އިސްތިއުފާދެއްވައި ފިއްލަވައިގެން އިންޑިއާގައި މިހާރު ހުންނެވި ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަޕޯޓަރުން އިންތިގާލީ ރައީސް މުހައްމަދު ޔޫނުސްގެ ގަދީމީ އާއިލީ ގޭގައި ހުޅުޖަހައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ހަސީނާގެ ސަޕޯޓަރުން ރޭ މި ކަންކުރީ އޭނާ އެނބުރި ބަނގްލަދޭޝަށް ވަޑައިގަތުމަށްކުރައްވަމުންދާ މަސައްކަތަށް އިންތިގާލީ ސަރުކާރުން ހުރަސްއެޅުމުން ގައުމު ހުއްޓުމަކަށް ގެނައުމަށެވެ. މިއަދުގެ ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ ދެ މެންބަރުން މަރުވިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންވަނީ ހަތް ޑިސްޓްރިކްޓެއްގައި ބޯޑަރު ގާޑުގެ 97 ޕްލެޓޫން ހަރަކާތްތެރިކުރުވައިފައެވެ. ރަސްމީ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 28 ޑިސްޓްރިކްޓެއްގައި ގޭގައި ގެންގުޅޭ ސާމާނުން ހަދައިފައިވައި ބޮން ގޮއްވުމާއި ރޯކޮށްލުމުގެ ހަމަލާތައް ދީފައިވެއެވެ. އަދި ނޮވެމްބަރު 10 ގެ ފަހުން، ސަރުކާރުގެ 10 ޕަސެންޓް ހިއްސާ އޮންނަ ގްރާމީން ބޭންކުގެ މަދުވެގެން 37 އޮފީހަކަށްވަނީ ހަމަލާތައް ދީފައެވެ.
ހަސީނާގެ، މިހާރު މަނާކޮށްފައިވައި އަވާމީ ލީގު ޕާޓީއާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން އެކުވެރިވެ، ގުޅިގެން މަސައްކަތްކުރުމަށް ބޮޑުވަޒީރު ތޯރިގު ރަހްމާން އިލްތިމާސްކުރެއްވިއެވެ.
"މި ޓެރަރިސްޓުން (އަވާމީ ލީގުގެ އެކްޓިވިސްޓުން)ވަނީ އަނެއްކާވެސް ގައުމާއި ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގައިފައި،" އޭނާ ވިދާޅުވިއެވެ.
އަވާމީ ލީގުން ގައުމު ހުއްޓުމަކަށް ގެންނަން މަސައްކަތްކުރަމުންދަނީ ހަސީނާ އަންނަ މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ބޭނުންވެވަޑައިގަންނަވައި އާ އައިޑެންޓިޓީ ކާޑާއި ޕާސްޕޯޓާއި ދަތުރުކުރުމާ ގުޅޭ ރަސްމީ ލިޔެކިޔުންތައް ހަސީނާއަށް ދޭން ބަނގްލަދޭޝުން ދެކޮޅުހެދުމުންނެވެ. މި ލިޔެކިޔުންތައް ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ބާތިލުކުރީ ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމުންނެވެ.
ގައުމަށް އެނބުރި ވަޑައިގަންފިނަމަ ޖަލަށް ލައިނެކަމަށް ބަނގްލަދޭޝުންވަނީ ހަސީނާއަށް އަންގައިފައެވެ. ހަސީނާ ވިދާޅުވީ އެ ކަމާ ކަންބޮޑުވެވަޑައިނުގަންނަވައިކަމަށެވެ.
ހަސީނާގެ ވެރިކަން ވެއްޓުނު 2024 ގެ ދަރިވަރުންގެ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ނުރައްކާތެރި ހަރަކާތްތަކާ ގުޅިގެން ބަނގްލަދޭޝްގެ ޓްރައިބިއުނަލަކުން މިދިޔަ އަހަރު އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމާ ހަސީނާވަނީ ދެކޮޅުހައްދަވައިފައެވެ. މުޒާހިރީންގެ ގަޔަށް ބަޑިޖަހަން އަމުރުކުރެއްވިކަމަށް އޭނާވަނީ އިންކާރުކުރައްވައިފައެވެ. އދ.އިން ލަފާކުރާ ގޮތުގައި ދަރިވަރުންގެ މުޒާހަރާތައް ރޫޅައިލުމަށް ހިންގި ހަރަކާތްތަކުގައި ގާތްގަނޑަކަށް 1،400 މީހުން މަރުވިއެވެ.
"އަހަރެންގެ އަމިއްލަ ގައުމަށް އެނބުރި ދިއުމަށް ބޭރުގެ ބާރެއްގެ ރުހުމެއް ބޭނުމެއް ނުވޭ،" އެސޯސިއޭޓަޑް ޕްރެސްއަށް ހަސީނާ ވިދާޅުވިއެވެ.



advertisment