) އަދި ރީފްރޭޒް (އެހެންގޮތަކަށް އޭގެ މާނަ ބުނުވުން) ކުރުމުގެ ޤާބިލުކަމަކީ ވެސް މުހިންމު ދޭހައިގެ ހުނަރުތައް ތަރައްޤީކުރުމަށް މުހިންމު ކަމެކެވެ. މިފަދަ ހުނަރުތައް ތަރައްޤީ ކުރެވެމުން ދާނަމަ، ކިޔާ ކޮންމެ ބަހަކާ އަދި އެކި ލިޔުންތައް ކިޔަމުންދާއިރު އެއާ މެދު ކުއްޖާއަށް ވިސްނަން ދަސްކޮށްދެވޭނެއެވެ. މިއީ ކިޔުމުގެ ހުނަރު ކުރިއެރުވުމަށް މުހިންމު ކަމެކެވެ.

ކިޔާއެއްޗެއްގެ އެކި މާނަތައް ދެނެގަތުމުގެ ދަތިކަން

އޯޓިޒަމް ހުންނަ ކުދިންނަށް ލިޔުމުގައިވާ ނާޒުކު ކަންތައްތައް ނަގައިގަންނަން އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ. ވަކި ލަފުޒުތަކެއް ބޭނުންކުރަނީ ކީއްވެގެންކަން ދެނެގަތުމަށް، ނުވަތަ މަޖާޒީ ބަސް ދަސްކުރަން އުނދަގޫވެދާނެއެވެ. އެހެންކަމުން ވާހަކަތަކުގައި ހިމެނޭ އެކިއެކި ތަފުސީލުތައް ދީ ބައިތައް ސިފަކުރުމުގައި ދަތިތައް ކުރިމަތިވެދާނެއެވެ. އެމީހުންގެ ޚިޔާލު ބޭނުންކޮށްގެން ވާހަކަތަކުގައި ކެރެކްޓަރުތަކާއި ތަންތަނުގެ ނަފްސާނީ ތަސްވީރެއް އެކުލަވާލާ ކުލަ ޖެއްސުން ފަދަ ކަންކަންވެސް އުނދަގޫވެދާނެއެވެ. ސަބަބަކީ އެބާވަތުގެ ވިސްނުމަކީ ސިދާ ކަންކަމުގެ އިޖުތިމާޢީ ދޭހަތަކާއި މާނައާ ގުޅުން ހުންނަ ކަންކަމެވެ.

ކުޑަކުދިންގެ ފޮތްތަކުގައި ހުންނަ ގިނަ ވާހަކަތައް ގުޅެނީ އިޖުތިމާއީ މުއާމަލާތްތަކާއި މަންޒަރުތަކުގެ ވަށައިގެންވާ މާހައުލާއެވެ. މި މަންޒަރުތައް ދެނެގަނެ ވިސްނައިގަތުމުގައި އެކުދިންނަށް އުނދަގޫވުމަކީ ކުރިން ބަޔާން ކުރެވިދިޔަ ދިރާސާތަކުން ވެސް ހާމަވެފައިވާ ކަންކަމެވެ. ލިޔުމުގައި ދައްކުވައިދޭ އިޖުތިމާޢީ މަންޒަރުތަކުގެ މާނައާއި ދޭހަވުމާއި ވިސްނައިގަތުމަކީ އެކުދިންނަށް އުނދަގޫ ކަމެކެވެ. ލިޔުންތަކުގައި ވެސް އަދި ވާހަކަ ދައްކާއިރުވެސް ބޭނުންކުރެވޭ ބަސްކޮށާރުގައި ނުވަތަ އެކި ލަފުޒުތަކުގައި ހުންނަ އެކި މާނަތައް ދެނެގަތުމަށް ބޭނުންވާ ފުން ތަރައްޤީވުމުގައި އެކުދިންނަށް ގޮންޖެހުންތައް ހުރެއެވެ. މި ކަންކަން މިލިޔުމުގެ މި ހާމަކޮށްލަނީ މި ފަދަ ކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގައި ގެންގުޅެންޖެހޭ ގޮތާއި އެހެން އާންމުކުދިންނާ ތަފާތު ކުރަން ޖެހޭތީއެވެ. ޚާއްޞަކޮށް މި ކުދިންނަށް ކިޔަވައިދޭއިރު ޑިފަރެންޝީއޭޓެޑް އިންސްޓްރަކްޝަން (ތަފާތުކޮށް ކިޔަވައިދިނުން) ފަދަ އުޞޫލުތައް ބޭނުންކުރުމަކީ މުދައްރިސުން ވެސް އަދި ބެލެނިވެރިން ވެސް ސަމާލުވާންޖެހޭ ކަންކަމެވެ.

މިއަދު މި ހުށަހަޅާލި ކަންކަމަކީ އޯޓިޒަމް ހުންނަ ކުދިންނަށް ކިޔަން ދަސްކޮށްދޭ އިރު ފާހަގަކުރެވޭނެ ދެތިން ކަމަކާ ބެހޭގޮތުންނެވެ. ދެން ލިޔާ ލިޔުމެއްގައި ޚާއްޞަކޮށް ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންގެ އުޞޫލުތަކާއި ގޮތްތަކަށް ބަރޯސާވެގެން އެކުދިންނަށް ކިޔަން ދަސްކޮށްދިނުމަށް އެހީތެރިވެދޭނެ ދެތިން މިސާލަކަށް އަލި އަޅުވާލާނަމެވެ.

އުއްމީދަކީ މިގޮތަށް ލިޔެވޭ ލިޔުންކޮޅުގައި ވާ ކަންކަމަކީ ތިއިން ކޮންމެ ބެލެނިވެރިއެއްގެ ވެސް ދަރިފުޅުގެ ކިބައިގައިވާ އެފަދަ ކަމެއް ފާހަގަކުރެވުމުން އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް ދެކި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ފަހަށް ނުޖެހި ތައްޔާރުވުމެވެ. އަދި ހަމަ އެހެންމެ، އެފަދަ ކަމެއް ފާހަގަކުރެވުމުން އެއީ ތިމާގެ ދަރިފުޅުގެ ހުރި އައިބެއް ނުވަތަ ނުކުޅެދުމެއް ގޮތުގައި ދެކުމަށްވުރެ، އެކަމަށް ކުރެވިދާނެ ކަންކަމަށް ސަމާލުވެ ތައްޔާރުވުމެވެ. އޯޓިޒަމްގެ އާންމު ޢިލުމީ ވިސްނުމަކީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެއް ކުއްޖެއްގެ ކިބައިގައި ހުންނަ ކަމަކީ ހުރިހާ ކުދިންގެ ފުށުން ނުފެނިދާނެ ނުވަތަ ތަފާތުކޮށް ފެނިދާނެ ކަމެއް ކަން ގަބޫލުކުރަންޖެހެއެވެ.

މިލިޔުމުގައިވެސް ވާ ހުރިހާ ކަމަކީ ކޮންމެހެން ހުރިހާ ކުދިންނަށް ދިމާވާ ކަންކަމަށް ނުވުންވެސް އެކަށީގެންވެއެވެ. ނަމަވެސް ބަޔާންކުރެވިދިޔަ ބާވަތުގެ ކަމެއް، ނިޝާނެއް ވެސް ނުވަތަ އާދައިގެ ޢަލާމާތެއް ފާހަގަކުރެވޭ ހިނދު ސީދާ ލޭބަލް ނުކޮށް ކުއްޖާގެ ކިބައިގައި ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށްގެން އެހީތެރިކަން ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބެލެނިވެރިން ހޭލައިތިބުމަކީ މުހިންމު ކަމެކެވެ.

ހަވާލާ ދޭ ފަރާތް

  • އަސްބަރގް، ޖޭ، ޑަލްގްރެން، އެސް، އަދި ސޭންޑްބަރގް، އޭ.ޑީ (2008). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ނުވަތަ އެޓެންޝަން ޑިސްއޯޑަރސް ހުންނަ ހައި ފަންކްޝަން ސްވިޑެން ކުދިންގެ ކިޔެވުމުގެ އަސާސީ ހުނަރު. ރިސާޗް އިން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް، 2(1)، 95-109.
  • ބްރައުން، އެޗް.އެމް، އޮރަމް-ކާޑީ، ޖޭ، އަދި ޖޯންސަން، އޭ (2013). އޯޓިޒަމް ސްޕެކްޓްރަމްގައި ހިމެނޭ ފަރުދުންގެ ކިޔެވުމުގެ ކޮމްޕްރެހެންޝަން ސްކިލްސްގެ މެޓާ އެނަލިސިސްއެއް. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 43، 932-955.
  • ފަރނަންޑޭސް، އެފް.ޑީ.އެމް، ޑެ ލާ ހިގުއެރާ އަމަޓޯ، ސީ.އޭ، ކާޑޯސޯ، ސީ، ނަވާސް، އޭ.އެލް.ޖީ.ޕީ، އަދި މޮލިނީ-އަވޭޖޯނާސް، ޑީ.އާރް (2016). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސްގައި ކިޔެވުން: ލިޓަރޭޗަރ ރިވިއުއެއް. ފޯލިއާ ފޮނިއަޓްރިކާ އެޓް ލޮގޯޕެޑިކާ، 67(4)، 169-177.
  • ނަލީ، އޭ، ހީލީ، އޯ، ހޮލޯވޭ، ޖޭ، އަދި ލައިޑަން، އެޗް (2018). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް ހުންނަ ކުދިންގެ ކިޔެވުމުގެ ޤާބިލުކަމުގެ ތަޙުލީލެއް. ރިސާޗް އިން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރސް، 47، 14-25.
  • ނޭޝަން، ކޭ، ކްލާކް، ޕީ، ރައިޓް، ބީ، އަދި ވިލިއަމްސް، ސީ (2006). އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ކުދިންގެ ކިޔެވުމުގެ ޤާބިލުކަމުގެ އުސޫލުތައް. ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓަލް ޑިސްއޯޑަރސް، 36، 911-919.