ސްޕެއިންގެ ދެވަނަ ޑިވިޝަންގެ މެޗެއްގައި ގޯލްކީޕަރާއި ފޯވާޑް މުޑިއަރައި، ފޯވާޑް މަރުވި މައްސަލައިގައި ގޯލްކީޕަރު 12 މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ސްޕެއިންގެ ފުޓްބޯޅައާ ބެހޭ ރަސްމީ އިދާރާތަކުން މި ގޮތަށް ނިންމީ، ތެނެރީފޭގެ އުމުރުން 30 އަހަރުގެ ފޯވާޑް ހޭސޫސް ދެ މިގޭލް މަރުވުމަށް މެދުވެރިވި މުޑިއެރުމާ ގުޅިގެން އެފްސީ އަންދޯރާގެ އުމުރުން 25 އަހަރުގެ ގޯލްކީޕަރު ހޭސޫސް އޮވޯނޯގެ މައްޗަށެވެ.
މި ހާދިސާ ހިނގައިފައިވަނީ މި މަހު ދޭއްގައެވެ. އޮވޯނޯ ދެ މިގޭލާ މުޑިއެރީ މަތިން އައި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ. ރެފްރީވަނީ އޮވޯނޯއަށް ރަތް ކާޑު ދައްކައިފައެވެ. ދެ މިގޭލް މަރުވީ ޖެހިގެން އައި ދުވަހު ހޮސްޕިޓަލުގައި އޮއްވައި ހިތް ހުއްޓިގެންނެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީން ދެވޭ އެންމެ ބޮޑު ސަސްޕެންޝަން އޮވޯނޯއަށް ދިނީ މި ދިޔަ ހުކުރު ދުވަހުއެވެ. އެ ކޮމިޓީން ބުނީ އޮވޯނޯވަނީ ދެ މިގޭލްގެ މޭމަތީގައި އާދަޔާ ހިލާފަށް ބާރަށް ޖެހިފައިކަމަށެވެ. މި ހާދިސާގެ ނަތީޖާއެއްގެ ގޮތުން ކުޅުންތެރިއަކު މަރުވުމުން، އެންމެ ބޮޑު އަދަބު ދިނުން ހައްގުވާކަމަށް ކޮމިޓީން ބުންޏެވެ.
އޮވޯނޯ ބުނީ ދެ މިގޭލް މަރުވި ހާދިސާއާ ގުޅިގެން އިންތިހާއަށް ހިތާމަކުރާކަމަށެވެ.
"ހޭސޫސް ވަކިވެދިއުމުން އަހަރެންނަށް އިންތިހާއަށް އަސަރުކުރޭ. އަހަރެންގެ ހެޔޮދުއާވަނީ އޭނާއަށާއި އޭނާގެ އާއިލާއަށާއި އަދި އޭނާ ދެކެ ލޯބިވާ އެންމެންނާއެކު،" އެފްސީ އަންދޯރާއިން ނެރުނު ބަޔާނެއްގައި އޭނާ ބުންޏެވެ.
އެފްސީ އަންދޯރާގެ ހެޑް ކޯޗު ކާލެސް މަންސޯ ބުނީ ފުޓްބޯޅައަށް އެނބުރި އަންނާނެ އިރެއް ނިންމާނީ އޮވޯނޯ އަމިއްލައަށްކަމަށެވެ.
"އެނބުރި އަންނަން ބޭނުންވޭތޯ އަދި އަންނާނީ ކޮން އިރަކުތޯ ނިންމުމަށް މުޅިން މިނިވަންކަމާއެކު ވިސްނުމުގެ ޖާގަ އަހަރެމެން އޭނާއަށް ދޭނަން،" މަންސޯ ބުންޏެވެ.
ސްޕެއިންގެ ފުލުހުންވަނީ ޝަރުއީ ތަހުގީގެއް ފަށައިފައެވެ.
ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުންވަނީ ހިތާމަވެރި މެޗު ނިމުނު 2-2 ގެ ނަތީޖާ އެ ގޮތުގައި ދެމެހެއްޓުމަށް ނިންމައިފައެވެ.



advertisment