Support Us

އެސްޓޯނިއާއާއި ރަޝިޔާ ގުޅޭ ނާވާ ކޯރު ހުރަސްކުރާ ތަން

ބޯޑަރު ބަންދުކުރަން ނިންމުމުން ހަނގުރާމައެއް ފަށައިނެކަމަށް ރަޝިޔާއިން އެސްޓޯނިއާއަށް އިންޒާރެއް

އަންނަ އަންގާރަ ދުވަހުން ފެށިގެން މަދުވެގެން ހަ މަހަށް ރަޝިޔާއާއި އެސްޓޯނިއާ ގުޅޭ ބޯޑަރު ބަންދުކުރަން އެސްޓޯނިއާއިން ނިންމުމުން ހަނގުރާމައެއް ފަށައިނެކަމަށް ރަޝިޔާއިން އެސްޓޯނިއާއަށް އިންޒާރު ދީފިއެވެ.

ރަޝިޔާގެ ހާރިޖީ ވުޒާރާއިން އިއްޔެވަނީ އެސްޓޯނިއާގެ ޝާރްޖޭ ދެއަފެއާޒް، މާރެކް އުހްތެގީ ހާޒިރުކޮށްފައެވެ.

ރަޝިޔާއިން އެސްޓޯނިއާގެ މައްޗަށް ތުހުމަތުކުރީ ޔޫކްރޭންގެ ޑްރޯންތަކުން ރަޝިޔާގެ އަމާޒުފަތްގަނޑުތަކަށް ހަމަލާދިނުމަށް އެސްޓޯނިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެސްޓޯނިއާއިން ދީފައިވައިކަމަށެވެ. މީގެ އިތުރުން ރަޝިޔާގެ އުޅަނދުފަހަރަށާއި ގޮވާން އުފުލުމަށާއި އަދި ރަޝިޔާ ބަހަށް އެސްޓޯނިއާއިން ހުރަސްއަޅަމުންދާކަމަށްވެސް ރަޝިޔާއިން ތުހުމަތުކުރިއެވެ.

"ރަޝިޔާ ރުޅިއަރުވައިލައި ކަހަލަ އަދި ނުހަނު ނުރައްކާތެރި މި ފަދަ އަމަލުތަކުގެ ސަބަބުން ރަޝިޔާއާއެކު ފާޅުކަން ބޮޑު ހަނގުރާމައެއް ފެށުމުގެ ތުންފަތްމައްޗަށް ގޮސްފައިވާކަން އެސްޓޯނިއާގެ ޑިޕްލޮމެޓަށް އަލުން ކިޔައިދިނިން،" ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

އެސްޓޯނިއާއިން ބޯޑަރު ބަންދުކުރާނެކަން އިއުލާނުކުރީ އެސްޓޯނިއާގެ ދިފާއީ ކުންފުންޏެއްގައި ރޯކޮށްލަން ރަޝިޔާއިން މަސައްކަތްކުރިކަމަށް ތުހުމަތުކޮށްފައެވެ. މި ކަމުގައި ބައިވެރިނުވާކަމަށް ރަޝިޔާއިން ބުންޏެވެ.

ޔޫކްރޭންގެ އަސްކަރީ ހަރަކާތްތަކާ ގުޅުވައި ރަޝިޔާއިންކުރި ތުހުމަތުތައް އެސްޓޯނިއާގެ ހާރިޖީ ވުޒާރާއިން ދޮގުކުރިއެވެ.

"އެސްޓޯނިއާގެ ފަސްގަނޑު އެހެން ގައުމެއްގެ އަސްކަރީ ހަރަކާތްތަކަށް ބޭނުންކުރުމުގެ ހުއްދައެއް އެސްޓޯނިއާއިން ދުވަހަކުވެސް ނުދޭ، އަދި ކުރިއަށް އޮތް ތަނުގައިވެސް ނުދޭނެ،" އެ ވުޒާރާއިން ބުންޏެވެ.

އެސްޓޯނިއާގެ ހާރިޖީ ވަޒީރު މާގުސް ސަހްކްނާ ރަޝިޔާގެ ތުހުމަތުތައް ސިފަކުރެއްވީ އަސާސެއް ނެތް ޕްރޮޕެގަންޑާގެ ގޮތުގައެވެ.

ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އިއްތިހާދު ނޭޓޯގެ އަމީން އާއްމު މާކް ރުއްތޭ ބުނީ ނޭޓޯއިންދަނީ މަޝްރަހު ބަދަލުވަމުންދާ ގޮތް ބަލަމުންކަމަށެވެ.

"އަހަރެމެންގެ ދިފާއާއި ހުރަސްއެޅުމުގެ ގާބިލުކަން އަބަދުވެސް ވަޒަންކުރަމުންދާނަން. އަދި ބޭނުންވާ ހާލަތްތަކުގައި ގެންނަންޖެހޭ ބަދަލުތައް ގެންނާނަން،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *