Support Us

އިކޮނޮމީ ކްލާހުގައި 40 ގަޑިއިރު ހޭދަކުރެއްވި ރައީސެއްގެ ވާހަކަ

ޗައިނާއަށްކުރެއްވި 21 ގަޑިއިރުގެ ދަތުރާއި އެނބުރި މެކްސިކޯއަށްކުރެއްވި ހަމަ އެހާއިރުގެ ދަތުރުގައި އިކޮނޮމީ ކްލާހުގައި ވަޑައިގަތުމުން މެކްސިކޯގެ ރައީސް ކްލޯޑިއާ ޝައިންބައުމަށް މިހާރު ދަނީ ތައުރީފު އޮހެމުންނެވެ.

ޝެއިންބައުމަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިވަޑައިގަންނަމުން ދަނީ މި މަހު ޗައިނާގެ ޝެންޒެން ސިޓީގައި ބޭއްވި އޭޝިއާއާއި ޕެސިފިކް ގައުމުތަކުގެ އެންމެ އިސްވެރިންގެ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޫޕަރޭޝަން (އޭޕެކް) ސަމިޓަށް ޗައިނާއަށް މި ގޮތަށް ދަތުރުކުރެއްވުމުންނެވެ.

އުމުރުން 64 އަހަރުގެ ޝެއިންބައުމް މި ދިޔަ އާދީއްތަ ދުވަހު މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީން ޝެންޒެނަށް ދަތުރުކުރެއްވީ ޗައިނާ ސަދަން އެއާލައިންސްގެ ޝެޑިއުލް ފްލައިޓެއްގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އިންނެވީ އިކޮނޮމީ ކެބިންގެ މެދު ގޮނޑިއެއް ކަމަށްވާ 33ބީގައެވެ. އަދި އެނބުރި މެކްސިކޯއަށް ވަޑައިގަތުމުގެ ދަތުރާއެކު އޭނާވަނީ އިކޮނޮމީ ކްލާހުގައި ޖުމުލަ ގާތްގަނޑަކަށް 40 ގަޑިއިރު ހޭދަކުރައްވައިފައެވެ.

އޭނާގެ މި ނިންމެވުމާއެކު ޗައިނާގެ ސޯޝަލް މީޑިއާގައިވަނީ ބޮޑު ތައުރީފެއް އޭނާއަށް ލިބިވަޑައިގަންފައެވެ. ގިނަ ބަޔަކުވަނީ އޭނާގެ ދަތުރުގެ ސާދާ އިންތިޒާމުތައް، ދުނިޔޭގެ އެހެން ވެރިން ބޭނުންކުރައްވާ އަމިއްލަ ޖެޓްތަކާއި ސަރުކާރުގެ މަތިންދާބޯޓުތަކާ އަޅައިބަލައިފައެވެ.

"އަގުބޮޑު އަމިއްލަ ޖެޓްތަކަށް ނުވަތަ ރަސްމީ ދަތުރުތަކުގެ ހަރަދުތަކަށް އިސްރާފުކުރުމުގެ ބަދަލުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިގްތިސާދުކޮށް، އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް އެ ފައިސާ ބޭނުންކަން ކަށަވަރުކުރުމަކީ ތައުރީފު ހައްގު ކަމެއް،" ޗައިނާގެ ސޯޝަލް މީޑިއާ މަންސަ ވޭބޯގައި މީހަކު ލިޔެފައިވެއެވެ.

އެހެން މީހަކު ޝެއިންބައުމް ސިފަކުރީ "ބޭކާރު ކަންދެއްކުމާއި އިސްރާފަށް ނުރުހޭ، އަމަލީ ވިސްނުމެއްގެ މުފައްކިރެއް"ގެ ގޮތުގައެވެ. އަދި އެހެން މީހަކު ބުނީ ޝެއިންބައުމް ޗައިނާއަށް ވަޑައިގަތުން "އާ ތާޒާ ވައިރޯޅިއެއް ފަދަ"ކަމަށެވެ. ޝެއިންބައުމްގެ ދަތުރާ ބެހޭ މައުލޫމާތުތަކަށް ވޭބޯގައި 10 މިލިއަނަށްވުރެ ގިނަ ވިއުސްވަނީ ލިބިފައެވެ.

ދަތުރު ފެއްޓެވުމުގެ ކުރިން ޝެއިންބައުމް އަމިއްލައަށްވެސްވަނީ މިއީ ބުރަ ދަތުރެއްކަމަށް ގަބޫލުކުރައްވައިކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ "ދެ ދުވަހުގެ ދަތުރެއް"ކަމަށެވެ. އަދި ދެ ގައުމުގެ ގަޑި ތަފާތުކަމުން ދަތުރު ގޮންޖެހުމަކަށްވާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.

އޭނާގެ ނިންމެވުމުން ރަމްޒުކޮށްދެނީ މެކްސިކޯގެ ރައީސުން ހަރަދު ކުޑަކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތެވެ. އޭނާގެ ކުރިން ހުންނެވި ރައީސް އަންދްރޭސް މަނުއެލް ލޯޕޭޒް އޮބްރާދޯރުވަނީ 2023 ގައި އެ ގައުމުގެ ރިޔާސީ ބޮއިންގް 787 މަރުކާގެ މަތިންދާބޯޓު ގާތްގަނޑަކަށް 92 މިލިއަން ޑޮލަރު (1.42 ބިލިއަން ރުފިޔާ)އަށް ވިއްކައިލައްވައިފައެވެ. އޭނާގެ ސަރުކާރުން ޕްރޮމޯޓްކުރީ ރިޔާސީ ދަތުރުތަކުގެ އަގުބޮޑު އިންތިޒާމުތަކުގެ ބަދަލުގައި އާންމު ވިޔަފާރީގެ ދަތުރުތަކެވެ. ޝެއިންބައުމްވެސް ވަޑައިގަންނަވަނީ އެ ސިޔާސަތު ކުރިއަށް ގެންދަވަމުންނެވެ.

އިކޮނޮމީ ކްލާހުގެ މި ދަތުރުގެ ސަބަބުން ޝެއިންބައުމްގެ ފާހަގަކޮށްލެވޭ ކެރިއަރަށްވެސްވަނީ ސަމާލުކަން ލިބިވަޑައިގަންފައެވެ.

ސައިންސްގެ ދާއިރާއިން ތަމްރީންވެވަޑައިގަންފައިވައި ޝެއިންބައުމަކީ ހަކަތައާ ބެހޭ އިންޖިނިއަރިން ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވައިގެން ހުންނެވި އަންހެން ބޭފުޅެކެވެ. އޭނާވަނީ އދ.ގެ މޫސުމީ ބަދަލާ ބެހޭ، އިންޓަގަވަންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ)އާ ގުޅޭ ދިރާސާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެ އިދާރާއިންވަނީ އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލް ގޯއާއެކު 2007 ގެ ނޯބެލް ސުލްހައިގެ އިނާމު ހިއްސާކޮށްފައެވެ.

ޝެއިންބައުމް 2024 ގައިވަނީ މެކްސިކޯގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެވަޑައިގަންފައެވެ.

އޭނާ ޗައިނާއަށްކުރެއްވި ދަތުރަކީ ޑިޕްލޮމެޓިކް ގޮތުންވެސް މުހިންމު ދަތުރެކެވެ. ދަތުރުގައި އޭނާ މި ދިޔަ އަންގާރަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވިއެވެ. ދެ ލީޑަރުންވަނީ ވިޔަފާރިއާއި ޓެކްނޮލޮޖީއާއި ސައިންސް އަދި އެހެނިހެން ދާއިރާތަކުން މިހާރަށްވުރެ ވަރުގަދައަށް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވައިފައެވެ.

ޝެއިންބައުމް ސިފަކުރެއްވި ގޮތުގައި މި ދަތުރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބިވަޑައިގަތް ފުރުސަތެކެވެ.

"މި ދަތުރުން މެކްސިކޯއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ އާ ދައުރެއް ފެށިއްޖެ. މިއީ އެކުވެރިކަމުގެ ފުން ގުޅުމާއި ތަރައްގީއަށް އެއްބާރުލުން ދިނުމާއި ތަނަވަސްކަން ހިއްސާކުރާ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އޭނާއަށް ލޯބި ޖެހިފައިވައި ގިނަ ބަޔަކަށް އޭނާގެ ދަތުރުން ލިބިގެންދިޔައީ ތަފާތު މެސެޖެކެވެ. އެއީ، ރައީސަކަށް ބައިނަލްއަގުވާމީ މައިދާނުގައި ގައުމު ތަމްސީލުކުރެއްވޭނީ ކޮންމެހެން އަގުބޮޑު އަރާމު ދަތުރުތައްކުރައްވައިގެން ނޫންކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *