Support Us

ކ-ވ: ރަޝިޔާގެ ރައީސް ވްލަޑިމީއަ ޕޫޓިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް، ޝީ އަދި ޕޫޓިން ތާރީހީ ތިން ފަރާތުގެ ސަމިޓެއް ބާއްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިޔާގެ ރައީސް ވްލަޑިމީއަ ޕޫޓިން، ތިން ބޭފުޅުންގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަވަން ހަމަޖައްސަވައިފިއެވެ.

މި ތާރީހީ ބައްދަލުކުރެއްވުން ބާއްވަވަނީ ޗައިނާގެ ޝެންޒެން ސިޓީގައެވެ. ބައްދަލުވުން އޮންނާނީ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓާ އެކުއެކީގައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ބުނީ ނިއުކްލިއަ ހަތިޔާރު މަދުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ޓްރަމްޕް ބޭނުންވެވަޑައިގަންނަވާކަމަށެވެ.

"އެހެނިހެން މައުލޫތައް ހިމެނޭ ގޮތަށް، ދުނިޔޭގައި ނިއުކްލިއަ ހަތިޔާރު މަދުކުރުމާމެދު ރައީސް މަޝްވަރާކުރައްވާނެކަންވަނީ ސާފުކޮށްދެއްވައިފައި. ނިއުކްލިއަ ހަތިޔާރު އިތުރުވަމުންދިއުމަކީ، ރައީސް ޓްރަމްޕް ގަބޫލުކުރައްވައި ގޮތުގައި ވަރަށް ނުރައްކާތެރި ކަމެއް،" ވޭލްސް ބުންޏެވެ.

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުންކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވުމަށް ޓްރަމްޕް ރާއްވަވައެވެ. އެހެންނަމަވެސް ތިން ލީޑަރުން ނިއުކްލިއަ ހަތިޔާރާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އަންނާނެކަމަށް އެމެރިކާއިން އުއްމީދުނުކުރާކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ބުންޏެވެ.

މި ބައްދަލުވުން އޮންނަނީ އެމެރިކާއާއި ރަޝިޔާއާ ދެމެދުވެފައިވާ، ނިއުކްލިއަ ހަތިޔާރު މަދުކުރުމާ ގުޅޭ، އާ ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ (އެސް.ޓީ.އޭ.އާރް.ޓީ) މުއާހަދާގެ މުއްދަތު މި ދިޔަ ފެބްރުއަރީގައި ހަމަވުމަށްފަހުއެވެ. ޓްރަމްޕް ބޭނުންވެވަޑައިގަންނަވަނީ ޗައިނާވެސް ހިމެނޭ ގޮތަށް އާ އެއްބަސްވުމެއް އެކުލަވައިލެއްވުމަށެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ދިމީތްރީ ޕެސްކޯވް މި ބައްދަލުވުން ސިފަކުރީ "އިންތިހާއަށް ފާހަގަކުރެވޭ" ބައްދަލުވުމެއްގެ ގޮތުގައެވެ. ނަމަވެސް ޔޫކްރެއިންގެ ބައިވެރިވުމެއް ނެތި، ތިން ލީޑަރުން ޔޫކްރެއިންގެ ކުރިމަގާމެދު މަޝްވަރާކުރައްވައިފައިނެތީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީއަ ޒެލެންސްކީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ވައިޓް ހައުސުން ބުނީ މި ބައްދަލުވުމުގައި، ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަންކުރަމުންދާ ހަތަރު އަހަރުވީ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ޓްރަމްޕް ރާއްވަވައިފައިނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް