Support Us

ގައުމުގެ ކަންތައްތަކާ ނުބެހުމަށް އިސްރާއީލާއި އީރާނަށް ލުބްނާންގެ ރައީސް ގޮވައިލައްވައިފި

ލުބްނާންގެ ދެކުނު ސަރަހައްދުން ފޭބުމަށް އިސްރާއީލަށް ގޮވައިލައި، ލުބްނާންގެ ދާހިލީ ކަންތައްތަކާ ނުބެހުމަށް އީރާނަށް ލުބްނާންގެ ރައީސް ޖޯސެފް އައޫން ގޮވައިލައްވައިފިއެވެ.

އައޫން (ފޮޓޯ) މި ފަދައިން ގޮވައިލެއްވީ ލުބްނާންގެ 83 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ދެއްވި ހިތޯބެއްގައެވެ. އޭނާ ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރާއި އީރާނުން ހިޒްބުﷲއަށް ވާގިވެރިވުމުން ލުބްނާންގެ ދާހިލީ ކަންކަމަށް ބޭރުން ނުފޫޒު ފޯރާކަމަށެވެ.

"އިސްރާއީލުގެ އިސްތިއުމާރާއި އީރާނުން އަހަރެމެންގެ ދާހިލީ ކަންތައްތަކާ ބެހުމަކީ ލުބްނާނަށް ފުރިހަމަ ސިޔާދަތީ މިނިވަންކަން ލިބުމަށް އޮތް ވަކިނުކުރެވޭ، އަސާސީ ދެ ހުރަސް،" އައޫން ވިދާޅުވިއެވެ.

"ލުބްނާންގެ ފަސްގަނޑުން ކޮންމެ އިންޗިއަކުން ފައިބާ. ތިޔަ ދޭ ހަމަލާތައް ހުއްޓާލާ. އަދި އަހަރެމެންގެ އަސީރުން އަނބުރާ ހަވާލުކުރޭ،" އިސްރާއީލަށް އޭނާ ގޮވައިލެއްވިއެވެ.

ހިޒްބުﷲއިން އެ ޖަމާއަތުގެ ހަތިޔާރުތައް ލުބުނާންގެ ދައުލަތާ ހަވާލުކުރުމަށްވެސް އައޫން އިލްތިމާސްކުރެއްވިއެވެ.

"ދައުލަތުގެ ބާރުން ބޭރުގައި ހަތިޔާރު ގެންގުޅުނު ދައުރު ވަނީ ނިމިފައި،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހިޒްބުﷲއިންވަނީ އިސްރާއީލުގެ ހަމަލާތަކާއި އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރަން އެ ޖަމާއަތުގެ ހަތިޔާރުތަކަކީ މުހިންމު އެއްޗެއްކަމަށްބުނެފައެވެ. އީރާނުގެ މަދަދު ލިބޭ އެ ޖަމާއަތުންވަނީ ލުބްނާނާއި އިސްރާއީލާ ދެމެދު މި ދިޔަ ޖޫންގައި ގާއިމުކުރި އެއްބަސްވުމުގެ ދަށުން ހަތިޔާރުތައް ދޫކޮށްލަން އިންކާރުކޮށްފައެވެ.

އިސްރާއީލުން ބުނަމުންދަނީ ލުބްނާންގެ ދެކުނު ސަރަހައްދުގައި އެ ގައުމުގެ އަސްކަރިއްޔާ އޮތުމަކީ ސަލާމަތީ ބޭނުމަކަށްޓަކައިކުރާ ކަމެއްކަމަށެވެ. ހިޒްބުﷲއިން އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން އަލުން ވަރުގަދަކޮށް، އިސްރާއީލުގެ ސިފައިންނާއި އާންމުންނަށް ނުރައްކާކުރަމުންދާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ތުހުމަތުކޮށްފައެވެ.

އިސްރާއީލުގެ ފައުޖުތަކުން އިއްޔެވެސްވަނީ ލުބްނާންގެ ދެކުނު ސަރަހައްދަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންގޮސްފައެވެ. އެ ހަމަލާތައް އަމާޒުވެފައިވަނީ ނަބަތިއްޔާ، ބިންތު ޖުބައިލް އަދި މަރްޖައުޔޫންގެ ސަރަހައްދުތަކަށެވެ.

އެމެރިކާ މެދުވެރިވެގެން ޖޫންގައި ސޮއިކުރި އެއްބަސްވުމުގައި ހިޒްބުﷲއިން ހަތިޔާރުތައް ދޫކޮށްލުމަށާއި އިސްރާއީލުގެ ސިފައިން ލުބްނާނުން ފޭބުމަށާއި އަދި ލުބްނާންގެ ދެކުނު ސަރަހައްދުގައި ލުބްނާންގެ ސިފައިން ބޭތިއްބުމަށްވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް މިހާރުވަނީ ހުއްޓިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *