ޔޫރަޕްގެ އެންމެ މުހިންމު ތިން ފިލްމް އެވޯޑު ލިބިފައިވައި އީރާންގެ ފިލްމް ޑިރެކްޓަރު ޖައުފަރު ޕަނާހީއަށް އަނެއްކާވެސް ހަ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އުމުރުން 66 އަހަރުގެ ޕަނާހީއަށް ވަނީ 2010 ގައިވެސް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ނަމަވެސް ދެ މަސް ފަހުން މިނިވަންކުރިއެވެ. އެއީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކޮށް، ކަފާލާތުގެ ދަށުންވެސްމެއެވެ. އޭނާއަށް ހުކުމް އިއްވީ 2009 ގެ މައްސަލަ ބޮޑު ރިޔާސީ އިންތިހާބާ ގުޅިގެން ހިންގި މުޒާހަރާތަކާ ބެހޭ ފިލްމެއް ހަދަން އުޅުމުގެ ތުހުމަތުގައެވެ. އެ ފަހަރު 20 އަހަރު ވަންދެން ފިލްމް ނުހެދުމަށާއި ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރިއެވެ. ހުކުމްގެ ބާކީ އޮތް ބަޔަށް ޕަނާހީ 2022 ގައި އަލުން ޖަލަށް ލިއެވެ. ނަމަވެސް ބައިނަލްއަގުވާމީ ޕްރެޝަރާއި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްކުރުމުން ހަތް މަސް ފަހުން ޖަލުން ދޫކޮށްލިއެވެ. އަދި ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދިނެވެ.
ފިލްމް ފަދަ ސަގާފީ އުފެއްދުންތައް އުފައްދާ ފަރާތްތައް ސަލާމަތްކުރަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ކޯލިޝަން ފޯ ފިލްމްމޭކާސް އެޓް ރިސްކް (އައި.ސީ.އެފް.އާރް)އިން މިހާރު ދަނީ އީރާނުން ޕަނާހީގެ މައްޗަށްކޮށްފައިވައި ހުކުމްތަކާއި އަޅައިފައިވައި ފިޔަވަޅުތައް އުވައިލުމަށް ގޮވައިލައި، ބައިނަލްއަގްވާމީ ޕެޓިޝަނަކަށް ސޮއި ހޯދަމުންނެވެ.
ޕަނާހީގެ މި ފަހަރުގެ ހަ އަހަރުގެ ޖަލު ހުކުމަކީ ވަކިވަކިން އިއްވި ދެ ހުކުމް އެއްކޮށްލުމެކެވެ. ފުރަތަމަ ހުކުމް އިއްވީ މި ދިޔަ އަހަރު ޑިސެމްބަރުގައެވެ. އެއީ އެއް އަހަރަށެވެ. އެންމެ ފަހު ހުކުމް އިއްވީ މި ދިޔަ މަހު ފަސް އަހަރާއި އެއް މަހަށެވެ.
ޖަލަށް ލުމުގެ ނުރައްކާ އޮތަސް އޭނާވަނީ މި ދިޔަ މާޗްގައި އެނބުރި އީރާނަށް ގޮސްފައެވެ.
"ކޮންމެ ހާލަތެއްގައިވެސް އެނބުރި އީރާނަށް ދާނަން،" މި ދިޔަ ޖެނުއަރީގައި ޕަނާހީ ބުނެފައިވެއެވެ.
އޭނާ މި ވަގުތު ހުރީ ކަފާލާތުގެ ދަށުން މިނިވަންކޮށެވެ.
އެނބުރި އީރާނަށް ދިޔުމަށްފަހު އޭނާ އާންމުންގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ މި މަހު ތިނެއްގައި ވެރިރަށް ތެހެރާންގައި ބޭއްވި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހަމީދު އަލީދޫސްތީގެ ޖަނާޒާގައެވެ.
މި ފަހަރު އޭނާއަށް ކުރިމަތިވެފައިވައި ކަންތައްތަކުގެ ތެރޭގައި އޭނާގެ އެސެޓްތައް ހިފެހެއްޓުމާއި ދެ އަހަރު ދުވަހަށް ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރުމާއި އަދި ދެ އަހަރު ދުވަހުގެ މުއްދަތަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުން ހިމެނެއެވެ.
އީރާނުގެ ރަސްމީ އިދާރާތަކުން އޭނާގެ ފިލްމުތައް ސިފަކުރަނީ އީރާނާ ދެކޮޅަށް ހިންގާ ޕްރޮޕެގަންޑާގެ ގޮތުގައެވެ. އޭނާގެ މަގުބޫލު ފިލްމްތަކުގެ ތެރެއިން ގިނަ ފިލްމްތަކެއްގައި ދައްކައިދެނީ އީރާންގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވެފައިވައި އިޖުތިމާއީ އަދި ގާނޫނީ ހުރަސްތަކެވެ.
ޕަނާހީގެ "އިޓް ވޯޒް ޖަސްޓް އެން އެކްސިޑެންޓަ"ށް ފްރާންސްގެ ކޭންގެ ޕާމް ޑޯއާއި "ޓެކްސީ"އަށް ޖަރުމަނުގެ ބާލިންގެ ގޯލްޑެން ބެއާ އަދި "ދަ ސާކްލަ"ށް އިޓަލީގެ ވެނިސްގެ ގޯލްޑެން ލަޔަން އެވޯޑުވަނީ ލިބިފައެވެ.



advertisment