Support Us

ގައުމީ ސަލާމަތަށްކަމަށް ބުނެ އިރާގާއި އުރުދުނުން ޓެލެގްރާމް މަނާކޮށްފި

ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިވެފައިވައިކަމަށް ބުނެ އިރާގާއި އުރުދުނުން، މެސެޖްކުރާ އެޕެއްކަމަށްވާ ޓެލެގްރާމް ބްލޮކްކޮށްލައިފިއެވެ.

ދެ ގައުމުންވެސް ތުހުމަތުކުރީ ޓެލެގްރާމަކީ ހަރުކަށި ފިކުރުގެ ކޮންޓެންޓާއި ގާނޫނާ ހިލާފު ހަރަކާތްތަކަށް ޖާގަ ދޭ މަންސައެއްކަމަށެވެ.

އުރުދުންގައި ގައުމީ ފެންވަރުގައި ގާނޫނު ތަންފީޒުކުރާ، އަދި ދާހިލީ ސަލާމަތް ބަލަހައްޓާ، ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓްރޭޓުން މުޅި ގައުމަށް ޓެލެގްރާމް މަނާކުރީ ހޯމަ ދުވަހުއެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ފިޔަވަޅުގެ އަމާޒަކީ ޑިޖިޓަލް ސަލާމަތްތެރިކަން ވަރުގަދަކުރުމާއި ހަރުކަށި ފިކުރާއި ސައިބާ ކުށްތަކާއި ބިރުދެއްކުމާއި ބްލެކްމެއިލްކުރުން ހުއްޓުވުމެވެ. މި ނިންމުން ނިންމައިފައިވަނީ މި ދިޔަ މަހު 23 ގައި ނަސޯރާ ފައްޅިއަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި ނުވަ މީހުން މަރުވެ، 30 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.

އިރާގުގެ މުވާސަލާތާއި މީޑިއާއާ ބެހޭ ކޮމިޝަން، ކޮމިއުނިކޭޝަންސް އެންޑް މީޑިއާ ކޮމިޝަނުން، އުރުދުން ފަދައިން ހަމަ ހޯމަ ދުވަހު ޓެލެގްރާމް މަނާކުރަމުން ޓެލެގްރާމަށް ތުހުމަތުކުރީ ގާނޫނާ ހިލާފު މައުލޫމާތު ފުހެލަން ޓެލެގްރާމުން ފޭލިވިކަމަށާއި އިރާގުގެ ގަވާއިދުތަކަށް އަމަލުކުރުމުގައިވެސް ޓެލެގްރާމް ނާކާމިޔާބުވެފައިވާކަމަށެވެ. މި ކަންތައްތައް އިސްލާހުކުރުމަށް ކޮމިޝަނުންވަނީ ޓެލެގްރާމް ހިންގާ ކުންފުންޏަށް އެއް މަހުގެ މުއްދަތެއް ދީފައެވެ.

ޓެލެގްރާމުން ބުނީ ޓެރަރިޒަމާ ދެކޮޅަށް ޓެލެގްރާމުންކުރާ ފުޅާ މަސައްކަތްތަކަކީ އާންމުކޮށް އެނގެން ހުރި ކަންތައްތަކެއްކަމަށެވެ.

"އަދި އެއީ ޓެލެގްރާމް ބޭނުންކުރާ ބިލިއަނަކަށްވުރެ ގިނަ މީހުން ރައްކާތެރިކުރުމަށްޓަކައި ގާނޫނީ ޝަރުތުތަކަށްވުރެ މާ ފުޅާކޮށް އަހަރެމެންކުރާ މަސައްކަތެއް،" އެ ކުންފުނީގެ ތަރުޖަމާނަކު އަރަބް ނިއުސަށް ބުންޏެވެ.

"ފައްޅިއަށް ދިން ހަމަލާއާ ޓެލެގްރާމާ ގުޅުމެއް އޮތްކަން ދައްކުވައިދޭ އެއްވެސް ހެއްކެތް ނެތް،" އޭނާ އިތުރަށް ބުންޏެވެ.

ސްޕެއިންގެ އާބަން ސަރަހައްދުގެ މަދަނީ ފުލުހުންގެ ކުރީގެ ކޮމިޝަނަރެއްކަމަށްވާ މާރްސިއާލް ޕީރިޒް ބުނީ އެންމެ މަންސައެއް މަނާކުރުމަކުން ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި މީހުން ބައިވެރިކުރުވުން ނުހުއްޓުވޭނެކަމަށެވެ.

"މިއަދު، މިސާލަކަށް، ގޭމިން ކޮމިއުނިޓީތައް މެދުވެރިކޮށް ވަރަށް ޒުވާން ކުދިން ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި ބައިވެރިކުރުވަމުން ދޭ. އެ މަންސަތައް ބަންދެއް ނުކުރެވޭނެ،" އޭނާ އަރަބް ނިއުސަށް ބުންޏެވެ.

އިރާގާއި އުރުދުނުން ޓެލެގްރާމް މަނާކުރުމާ ގުޅިގެން ގައުމީ ސަލާމަތާއި އޮންލައިން ޕްރައިވަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާމެދުކުރެވޭ ބަހުސް އަލުންވަނީ އާވެގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *