އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ވާތު ތަނބިކަށީގެ ލިގަމެންޓް ކަނޑައިގެންދިއުމާ ގުޅިގެން ފުޓްބޯޅަ ކުޅުމާ މަސްތަކަކަށް ދުރަށް ދާން ޖެހިއްޖެއެވެ.
މި އަނިޔާ އޭނާއަށް ލިބުނީ ހުކުރު ދުވަހު ކޮލޯނާ ދެކޮޅަށް ބަޔާން މިއުނިކް 1-1 އިން އެއްވަރުވި މެޗުގައެވެ.
މި އަހަރުގެ ބެލޮން ޑޯ އިނާމު ލިބުނު ސްޓްރައިކަރަށް އަނިޔާވީ ކޮލޯންގެ ޑިފެންޑަރު ޔޯއެލް ޝްމިޑް އޭނާއަށްކުރި ޗެލެންޖަކާ ގުޅިގެންނެވެ. އަނިޔާވުމާ ގުޅިގެން 20 މިނެޓަށްފަހު ކޭން ދަނޑުން ފޭބިއެވެ.
ބަޔާނުން ހޮނިހިރު ދުވަހު ކަށަވަރުކޮށްދިން ގޮތުގައި ކޭންގެ ސާޖަރީ ކާމިޔާބެވެ.
"އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ މިހާރު އޭނާގެ ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިނެ،" ކްލަބުން ބުންޏެވެ.
ބަޔާންގެ ކޯޗު ވެންސަން ކޮމްޕެނީ ލަފާކުރާ ގޮތުގައި ކޭން ނުކުޅެ ހުންނަން ޖެހޭނީ ހަފުތާތަކަކަށްވުރެ ބޮޑަށް މަސްތަކަކަށެވެ. ނަމަވެސް ކްލަބުން އަދި އޭނާ އެނބުރި އަންނާނެ ވަކި ތާރީހެއް އިއުލާނެއްނުކުރެއެވެ.
ކޭންވަނީ މި އަނިޔާއާ ގުޅިގެން މާޔޫސްކަން ފާޅުކޮށްފައެވެ. ނަމަވެސް އެނބުރި އަންނާނެކަމުގެ ޔަގީންކަންވަނީ ދީފައެވެ.
"މި އަނިޔާ ލިބުމުން ވަރަށް ބޮޑަށް މާޔޫސްވި ނަމަވެސް އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މިއީ 2027 އަށް ކުރިމަތިލާއިރު ހިތްވަރާއި ކުރިއެރުން ދެއްކުމަށް ލިބޭ ފުރުސަތެއް. ސީޒަންގެ އެންމެ މުހިންމު ދަނޑިވަޅަށް އަހަރެން އެނބުރި އަންނާނީ ތާޒާކަމާއެކު ކުޅެން ތައްޔާރަށް!" އޭނާ ބުންޏެވެ.
މި އަނިޔާގެ ސަބަބުން އަންނަ އަހަރުގެ މާޗްގައި ނޯވޭއާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް މެޗަށް އިންގްލެންޑުންވަމުންދާ ތައްޔާރީތަކަށްވެސް އަސަރުކޮށްފައިނެއެވެ.
ކޭން 2023 ގައި ޓޮޓެންހަމް ހޮޓްސްޕާއިން ބަޔާނާ ގުޅުނު ފަހުންވަނީ ބަޔާނަށް ކުޅުނު 163 މެޗުގައި 156 ގޯލު ޖަހައިފައެވެ.



advertisment