Support Us

ޔޫކްރެއިން ހަނގުރައިމައިގައި ބައިވެރިވަމުންދާ ރަޝިޔާގެ ސިފައިންތަކެއް

ޔޫކްރެއިން ހަނގުރައިމައިގައި މިހާތަނަށް ރަޝިޔާގެ ބައި މިލިއަނެއްހާ މީހުން މަރު

ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން 2022 ގައި ފެށި ހަނގުރައިމައިގައި މިހާތަނަށް ރަޝިޔާގެ ބައި މިލިއަނެއްހާ މީހުން މަރުވެއްޖެކަން ހާމަވެއްޖެއެވެ.

ރަޝިޔާގެ ތަފާސް ހިސާބު ބަލަހައްޓާ އިދާރާ ރޮސްސްޓާޓުން ލީކުވި ރެކޯޑުތަކުން ދައްކައި ގޮތުގައި ހަތަރު އަހަރުވީ ހަނގުރައިމައިގައި 450,000 އަށްވުރެ ގިނަ ރަޝިޔާ ރައްޔިތުންވަނީ މަރުވެފައެވެ.

މި ރެކޯޑުތަކުގައި ހިމެނެނީ މި ދިޔަ އޯގަސްޓްގެ ނިޔަލަށް މަރުވި މީހުންގެ މައުލޫމާތެވެ.

މި މި މައުލޫމާތު ހޯދައިފައިވަނީ ބެލަރޫސްގެ ހެކިން ގްރޫޕެއްކަމަށްވާ ބެލަރޫސިއަން ސައިބާ ޕާޓިސަންސްއާއި ޔޫކްރެއިންގެ ސައިލެންޓް ކްރޯ ގުޅިގެންނެވެ.

މަރުވި މީހުންގެ މި އަދަދުތަކުގެ ތެރޭގައި 151 ގައުމަކުން ރަޝިޔާގެ ސިފައިންނާ ގުޅުނު 4,000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އޭގެ ތެރެއިން ބައެއް މީހުން އަމިއްލައަށް ހަނގުރާމައާ ގުޅުނުއިރު، މަކަރާއި އޮޅުވައިލުމާއި މަޖުބޫރުކުރުން ނުވަތަ އިންސާނީ ވަގުފާރީގެ ދަންތުރައިގައި ޖެހިގެން ބައެއް މީހުން ގުޅިފައިވައިކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ބިދޭސީ ހަނގުރާމަވެރިން ރަޝިޔާގެ އަސްކަރިއްޔާއާ ގުޅުނީ އަމިއްލަ އިހްތިޔާރުގައިކަމަށެވެ.

ފައިނޭންޝަލް ޓައިމްސުން ހެދި އަންދާޒާއަކުން ދައްކައި ގޮތުގައި މަރުވާ މީހުން ރެޖިސްޓްރީކުރުން ލަސްވިޔަސް މި ދިޔަ އޯގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް މަރުވި މީހުންގެ ޖުމުލަ އަދަދު ގާތްގަނޑަކަށް 550,000 އަށް އަރައިފައިވުން އެކަށީގެންވެއެވެ. ސެޕްޓެމްބަރު 2022 ގެ ފަހުން ރަޝިޔާއިން އެ ގައުމުގެ އަސްކަރިއްޔާގެ މަރުގެ ރަސްމީ އަދަދުތަކެއް ޝާއިއުކޮށްފައެއްނުވެއެވެ.

ޔޫކްރެއިން ހަނގުރައިމައިގައި މަރުވި މީހުންގެ މި އަދަދުތަކާމެދު އަދިވެސް ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. ރޮސްސްޓާޓުންވަނީ ހެކަރުން އެ އެޖެންސީގެ ޑޭޓާބޭސްތަކަށް ވަދެ، ރައްކާތެރިކޮށްފައިވައި މައުލޫމާތު ލީކުކޮށްލިކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ. ނަމަވެސް މި ދިޔަ މަހު 29 އާއި މި މަހު އެކަކާ ދޭތެރޭ އެ އެޖެންސީއަށް ސައިބާ ހަމަލާތަކެއް ކުރިމަތިވިކަން އެ އެޖެންސީން ކަށަވަރުކޮށްދިނެވެ.

ބައިނަލްއަގުވާމީ ގުޅުންތަކާއި ސަލާމަތީ ކަންތައްތައް ދިރާސާކުރާ ޖަރުމަނުގެ ތިންކް ޓޭންކް، އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް އެންޑް ސެކިއުރިޓީ އެފެއާޒްގެ ރަޝިޔާއާ ބެހޭ ތަޖުރިބާކާރު ޔާނިސް ކްލޫގެ ބުނީ ލީކުވި ރޮސްސްޓާޓް ޑޭޓާބޭސްއަކީ ސައްހަ ޑޭޓާބޭސެއްކަމާމެދު މިހާރު އެއްވެސް ޝައްކެއް ނެތްކަމަށެވެ.

"މި ފަދަ ހައިރާންކުރަނިވި މިންވަރަކަށް އާބާދީ ގެއްލެމުންދާއިރު ރަޝިޔާ މި ހަނގުރައިމައިން ކާމިޔާބު ހޯދަމުންދާކަމަކަށް ނުބުނެވޭނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *