ގައްޒާގައި 2023 އިން ފެށިގެން ހިންގަމުންދާ ނަސްލުނައްތައިލުމުގެ އުދުވާނުގައި މަދުވެގެން 73,600 މީހުން ޝަހީދުވެފައިވާއިރު، އިސްރާއީލުން ދޭ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގެ ސަބަބުން ގައްޒާގެ އިމާރާތްތަކުގެ 82 ޕަސެންޓަށްވަނީ ގެއްލުންވެ، އޭގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިވެފައެވެ.
އިމާރާތްތަކުގެ ގާފުނިތަކުގެ ދަށުގައި އެތައް ހާސް ހަށިގަނޑެއް ތާށިވެފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އާއިލާތަކަށް ނުވަތަ ފަލަސްތީންގެ މަދަނީ ދިފާއުގެ ޓީމުތަކަށް އެ ހަށިތައް ނެގުމަކީ ވަރަށް ނުރައްކާތެރިކަމަކަށްވަނީވެފައެވެ.
މި ދިޔަ އަހަރު އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ގައްޒާގެ ބިމުގައި ފެތުރިފައިވާ ގާފުނިތަކުގެ ދަށުން ބައެއް ހަށިގަނޑުތައް ހޯދުމުގެ ފުރުސަތުވަނީ ލިބިފައެވެ. މަދަނީ ދިފާއުގެ ޓީމުތަކުން މިހާރުވަނީ ޖަބާލިޔާ ސިޓީގެ ރެފިއުޖީ ކޭމްޕާއި ބައިތު ލާހިޔާ ސިޓީގެ ތަންތަނުން 69 ރަށްވެހިންގެ ހަށިގަނޑުގެ ބައިތައް ހޯދައިފައެވެ.
ގިނަ އާއިލާތަކަކަށް، މި މަސައްކަތާއެކު، އަހަރުތަކެއް ވަންދެން ވީނުވީއެއް ނޭނގިފައި ތިބި ތިބުމަށްވަނީ ނިމުން އައިސްފައެވެ. އާއިލާތަކުގެ ތިމާގެ މީހުން ދިޔައީ ތަކުރާރުކޮށް މަދަނީ ދިފާއާ ގުޅައިގެން މައުލޫމާތު އޮޅުންފިލުވަމުންނެވެ. އެއީ ވެއްޓިފައިވައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވައި ހަށިތަކާ ހަމައަށް ވާސިލުވުމަށް ބަރު އާލާތްތަކާއި އެހެނިހެން ވަސީލަތްތައް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.
ގައްޒާގެ ބައެއް އާއިލާތަކަށް، އެ މީހުންގެ ލޯބިވާ އަހުލުވެރިން ފަސްދާނުލުމަށްކުރި ދިގު އިންތިޒާރު މިވަނީ ނިމުމަކަށް އައިސްފައެވެ.
އެންމެ ފަހުން ފަސްދާނުލި މީހުންގެ ތެރޭގައި މަހްމޫދު ނަބްހާންގެ އާއިލާގެ 17 މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި އޭނާގެ ހަތް ދަރިންނާއި ކާފަދަރިން ހިމެނެއެވެ. އިސްރާއީލުން 2023 ގެ އޮކްޓޫބަރުގައި ދިން ހަމަލާއެއްގައި އެ މީހުންގެ ގެ ހަލާކުވެ، އެ 17 މީހުން ޝަހީދުވީއެވެ. އެންމެ ހަގު ޝިކާރައަކަށްވީ ހަމަ އެންމެ 45 ދުވަސްވީ ތުއްތު ކުއްޖެކެވެ.

އުމުރުން 60 އަހަރުގެ ނަބްހާންވަނީ އެ މީހުންގެ ހަށިގަނޑުތައް ހޯދުމަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައެވެ.
"އެ އެންމެންނަކީވެސް ކުޑަކުދިން. އެ އެންމެންނަކީވެސް ލޯބިވާ އަހުލުވެރިން،" އޭނާ ބުންޏެވެ.
ހަށިގަނޑުތައް ހޯދުމުން ތަސައްލީއެއް ލިބުނަސް ވޭނީ ހަނދާންތައްވެސް އަލުން އާވެގެންދިޔައެވެ.
"އެ މީހުން އަލުން އަލަށް ޝަހީދުކޮށްލި ފަދަ އިހްސާސެއް ކުރެވޭ. ޒަހަމްތައް އަލުން އާވެއްޖެ. ނަމަވެސް ﷲ އަށް ހަމްދު ހުރި. މިހާރު އަހަރެމެންގެ ކުދިންގެ ކަށްވަޅުތައް އެ ކުދިންގެ އެއްބަނޑުއެއްބަފާ ކުދިންގެ ގާތުގައި މި ތަނުގައި ހުރިކަން އެނގޭ. އަދި އަހަރެމެންނަށް އެ ކުދިންގެ ގާތަށް ޒިޔާރަތްކުރެވޭނެ،" ނަބްހާން ބުންޏެވެ.
އުމުރުން 47 އަހަރުގެ ފާތިމާ އަލް-މަސްރީވެސްވަނީ އޭނާގެ ފިރިމީހާއާއި 18 އަހަރުގެ ފިރިހެން ދަރިފުޅު ފަސްދާނުލުމަށް ދެ އަހަރުގެ އިންތިޒާރެއްކޮށްފައެވެ. އެ މީހުން ޝަހީދުވީ 2024 ގެ އޮކްޓޫބަރުގައި އިސްރާއީލުން ދިން ހަމަލާއެއްގައެވެ. އެ މީހުންގެ ހަށިގަނޑުތައް އޮތީ ސުންނާފަތިވި އެ މީހުންގެ ގޭގެ ގާފުނިތައް ދަށުގައެވެ.

"ކޮންމެ މަހަކު، ކޮންމެ ދެ މަހަކުން، ބައެއް ފަހަރު ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ ދެ ހަފުތާއަކުން އަހަރެމެން މަދަނީ ދިފާއާ ގުޅައިގެން މައުލޫމާތު އޮޅުންފިލުވިން. މަދަނީ ދިފާއުން އަހަރެމެން ގާތުގައި ބުނީ ގެ ނެގުމަށް ބަރު އާލާތްތައް ބޭނުންވާކަމަށް. ސަބަބަކީ އެ މީހުންގެ ހަށިގަނޑުތައް މައްޗަށް ގިނަ ފަންގިފިލާތަކެއް ވެއްޓިފައިވާތީ،" ފާތިމާ ބުންޏެވެ.
ހަށިގަނޑުތައް ހޯދާ ޓީމުތަކަށް އެންމެ ފަހުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް ފެނުނެވެ. އަދި އޭނާގެ ދަރިފުޅުގެ މޮބައިލް ފޯނާއި އެހެނިހެން އަމިއްލަ ތަކެތިވެސްވަނީ ހޯދައިފައެވެ.
"ﷲއަށް ހަމްދު ހުރި. އަހަރެމެންނަށް އެ މީހުންގެ ހަށިގަނޑުގެ ބައިތަކާއި އެ މީހުންނާއެކު ވި ތަކެތި ފެނުނު،" ފާތިމާ ބުންޏެވެ.
އިސްރާ ޔުނިވާސިޓީގެ ލެކްޗަރާއެއްކަމަށްވާ ރާމިޒް ހައްސޫނާއަށް، އޭނާގެ ބޭބެ މުންތަސިރުގެ ހަށިގަނޑުގެ ބައިތައް ފެނުމުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ނޭނގުމުގެ އިންތިޒާރަށް ނިމުން އައެވެ. އޭނާގެ ބޭބެ ގެއްލުނީ 2024 ގެ ނޮވެމްބަރުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޖަބާލިޔާ ރެފިއުޖީ ކޭމްޕް އަސްކަރީ ގޮތުން ހިސާރުކުރިއިރުއެވެ.
މީހުން ސަލާމަތްކުރާ ފަރާތްތަކުން މުންތަސިރުގެ ހަށިގަނޑު ދެނެގަތީ އޭނާގެ އަތުކުރީ ގަޑިއާއި މިސްވާކަކާއި ދުއާ ފޮތަކާއި އޭނާގެ ދަތްތަކުގައި ހުރި ހާއްސަ ނިޝާންތަކަކުންނެވެ.

"އަހަރެން އަމިއްލައަކަށް އެ ހާލަތުގައި އޮތް ބޭބެއަށް ބަލާކަށްނުކެރުނު. ބޭބެކަން ކަށަވަރުކުރުމުގެ ކަންތައް އަހަރެން ހަވާލުކުރީ އަހަރެންގެ ފިރިހެން ކޮއްކޮއާ،" ހައްސޫނާ ބުންޏެވެ.
މަދަނީ ދިފާއުން ލަފާކުރާ ގޮތުގައި ގައްޒާގެ ގާފުނިތަކުގެ ދަށުގައި 8,000 އަށްވުރެ ގިނަ ހަށިގަނޑު އަދިވެސް އެބަ އޮތެވެ. އަދި 10,000 އަށްވުރެ ގިނަ ރަށްވެހިން ގެއްލިފައިވާއިރު، މީގެ ތެރޭގައި އެހެނިހެން ސަބަބުތަކާހުރެ ވީނުވީއެއް ނޭނގިފައިވައި މީހުންވެސް ހިމެނެއެވެ.
އާލާތްތައް މަދުވުމާއި އިސްރާއީލުން ކުރިއަށްގެންދާ ހިސާރުގެ ސަބަބުން ހަށިގަނޑުތައް ހޯދުމުގެ މަސައްކަތަށްވަނީ ހުރަސްއެޅިފައެވެ. ގިނަ ޓީމުތަކުން އަދިވެސް ބަރޯސާވަނީ އަތުން ކޮނުމުގެ މަސައްކަތަށެވެ.
އެތައް ހާސް އާއިލާއަކަށް، އެ މީހުންގެ ލޯބިވާ އަހުލުވެރިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ފަހުގެ ފަސްދާނުލުންތަކުން، ބައެއް އާއިލާތަކަށް ކުރިމަތިވި ސުވާލުތަކަށް ޖަވާބު ލިބުނަސް އަދިވެސް ގިނަ ބަޔަކު ތިބީ އެ މީހުންގެ ވީނުވީއެއް ނޭނގޭ ލޯބިވާ އަދި ގާތް މީހުންނަށް އަލްވަދާއު ކިޔުމުގެ ފުރުސަތަށް އިންތިޒާރުކޮށްގެންނެވެ.



advertisment