Support Us

ގައްޒާގެ ހާން ޔޫނިސް ޓައުންގެ މަގެއްގައި ނަރުދަމާ ފެން

ހަނގުރައިމައިގެ ސަބަބުން ގައްޒާގެ 99 ޕަސެންޓް ތަގައްޔަރުވެއްޖެ: ރިޕޯޓް

ހަނގުރައިމައިގެ ސަބަބުން ގައްޒާގެ 99 ޕަސެންޓް ތަގައްޔަރުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ދެ ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އޮކްސްފޭމާއި ކޮންފްލިކްޓް އެންޑް އެންވަޔަރަންމެންޓް އޮބްޒަވޭޓަރީ (ސީ.އީ.އޯ.ބީ.އެސް)އިން ނެރުނު އާ ރިޕޯޓެއްގައި ބުނާ ގޮތުގައި ގޮވާތަކެއްޗާއި އަލިފާނުގެ ހާދިސާތަކާއި އަދި ސުންނާފަތިވެފައިވައި އިމާރާތްތަކުގެ ސަބަބުން ގައްޒާގެ ވަޔާއި ބިން އަދި ފެންވަނީ ތަގައްޔަރުވެފައެވެ. މި ތަގައްޔަރުކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ދިރިއުޅުމަށް ނުރައްކާވާނެކަމަށް ރިޕޯޓުގައި އިންޒާރު ދީފައިވެއެވެ.

"ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ތެރޭގައި ތިމާވެށްޓަށް ދެމުންދާ އަސްކަރީ ހަމަލާތައްވެސް ހިމެނޭ. މިއީ މިހާރަށާއި ކުރިއަށް އޮތް ޖީލުތަކުގެ ދިރިއުޅުމަށް ނުރައްކާކުރާ ތިމާވެށީގެ ހަނގުރާމައިގެ ޖަރީމާތަކެއް،" މި ކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން އޮކްސްފޭމްގެ އިންޓަނޭޝަނަލް އެގްޒެކެޓިވް ޑިރެކްޓަރު އަމީތާބް ބެހާރް ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ތަގައްޔަރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބަރު މައުދަންތަކާއި ގޮވާތަކެތީގެ ބައިތަކާއި އެސްބެސްޓޯސް އަދި ނަޖިސް ފެން ތިމާވެށްޓަށް އެޅުން ހިމެނެއެވެ.

އދ.އިން އަންދާޒާކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މުޅި ގައްޒާގައި 61 މިލިއަން ޓަނުގެ ކުނިބުންޏާއި ގާފުނިވަނީ އުފެދިފައެވެ. އަދި ސާފުނުކުރާ ގާތްގަނޑަކަށް 40,000 ކޮޑި މީޓަރުގެ ނަޖިސް ފެން ކޮންމެ ދުވަހަކު މެޑިޓަރޭނިއަން ކަނޑަށް އެޅެމުންދެއެވެ.

މި ދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ދިޔައިރު ގައްޒާގެ ދަނޑުވެރިކަންކުރާ ބިމުގެ 87 ޕަސެންޓަށްވުރެ ބޮޑު ބަޔަކަށްވަނީ ގެއްލުންވެފައެވެ. އަދި ގެއްލުން ނުލިބި، ބޭނުންކުރެވޭ ގޮތަށް އޮތީ އެންމެ ތިން ޕަސެންޓް ބިމެވެ.

އިސްރާއީލުން ސުންނާފަތިކޮށްލައިފައިވައި ގައްޒާގެ ރަށްވެހިން ދިރިއުޅޭ ސަރަހައްދެއް

އޮކްސްފޭމުން އިންޒާރު ދިން ގޮތުގައި ތަގައްޔަރުވެފައިވާ ކާބޯތަކެއްޗާއި ބޯފެނާއި އަދި ތަގައްޔަރުވެފައިވާ ވައިގެ ސަބަބުން ގައްޒާގެ ރަށްވެހިންނަށް ސިއްހީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ.

އެ ޖަމިއްޔާއިންވަނީ މި ކަމާ ގުޅޭ ތިމާވެށީގެ މިނިވަން ތަހުގީގެއް ހިންގުމަށާއި ސާފުކުރުމުގެ އަވަސް މަސައްކަތްތަކެއް ފެށުމަށް ގޮވައިލައިފައެވެ. އަދި ތިމާވެށީގެ މާހިރުންނާއި ތަހުލީލުކުރަން ބޭނުންވާ މުހިންމު އާލާތްތައް ގައްޒާއަށް އެތެރެކުރުމުގެ ފުރުސަތު ދިނުމަށް އިސްރާއީލަށް އިލްތިމާސްކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *