ޙަޤީޤީ ޤައުމީ ތަރައްޤީ ޙާސިލުކުރެވޭނީ އުމްރާނީ ތަރައްޤީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެންކަން ފާހަގަކުރައްވައި، އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ، އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ޠާހިރުވެފައިވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށް ގެންދަވާ "އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.
އެތައް ހާސް ބަޔަކާއެކު މާފަންނު ޓްރެކް ސަރަޙައްދުގައި މިރޭ ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވަމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާޠަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ޤައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްޤީގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގައެވެ. އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ޤައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާޤީ ގޮތުން ރައްޔިތުން ޠާހިރުކުރުންކަން ފާހަގަކުރައްވާ، މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ޠާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ދިވެހީންގެ ފަޚުރުވެރި މާޒީއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަޚްލާޤާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، މި މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތަށް ދިރުންގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ދިރުން އެދެމުން ދިވެހިވަންތަކަމަށް ތަހުޒީބު މުސްތަޤުބަލެއް ކުރަހައި ތަންފީޒުކުރަމުން މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން މިރޭ ފެށިގެން ދިޔައީ އިޙްތިރާމުކުރުމުގެ ޤައުމީ މަޝްރޫޢު ކަމަށެވެ.
އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯވެސް މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގޭއިރު، އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ– މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް، މިރޭ ރަސްމީކޮށް އިފްތިތާޙުކުރެވުނު މި މަޝްރޫޢުގެ ކަންކަން ބަލަހައްޓާނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ.



advertisment