އިނގިރޭސި ވިލާތުގެ ކޮމެޑިއަން އަދި އެކްޓަރު ރަސަލް ބްރޭންޑްގެ މައްޗަށް ރޭޕްކުރުމާއި ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 10 އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފައިވަނިކޮށް އިތުރު ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
ވެރިރަށް ލަންޑަންގެ ކޯޓަކުން އުމުރުން 51 އަހަރުގެ ބްރޭންޑް (ފޮޓޯ) ޖަލަށް ލުމަށް ހުކުމްކުރީ މި ދިޔަ ހޯމަ ދުވަހުއެވެ.
ލަންޑަންގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ އިތުރު މައުލޫމާތާއި ޖިނާއީ ތުހުމަތުތަކާއެކު އެތައް ބަޔަކު ތަހުގީގުކުރާ ފަރާތްތަކާ ގުޅަމުންދާ ކަމަށެވެ. ފުލުހުން ދަނީ މި ރިޕޯޓުތައް ވަޒަންކުރަމުންނެވެ. އިންވެސްޓިގޭޓަރުން ދަނީ ރޭޕްގެ އިތުރު ދެ ތުހުމަތެއްވެސް ތަހުގީގުކުރަމުންނެވެ. އަދި އެ މައްސަލަތަކުގެ ފައިލްތައްވަނީ ޕްރޮސެކިއުޓަރުންނަށް ހުށަހަޅައިފައެވެ.
"އަހަރެމެންގެ މަސައްކަތެއް އަދި ނުނިމޭ،" ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް އެންޑީ ފާފީ ބުންޏެވެ.
އަނިޔާ ލިބިފައިވައި އިތުރު މީހުން ފުލުހުންނަށް ގުޅުމަށް އޭނާ އިލްތިމާސްކުރިއެވެ.
ހޯމަ ދުވަހު ޖޫރީންވަނީ 2004 އާއި 2009 އާ ދޭތެރޭ އަންހެނަކު ރޭޕްކުރުމާއި އިތުރު ތިން އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ބްރޭންޑްގެ މައްޗަށް ސާބިތުވެފައިވައިކަމަށް ނިންމައިފައެވެ. އޭނާވަނީ މި އެންމެހައި ދައުވާތަކަށް އިންކާރުކޮށްފައެވެ. ޖޫރީންވަނީ ރޭޕްގެ އިތުރު ދެ ދައުވާއަކުންނާއި ޖިންސީ އަނިޔާގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއިން ބްރޭންޑް ބަރީއަކޮށްފައެވެ.
އޭނާގެ ކުރީގެ ލޯބިވެރިޔާ، ސްކްރީން ރައިޓަރު ޖެމައިމާ ގޯލްޑްސްމިތުވެސްވަނީ ބްރޭންޑްގެ މައްޗަށް "އަނިޔާވެރިކަމާއި މަޖުބޫރުކޮށްގެން ކޮންޓްރޯލްކުރުމާއި އެބިއުސް"ގެ ތުހުމަތުކޮށްފައެވެ.
"އާހިރުގައި ރަސަލް ބްރޭންޑް އިންސާފާ ކުރިމަތިލާންޖެހުމުން އަހަރެން އުފާކޮށް، އަހަރެންނަށް ހަމަޖެހުން ލިބިއްޖެ،" ގޯލްޑްސްމިތު ބުންޏެވެ.
މީހުން މެރުމުގެ ކުށުގައި އުމުރަށް ޖަލަށް ލައިފައިވައި އުމުރުން 35 އަހަރުގެ ޑްރިލް ރެޕް ލަވަކިޔުންތެރިޔާ ޓާންގޫ އަގަރާ ނުވަތަ އާއްމު ނަމުން "މޫވާ"ވަނީ ލަންޑަންގައި ބްރޭންޑްވެސް ލައިފައިވައި ޖަލުކަމަށްވައި އެޗް.އެމް.ޕީ ވޮންޑްސްވަތުގެ ގޮޅީގައި ހުރެގެން ސްނެޕްޗެޓް މެދުވެރިކޮށް ގާނޫނާ ހިލާފު ފޮޓޯއަކާއެކު ބްރޭންޑަށް ނާމާން އިންޒާރެއް ދީފައެވެ.
މަސްދަރުތަކުން ބުނަނީ ބްރޭންޑް ޖަލުގައި އުޅެނީ ވަރަށް އެކަނިއެކަނިކަމަށެވެ.



advertisment